16 May 2018

ކޫލް އެމްޑީއެއް: އޭނާގެ ސްޓައިލް ވެސް މާ ތަފާތު

ކޫލް އެމްޑީއެއް: އޭނާގެ ސްޓައިލް ވެސް މާ ތަފާތު

By: Aishath Maahaa

ތަނެއްގެ މެނެޖިން ޑިރެކްޓަރެކޭ ބުނީމަ، ފުރަތަމަ ވެސް ހީކުރީ މިއީ ހަމަ އެހެން އެމްޑީން ކަހަލަ އެމްޑީއެއް ކަމަށެވެ. އެކަމަކު މި އެމްޑީ ވެގެން ދިޔައީ ހީކުރާ ކަހަލަ އެމްޑީއަކަށް ވުރެ މާ ސަޅި މީހަކަށެވެ. މާ ކޫލް މީހަކަށެވެ.

ބްލަކް އެޑްވަޓައިޒިންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހުޝާމް އަކީ މުޅިން އެހެން ސްޓައިލެއްގެ އެމްޑީއެކެވެ. އިންޓަވިއުއަކަށް އެދުމުން، އެކަމަށް ޖަވާބެއް ދޭން ފަސް ހަ ދުވަހެއް ނުނަގަ އެވެ. އުމުރުން 37 އަހަރުގެ ހުޝާމް ވީ ހީކުރި ވަރަށް ވުރެ މާ އާދައިގެ މީހަކަށެވެ. އެންމެ ކޯލަކާއެކު އިންޓަވިއު އަށް އެއްބަސްވެ ވަގުތުން ގަޑި ހަމަޖައްސާލި އެވެ.

ބްލަކްގެ އޮފީހަށް ގޮސް ކުއްޖަކު ގާތު މިއައީ ހުޝާމްގެ އިންޓަވިއު ނަގާށޭ ބުނުމުން އެ ކުއްޖާގެ ގާތަށް އައީ ހިންޏެވެ. ކުޑައިރުކޮޅަކުން ހުޝާމް ނުކުމެ ވާހަކަ ދައްކާލައި އިންޓަވިއު އަށް އިށީންއިރު މާ ކުރިން އިންޓަވިއު އޮތީ ފެށިފަ އެވެ.

"ހުޝާމް އޭ ބުނީމަ ރިސެޕްޝަނިސްޓަށް އެ ހެވުނީ،" އަހަންނަށް އެންމެ ފުރަތަމަ ފެނުނު މަންޒަރު ހަނދާން ނެތިފައި އިންދާ އޭނާ އެއަށް ޖަބާވު ދިނެވެ. "މިތާ އެންމެން ވެސް ކިޔާނީ މަށަށް ކިޔާނީ ބޮމްބެ. ބިޒްނަސްގައި އުޅޭއިރު ވެސް، ވަކި ހިސާބަކުން ކްލަޔަންޓާ ރިލޭޝަންޝިޕެއް އެސްޓޭބްލިޝްވާ ހިސާބުން އެންމެން ވެސް ހަމަ ކިޔާނީ ބޮމްބެ."

"ހުރިހާ އެންމެން ވެސް ކިޔާނީ ބޮމްބެ. ސްޓާފުން ވެސް ކިޔާނީ ބޮމްބެ. ކްލައިންޓުން ވެސް ކިޔާނީ ބޮމްބެ. ފެމެލީ ވެސް ކިޔާނީ ބޮމްބެ." އޭނާ ބުންޏެވެ.

އެހެންވެ، އަހަރެމެން ވެސް ކިޔާނީ ބޮމްބެ އެވެ.

އޭނާގެ ނަމާ އެއްވަރަށް އެޑްވަޓައިޒިން ދާއިރާގައި އޭނާގެ ކުންފުނި "ބްލަކް" ވެސް މި ވަނީ ވައިގައި ހިފައިފަ އެވެ. ބްލަކް އަކީ މިހާރު އާދައިގެ ނަމެއް ނޫނެވެ.

ބޮމްބެ އަކީ ރާއްޖޭގެ ވިޔަފާރީގެ އެންމެ ކުރީގައި ހިމެނޭ ޝީޝާ ކުންފުނީގެ އާއިލާގެ މެމްބަރެކެވެ. އެކަމަކު އެޑްވަޓައިޒިން އާއި މާކެޓިންގެ ތެރެއަށް ބޮމްބެގެ ހިތް ދަމައިގަނެ، އޭނާ ބޭނުންވީ މި ދާއިރާ އިން ކުރިއަށް ދާށެވެ! އެޑްވަޓައިޒިން ދާއިރާގައި މިހާރު ރާއްޖޭގެ މަތީ ފަންތީގައި ފައި ހަރުކޮށްލައިފައިވާ ބްލަކް އަކީ، އާއިލާ އިން ފުޅާ ދާއިރާއެއްގައި ސައިކަލް ވިއްކަމުން ދަނިކޮށް މަގު ބަދަލުކޮށްލި ކާމިޔާބު ވިޔަފާރި އެކެވެ.

ބޮމްބެ އޭނާގެ އޮފީހުގައި: ބުރަ މަސައްކަތުން ކުރި އަރާ ޒުވާނެއް -- ފޮޓޯ: ހުސެއިން ވަހީދު

"ބޮމްބެގެ ފެމެލީ ބެކްގްރައުންޑް އޮންނަ ގޮތުން ބޭބެމެން އެންމެންނަކީ ހުސް ވިޔަފާރިވެރިން. ބޮމްބެ މިއީ އާއިލާގައި ފިރިހެން އެންމެ ކުޑަ. ކާ މޭޒުމަތިން ފެށިގެން އައިސްފައި ހުންނަނީ ބިޒްނަސް ތޯޓްސް އާ މިކަހަލަ އެއްޗެހި. ދެން ކިޔަވާ ނިމުނު ހިސާބުން ފެށިގެން ނުކުތީ ޖޮބަށް،" އޭނާ ބުންޏެވެ.

ބްލަކް އުފައްދެމުގެ ކުރިން ތަފާތު ދާއިރާތަކުގައި އޭނާ މަސައްކަތް ކުރި އެވެ. އެންމެ ފުރަތަމަ ސްކޫލް ނިންމާލުމަށް ފަހު ބޮމްބެ ވަޒީފާ އަދާކުރީ ޑިފެންސް މިނިސްޓްރީގެ ފައިނޭންސް ޑިޕާޓްމަންޓުގަ އެވެ. އޭގެފަހުން އެސްޓާސް އާއި އަދިވެސް ގިނަ ތަންތަނުގައި ވަޒީފާ އަދާކުރި އެވެ. އަމިއްލަ ކެރިއަރު އެންމެ ބޮޑަށް ޑިސްކަވާ ވީ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރަމުން ދިޔައިރު އެވެ. ފަހުން އޭނާ މަސައްކަތް ކުރީ އާއިލީ ވިޔަފާރި، ޝީޝާގަ އެވެ. އެކަމަކު އެތަން ވެސް އޭނާއަކަށް ކަމަކު ނުދިޔަ އެވެ.

"ހިތަށް އެރީ މިއީ ވަރަށް ބޮޑަށް އެސްޓޭބްލިޝްޑް ވިޔަފާރިއެކޭ. އޭރު ވެސް އިންޓަރެސްޓް ހުރޭ ކްރިއޭޓިވް އައިޑިއާސް އަށް. ސައިކަލު ވިއްކުމަކީ އެހާ ކްރިއޭޓިވް ކަމެއް ނޫން. އަނެއްކާ އެ ބިޒްނަސް އެވަރަށް މެޗުއާ ވެފައި އޮތީމަ އެއަކުން އެހާވަރުގެ އޮޕޮޗުނިޓީޒްއެއް ވެސް ނުފެނުނު. އެހެންވެ ހިތަށް އެރީ ވެއްޖެއޭ އަމިއްލަ އަށް ކަމެއް ކުރަން،" އޭނާ ބުންޏެވެ. "އޭރު ވެސް އައުޓްގޮއިން މީހެއް އަހަންނަކީ. ހިތަށް އެރީ ޑިޒައިން އާއި އެޑްވަޓައިޒިން އާއި ކުރެހުމާ މި ކަންތައްތަކަކީ ސްކޫލްގައި އުޅުނު އިރުން ފެށިގެން ހުންނަ ކަންތައް ވީމަ ވެއްޖެއޭ މިއަށް ޓްރައިއެއް ދޭން."

އެހާ ހިސާބުން ރައްޓެއްސެއްގެ ގޭގެ ސިޓިން ރޫމުގައި ޕީސީއެއް ބަހައްޓައި މަސައްކަތް ފެށީ އެވެ. މަޑުމަޑުން މަސައްކަތް ކުރަމުން ގޮސް އިތުރު މުވައްޒަފުން ބޭނުންވާ ހިސާބަށް ދިއުމުން އޮފީހެއް ހަދައި، އާ ހަރުފަތަކަށް ދިޔައީ އެވެ. ކުންފުނި ރަޖިސްޓްރީކޮށް ރަސްމީކޮށް މަސައްކަތް ފެށީ 2011 ވަނަ އަހަރު އެވެ. ބްލަކްގެ ފެށުމަކީ އެއީ އެވެ.

ބޮމްބެ އޭނާގެ އޮފީހުގައި: ތަފާތު އެމްޑީއެއް -- ފޮޓޯ: ހުސެއިން ވަހީދު

މިއަދު ބްލަކާ އެކު ބޮމްބެ ކިތަންމެ ކުރީގައި ހުއްޓަސް ދަތުރު ފެށީ އެހަ ފަސޭހަކޮށެއް ނޫނެވެ. އޭނާ އަށް ވެސް ގޮންޖެހުންތައް ކުރިމަތިވި އެވެ. ހުރަސްތަކާ ކުރިމަތިލާން ވެސް ޖެހުނެވެ. ކުންފުނި އުފައްދައި، ދެ އަހަރުވީއިރު ކުންފުނި ބަންދުކުރާ ހިސާބަށް ވެސް ދިޔަ އެވެ.

"ރާއްޖޭގައި އެހާ ފަސޭހަކަމެއް ނޫން އެސްޓޭބްލިޝްވުމަކީ. ނޫނީ ނޯން ވުމަކީ. އަނެއްކާ ރާއްޖެ ކަހަލަ ކުޑަކުޑަ ތަނެއްގައި ދަންނަ ވަކި ބަޔަކު އުޅޭތީ މިހެން އަރާ ކުދިކުދި ވިޔަފާރިތައް އެހާ ބޮޑަކަށް ސަކްސެސްފުލްއެއް ވެސް ނުވޭ. އެކަމަކު އޭރު ވެސް މަސައްކަތްތަކާއި އެއްޗެހި އަޑިއަށް ދިޔައީމަ ހިތަށް އެރީ އަދި ދުލެއް ނުކުރާނަމޭ އަނެއްކާ ވެސް ހަމަ މަސައްކަތްކުރާނީއޭ،" އޭނާގެ ހިތިތަޖުރިބާތައް ހިއްސާކުރަމުން ބުންޏެވެ.

ބޮމްބެ ވިސްނުން ހުރީ މިގޮތަށެވެ. އޭނާ ވިސްނީ ކާމިޔާބުގައި ކޮންމެވެސް ތަޅުދަނޑިއެއް އޮންނާނެ ކަމަށެވެ. އެހެންވެ، އެ ކާމިޔާބު ދެނެގަތެވެ.

"މީގަ އެންމެ ބޮޑު ސަކްސެސް އަކަށް އަޅުގަނޑު ގަބޫލުކުރަނީ ޔަންގްސްޓާސް އަށް އޮޕޮޗުނިޓީސް ދިނުން. މަސައްކަތުގެ ތަޖުރިބާ ސީދާ ހުރި މީހުންނަށް ވުރެ އޭރު ވެސް އަހަރެމެން ބެލީ އިންޓާންޝިޕަށް މިއަންނަ ކުދިން ނެގުމާ މިކަހަލަ ކަންތައްތައް ކުރަން. އެހެންވީމަ ކްރިއޭޓިވް ނިއު އައިޑިއާސް އަބަދުވެސް ދިރިދިރި މި ތިބެނީ. ދެޓް އިޒް ވަޓް ވީ ސެލް އަސްލު. އޭނަ އެ ވިއްކާ ސާވިސްއެއް އެއަށްވުރެ ކްރިއޭޓިވް އެޕްރޯޗަކުން ބަޔަކަށް ސެލް ކުރެވޭނެ ގޮތެއްތާ މިހަދަނީ. އެހެންވީމަ އެއީ ކަންނޭނގެ އޭގެ އެންމެ ބޮޑު އެއް ސަކްސެސް އަކީ."

ބްލަކްގެ ކާމިޔާބީގެ އިތުރު ސިއްރެއްގެ ގޮތުގައި އޮތީ އޮފީހުގެ މަސައްކަތު މާހައުލެވެ. އޮފީހަކަށް ގޮސް ވަޒީފާއެއް އަދާކުރުމުގެ ބަދަލުގައި މަސައްކަތުގެ މާހައުލަކީ "ސެކަންޑް ހޯމް" އަށް ހަދައި މަސައްކަތް ކުރާ ޓީމު އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ގޮތް ފަހިވުމަކީ ކާމިޔާބުގެ ސިއްރެއް ކަމަށް އޭނާ ދެކެ އެވެ.

"އަސްލު ހިތަށް އެރީ ވަރަށް ލަވް ގިނަ އެންވާރަމެންޓެއްގައޭ މިކަހަލަ ކަމެއް ކުރެވޭނީ. އެހެންވެ އޭއްޗަށް ފޯކަސްކުރީ. މާ ބޮޑު އެފަޓެއް ވެސް ލާކަށް ނުޖެހޭ. ޖަސްޓް ޔޫ ހޭވްޓު މޭކް ޝުއާ އެންމެންނަކީ ވެސް އޮފީހަށް އަންނަ ހިތުން އަންނަ ބައެއްކަން. އައިސްފައި އެވަރަކުން ނިމުނީކީއެއް ނޫންކަން. މިތަނުގައި ކަލްޗާއެއް އުފެދުނީ. ސްޓާޓެޑް ރެސްޕެކްޓިން އީޗް އަދާ. ދައްތަ ކޮއްކޮ ބޭބެ މިކަހަލަ ހައިރާކީއެއް މިތާ ތެރޭގައި އުފެއްދުނީ. ދެން އޭތި ޓީމް ވޯކަކަށް މި ބަދަލުވަނީ."

ބޮމްބެ އޭނާގެ އޮފީހުގައި -- ފޮޓޯ: ހުސެއިން ވަހީދު

ދެން އޮތީ އޮފީހުގެ ބޮސް އެވެ. ބޮމްބެ އަކީ ފެންނަ ފެނުމުގައި ބްލަކްގެ ބޮސްއެއް ނޫނެވެ. އޭނާ ވެސް އެހެން މުވައްޒަފުންނާ އެކު ހުރިހާ މަސައްކަތެއްގައި ހެން އުޅެ އެވެ. މުވައްޒަފުންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެ އޮފީހަށް އަލަށް ދާ މީހަކަށް އެ ތަނުގެ ވެރިޔާ ނޭނގޭހާ އޭނާގެ ހަރަކާތްތައް ސިމްޕަލް އެވެ.

ބޮމްބެ ބުނީ އާއިލާގައި ވިޔަފާރިއެއް އޮއްވާ ތަފާތު އެހެން ދާއިރާއަކުން އަމިއްލަ ވިޔަފާރިއެއް ފެށުމުން ސެޓިސްފެކްޝަން މާ ބޮޑު ކަމަށެވެ. އެއީ ވިޔަފާރީގެ ހިޔާލާއި މަޝްވަރާ ހޯދަން ތިބޭތީ އެވެ. އަދި އަމިއްލަ ވިޔަފާރިއަކާއެކު ކާމިޔާބަށް ވާސިލްވުމުން ހިތްހަމަޖެހުން ބޮޑުވެ އަދި މީހުންގެ ތެރޭގައި ވެސް އިހްތިރާމް މާބޮޑަށް ލިބޭނެ ކަމަށް އޭނާ ބުނެ އެވެ.

މިހާރު ބްލަކުން ދޭ ހިދުމަތްތަކާ ހިސާބުން ނިންމާލަން ބޮމްބެ ބޭނުމެއް ނޫނެވެ. އެ ކުންފުނީގެ މަސައްކަތްތައް ބައިނަލްއަގްވާމީ ދުނިޔެ އަށް ނެރުމަކީ އޭނާގެ ހުވަފެނެކެވެ. ހުވަފެންތަކުގައި ކުލަޖައްސައި އަދިވެސް މި ދާއިރާއިން ކުރިއަށް ދާން ބޮމްބެ އަންނަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ. އޭނާ އަންނަނީ ސްރީލަންކާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާޒް އަށް ކިޔަވަމުންނެވެ. ޗާޓާޑް މާކެޓިން ވެސް އަންނަނީ ހަދަމުންނެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެކި ދާއިރާތަކުން ގިނަ ޕްރޮގްރާމްތައް އޭނާ ފުރިހަމަކުރި އެވެ. އާއިލާ އަށާއި ކުންފުންޏަށް ވަގުތުދެމުން ކޮންމެ ހަފްތާ ބަންދެއް އޭނާ ހޭދަކުރާނީ ކިޔެވުމުގަ އެވެ.

Popular