9 Mar 2018

7 ސުވާލު: ކޯލް ސެންޓަރެއްގައި ކިތައް ސުވާލު؟

ޑިއުޓީ ފެށިގެން ނިމެންދެން ބަޔަކު ކުރާހާ ފޯނު ކޯލަކަށް ޖަވާބު ދިނުމުގައި ފޫހިނުވެ މީހަކު އިންނާނީ ކިހިނެއްތޯ ހިތަށް އަރާތަ؟

ޑިއުޓީ ފެށިގެން ނިމެންދެން ބަޔަކު ކުރާހާ ފޯނު ކޯލަކަށް ޖަވާބު ދިނުމުގައި ފޫހިނުވެ މީހަކު އިންނާނީ ކިހިނެއްތޯ ހިތަށް އަރާތަ؟

By: Aishath Mihna Nasih

ކޯލް ސެންޓަރެއްގައި މަސައްކަތް ކުރުމަކީ ކިހާވަރެއްގެ ކަމެއް ބާއެވެ؟ ގިނަ މީހުންނަށް ހީވެފައި އޮންނާނީ އެއީ ވަރަށް ފޫހި މަސައްކަތެއްގެ ގޮތުގަ އެވެ. ޑިއުޓީ ފެށިގެން ނިމެންދެން ބަޔަކު ކުރާހާ ފޯނު ކޯލަކަށް ޖަވާބު ދިނުމުގައި ފޫހިނުވެ މީހަކު އިންނާނީ ކިހިނެއްތޯ ހިތަށް އަރައެވެ. ގިނަ ފަހަރަށް އަހަރެމެން ވެސް މިފަދަ މުވައްޒަފަކާ ވާހަކަދައްކާނީ ނިކަން ހިތްހަމަނުޖެހި ރުޅި އައިސްގެންނެވެ. އެކަމަކު އެ ކޯލުގެ އަނެއް ފަރާތުގައި އިންނަ މުވައްޒަފުގެ އިހްސާސްތައް ވެސް ބަލައިލަމާ ހިނގާށެވެ.

މި ހަފުތާގެ 7 ސުވާލު މި ކޮށްލަނީ ދިރާގުގެ ކޯލް ސެންޓަރުގައި ކަސްޓަމާ ސާވިސް ރެޕްރެޒެންޓޭޓިވެއްގެ ގޮތުގައި މަސައްކަތް ކުރާ ޔުސްރާ އާތިފް، 22، އާ އެވެ. ލޯ ޑިގްރީގެ ދެވަނަ އަހަރު މިހާރު ފުރިހަމަކުރަމުން އަންނަ ޔުސް ދިރާގުގައި މަސައްކަތްކުރަން ފެށީ 2017ގެ އޮގަސްޓްގަ އެވެ. ވޯކިން އިންޓަވިއުއަކުން ހޮވި، އިވެލުއޭޝަން އެގްޒާމުން ފާސްވެ އޭނާ އަދާކުރަމުން އަންނަ ވަޒީފާއާ ދޭތެރޭ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ.

ޔުސްރާ އާތިފް -- ފޮޓޯ: ހުސެއިން ވަހީދު

މި މަސައްކަތް އިޚްތިޔާރު ކުރީ ކީއްވެ؟

އެންމެ ފުރަތަމަ އޯލެވެލް ނިންމާފައި ޔުސް މަސައްކަތްކުރީ ފެމިލީ ކެއާގައި ޑޮކްޓާސް އެސިސްޓެންޓެެއްގެ ގޮތުގައި. އޭރު ކްލިނިކަށް އަންނަ އެޕޮއިންޓްމަންޓްސް ނެގުމާއި ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި ޝީޓްސް ހެދުން ކަހަލަ ބައިވަރު މަސައްކަތްކުރީ. ދެން ކިޔަވަން ފަށަންވެގެން ކެނޑުނީ. އެއަށްފަހު ޑިޕްލޮމާ ނިންމާފައި މިިހާރު ޑިގްރީގެ ދެވަނަ އަހަރު މިއީ. މިހާރު ކިޔަވަންދާން ޖެހެނީ ހެނދުނު. ޑިއުޓީ ފަށަނީ ހަވީރު. ހަފްތާގެ ހަ ދުވަހު މަސައްކަތްކުރަން ޖެހިފައި ޕާޓް ޓައިމްކޮށް ކުރިއަސް ނޯމަލް ވަޒީފާތަކުގައި އުޅޭ މީހުންނާ އެއްވަރުގެ ސެލަރީއެއް ލިބޭ. އަނެއްކާ ކުރިން ކޯލްތައް ނަގައި ކޮންމެވެސް ވަރަކަށް މިކަމުގެ ތެރެއަށް ވަދެވިފައި ހުރީމަ އާ އެކީގައި ވެސް ވަރަށް ސަޅި.

މިއީ ވަރަށް ބުރަ މަސައްކަތެއްތަ؟

އާން. ބުރަ މަސައްކަތެކޭ ބުނެވިދާނެ. ބައެއްފަހަރު ކަސްޓަމަރުން ގުޅާނެ ވަރަށް ރުޅި އައިސް. ބުނާނެ ކީއްހޭ ތިކުރަނީ މިހާއިރެއް ވެއްޖެޔޭ ވެއިޓިންގައި އިންނަތާ. އެކަމު އަސްލު އިށީދެގެން އިނދެ ކޯލް ނެގިއަސް މި އެއަށްވުރެ ބުރަ ކަމެއް. ޔުސްމެން ނަގާ ކޮންމެ ކޯލްއަކާ އެކު އެ ކަސްޓަމަރެއްގެ ހުރިހާ ކަމަކާ މި ހަވާލު ވަނީ. ވާހަކައަކީ މަލްޓިޓާސްކް ކުރަން ޖެހެނީ. އެ މީހަކު ދައްކާ ވާހަކައެއް އަޑުއަހަމުން، ޖަވާބު ދެމުން، އެ މީހަކު މައްސަލައެއް ހުށަހަޅާ ނަމަ އޭގެ ރިކޯޑްސްތައް ބަލައި، ކޮމްޕްލެއިން އެއް ހުށަހަޅަން ބޭނުންވާ މީހުންނަށް އެކަންކޮށްދީ އެ ހުރިހާ ކަމެއް މިކުރަނީ އެ ކޯލެއްގެ ތެރޭގައި. ބައެއް ކޯލްތަކަށް އެބަނަގާ 30-40 މިނިޓް ވެސް. އެކަމަކު ޑިއުޓީ ނިމުނީމަ ދެން ނުޖެހޭނެ ވަޒީފާގެ އެއްވެސް ކަމަކާ ބޯ ހާސްވެގެން އުޅޭކަށެއް. އެހެންވީމަ ބުރަޔަސް ވަރަށް ކާމް ސްމޫތު ކަމެއް މިއީ.

ލޯ ކިޔަވަމުން މިކަހަލަ ވަޒީފާއަކަށް ދާތީ ރަށްޓެހިންނާއި އާއިލާއިން ބުނަނީ ކީކޭ؟

އެންމެން ވެސް ވަރަށް ޕޮޒިޓިވް. ގިނަ ރަށްޓެހިން ބުނި އަސްލު ޔުސް އަށް އެނގޭނެ އެއް ނޫންހޭ ރީއްޗަށް ވާހަކަ ދައްކަން. ލޯ ކިޔެވިޔަސް ހަމަ ކްލައިންޓުންނާ ބައްދަލުކުރަން ޖެހޭނީ ފަހުން ވެސް. ދެން ދިރާގުގެ ކްލައިންޓުންނާ ޔުސްމެނަށް މިހާރު މި ދިމާވަނީ. އެހެންވީމަ ވާނެއޭ އެންމެން ވެސް ބުނީ. އަނެއްހެން ކޯލް ސެންޓަރެއްގައި މަސައްކަތްކުރާތީ ނުލިބޭ އެއްވެސް ނެގެޓިވް ފީޑް ބެކެއް. ފެމިލީ ވެސް ވަރަށް ޕޮޒިޓިވް. އަނެއްކާ ދިރާގުވީމަ އެންމެން ވެސް ވަރަށް ކޫލް.

މަސައްކަތުގައި ދުވަހެއް ހޭދަވަނީ ކިހިނެއް؟

ޔުސް ސައިން އިން ވާން ޖެހޭނީ ހަތަރެއް ޖަހާއިރު. ދެން ހަމަ ރެޑީވެލައިން ފެން ފުޅިއާއި އެއްޗެހި ހިފައިން އިށީންނަނީ ކޯލް ނަގަން. ދެން ގާތްގަނޑަކަށް 6:30 ހާއިރު ލިބޭނެ ނަމާދުކުރަން ވަގުތުކޮޅެއް. އެއަށްފަހު ހަތެއް ނޫނީ 7:30 ގައި ލިބޭނެ ބައިގަޑިިއިރުގެ ބްރޭކެއް. ދެން އަނެއްކާ އައިސް ހަމަ ކޯލްތައް ނަގާނީ. މާ ބޮޑުކަމެއް ކުރާކަށް ނުޖެހޭނެ. ހަމަ މުޅިން ވެސް ކޯލް ނެގުމުގައި އިންނާނީ. ދެން ދިހައެއް ޖަހާއިރު ނިމޭނެ ޑިއުޓީ.

މިއީ ޒުވާނުން ކުރަން ރަނގަޅު މަސައްކަތެއްތަ؟

އާން. އެއީ ކޮންމެ އޭރިއާއަކުން ބެލިކަމުގައި ވިޔަސް އޮފީހަށް މި ދަނީ އެ މީހަކަށް ކޮންވީނިއަންޓް ވަގުތެއްގައި. ކޮންމެކޮންމެ ތާކުން ހިޔެއްނުވޭ އެކަހަލަ ފްލެކްސިބިލިޓީއެއް ލިބޭނެހެނެއް. އަނެއްކާ އޮފީސް ގަޑި ނިމުނީމަ ދެން ނުޖެހޭނެ އޮފީހުގެ މަސައްކަތަކާ މެދު ހާސްވެގެން އުޅޭކަށް. ދެން އާމްދަނީގެ ގޮތުން ބަލާއިރު ވެސް ހަމަ ވަރަށް ރަނގަޅު ސެލެރީއެއް ލިބޭ އެންމެ ހަ ގަޑިއިރު މަސައްކަތްކޮށްގެން. އަދި އެލަވެންސްތައް ވެސް ލިބޭ.

ޔުސްރާ އާތިފް -- ފޮޓޯ: ހުސެއިން ވަހީދު

މި ވަޒީފާއަކީ ކުރިއެރުން އޮތް މަސައްކަތެއްތަ؟

ކޯލް ސެންޓާގައި ވެސް ހުންނާނެ އެކި އޭރިއާސް. ކޯލް މި ނަގަނީ އެންމެ ފުރަތަމަ. މިހާރު ސުޕަވައިޒާސް ލެވެލްގައި ވެސް އެބައުޅޭ ހަމަ ކޯލްތައް ނަގައިގެން ފެށި މީހުން. އެހެންވީމަ ކުރިއަށްދާން ޑެޑިކޭޓެޑް ކުދިންނަށް ހަމަ އެބައޮތް ފުރުސަތު.

މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބާ؟

އަސްލު މަސައްކަތްކުރާ މާހައުލު ވަރަށް ސަޅި. ކޮލީގްސް ވެސް. ޔުސްމެންގެ މަތިން މަސައްކަތްކުރާ ސީނިއާ މީހުން ވެސް ވަރަށް އެހީތެރިވާނެ. މިސްޓޭކްސް ވެސް ހެދޭ. އެކަމަކު ވެސް ހަމަ އެކަން ރަނގަޅުކުރަން ޗާންސްދީ ވަރަށް ސަޕޯޓިވް އެންމެން ވެސް އެކަކު އަނެކަކަށް. އަދި ކުރާ މަސައްކަތާ އެ ކުއްޖެއްގެ ޕާފޯމަންސް ވެސް ވަރަށް ގާތުން ބަލައި އެޕްރިޝިއޭޓް ކުރޭ ކުރާ މަސައްކަތް.

Popular