13 Mar 2018

ދިވެހި ފޮތްތައް ޒަމާނީކޮށްލި "ތަކެތި"

ދިވެހި ފޮތްތައް ޒަމާނީކޮށްލި "ތަކެތި"

By: Nurah Rasheed

ވިޝުއަލް ކޮމިއުނިކޭޝަން ކިޔެވިއިރު އައިމިނަތު ޝަރީހާން، 28، ބޭނުންވީ ލާމު އަތޮޅުގައި އުޅޭ ލެޖެންޑެއްގެ ވާހަކައެއް ލިޔާށެވެ. މި ޕްރޮޖެކްޓު ނިންމުމަށް އޭނާ ކުރި ރިސާޗުން އެނގިގެން ދިޔައީ ރަނގަޅަށް ލޭއައުޓް ޑިޒައިންކޮށް، އިލަސްޓްރޭޝަންތައް ހަދައިގެން ނެރޭ ދިވެހި ވާހަކަތައް މަދުކަމެވެ. ގްރެޖުއޭޓް ވީންސުރެ ޝަރީހާން އަކީ ދިވެހި ވާހަކަ ފޮތްތަކުގައި ޒަމާނީ ކުލަ ޖައްސާލައި، މުޅި މި އިންޑަސްޓްރީ ބަދަލުކޮށްލަން ބޭނުންވެފައި ހުރި ޒުވާނެކެވެ. މިހާރު އެތައް ބައެއްގެ ލޯބި ހޯދާފައިވާ "ތަކެތި" ބްރޭންޑަކީ އޭނާގެ އެ އުންމީދު ހާސިލް ކުރުމަށް، ހިތްވަރާ އެކު ކުރި މަސައްކަތުގެ ނަތީޖާ އެވެ.

އެ ބްރޭންޑާ އެކީ އޭނާގެ އެންމެ ބޮޑު އެއް މަގުސަދަކަށް ވީ ހެޔޮ އަގެއްގައި، ޒަމާނީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށް، ތާނައިން ލިއެފައި ހުންނަ ވާހަކަ ނުވަތަ ބަސް ފޮތްތައް ފަސޭހަކަމާ އެކު އާންމުންނަށް ލިބޭނެ މަގު ފަހުކޮށްދިނުމެވެ.

"ކުރީގަ އެހާ ގިނައިން ދިވެހި ފޮތްތައް ކިޔައި ނުހެދޭތީ އަމިއްލަޔަށް ދިވެހިން ލިޔާކަށް މޮޅެއް ނުވާނެ. އެހެންވެ، މި މަސައްކަތް އެންމެ ފުލުން ފަށައިގެން މަޑު މަޑުން މައްޗައް ގެންދާނީއޭ ހިތަށް އެރީ. އެންމެ ފުރަތަމަ އަމިއްލަ ޑިޒައިންތަކާއި އައިޑިއާތައް ބޭނުން ކޮށްގެން މިކަން ކުރަންފެށީ. އެކަމު މިހާރު މިދަނީ ވީހާ ވެސް ގިނައިން ލޯކަލް ޓެލެންޓުތައް ބައިވެރިކުރުމުގެ ގޮތުން އިތުރު އާޓިސްޓުންނާއި ވާހަކަ ލިއުންތެރިން އަދި ދިވެއްސަށް މޮޅެތި މީހުންނާ އެކީ މި ޕްރޮޑަކްޓުތަކަކީ އެންމެ ރަނގަޅު އެއްޗެހީގެ ގޮތުގައި ނެރުމަށް މަސަތްކަތް ކުރަމުން،" ޝަރީހާން ކިޔާދިނެވެ. އޭނާގެ އަމިއްލަ މަސައްކަތުން ފެށި މި ވިޔަފާރި އަށް ދެ އަހަރު ވީ އިރު، ގަބޫލު ނުކުރެވޭ ވަރަށް އާންމުންގެ ތަރުހީބާއި ލޯބި ލިބިއްޖެ އެވެ. ވިޔަފާރި ފުޅާވެ، ފޭސްބުކް އަދި އިންސްޓަގްރާމް ގައި "ތަކެތި" މެދުވެރިކޮށް މިހާރު ވިއްކަމުން އަންނަނީ ހަމަ އެކަނި ފޮތެއް ނޫނެވެ. ތާނަ އަކުރުތައް ބޭނުންކޮށްގެން ހަދާފައި ހުރި ކުޅޭ އެއްޗިއްސާއި ދިވެހިވަންތަ ޑިޒައިންތަކުގެ ކަންފަތުގައި ލާ އެއްޗެހީގެ އިތުރުން ތަޅުދަނޑި ފުލާއި ފަށުފޫ އަދި ޕިން ހިމެނެ އެވެ.

Good morning food lovers!

A post shared by Thakethi (@trade.thakethi) on

ޝަރީހާންގެ ޑިޒައިނެއް ކަމަށް ވާ "ބިލެތް" އަދި "ކޮށި ފޯއް" ކަންފަތުގައި ލާ އެއްޗާއި "ފަލަވިއަސް ކާނަން" ޕިން އަށް ވަރަށް ގިނަ މީހުންގެ ސަމާލުކަން ލިބުނެވެ. މި ކޫލް ޑިޒައިންތައް ގެންގުޅޭ މީހުން މިހާރު މަދެއް ވެސް ނޫނެވެ. "މަންޒަރު ހުންނަ ކުޑަކުދިންގެ ދެ ފޮތުގެ މަސަތްކަތް މިހާރު ވާނީ ނިމިފަ. އެއް ފޮތަކީ އަހުމަދު މައުރޫފް ޖަމީލް ލިޔުއްވާފައިވާ އަދި އަޅުގަނޑު އިލަސްޓްރޭޓް ކޮށްފަ އިންނަ ފޮތެއް. އަނެއް ފޮތަކީ އަޅުގަނޑު ލިޔެފަ އަދި އީމާން ރަޝީދު އިލަސްޓްރޭޓް ކޮށްފައިވާ ފޮތެއް. މި ދެފޮތުގެ މަސަތްކަތް ކުރިއިރު ވެސް ލިޔެފަ ހުރި ގޮތްތައް ރަނގަޅުތޯ ބަލަން ފަރުހާން ރަޝީދު އަދި ބިންމާ އިބްރާހީމް ވަހީދުގެ އެހީތެރިކަން ލިބުނު،" ޝަރީހާން ކިޔާދިނެވެ.

މިވަގުތު ކުރަމުން އަންނަ މަސަތްކަތްތަކުގެ ތެރޭގައި ފެހުރިއްސާ ބެހޭގޮތުން ލިޔާ ފޮތަކާއި ފޫޅުދިގު ހަންޑި ވާހަކަ ހިމެނެ އެވެ. ޝަރީހާންގެ މި ހިތްގައިމު މަސައްކަތުގައި ކަސްޓަމަރުންގެ ހިޔާލުތައް ވެސް ހިމަނަ އެވެ.

"އެންމެ ފުރަތަމަ 123 ފޮތް ހެދީ އެއްވެސް ލިޔުމެއް ނުލައި ހަމަ އެކަނި ނަންބަރުތައް ހުންނާނީ. ޕޭރަންޓުންގެ ފަރާތުން ލިބުނު ފީޑްބެކާ އެކީ، ދެބައި ވެސް ހިމަނައިގެން އާ އެޑިޝަން އެއް ނެރުނިން. ފީޑްބެކަކީ ވަރަށް މުހިންމު އެއްޗެއް،" ޝަރީހާން ކިޔާދިނެވެ.

މި ބޭނުންތެރި މަސައްކަތް މާލޭގެ އިތުރުން އެހެން ރަށްރަށް ފުޅާކޮށް ވިޔަފާރި ވަރުގަދަކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގައި "ތަކެތި" ދެން ފެނިގެން ދާނީ ޝަރީހާން އާއި އޭނާގެ އެކުވެރި އައިޝަތު ޝާހީންގެ ޕާޓްނަޝިޕެއްގެ ދަށުންނެވެ.

Popular