23 May 2018

މިއީ އެންމެ ޒުވާން ސެލޫން އޯނަރު

މިއީ އެންމެ ޒުވާން ސެލޫން އޯނަރު

By: Aishath Mihna Nasih

މޭކަޕްކުރުމާއި ހެއާ ސްޓައިލް ކުރުމުގެ ދާއިރާއަކީ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިވާ ދާއިރާއެކެވެ. ފްރީ ލާންސްކޮށް މި މަސައްކަތް ގިނަ ބަޔަކު ކުރާއިރު، ކޮންމެވެސް ދުވަހަކުން އަމިއްލަ ނަމުގައި ސެލޫންއެއް ހުޅުވުމުގެ އުންމީދުކުރާ ޒުވާނުންނެއް ވަކި މަދެއް ނޫނެވެ.

ފާތިމަތު މައިޝަމް، 26، އަކީ މިފަދައިން އޭނާގެ އުންމީދުތަކުގައި ކުލަޖެއްސި ޒުވާނެކެވެ. ރޮކް ޕޭޕަރ ސިޒާސް ގެ ނަމުގައި އޭނާ މިދިޔަ އަހަރު ހުޅުވި ސެލޫނަކީ މިއަދު ގިނަ ބައެއްގެ މެދުގައި މަގުބޫލު ނަމެކެވެ. ހަމަ އެއާއެކު މައި އަކީ ސެލޫން ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ޒުވާން ސެލޫން އޯނަރު ވެސް މެ އެވެ.

މިއީ، މި ވިޔަފާރީގައި އޭނާ ކުރިއަށް ދާ ގޮތާ މެދު "ދޯ" އާ ހިއްސާ ކުރި ވާހަކަތަކުގެ ހުލާސާ އެވެ.

ބިއުޓީ ދާއިރާ އިޚްތިޔާރު ކުރީ ކީއްވެ؟

ސްކޫލް ނިންމާލާފައި މައި މަސައްކަތްކުރީ އޭވިއޭޝަން ދާއިރާގައި. އެކަމަކު އެއްވެސް ވަރަކަށް ބޭނުމެއް ނުވޭ ބައެއްގެ ދަށުން މަސައްކަތް ކުރާކަށް. ދެން ބޮޑުވި ވަރަކަށް މައި އަށް އިތުރަށް ކަންކަން ހާސިލްކުރެވޭނެކަން އަމިއްލައަށް ފީލްވި. ދެން އަބަދުވެސް ބޭނުންވޭ އިންޑިޕެންޑެންޓް ބިޒްނަސްވުމަން އަކަށް ވާން. ކެރިއާ އެއް ހޯދަން ވަރަށް އުނދަގޫވި. ދެން، ބެލީ އެކަމެއް ކުރީމަ އަމިއްލަ އަށް އެންމެ އުފާވަނީ ކޮން ކަމެއް ކުރީމަތޯ. އެގޮތަށް ސެލޫން އެއް ހުޅުވަން ނިންމީ. ދެން މައިގެ ވަރަށް ގާތް ފްރެންޑެއް ހުރި މި ދާއިރާގައި. އެހެންވެ އިތުރަށް ޔަގީންކަން އޮތް މިކަން ކުރެވޭނެ ކަން. އެހެންވެ ދެ މީހުންގެ މަސައްކަތުން ސެލޫން ހުޅުވީ.

މިއީ ކިޔަވައިގެން ތަމްރީން ވެގެން ކުރާ މަސައްކަތެއްތަ؟

އާން. ނޮލެޖް އާއި އެކްސްޕީރިއަންސްއާ އެކު މައި މި މަސައްކަތްކުރަނީ. ފުރަތަމަ މި ދާއިރާއިން މައި ނިންމީ ހެރިއަޓް ވޮޓް އެކަޑަމީއިން ޑިގްރީ ފައުންޑޭޝަނެއް. އެއީ ބިއުޓީ ކަލްޗާ އެންޑް ހެއާ ޑްރެސިން އިން. ކިޔެވިއިރު ލިބުނު އެ މުބާރާތުން އެއްވަނަ ހެއާ ޑްރެސިން އިން. ދެން ކިޔަވައިގެން އައިސް ފްރީ ލާންސާއެއް ގޮތަށް މިކޮޅުގައި މަސައްކަތްކުރީ. ދެން މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ހެއާ ސްޓައިލިސްޓެއް ގޮތަށް ވެސް މަސައްކަތްކުރިން. އެއީ މި ދާއިރާގައި ފްރެޝް ކަމާ އެކު ވެސް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް. ދެން ސެލޫންއެއް ހުޅުވަން މަސައްކަތް ފެށުނީ ލޯނެއް ނަގައިން. މި އުމުރުގައި އަސްލު ހީކުރާވަރަށް ވުރެ އުނދަގޫ ކަމެއް މިއީ. އެކިއެކި ސިޓުއޭޝަން ހޭންޑަލް ކުރަންޖެހޭ ގޮތް ވަރަށް ތަފާތު. އެއްކޮށް މަސައްކަތްކުރާ މީހުން ދައްކާ ވާހަކަތައް އަޑުއަހައި ވަރަށް ކެތްތެރިވާންޖެހޭ ބިޒްނަސް ހޭންޑަލް ކުރާ އިރު. ދެން ދިމާވާ ކޮންމެ މައްސަލައަކަށް ވެސް ހައްލެއް ހޯދަންޖެހޭ ވަރަށް ޕޮޒިޓިވްކޮށް.

ސެލޫނެއް ހިންގައިގެން އެކަށީގެންވާ އާމްދަނީއެއް ލިބޭތަ؟

މައި ބުނާނީ އާއެކޭ. މިއީ އަދި މައިމެންނަށް ހަމަ ފެށުން. އެކަމަކު ހަމަ ވަރަށް ކާމިޔާބޭ ބުނެވޭނީ. އަދި އިތުރަށް ވެސް ޕްލޭންތަކެއް އެބަހުރި. އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށްދާނެ.

އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ވިޔަފާރި އެހާ ކާމިޔާބު ވުމުގެ ސިއްރުތަކަކީ ކޮބާ؟

ބިޒްނަސްއެއް ކާމިޔާބުވާނެ އެންމެ ބޮޑުކަމަކީ ވެރިފަރާތުން ދޭންޖެހޭ ފުލް އެފޯޓް އެކަމަކަށް ދިނުން. ދެން އެ ޓީމްގެ އެހެން މެންބަރުންނާ ގުޅިގެން އެހެން މީހުންގެ ބައިވެރިވުން ވެސް ހިމަނައިގެން އެތަނެއް ހިންގުން.

އަސްލު މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސެލޫން ކުރިއަރައިގެން މިދިޔައީ މައި ގަބޫލްކުރާ ގޮތުގައި މުޅި ޓީމްގެ ވަރަށް ބުރަ މަސައްކަތުން. އަދި މައި އަށް އެކިއެކި ފަރާތްތަކުން އެދޭ ސަޕޯޓާ އެކު ސެލޫންގެ ކްލައިންޓްސްގެ ސަބަބުން.

މައި ގަބޫލްކުރަނީ ސެލޫނެއްގެ ކާމިޔާބުވަނީ ކޮންމެހެން އެތަނެއް ފޭންސީވެގެނެއް ނޫން. އެކަމު، އެތަނަކުންދޭ ސާވިސްތަކުން.

މަސައްކަތުގައި ދުވަހެއް ހޭދަވަނީ ކިހިނެއް؟

އެންމެ ދުވަހެއްގެ މަސައްކަތް ވެސް މައިއަށް ސިފަކޮށްލެވޭނީ ހަމަ 'ވަން ވުމަން އާމީ' އަކަށް ވުން ކަހަލަ ކަމެއްގެ ގޮތުގައި. ހަމަ އެހެން ސްޓާފުންނެކޭ އެއްގޮތަށް ޑިއުޓީ އަށް ގޮސް، މަސައްކަތްކޮށް، ޓްރެއިނިން ނަގައިދީ ސްޓާފުން ޑިވެލޮޕްކުރުމުގެ މަސައްކަތްކޮށް، ޑޮކިއުމެންޓޭޝަނާއި، މާކެޓިން އާއި، ސްޓޮކް ރިނިއު ކުރުމުގެ މަސައްކަތް އޮންނަނީ. ކޮންމެ ދުވަހެއް ވެސް އަސްލު ވަރަށް ބިޒީ. އެކަމަކު ލޯބިވާ އަދި ޝައުގުވެރިވާ ކަމެއް ކުރާތީ އެހެނެއް ފީލްއެއް ނުވޭ.

މިއީ ވަކި ޖިންސަކަށް ހާއްސަ މަސައްކަތެކޭ ބުނެވިދާނެތަ؟

މިއީ ވަކި އަންހެނުންގެ މަސައްކަތެކޭ ނުބުނެވޭނެ. މި ދާއިރާ އަށް ޝައުގުވެރިކަން ހުރި އެންމެނަށް ވެސް ކުރެވޭނެ ވަރުގެ މަސައްކަތެއް މިއީ. އަނެއްކާ ދިވެހިން ވަރަށް ބޮޑަށް ބަލައިގަނޭ މި ދާއިރާގެ ހަރަކާތްތެރިވާ ފިރިހެނުންގެ މަސައްކަތް ވެސް. މިސާލަކަށް ބުނަންޏާ 'މައިކް' އޭ ބުނީމަ މިހާރު އެންމެނަށް ވެސް އެނގޭނެ އެއީ ކާކުކަން. މައި ގަބޫލްކުރާ ގޮތުގައި މީކާއިލް އެއީ ދިވެހިންގެ މެދުގައި ހެއާ ސްޓައިލްކުރުމަށާއި ބިއާޑް ސްޓައިލިން އަށް ބޮޑު އިންގިލާބެއް ގެނުވި މީހެއް.

މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބާ؟

މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކްލައިންޓުންގެ ފަރާތުން އެ ލިބޭ ރަނގަޅު ކޮމެންޓްތަކާއި އަގުވަޒަންކުރުން.

ފޮޓޯތައް: ހުސެއިން ވަހީދު

މޭކަޕްކުރުން

Popular