27 May 2018

ހުނަރުތައް ބައިވަރު؛ ހާއްސައީ ގުރުއާން ކިޔެވުމަށް

ހުނަރުތައް ބައިވަރު؛ ހާއްސައީ ގުރުއާން ކިޔެވުމަށް

By: Aishath Mihna Nasih

ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 10 ގައި ތައުލީމު ހާސިލްކުރަމުން އަންނަ އާއިޝަތު އަފްނާން ޝަރީފަކީ ކީރިތި ގުުރުއާން ކިޔެވުމުގައި ރަން ވަނަތަކެއް ހާސިލްކުރަމުން އަންނަ ކާމިޔާބު ދަރިވަރެކެވެ. ކިޔެވުމުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނަ އަފްނާން ވަނީ ގައުމީ ގުުރުއާން މުބާރާތްތަކާއި އެކި ގުރުއާން ކްލާސްތަކުން ބާއްވާ މުބާރާތްތަކުން ވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އަދަބީ ހަރަކާތެެއް ވިޔަސް، ކުޅިވަރަކަށް ވިޔަސް އަދި ސްކޫލް ކްލަބެއް ކަމުގައިވިޔަސް އޭނާގެ ބައިވެރިވުން އެކަމަކުން ނުފެންނަ ހަރަކާތެއް މިހާތަނަށް އައި އިރު މަދެވެ.

އަފްނާންގެ ގުރުއާން ކިޔެވުމުގެ ހުނަރު އޭނާގެ މައިންބަފައިންނަށް އެންމެ ފުރަތަމަ ފާހަގަވީ ޕްރީސްކޫލް އުމުރުގައެވެ. މަންމަގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ ގުރުއާން ކިޔަވަން ފެށި އަފްނާނަށް އުމުރުން ދެއަހަރާއި ބައިގައި، ގުުރުއާން ކްލާހަކަށް ފޮނުވަން ފެށިއެވެ.

"ވަރަށް ފަސޭހައިން އެ އުމުރުގައި އަފްނާން ނަގައިގަނޭ ބުނެދޭ އެއްޗެއް. އަނެއްކާ ރާގަށް ވަރަށް އަވަހަށް ނަގައިގަންނަން ފެށީމަ އެނގުނު މި ހުނަރު ހުރިކަން. ދެން އޭރު މާފަންނު މަދަރުސާގައި ވެސް ވަރަށް ބޮޑަށް ފުރުސަތު ދީ، މިކަމަށް ވަރަށް ބޮޑަށް އެހީތެރިވެދިން،" އަފްނާން ގުރުއާން ކިޔަވަން ފެށިގޮތް އޭނާގެ މަންމަ ނަޒީހާ އަބްދުލް ޣަނީ ކިޔައިދިނެވެ.

އަފްނާން އޭނާގެ އުމުރުން 3 އަހަރުގައި ސްކޫލް ޓީޗަރަކާ އެކު.

އަފްނާންގެ އުމުރުން ހަ އަހަރުގަައި ފުރަތަމަ ފަހަރަށް ގައުމީ ގުުރުއާން މުބާރާތުގައި ބައިވެރިވެ، ހިތުން ކިޔެވުމުގެ ބައިން އޭނާގެ އުމުރުފުރައިން ދެ ވަނަ ހޯދިއެވެ. މި ކާމިޔާބީ ވެގެންދިޔައީ އޭނާއަށާއި މައިންބަފައިންގެ އިތުރަށް ސްކޫލަށް ވެސް ލިބުނު ބޮޑު އުފަލަކަށެވެ. މި ދާއިރާއިން ކުރިއަށް ދެވެން އޮތް އެންމެ މައްޗަކަށް ދަރިފުޅު އަފްނާން ގެންދިއުމުގެ އުންމީދު އާވެގެން ދިޔައީ މިހިސާބުން ކަމަށް މަންމަ ބުންޏެވެ.

މާފަންނު މަދަރުސާގައި އެލްކޭޖީ ނިންމުމަށް ފަހު ޖެހިގެން އައި އަހަރު އަހްމަދިއްޔާ ޕްރީސްކޫލުން ކިޔެވިއިރު، އަފްނާން ގްރޭޑް 1 ކިޔެވީ ޣިޔާސުއްދީން ސްކޫލުންނެވެ. އޭގެ ފަހުން ގްރޭޑް 2 އަށް ޖަމާލުއްދީނަށް ބަދަލުވެ، ސްކޫލްގެ ގުރުއާން ޕޫލްގައި ބައިވެރިވެ، ބަލައިގެން ކިޔަވަން ފެށިއެވެ. މި މަސައްކަތަށް ލިބުނު އެންމެ ބޮޑު އެއް އެހީތެރިކަމަކީ ސްކޫލް ގަޑިތަަކަށްފަހު އޭނާ ދާންފެށި އިޔާރު ގުުރުއާން ކްލާހެވެ.

އަފްނާން ގުރުއާން ކިޔަވަނީ

އަފްނާން ބައިވެރިވެފައިވާ މުބާރާތްތަކާއި ލިބިފައިވާ ކާމިޔާބީތައް ގިނަ އެވެ. އޭނާ 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހިސާބަށް، ގުރުއާން ކިޔެވުމުގެ މުބާރާތަކުން ވަނައެއް ނުހޯދާ އަހަރެއް ނުދެއެވެ. މި ހުރިހާ ކާމިޔާބީތަކެއްގެ ތެރެއިން ވެސް އަފްނާން އެންމެ އުފާވީ މިދިޔަ އަހަރު އޮތް ށ.އަތޮޅު ވިޔަވަތި ގުރުއާން މުބާރާތުން މުޅި އުމުރުފުރައިންނާއި މުޅި މުބާރާތުން އެއްވަނަ ލިބި އޭނާގެ ބައްޕަގެ އަތުން އެކަމުގެ ހަނދާނީ ލިޔުމާއި ތަށި ލިބުމުންނެވެ. އަދި އެ ނަތީޖާއާ އެކު ލިބުނު އުމްރާ ދަތުރަކީ އަފްނާނަށް ވަރަށް ޚާއްސަ އިނާމެކެވެ.

"އަޅުގަނޑަށް އަފްނާންގެ ކިޔެވުމުގައި އެންމެ ޚާއްސަ ކަމަކީ އޭނަ ގެންގުޅޭ ރާގު. އެ ރާގު އެއީ އޭނާގެ މުދައްރިސެއް ދަސްކޮށްދެއްވި ރާގެއް. އެއްޗެއް ބަލައިގެން ދަސްކުރީ. އެކަމު ރާގު ނަގައިގަނެވުނުއިރު ހުރީ އަފްނާންގެ އަމިއްލަ ގޮތެއް އޭގައި ހިމެނިފައި،" އަފްނާންގެ މަންމަ ބުންޏެވެ.

ސްކޫލްގައި ހޭދަކުރަންޖެހޭ ވަގުތުތައް ގިނަވުމާ އެކު، ގުުރުއާން ކްލާހަށް ދިއުން އަފްނާން މިހާރުވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ސްކޫލްގައި ގުރުއާން ފަރިތަކުރުމަށް ހޭދަކުރާ ވަގުތުގެ އިތުރަށް މަދުވެގެން އެއް ގަޑިއިރު ސީދާ ގުުރުއާން ފަރިތަކުރުމަށް މަންމައާ އެކު ހޭދަކުރާ ކަމަށް އޭނާ ބުންޏެވެ.

އަފްނާން އޭނާއަށް ލިބިފައިވާ ބައެއް ޓްރޮފީތަކާ އެކު

މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ އުންމީދުގައި ހުރި އަފްނާނަށް މިއަހަރަކީ މުހިންމު އަހަރެކެވެ. އޯލެވެލްއަށް އޭނާ ވަމުން އަންނަތައްޔާރީތަކާ އެކީ، އޭނާގެ ދުވަހުގެ ތާވަލު ވަނީ ކުރިއަށްވުރެ ވެސް ބިޒީ ވެފައެވެ.

އަފްނާން ބުނީ ސްކޫލު ނިންމުމަށް ފަހުގައި ވެސް ގުރުއާން ކިޔެވުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމު އެބަ އޮތް ކަމަށެވެ. އެންމެ ފުރަތަމަ ގުރުއާން ކިޔަވަން ފެށީ ހިތުން ކަމަށްވެފައި މިހާތަނަށް ހިތުދަސްވެފައިވާ ހަ ފޮތާ އެކު، އަފްނާން އުންމީދުކުރަނީ ވީ އެންމެ އަވަހަކަށް ހާފިޒްކަމުގެ ސަނަދު ހާސިލްކުރުމަށެވެ. "ދޯ" އިން ވެސް އެދެނީ އަފްނާންގެ މި ހުވަފެން ހަގީގަތަކަށް ވުމެވެ.

ގުރުއާން މުބާރާތް ޤުރުއާން ސްކޫލް ކިޔަވާކުދިން ޖަމާލުއްދީން ސްކޫލް

Popular