18 Apr 2018

ފާތިކާގެ ކިޗަން ސިޗުއޭޝަން

ކައްކާނެ އެއްޗެއް ނޭނގިގެން ނޫޅޭށެވެ. މި އިންސްޓަގްރާމް އެކައުންޓުން ހައްލެއް ފެންނާނެ އެވެ.

ކައްކާނެ އެއްޗެއް ނޭނގިގެން ނޫޅޭށެވެ. މި އިންސްޓަގްރާމް އެކައުންޓުން ހައްލެއް ފެންނާނެ އެވެ.

By: Aishath Mihna Nasih

ކައްކާނެ އެއްޗެއް ނޭނގި ގޮތް ހުސްވެގެން އުޅެންޖެހިއްޖެ ނަމަ އިންސްޓަގްރާމަށް ވަދެ "ކިޗަން ސިޓުއޭޝަން އެމްވީ" ބަލާށެވެ. ދޮން އަނބުރިހަ އާއި މަސްބަތާއި ތެލުލި ރިހާކުރާއި މިހެން ގޮސް ނަން ހުސްކޮށް އެ ހުރީ އެވެ. ޕާސްތާގެ ބާވަތްތަކުގެ އިތުރުން ސިއްހަތަށް ފައިދާހުރި އެކި އެއްޗިއްސާއި އަނގަ ފޮނިކޮށްލާނެ އެއްޗެހި ވެސް ބައިވަރެވެ. ކައްކާ ނުވަތަ ހަދާނެ އެއްޗެއްގެ ހިޔާލު މި އިންސްޓަގްރާމް އެކައުންޓުން ލިބޭނެ އެވެ.

A post shared by Badhigeyga Koacheh Kahkany? (@kitchensituationmv) on

މިއީ މަރިޔަމް ފާތިކާ ފަޔާޒް، 20، އާއި އޭނާގެ ރަހުމަތްތެރިންތަކެއް ފެށި ޕޭޖެކެވެ. ހޮސްޕިޓާލިޓީގެ ރޮނގުން ތައުލީމު ހާސިލްކުރި މަންމަގެ ފަރާތުން ލިބުނު ކަލިނަރީ އާޓްސްގެ ރަހަތަކުން އޭނާ ދެކޭ ހުވަފެނަކީ މި އިންސްޓަގްރާމް ޕޭޖެވެ؛ ކިޗަން ސިޓުއޭޝަންއެމްވީ އެވެ.

ފާތިކާ ބުނިގޮތުގައި މަންމަ ބަދިގެއަށް ވަންނަ އިރު އޭނާ ކައިރީގައި ނުހުންނަ ހަނދާނެއް ނުހުރެއެވެ. އަދި މިހާރު އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީވެސް އާއިލާގެ އެކި މެންބަރުންނަށާއި ގާތް ރަހުމަތްތެރިންނަށް މީރުކޮށް ކައިކައިދިނުމެވެ.

"ކުރީއްސުރެ ވެސް ވަރަށް ގިނައިން ކައްކަން. ބޮޑަށް ސްޓްރެސް ރިލީސް ކޮށްލާ. އެހެން މީހަކަށް ކައްކައިދީގެން އޭނަ އަށް އެ މީރުވީމަ އެ ލިބޭ ހިތްހަމަޖެހުމަށް ކެއްކެނީ. އެގޮތަށް ކައްކާއިރު ވީޑިއޯކޮށް ބޭނުންކުރި ހޭޝްޓެގެއް ކިޗަން ސިޓުއޭޝަން އަކީ. ދެން އިންސްޓަގްރާމްގައި ފާތިިގެ ސްޓޯރީ ފެންނަ ވަރަށް ގިނަ މީހުން ރިކުއެސްޓް ކުރޭ ރެސިޕީއަށް. އެހެންވެ އެކަން ކުރެވޭނެ ގޮތެއް ހޯދަން ދެތިން ރައްޓެހިން އެކުގައި ހުޅުވި ޕޭޖެއް އެއީ،" މެލޭޝިޔާގެ ނޮޓިންހަމް ޔުނިވާސިޓީއިން ބެޗްލާސް އޮފް އާޓްސް އޮނާސް އިން އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ކިޔަވަމުން އަންނަ ފާތިކާ ކިޔައިދިނެވެ.

A post shared by Badhigeyga Koacheh Kahkany? (@kitchensituationmv) on

އާދައިގެ ގޮތަކަށް ފެށި މި ޕޭޖާ ފާތިކާގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅެ އެވެ. ނަމަވެސް މި ޕޭޖުން މި ފެންނަނީ ހަމައެކަނި އޭނާގެ މަސައްކަތެއް ނޫނެވެ. ފާތިކާ ފަދައިން ކެއްކުމަށް ލޯބިކުރާ މީހުންގެ ކެއްކުންތަކުގެ ރީތި ފޮޓޯތަކާއި ރަހަމީރު ރެސިޕީތައް މި ޕޭޖުން ފީޗާ ކޮށްދެއެވެ.

"އަސްލު ފެށިއިރު ފާތި އަތުގައި އެހާ ބައިވަރު ރެސިޕީއެއް ވެސް ނެތް. އަނެއްކާ ފޮލޮވާސް ވެސް ގިނަކޮށްލާ ގިނަބަޔަކަށް ރީޗްވެލަން ފުރަތަމަ ޕޭޖް ފެށިއިރު އެހެން މީހުންގެ ރެސިޕީތައް ފީޗާ ކުރަންފެށީ. އެއީ މި ޕޭޖް އެހާ ގިނަބަޔަކަށް އެނގުނު ސަބަބެއް. ވަރަށް ގިނަ ރިކުއެސްޓާއި ކޮމެންޓްސް އަންނަންފެށި އެގޮތަށް އެކި މީހުންގެ ރެސިޕީތައް ލާންފެށީމަ،" ފާތިކާ ބުންޏެވެ.

ކިތަންމެ ބިޒީކޮށް އުޅެމުން ވެސް، ވީހާ ވެސް މަދު އެއްޗެއް ބޭނުންކޮށްގެން އަަވަހަށް ތައްޔާރުކޮށްލެވޭނެ ތަފާތު ކާއެއްޗެހީގެ ރެސިޕީތަކެއް ނުވަތަ އައިޑިއާސްތަކެއް ޕޭޖުން ލިބެން ހުންނައިރު، މި ޕޭޖުން ގިނަބަޔަކަށް އިންސްޕިރޭޝަންތަކެއް ދެވުން އެއީ ފާތިކާ އާއި އޭނާގެ ޓީމްގެ އުންމީދެވެ.

ފާތިކާ ބުނީ އެކި އުމުރުފުރާތަކުގެ އެކި ރަހަތަކަށާއި ކުޒީންތަކަށް ލޯބިކުރާ މީހުންނަށް ވެސް މި ޕޭޖުން ތަފާތު ބާވަތްތަކުގެ ކާއެއްޗެހީގެ ރެސިޕީ އާއި އައިޑިއާސް ލިބެން ހުންނައިރު މިހާތަނަށް އެންމެ ގިނަބަޔަކަށް ކަމުދިޔައީ ކްރީމީ ވަޅޯމަސް ސްޕެގެޓީ ކަމަށެވެ.

A post shared by Badhigeyga Koacheh Kahkany? (@kitchensituationmv) on

މިއީ އަދި ކިތަންމެ ޒުވާން ޕޭޖެއް ކަމަށް ވާއިރު ކުރިއަށް ކުރަންހުރި ކަންތައްތައް ވަރަށް ގިނައެވެ. ކުރިއަށް އޮތް ރޯދަމަހު ކިޗަން ސިޓުއޭޝަން ވަރަށް ހަރަކާތްތެރިވާނެ އެވެ.

"ރޯދަމަހަށް ވިސްނަމުން މިދަނީ ޕޭޖުން ޑެއިލީ ބެސްޓެއް ހޮވަން. އާންމުކޮށް މިހަދާ އުޅޭ ހެދިކާތަކުގެ ބަދަލުގައި ތަފާތު އެއްޗެހިތަކެއް ގެނެސްދޭން. އަދި މަޝްވަރާތައް ކުރިއަށްދަނީ،" ފާތިކާ ބުންޏެވެ.

A post shared by Badhigeyga Koacheh Kahkany? (@kitchensituationmv) on

މީގެއިތުރަށް، ކިޗަން ސިޓުއޭޝަންއަކީ ހަމައެކަނި ފޮޓޯތަކަކުން ނުވަތަ ލިޔުންތަކަކުން އާންމުންނަށް އެހީތަކެއް ދޭ ޕޭޖަކަށް ހެދުމުގެ ބަދަލުގައި، ކާއެއްޗެހި ވިއްކުމުގެ ޚިދުމަތެއް ވެސް ޕޭޖު މެދުވެރިކޮށް ހިންގުމުގެ ވިސްނުން ވެސް އެބަހުއްޓެވެ.

ރެސިޕީ

Popular