20 Apr 2018

7 ސުވާލު؛ އަންހެން ޑްރައިވިން އިންސްޓްރަކްޓަރަކަށް

By: Aishath Mihna Nasih

މި ހަފުތާގެ 7 ސުވާލު މި ކޮށްލަނީ ލާނާސް ޑްރައިވިން ސްކޫލް ގައި ޑްރައިވިން އިންސްޓްރަކްޓަރަކަށް އުޅޭ ފާތުމަތު އަހުމީމާ، 32، އާ އެވެ. ކުރިން ކޭޝިއަރެއްގެ ވަޒީފާ ވަޒީފާއަދާކުރި، ތިން ކުދިންގެ މަންމަ އަހްމީމާ މި މަސައްކަތަށް ނުކުތީ އޭނާ ޝައުގުވެރިވާ އަދި ޗެލެންޖިން ކަމެއް ކުރަން ބޭނުންވެގެންނެވެ. މީގެ ކުރިން ހަމައެކަނި ފިރިހެނުން ކޮށް އުޅުނު މަސައްކަތުގައި އަހުމީމާ އަކީ ޑްރައިވިން އިންސްޓްރަކްޓަރުންގެ ތޭރޭގައި މިހާރު ފާހަގަވާ ނަމެކެވެ. މި މަސައްކަތަށް އަންހެނުން ނެރުމުގައި އިސްނެގި ލާނާސް ޑްރައިވިން ސްކޫލްގައި އަހުމީމާ އަންނަނީ ނަމޫނާ ދައްކަމުންނެވެ.

މި މަސައްކަތް އިޚްތިޔާރު ކުރީ ކީއްވެ؟

ކުރިން ވެސް އެނގޭ ސައިކަލު ދުއްވަން. ދެން ސައިކަލު ޓެކްސީ އިއުލާން ކުރީމަ މިތަނުގެ ޓެކްސީއެއްގެ ވަޒީފާއަށް އަޅުގަނޑު އައީ. އެކަމަކު އެކަމުން މާ ބޮޑު ފައިދާއެއް ނުކުރޭ. ދެން މިތަނުން އޮފާކުރީ ޑްރައިިވިން އިންސްޓްރަކްޓަރެއްގެ ވަޒީފާ. ތަންކޮޅެއް އިސްކޮޅު ހުރެފައި ފައި ފޯރާތީ މި މަސައްކަތްކުރަން ފަސޭހަވާނެތީ ކަންނޭނގެ އެއީ. ދެން އަޅުގަނޑު ވެސް ބޭނުންވެފައި ހުރީ އަބަދު އެއްތަނެއްގައި އިނދެގެން ކުރިން އަދާކުރި ކޭޝިއަރުކަމުގެ ވަޒީފާ ނޫން އެހެން، ބިޒީ ތަންކޮޅެއް އެކްޓިވް މަސައްކަތެއް ކުރަން. އެހެންވެ ވިސްނާފައި އޯކޭ އޭ ބުނީ. މިހާރު އެއް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ މިތަނުގައި މަސައްކަތްކުރާތާ.

މި ވަޒީފާއާ މެދު މީހުން ދެކެނީ ކިހިނެއް؟

އެއްވެސް މީހެއްގެ ފަރާތުން ނެގެޓިވް ކޮމެންޓެއް ނުލިބޭ. އެންމެންވެސް ވަރަށް ސަޕޯޓްދޭ މަސައްކަތަށް. ހާއްސަކޮށް ކުދިންގެ ކަންތައްތައް މެނޭޖްކުރަން ވެސް ވަރަށް އެހީ ލިބޭ ފިރިމީހާގެ ފަރާތުން. އަނެއްކާ މިތަނުގެ އެހެން ސްޓާފުންގެ ވެސް ވަރަށް ހެލްޕް ލިބޭ ނޭނގޭ އެއްޗެހި ކިޔައިދިނުމުގައި ވެސް. އެކްސިޑެންޓެއް ވެސް ވި މީގެ ދެތިންމަސް ކުރިން. ބޭރު މަގުގައި ކުއްޖަކަށް ދަސްކޮށްދެމުން ދަނިކޮށް ތަންކޮޅެއް ކައިރިން ބާރަށް އައީ އެހެން މީހެއް. ދެން ދަސްކުރަން އިން ކުއްޖާ ވެސް ތަންކޮޅެއް ބިރުގަތީ. ފަހަތުގައި ތިބޭއިރު އަޅުގަނޑުމެންނަށް ޖެއްސޭނީ ކުރީ ބުރަކި. ދެން ސައިކަލުން ވެއްޓިފައި ކަކުލަށް ލިބުނު ގެއްލުން ރަނގަޅު ކުރަން ދެ ހަފުތާވަރު ނެގި. އެކަމަކު ހަމަ އަލުން ދިޔައީ މަސައްކަތަށް. ފިރިމީހާ އާއި އާއިލާއިން ވެސް ވަރަށް ސަޕޯޓްދޭތީ އެއީ.

އަހުމީމާ (ފަހަތުގައި) މީހަކަށް ސައިކަލް ދުއްވަން ދަސްކޮށްދެނީ. -- ފޮޓޯ: އަމާނީ

މަސައްކަތުގައި އެއް ދުވަސް ހޭދަވަނީ ކިހިނެއް؟

މަސައްކަތް ކުރިއަށްދާނީ ވަރަށް ބޮޑަށް ޓީމް ވޯކެއް ގޮތަށް. އާންމުކޮށް މަސައްކަތް ފަށަނީ ފަތިހު 5:30 ގައި. އެކަމަކު އަޅުގަނޑު ދަނީ 6:50 އަށް ދަރިފުޅު ސްކޫލަށް ލާފައި. ގޮސް ހަމަ މަސައްކަތުގައި އުޅެފައި، އަވި ދީ މާބޮޑަށް ހޫނުގަދަވާން ފެށީމަ ގާތްގަނޑަކަށް 10 ޖަހާލާއިރު ހެނދުނުގެ ސެޝަންތައް ނިންމާލާނެ. އެއަށްފަހު ގެއަށްއައިސް ގޭތެރޭގެ ކަންތައްތަކުގައި އުޅެނީ. ދަރިފުޅު ސްކޫލުން ގެނެސް އެހުރިހާ ކަމެއްގައި އުޅެފައި ދެން މަސައްކަތަށް ދަނީ ހަވީރު ހަތަރެއް ޖަހާއިރު. އަސްލު ދޭއް ޖަހާއިރު މެންދުރުގެ ސެޝަން ފަށާނީ. ދެން ގޮސް ރޭގަނޑު 11:30 ވަންދެން އޮންނާނެ ގަޑިތައް. ރޭގަނޑު 8 ގެ ފަހުން ޓެސްޓްކުރުން އޮންނާނީ. ހުކުރު ދުވަސްނޫން ހުރިހާ ދުވަހަކު އޮންނާނެ ޑިއުޓީ. އެކަމަކު ވަކި އިރެއް މިހެން އުޅެންޖެހޭ ނޯންނާނެ. ހުރިހާ އެންމެން ވެސް މަޝްވަރާކޮށްގެން މެނޭޖްކޮށްލަނީ. އެކަކަށް ނުދެވޭ ގަޑިއެއް ވެއްޖިއްޔާ އެހެން މީހެއް އެގަޑިއަށް ގޮސްލަދީ ވަރަށް ފަސޭހަ ޝެޑިއުލް އޮންނަނީ.

މި މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުވާންފެށީ ވަރަށް ފަހުން. މީހުން ބަލައިގަނޭތަ؟

ބަލައިގަނެއޭ ބުނެވޭނީ. އަޅުގަނޑު މި މަސައްކަތް ފެށިއިރު އަސްލު އެއްވެސް ވަރަކަށް މިއީ ކިިހާވަރެއްގެ މަސައްކަތެއްކަމެއް ނޭނގޭ. ކިޔައިދޭނީ ކިހިނެއް ކަމެއްވެސް، ނޫނީ މިކަން ކުރެވޭނެ ކަމެއް ވެސް ނޭނގެ. ވަރަށް ބިރުން ހުރީ. އެކަމަކު މި ތަނުން ވަރަށް ބޮޑަށް ކިޔައިދީ ދަސްކޮށްދިން. މިހާރު ވަރަށް ގިނަ ކުދިން ގުޅައި ދަސްކޮށްދޭން. ދެން އަޅުގަނޑު މުޅިންވެސް މި ނަގަނީ އަންހެން ކުދިން. މިކޮޅުގައި އުޅޭނެ ފިރިހެން އިންސްޓްރަކްޓަރުން ވެސް. އެ އަންނަ ކުއްޖަކު ބޭނުންވާ ގޮތަކަށް އޮންނަނީ އަންހެން އިންސްޓްރަކްޓަރެއްތޯ ފިރިހެނެއްތޯ ނިންމުން.

މި މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ލިބޭތަ؟

ވަރަށް ބޮޑަށް ހިތްހަމަޖެހޭ އާމްދަނީއާ ދޭތެރޭ. ކުރިން ކުރި މަސައްކަތާ އަޅާބަލާއިރު ވަރަށް ހިތްހަމަޖެހޭ. އަނެއްކާ ގިނަ ދުވަސްވާވަރަކަށް މުސާރައިގެ ކުރިއެރުންވެސް ލިބޭ. އެހެންވީމަ އެވެސް ވަރަށް ހިތްހަމަޖެހޭ ކަމެއް.

އަހުމީމާ (ފަހަތުގައި) މީހަކަށް ސައިކަލް ދުއްވަން ދަސްކޮށްދެނީ. -- ފޮޓޯ: އަމާނީ

މި މަސައްކަތުގައި އެހެން މީހުންގެ ފަރާތުން އުނދަގުލެއް ކުރިމަތިވޭތަ؟

އަޅުގަނޑަކާ އަދި މިހާތަނަކަށް ކުރިމަތިވެފައެއް ނުވޭ ތިކަހަލަ އެއްވެސް ކަމެއް. މަގުމަތީގައި އުޅޭއިރުވެސް އަދި މިހާތަނަށް ސަޕޯޓް ލިބެނީ އެހެން މީހުންގެ ފަރާތުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިކަން ކުރެވޭނީ ވަރަށް ކެރޭ، މިކަމަކީ ކިހާވަރެއްގެ ކަމެއްކަން ދަންނަ އަދި ޝައުގުހުރި މީހުންނަށް. އެއީ ދަސްކޮށްދޭއިރު އަޅުގަނޑަށް ކިތަންމެ ރަނގަޅަށް އެނގުނަސް، ދުއްވަން އިންނާނީ އަދި ދުއްވަން އެންމެ ރަނގަޅަށް ނޭނގޭ ކުއްޖެއް. އެހެންވީމަ ވަރަށް ބޮޑަށް ތައްޔާރުވެގެން ކެރިގެން މިކަން ވާނީ.

އަހުމީމާ (ފަހަތުގައި) މީހަކަށް ސައިކަލް ދުއްވަން ދަސްކޮށްދެނީ. -- ފޮޓޯ: އަމާނީ

މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބާ؟

އެންމެ އުފާވަނީ އެހެން މީހުންގެ ފަރާތުން އެ ލިބޭ ހެޔޮ ބަސްތަކާއި ތައުރީފު ލިބުނީމަ. ދެން މަގުމަތިން ވެސް، އަޅުގަނޑު ކައިރިން ދަސްކޮށްފައި ތިބޭ ކުދިން ސައިކަލު ދުއްވާތަން ފެނުނީމަ ވަރަށް ހިތްހަމަޖެހޭ. އަދި މިހާ ފްލެކްސިބަލްކޮށް ވަރަަށް އެކުވެރި ޓީމަކާ އެކީގައި މަސައްކަތްކުރެވޭތީ ވެސް ވަރަށް އުފާވޭ.

އަންހެނުން އަންހެނުން ބާރުވެރިކުރުން ވަޒީފާ ވެހިކަލްތައް

Popular