16 May 2018

ނަޖުމާއްތަ: ހިތްތައް ކަތިލި އަޑު

ވާހަކަ ކިޔުމަކީ ނަޖުމާއްތަގެ ހާއްސަ ހުނަރެވެ. އެ އަޑުން ކިޔައިދިން ހަފުތާގެ ވާހަކަ ދިވެހިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެވެ.

ވާހަކަ ކިޔުމަކީ ނަޖުމާއްތަގެ ހާއްސަ ހުނަރެވެ. އެ އަޑުން ކިޔައިދިން ހަފުތާގެ ވާހަކަ ދިވެހިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ އެވެ.

By: Aishath Mihna Nasih

އޭނާއަކީ ރާއްޖޭގެ ރޭޑިއޯ ބްރޯޑްކާސްޓިންގެ ދާއިރާގެ އެންމެ މުހިންމު އެއް އަޑެވެ. ޚަބަރުކިޔުމާއި ތަފާތު އެކި ޕްރޮގްރާމްތައް އޭގެ އެންމެ ފުރިހަމަ ހަމަތަކުގައި އަހަރެމެންނާ ހިސާބަށް ގެނެސްދިން އެއް އަޑެވެ. މެދުނުކެނޑި 40 އަހަރު ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތްކުރިއިރު، އޭނާގެ އަޑުން ގެނެސްދީފައިވާ ރީތި ދިވެހި ވާހަކަތައް އަދިވެސް އަހަރެމެންނަށް އިވޭކަހަލަ އެވެ.

މިއީ ނަޖުމާ ހުސެއިން އެވެ. އެންމެންގެ "ނަޖުމާއްތަ" އެވެ. އުމުރުން 72 އަހަރު ވިޔަސް އެއީ ޒުވާން އަޑެކެވެ.

ނަޖުމާއްތަ ލަވަ ފޮށި އެޕަށް ވާހަކައެއް ރިކޯޑްކޮށްދެނީ-- ޓްވިޓާ ވީޑިއޯ: ލީލާ

ފުރަތަމަ ވަޒީފާ، މެދުނުކެނޑި 40 އަހަރު

ނަޖުމާއްތަގެ އަޑު އެންމެ ފުރަތަމަ އިވެން ފެށީ 1970ގަ އެވެ. އޭރު އޭނާގެ އުމުރުން 21 އަހަރެވެ. ދިވެހިރާއްޖޭގެ އަޑުގެ އެނައުންސަރެއްގެ ވަޒީފާއަށް އޭނާ ކުރިމަތިލިއިރު ރޭޑިއޯ ބްރޯޑްކާސްޓިން އަކީ ކޮބައިކަމެއް، ނުވަތަ މިއީ ކިހާވަރެއްގެ ކަމެއްކަން ވެސް ނޭނގެއެވެ. މިއީ ނަޖުމާއްތަގެ ވެސް ފުރަތަމަ ވަޒީފާއެވެ.

"އޭރު ދެން ހަމަ އިއުލާނުކޮށްލީމަ ވަނީ. އެދުވަސްވަރު އޮންނަނީ ވަރަށް މަދު ގަޑިކޮޅެއް ފުރާލީމަ ވަރަށް ބޮޑު މުސާރައެއް ލިބޭ ގޮތަށް. ދެން އަސްލު ރޭޑިއޯ ބްރޯޑްކާސްޓިންއަކަށް އެއްވެސް ޝައުގުވެރިކަމެއް ވެސް އޭރަކު ނެތް. ދެން ހަމަ ދިރިއުޅުމުގެ ދަތިހާލު ހުންނަގޮތުން ގިނައިން ލާރި ލިބޭ ކަމެއް ކުރަންވެގެން. ތިން ކުދިން ތިބޭ އޭރު. އެހެންވެ ގޭގައި ވެސް ކޮންމެވެސް ވަރަކަށް އުޅެވޭނެތާ ދޯ؟،" ނަޖުމާއްތަ ރޭޑިއޯގެ ވަޒީފާއަށް ދިޔަ ގޮތް ކިޔައިދެމުން ބުންޏެވެ.

ޚަބަރު ކިޔުން؛ އާ ތަޖުރިބާއެއް

އެއީ ގާތްގަނޑަކަށް މީގެ ފަންސާހަކަށް އަހަރުކުރިއެވެ. ނަޖުމާއްތަ ބުނާގޮތުން އޭރު މަސައްކަތް ފެށުނުއިރު އެނައުންސަރުންނަށް އޮންނަ މަސައްކަތްތަކަކީ ޚަބަރުކިޔުމާއި ލަވަ އައިޓަމެއް ހުށަހެޅުމާއި ރިކޯޑްކޮށްފައި ހުންނަ އިޝްތިހާރުތަކެއް ގެނެސްދިނުމެވެ. މި މަސައްކަތްތަކުގެ ތެރެއިން ނަޖުމާއްތައަށް އެންމެ ވަރުގަދަ ހަނދާނަކީ ވަޒީފާއަށް ނުކުތް ފުރަތަމަ ހަފުތާގައި ޚަބަރުކިޔަން ޖެހުމެވެ.

"ވަރަށް ބިރުގަތް އޭރު ޚަބަރު ކިޔަން. އެއީ ކިހިނެއް ކުރަންޖެހޭ ކަމެއްކަމެއް ވެސް ނޭނގޭނެތާ ދޯ. ދެން އޭރު އަޑުން ގެންނެވި އޮސްޓްރޭލިއާގެ ރޭޑިއޯ ބްރޯޑްކާސްޓިން ދާއިރާގެ ޕްރޮފެސަރަކު އަޅުގަނޑުމެންނަށް ޓްރެއިނިން ދޭން. ދެން އޭނަ ޓްރެއިނިންގެ ތެރެއިން ޚަބަރު ރިކޯޑު ކޮށްފަ މި ބުނަނީ އަޅުގަނޑާ ދިމާލަށް ކަލޭ ތިޔަ ހަޅޭއްލަވަނީއެއް ނޫންހޭ. ކީއްކުރަންހޭ ތި ހަޅޭއްލަވަނީ. އޭނަ އަސްލު އެންމެ ފުރަތަމަ މައުޟޫ އަޅައިދިނީ ރޭޑިއޯ ބްރޯޑްކާސްޓިންއާ ބެހޭގޮތުން. ދެން އެނައުންސަރެއްގެ ކިބައިގައި ހުންނަންޖެހޭ ކަންކަންވެސް،" ނަޖުމާއްތަ ކިޔައިދިނެވެ.

މި ނޫނަސް މި ދާއިރާއިން އެކި ތަމްރީނުތައް ހެދުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖޭން ބޭރުން އޭރު ނަޖުމާއްތައަށް ވަނީ ލިބިފައެވެ. މިގޮތުން އޮސްޓްރޭލިއާގެ ސިޑްނީގައި ތިން މަސް ދުވަހުގެ ރޭޑިއޯ ބްރޯޑްކާސްޓިން ކޯހެއް 1980ގައި ފުރިހަމަކޮށްފައިވާއިރު، އިންޑިއާ، ލަންކާ، ބަންގްލަދޭޝް އަދި ބްރޫނާއިން ވެސް މި ދާއިރާގެ ކުރުމުއްދަތުގެ ކޯސްތަކެއް ފުރިހަމަކުރި އެވެ.

ފުރަތަމަ ފުޓުބޯޅަ ކޮމެންޓްރީ؛ ހަނދާނަކުން ނުފިލާނެ!

އެހާ ގިނަދުވަހު ރޭޑިއޯގައި ޚިދުމަތްކުރި އިރު އެހެން އެނައުންސަރުންނެކޭ އެއްފަދައިން ނަޖުމާއްތަގެ އަޑު ނީވޭ ޕްރޮގްރާމެއް ވެސް މަދުވާނެއެވެ. މި މަސައްކަތުގައި 1985 ވަނަ އަހަރާ ހިސާބަށް އައިއިރު ވަރަށް ބޮޑަށް މިކަމުގެ ތެރެއަށް ވަދެވި ތަމްރީން ވިއެވެ. އަދި ކޮންމެ ހަފުތާއަކަށް 12 ޕްރޮގްރާމް ކޮންމެ މީހަކުވެސް ތައްޔަރުކުރަންޖެހޭއިރު، ކޮންމެ މީހަކު ވެސް ހުރިހާ ވައްތަރެއްގެ ޕްރޮގްރާމެއް ތައްޔާރުކުރުމަށް އިސްބޭފުޅުން ހިތްވަރުދެއްވައެވެ. މިގޮތުން ނަޖުމާއްތަ އޭނާގެ ފުރަތަމަ ފުޓުބޯޅަ ކޮމެންޓްރީގެ މަތިން ހަނދާން އާ ކޮށްދިނެވެ.

"ކަން ދިމާކުރި ގޮތުން އެއީ އަޅުގަނޑުގެ ދަރިފުޅު މައުރޫފް (މާއްޓޭ) ވެސް ކުޅުނު މެޗެއް. ކޮމެންޓްރީ ދޭން ފަށާފައި މައުރޫފް (ގޯލް ބަލަހައްޓަނިކޮށް) މީހަކު އައިސް ޖެހިގަތީމަ އޭނަ ވެއްޓުނުތަނާހެން ލައިވް ކޮށް އަޅުގަނޑަށް ބުނެވުނީ ޔާރައްބީ! މަގޭ ދަރިފުޅާ އޭ. ހަމަ އޮޓަމެޓިކުން ބުނެވުނީ. އެހިސާބުން ދެން ނުފޮނުވާ ކޮމެންޓްރީއަކަށް،" ސަމާސާ ރާގަަކަށް ނަޖުމާއްތަ އެ ހަނދާންތައް އާކުރި އެވެ.

ނަޖުމާއްތަ ގެނެސްދިން ޕްގްރާމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކަމުދިޔަ އެއް ޕްރޮގްރާމަކީ ހަފުތާގެ ވާހަކަ އެވެ. އެހެން ބައިވަރު އެނައުންސަރުންނާ ވެސް އެކީ ޑްރެމެޓައިޒްކޮށް ހުށަހަޅައިދިން ވާހަކަތަކަކީ މުޅި ރާއްޖޭގެ މަގުބޫލުކަން ހޯދި ޕްރޮގްރާމެކެވެ.

ނަމަވެސް ނަޖުމާއްތަގެ ޕާސަނަލް ފޭވަރިޓަކީ ސިއްޚީ ޕްރޮގްރާމްތަކެވެ. އެދުވަސްވަރަކީ މާ ގިނަ ސިއްޚީ މައުލޫމާތުތަކެއް ލިބެން ހުރި ދުވަސްވަރަަކަށް ނުވުމާ އެކު އެ ޕްރޮގްރާމްތައް ގެނެސްދިނުމުން އަމިއްލައަށް ވެސް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށް ނަޖުމާއްތަ ބުންޏެވެ.

ނަޖްމާއްތަ އޭނާގެ މާމަ ދަރިންނާ އެކު ނަގާފައިވާ ފޮޓޯއެއް

ވާހަކަ ކިޔުން

މިއީ ގައިމުވެސް އެންމެ ގިނަބަޔަކަށް ނަޖުމާއްތަގެ ސްޓާ ކޮލިޓީއެވެ. އޭނާގެ އެ ހިތްގައިމު އޮމާން އަޑުން ގެނެސްދޭ ވާހަކަތަކެވެ. ނަޖުމާއްތަ ބުނިގޮތުގައި، ކޮންމެ ވާހަކައެއް ވެސް އޭނާ ކިޔައިދެނީ އެއް ފަހަރުންނެވެ. އަދި އެ ނުކުންނަ ޖަޒުބާތުތަކާއި އަސަރުތަކަކީ ހަމަ އޮޓޮމެޓިކުން އަންނަ އިހުސާސްތަކެވެ.

"އެންމެ ކުޑައިރުއްސުރެ ވެސް ކާފައަށް ސިޔަރަތު ކިޔައިދޭން އިންނަ ހަނދާންވޭ ކޮންމެ ދުވަހަކު ހެން. އެހެންވެ ވަރަށްބޮޑަށް ތާނަ ފަރިތަވެފައި ހުރީ. ދެން ބައްޕައަކީ ވަރަށް ވާހަކަ ކިޔުމަށް ޝައުގުވެރިވާ ބޭފުޅެއް. އެހެންވެ ވަރަށް ގިނައިން ވާހަކަ ފޮތް ގެންނަވާނެ، ދޮންމަންމަ ދޮން ނިޔަދުރެއް ފަދައޭ، އެ ވާހަަކަ ބައްޕައަށް ކިޔައިދިން އިރު ބައްޕަ އަށް ރޮވުނު ހަނދާނެއްވެސް ހުރޭ،" ވާހަކަ ކިޔުމުގެ ހުނަރު ތަރައްގީވި ގޮތް ނަޖުމާއްތަ ކިޔައިދިނެވެ.

ނަޖުމާއްތަ މާމަ ދަރިންނާ އެކު

އެނައުންސަރެއްގެ ގޮތުގައި ނަޖުމާއްތަ އަޑުގައި ފެށި ދަތުރު ކިތަންމެހާ ވެސް ކާމިޔާބުވެފައި ދިގެވެ. ސީނިއާ އެނައުންސަރުގެ ވަޒީފާ އާއި ޕްރޮޑިއުސަރެެއްގެ މަގާމުގެ އިތުރަށް އޯގަނައިޒާއެއްގެ މަގާމާއި ބޮޑެތި ބަދަލުތަކެއް އަޑަށް އައިސް 2005 ވަަނަ އަހަރު ދީނުގެ އަޑު ސެކްޝަންގެ އިސްމީހެއްގެ މަގާމާއި 2007 ގައި އެޑްމިން ޑިރެކްޓާގެ މަގާމު ވެސް ނަޖުމާއްތަ ވަނީ އަދާކޮށްފައެވެ. އެއަށްފަހު، އަޑުން އެއްކޮށް ރިޓަޔާ ކުރީ 2013 ވަނައަހަރު އެވެ.

ރިޓަޔާ ކުރުމަށް ފަހު، އޭނާގެ ހަ ކުދިންނާއި މާމަ ދަރިންނާ އެކު އާއިލީ ކަންކަމައިގެން އުޅުނަސް، މި ދާއިރާއަށް ހުންނަ ޝައުގާ ވެސް އެކީ، އެއްވެސް އަގަކާ ނުލައި ނަޖުމާއްތަ މިހާރު ދަނީ ބައެއް މީހުންގެ އެދުމަށް ވާހަކަ ރިކޯޑް ކޮށްދެމުންނެވެ. މިގޮތުން ދާދިފަހުން، ލަވަފޮށި އެޕަށް ޝަމީމާ ޔަހްޔާގެ ޒަޚަމް ވާހަކަ ކިޔައިދިނެވެ.

ބްރޯޑްކާސްޓަރުން

Popular