10 Aug 2018

"މޫދު ބުޅާ": ޒޫނާގެ ކަނޑުއަޑީގެ ފަހު މަންޒިލް

"މޫދު ބުޅާ": ޒޫނާގެ ކަނޑުއަޑީގެ ފަހު މަންޒިލް

By: Nurah Rasheed

އަހަރެމެންގެ ތެރޭގައި މޫދާ ރައްޓެހި މީހުން ވަރަށް ގިނަ އެވެ. އެކަމަކު ރަސްމީ ވަޒީފާއެއްގެ ގޮތުން ކޮންމެ ދުވަހަކު މޫދަށް ގޮސް އުޅެނީ އޭގެން ކިތައް މީހުން ހެއްޔެވެ؟ މީގެ ތެރޭގައި ކިތައް އަންހެނުން ހިމެނޭ ހެއްޔެވެ؟ ޔަގީނުން ވެސް ވަރަށް މަދުވާނެ އެވެ.

މިއީ އާންމުންގެ މާ ބޮޑު ކަންބޮޑުވުމަކަށް ނުވިޔަސް، ޒޫނާ ނަސީމަށް މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އޭނާގެ ސުވާލަކީ ޑައިވިން އަށް އަންހެނުން ނުދަނީ ކީއްވެގެން ހެއްޔޭ އެވެ؟ މިކަމުގެ ތެރެއަށް އަންހެނުން ނުވަންނަނީ ކީއްވެ ހެއްޔޭ އެވެ؟ އޭނާ ފަދައިން މި ދާއިރާގައި ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރަން ބައިވަރު އަންހެނުން ނުނުކުންނަނީ ކޮން ސަބަބެއް މެދުވެރިވެގެން ހެއްޔޭ އެވެ؟

ޒޫނާ

މި ސުވާލުތަކަށް އޭނާ ޖަވާބު ދެނީ އޭނަގެ އަމިއްލަ ހަޔާތުގެ ސޮފުހާތައް ހުޅުވާލުމަށް ފަހު އެވެ.

އެންމެ ކުޑައިރުން ފެށިގެން ގޮސް މިއަދާ ހަމައަށް އައިއިރު ޒޫނާ ނަސީމްގެ ހަޔާތުގެ ގިނަ ދުވަސްތަކާއި ވަގުތުތައް ހޭދަވެފައި ވަނީ ރަށުގެ ގޮނޑުދޮށުން ފެށިގެން ގޮސް ނޫކަނޑުގެ އަޑީގަ އެވެ. ފެނު ތެރޭގަ އެވެ. އޭނާގެ ހިތް މޫދަށް ގެނބިގެން ގޮސް، އެހެން ހުރިހާ ކަމެއްގެ މަތިން ފޫހިވީ އެވެ.

"އެއްވެސް ވަރަކަށް އިންޓްރަސްޓެއް ނުހުރޭ ޑެސްކު ޖޮބެއް އަދާކުރާކަށް. އެންމެ ފުރަތަމަ ޑައިވް އަކަށް ދިޔަ ދުވަހު އެ ފެނުނު ހިތްގައިމު މަންޒަރުތަކުން ވަރަށް އަޖައިބުވި. ހިތަށް އެރި ކޮން ލެވަލް އަކަށް ގޮސްގެންބާއޭ އެހެން މީހަކަށް މި މަންޒަރު ދައްކާލަން ގެންދެވޭނީ.-- އެކަން ކުރަން މި ޖެހެނީ އިންސްޓަރަކްޓާ ކޯސް ހަަދަން." ޒޫނާ ބުންޏެވެ.

ޒޫނާ ކޯހެއް ހިންގަނީ

ނ. ކުޑަފަރީ އަށް އުފަން ޒޫނާގެ އާއިލާގެ މީހުންނަކީ ވެސް މޫދަށް ދެވި ހިފައިފައި ތިބި ބައެއް ކަމުން ޒޫނާ އަކީ ކުޑައިރު ވެސް މޫދަށް އެހާ ފަރިތަ ކުއްޖެކެވެ. ފުރާވަރަށް އަރައިގެން އައިއިރު އޭނާގެ ވިސްނުން ހުރީ މި ދާއިރާ އިން ކިޔެވުމަށެވެ. އެކަމަކު އިންސްޓްރަކްޓާ ކޯސް ހަދަން ބެލިއިރު އުމުރުން އެންމެ 18 އަހަރެވެ. ކަންދިމާކުރި ގޮތުން އޭރު ރާއްޖޭގައި އެ ކޯސް ފުރިހަމަ ކޮށްގެން ވަޒީފާ އަދާކުރާ އެހެން ދިވެހި އަންހެނަކު ނުވެސް އުޅެ އެވެ. އެކަމަކު އެ ކޯސް ހަދައި، އޭނާ އަމަލީ މައިދާނަށް ނުކުތެވެ. އެކަމަކު ވަރަށް ތަފާތު އެހެން ގޮސްޖެހުންތަކަކާ ވެސް އެވެ. ކޯސް ފުރިހަމަ ކުރުމަށް ފަހު ރިސޯޓުތަކުގައި މަސަތްކަތް ކުރަން ޖެހުނީ މުޅިން ވެސް ފިރިހެނުންނާ އެކުގަ އެވެ.

ދަސްވި އެއްޗެއްގެ ބޭނުން ހިފުމުގެ ކުރިން ޒޫނާ ފުރަތަމަ ޖެހުނީ އެހެން ކަމެއް ކުރާށެވެ! އަންހެނުންނާއި ފިރިހެނުންގެ މެދުގައި މަސައްކަތުގެ މާހައުލުގައި އޮތް ތަފާތުތައް ނައްތާލާށެވެ. އޭނާ ޖެހުނީ އެ ތަފާތުތައް ފާހަގަކޮށް، ދަމާލެވިފައިވާ ރޮނގު މަޑުމަޑުން ފޮހެލާށެވެ. އެކަން ވެސް އޭނާ ކުރި އެވެ.

ޒޫނާ އޭނާގެ އާއިލާއާ އެކު

އެ ހުރިހާ ކަމެއް ގިރާކުރުމަށް ފަހު ޒޫނާ އަކީ މިއަދު އަމިއްލަ ޑައިވިން ސެންޓަރަކާ އެކު މިކަން ކުރާ އިތުރު އަންހެނުންތަކެއް މި ދާއިރާ އަށް އުފަން ކުރުވުމުގައި އެންމެ ހަރަކާތްތެރި އެއް މޭސްތިރި އެވެ.

"ޕެޑި އަކީ އަސްލު ވޯލްޑް ވައިޑް ޑައިވް އޯގަނައިޒޭޝަނެއް. އެ މީހުންގެ މި ކޯސް އޭރު ވެސް އަހަރަކު އެއް ފަހަރު ކޮންޑަކްޓް ކުރާނެ. މިކޮޅުން ޖެހޭނީ އަމިއްލަ އަށް ރެޑީވީމަ އެ ކޯހުގަ ބައިވެރިވާން. ބޭރުން އަންނާނީ އެގްޒެމިނާސް އޭތި ކޮންޑަކްޓުކުރަން ރާއްޖޭގެ ވަކި ޕޮއިންޓްތަކެއްގައި. އެކަމަކު އޭރު އެންމެ ބޮޑު އިޝޫއަކަށް ވީ ފައިނޭންސް،" ޒޫނާ ބުންޏެވެ. "ދެން ސަންޓްރެވަލް އިން އޭރު ހުޅުވި ޑައިވް ސްކޫލެއް މާލޭގައި. އެތަނަށް ފުރަތަމަ ދިޔައީ ރިސެޕްޝަނިސްޓަކަށް. އެއީ ދާން ބޭނުންވާ މަގު ފަހިކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅު. އޭގެ ފަހުން އެތަނަށް އެދުނީ ޕެޑީ އިންސްޓްރަކްޓާ ކޯސް ފުރިހަމަ ކުރަން ބޭނުންވާ ފައިސާ ލޯނެއްގެ ގޮތަށް ދިނުމަށް. އެ ލޯނުގައި އިންސްޓްރަކްޓާ ކޯސް ހެދީ."

ޒޫނާ މޫދުގައި: އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަނީ މޫދާއި ކަނޑުގައި

އެންމެ ފުރަތަމަ ދުވަހު ޑައިވަށް ދިޔަ ދުވަސްވެގެން ދިޔައީ ޒޫނާ އަށް އާދަޔާ ހިލާފު އިހުސާސްތަކެއް ގެނުވި ދުވަހަކަށެވެ. އޭނާ ހިތަށް އެރި ފުރަތަމަ އެއްޗަކީ ވެސް، މިކަން މީހުން ނުކުރަނީ ކީއްވެގެން ބާއޭ އެވެ؟

"ހިތަށް އެރީ މިހާ ސަޅި ކަމެއް މީހުން ކީއްވެބާއޭ ޕްރޮފެޝަނެއް ގޮތަށް ނުކުރަނީ. އަސްލު ރާއްޖޭގެ ރީތިކަން މިއޮތީ ކަނޑު އަޑީގައޭ. އެތައް ބަލާލުމަކީ ފަސޭހަ ކަމެކޭ ވެސް ހިތަށް އެރި. އެކަމަކު އެއީ އަސްލު އޭރު އަހަންނަކީ އެތަނަށް ދިޔަ އިރު ވެސް މޫދަށް ފުދޭވަރަކަށް ފަރިތަ މީހެއް ވީމަ،" ޒޫނާ ބުންޏެވެ.

ޒޫނާ މީހަކާ އެކު ފީނަނީ

އިންސްޓްރަކްޓާ ކޯސް ފުރިހަމަކޮށް ނިމުމަށް ފަހު އެކި ރިސޯޓުތަކުގައި ޒޫނާ މަސަތްކަތް ކުރި އެވެ. ނަމަވެސް ދިވެހިންނަށް ކިޔަވައިދިނުމުގެ ފުރުސަތު ނުލިބޭތީ ސީ އެކްސްޕްލޯރާއިން ހިންގި ކޯސްތަކުގައި ފަސް އަހަރު ވަންދެން އެކި ދިވެހިން ޓްރެއިން ކުރި އެވެ. އެއަށް ފަހު ބަންޔަން ޓްރީ މޯލްޑިވްސްގެ އޭރިއާ މެރިން ރިކްރިއޭޝަންސް މެނޭޖަރުގެ މަގާމަށް ބަދަލުވި އެވެ. މިއީ އިންޓަނޭޝަނަލް ޗެއިނަކުން އަންހެނަކަށް ދިން ވަރަށް ޒިންމާދާރު މަގާމެކެވެ. ފަސް ރިސޯޓެއްގެ ޑައިވް ސެންޓަރާ ހަވާލުވެ ޒޫނާ އަށް އަހަރު ވަންދެން ވަޒީފާގައި ދެމިހުއްޓެވެ.

"ދެން ފުރަތަމަ ދަރިފުޅު ލިބެން އުޅޭތީ ނެގީ ބްރޭކެއް. އެއަށް ފަހު ދަރިފުޅާ އެއްކޮށް ޓައިމް ސްޕެންޑް ކުރުމުގެ ބޭނުމުގައި އަލުން އެ ޕޮޒިޝަނަށް ނުދިޔައީ. އެ މީހުން އޮފާ ވެސް ކުރި އަލުން އަންނަން. އެކަމު ޗޫޒް ކުރީ ދަރިފުޅު. އޭގެ ފަހުން މާލޭގެ ހުރެގެން ދުސިތު ތާނީ ރިސޯޓުގެ ޑައިވް ސެންޓާއެއް މެނޭޖް ކުރީ ދެތިން އަހަރު،" ޒޫނާ ބުންޏެވެ.

ޒޫނާގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާ އެކު ފިރިމީހާއާ ދެ މީހުން ވެގެން އަމިއްލަ ޑައިވް ސެންޓަރެއް ހުޅުވަން މިސްރާބު ޖެހި އެވެ. އެގޮތުން މިދިޔަ އަހަރު އަންހެނުންގެ ދުވަހު ވިލިނގިލީގައި 'މޫދު ބުޅާ' ނަމަކަށް ކިޔާ ޑައިވިން ސެންޓަރެއް ހުޅުވައި ވީހާ ވެސް ގިނަ އަންހެނުންނާއި ކުޑަކުދިން މި ފީލްޑަށް ވެއްދުމުގެ މަސަތްކަތާއިގެން ކުރިއަށް ދިޔަ އެވެ. ޕަޑި ކޯސްތައް ކޮންޑަކްޓް ކުރާ މި ސެންޓަރުން އޯޕަން ވޯޓާއިން ފެށިގެން ޑައިވް މާސްޓާއާ ހިސާބަށް ދެވެ އެވެ.

"ދެން އޮތް އުފާވެރި ހަބަރަކީ މިދިޔަ އަހަރު ސެޕްޓެންބަރުގައި ލިބުނު ކޯސް ޑަައިރެކްޓާކަން. އެއީ ޕަޑި ނުވަތަ ޑައިވިންގައި ދެވޭނެ އެންމެ ހަޔަސްޓް ރޭންކިން. މުޅި ރީޖަން ބޭސްކޮށް އެ މީހުން ހޮވާނީ ވަކި އަދަދަކަށް ކެންޑިޑޭޓުން. ރާއްޖޭގައި މިހާތަނަށް ހުންނާނީ އެންމެ ކޯސް ޑައިރެކްޓަރެއް. އެވެސް ފިރިހެނެއް."

ޒޫނާ ޑައިވިން އަށް ދާން ތައްޔާރުވަނީ

ރާއްޖެ އަށް ލިިބުނު ދެވަނަ ފުރުސަތާ އެކު ޒޫނާ މިހާރު އަންނަނީ އެންމެ ފުރަތަމަ އަންހެން ކޯސް ޑައިރެކްޓާގެ މަގާމު އަދާކުރަމުންނެވެ. ޒުވާނުންނާއި އަންހެނުން މިކަމަށް ނެރުމުގެ މަސަތްކަތުގެ ތެރެއިން މީގެ ކުރިން ރާއްޖޭގައި ބަލައިނުގަންނަ މި ކޯސްތަކަކީ މިހާރު އެކްރެޑިޓް ކުރާ ކޯސްތަކެކެވެ. އެކަމު މިފަހަަރު އިއުލާން ކުރި ސްކޮލާޝިޕްތަކުގެ ތެރޭގައި ޑައިވިން ހިމަނައިފައި އޮތްކަން މިއީ ފާހަގަ ކޮށްލަންޖެހޭ އުފާވެރި ކަމެކެވެ. މި މަސަަތްކަތުގައި އެންމެ ބޮޑު އެއް ރޯލެއް ކުޅެދީފައި ވަނީ ޒޫނާ އެވެ.

Popular