By: Aishath Mihna Nasih
ސޯޝަލް މީޑިއާގައި މަލްސްއާޓްގެ ނަމުން މަޝްހޫރު އައިޝަތު މަލްދާ މުހައްމަދު (މަލް) އަކީ ކުރިއަރަމުން އަންނަ ޒުވާން ހުނަރުވެރި ކުރެހުންތެރިއެކެވެ. އެންމެ ކުޑައިރު ވެސް ކުރެހުމަށް ލޯބިކުރާ މަލް، 20، ހޮބީއެއްގެ ގޮތުގައި މި މަސައްކަތް ފެށި ނަމަވެސް މަޑުމަޑުން މިކަން މިވަނީ ވިޔަފާރިއަކަށް ބަދުލުވެފައެވެ. މިހާރު އޭނާ ތައްޔާރުވަމުން އަންނަނީ ހޮޓެލް ޖެން އާއި މޯލްޑިވްސް އާޓިސްޓްސް ކޮމިއުނިޓީ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ބާއްވާ މަލްގެ ފުރަތަމަ ސޯލޯ އެގްޒިބިޝަން ޖެން ވައި އާޓް އަށެވެ.
ހޮޓެލް ޖެން އާއި އާއި އާޓިސްޓުންގެ ޖަމިއްޔާ ގުޅިގެން މީގެ ކުރިންވެސް މިފަދަ އެގްޒިބިޝަނެއް ބޭއްވިއިރު މިއީ މިފަދައިން ސޯލޯ އާޓިސްޓަކަށް ފުރުސަތު ދޭ ފުރަތަމަ ފަހަރެވެ.
އިންސާނުންގެ ކުރެހުންތައް އޭނާގެ އަމިއްލަ އިންޓަޕްރިޓޭޝަން ބޭނުންކޮށްގެން "ޑްރީމީ" ގޮތަކަށް ކުރެހުމަށް ލޯބިކުރާ މަލްގެ މިފަހަރުގެ ޕެއިންޓިންތައް ހާއްސަކޮށްފައި ވަނީ ވެސް ހަމަ އެފަދަ ކުރެހުންތަކަށެވެ.
"ހިޔަލަ" ސީރީޒްގެ ނަމުގައި 10 ޕެއިންޓިންއެއް މި އެގްޒިބިޝަންގައި ދައްކާލާއިރު، މި ކުރެހުންތަކުން ފެނިގެންދާނީ ދިވެހި ސަގާފަތުގައި އަންހެނުންގެ ދައުރާއި ދިވެހި ފުލޯކު ވާހަކަތަކުގައި ހުރި އަންހެން ބައެއް ކެރެކްޓާސްތަކެވެ.
"އެންމެ ހާއްސަ އެއް ޕީސް އަކީ ދޮން ހިޔަލަ އާއި އަލިފުޅު ފޯކްލޯގެ ހިޔަލައިގެ ކުރެހުން. އަދި މިހާތަނަށް އެއްވެސް ވަރަކަށް މި ކުރެހުމެއް ރިވީލް އެއް ނުކުރަން. އެކަމު އެހެން ޕެއިންޓިންތަކާ އަޅާބަލާއިރު، ކުރެހުމާއި ސައިޒްގެ ގޮތުން ވެސް މި ވަރަށް ހާއްސަވާނެ،" މަލް އޭނާގެ އެގްޒިބިޝަނާއި ބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.
މި މަހުގެ 23 އިން 30 އަށް ކުރިއަށް ގެންދާ މި އެގްޒިބިޝަންގައި ހުރިހާ ކުރެހުމެއް ވެސް އާންމުންނަށް ގަންނަން ލިބޭނެ އެވެ.
މަލްގެ ކުރެހުންތަކުގެ ތެރޭގައި، އަންހެނުން ބާރުވެރިކުރުން ރަމްޒުކޮށްދޭ ކުރެހުންތަކާއި ފަތްމިނި ބޮޑުބެރު ގްރޫޕްގެ ކުރެހުމެއްގެ އިތުރުން ދިވެހި ވާހަކަތަކުން ފެންނަ ހަންޑިންތަކާ ގުޅޭ ކުރެހުން ވެސް ހިމެނެއެވެ.
މީގެ ކުރިން ބާލިންގައި އޮތް ގްރޫޕް އެގްޒިބިޝަނެއްގައި ވެސް މަލް ބައިވެރިވެފައި ވާއިރު، މިއީ އޭނާގެ ވެސް ފުރަތަމަ ސޯލޯ އެގްޒިބިޝަނެވެ.