11 Jul 2018

މައިކްގެ އަލަތު އިންޓަވިއު: ހުނަރެއް ނުކޮށޭނެ!

ސޯޝަލް އެންޒައެޓީ އާއި ޑިޕްރެޝަން އާއި ބުލީންގެ ޝިކާރައަކަށްވެ ފިލައިގެން އުޅުނަސް މިއަދު އޭނާ ކާމިޔާބެވެ. މި އިންޓަވިއު އަކީ އޭގެ ހެއްކެކެވެ.

By: Ahmed Nadheem

ކެމެރާއެއްގެ ކުރިމަތީގައި އިންޓަވިއު ދީ މީހުންގެ ތެރެއަށް ނުކުމެ ގިނަ ބަޔަކާ މުހާތަބުކޮށް ވާހަކަ ދައްކަން ޖެހިއްޖެ ނަމަ އޭނާގެ ނޭވާކުރުވެ ހާސްކޮށްލަ އެވެ. މުޅި މާލެ އަށް މަޝްހޫރު ހެއާޑްރެސާ އަދި މޭކަޕްއާޓިސްޓް މީކާއިލް އަހުމަދު ނުވަތަ އެންމެން ވެސް އޭނާ ދަންނަ އެންމެ ލޯބި ނަމުން ނަމަ، މައިކްގެ މިފަދަ އިންޓަވިއުއެއް މިހާތަނަށް ކިޔުންތެރިންނާއި ބެލުންތެރިންނާ ހަމަ އަށް އައިސްފައިނެތީ މި ސަބަބާ ހެދި އެވެ.

މީގެ ހައެއްކަ މަސް ކުރިން ވެސް އިންޓަވިއުއަކަށް ގުޅާލުމުން އޭނާ އެދުނީ މިފަދަ އިންޓަވިއުއަކަށް ހަމަޖެހިލުމަށް ވީހާވެސް ގިނަ ވަގުތު ދިނުމަށެވެ. މި އިންޓަވިއު ވެގެންދާނީ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ މި ހެއާޑްރެސާގެ މޫނު އޭނާގެ ފޭނުންނާއި ކިޔުންތެރިންނާއި ބެލުންތެރިންނަށް މިގޮތަށް ދައްކާލާ ފުރަތަމަ އިންޓަވިއު އަށެވެ. މީގެ ކުރިން މަޖައްލާއަކަށް "އިންޓަވިއުއެއް" ދިން ނަމަވެސް އެއީ މިގޮތަށް ފޮޓޯ ނަގައި، އޭނާ ފެންނަ ގޮތަށް ކުރި ކަމެއް ނޫނެވެ. އެހެންވެ މިއީ މައިކްގެ އަސްލު، ފުރިހަމަ އިންޓަވިއު އެވެ.

އުމުރުން 28 އަހަރުގެ މި އާޓިސްޓަކީ މި ވީހާ ދުވަހު ސޯޝަލް އެންޒައެޓީ އާއި ޑިޕްރެޝަން އާއި ބުލީންގެ ޝިކާރައަކަށްވެ ދެ ކަކޫ މައްޗަށް ވެއްޓިފައިވީ ޒުވާނެކެވެ. އެކަމަކު އެންމެފަހުން އޭނާ މި ތެދުވީއެވެ. އަދި އެތައް ބައެއްގެ ލޯތްބާއެކު އޭނާ މިހާރު އެ އަންނަނީ ފަސްއެނބުރި ބެލުމެއް ނެތި ކުރިއަށެވެ.

މައިކް އޭނާގެ ސެލެބްރިޓީ ކްލައިޓަކަށް ހިދުމަތް ދެނީ. --މިހާރު ފޮޓޯ: އަހުމަދު ނިޝާތު

"އައި ވޯޒް ބުލީޑް. ކުޑަކުއްޖެއްގެ ގޮތުގައި ފެށިގެން ބުލީޑް. ވަރަށް ހަޑި ބަސްތައް ބޭނުންކޮށް މީހުން އަހަންނާ ދިމާކޮށް އުޅުނު ގޮތް ހަނދާން އެބަހުރި މިހާރު ވެސް. އުމުރުން ހަ އަހަރުގައި ހަތް އަހަރުގައި ބޮޑެތި މީހުން ވެސް ދިމާކުރޭ. އެންމެފަހުން ސްކޫލްގައި، ތަޅައިގަނެގެން ފެއިންޓްވީ. ރުޅިގަދަވެގެން އެންމެފަހުން އަމިއްލަ އަށް ތެދުވީ އެކަމާ ދެކޮޅަށް،" މައިކް ކިޔައިދިނެވެ.

"މިހާރު އައި އޭމް ހިއާ ދޯ. ބިކޯޒް އައި ކޭން ކޮންފްރަންޓް ޕީޕަލް. އެކަމަކު ވެސް އަހަންނަކަށް ހީއެއް ނުވޭ އަދިވެސް މީހުންގެ ތެރެއަށް ނުކުމެ ޕޮޕިއުލާ މީހަކަށް ވާން އަހަރެން ބޭނުންވާހެނެއް. މީހުންނަށް އަހަރެންގެ މޫނު އެނގޭކަށް ބޭނުމެއް ނޫން އަސްލު"

"ނޭމް އިޒް އިނަފް. ގިނަ މީހުންނަށް އެނގޭނީ ވެސް މައި ވޯކް."

އެއީ ތެދެކެވެ. ރޮކް ޕޭޕާ ސިޒާސް ސެލޫނަށް ބޯކޮށަން ދާ ވަރަށް ގިނަ މީހުން އެތަނަށް ގޮސް މައިކް ކައިރީގައި އެންމެ ގިނައިން ކުރާ ސުވާލަކީ "މައިކް ކޮބައި ހެއްޔޭ؟" މިސުވާލެވެ. އެމީހުންގެ ފެވަރިޓް ހެއާޑްރެސާ ނުފެނިގެން ނުވަތަ ނޭނގިގެން ގޮސް އެންމެފަހުން އޭނާއާ ބައްދަލުވަނީ މި ނޭނގުމެއްގެ ތެރެއިންނެވެ.

"އާޓަކީ ވަރަށް އެހެން ކަހަލަ އެއްޗެއް. އޭގެ މާނައަކީ މީހާ އެންމެނަށް އެނގި، އެންމެ މަގްބޫލުވުމެއް ނޫން. އޭގެ މާނައަކީ ހައު ގުޑް ދަ ޕްރޮޑަކްޓް އިޒް. ހައު ގުޑް ދަ ވޯކް އިޒް،" މައިކް ބުނެލި އެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ އަމިއްލަ ބްރޭންޑެއް އުފެދޭނެ ދުވަހެއް ދެކެން. އައި ވޯންޓް ބީ އިންޓަނޭޝަނަލީ ރިކޮގްނައިޒްޑް. އަބަދުވެސް ބޭނުންވީ އަމިއްލަ ބްރޭންޑެއް އުފައްދަން."

ނަމަވެސް ކިޔެވުން ނިންމާލާފައި ދެ އަތް އުރާލައިގެން ނުކުމެ ދެން ދުއްވައިގަންނާނެ ދިމާލެއް ނުވަތަ ކުރާނެ މަސައްކަތެއް އޭނާއަކަށް ނުނިންމުނެވެ. އުމުރުން 17 އަހަރުގައި އޭނާ އުޅުނީ ރިސޯޓެއްގެ ފްރޮންޓް އޮފީހުގަ އެވެ. ދެން ފެނުނީ މޮޑެލްކުރަނިކޮށެވެ. ދެން ފެޝަން ޑިޒައިނަރެއްގެ ގޮތުގަ އެވެ. މަޝްހޫރު ބްރައިޑްސް ފެއާގައި އޭނާގެ ޑިޒައިންތަކެއް ވެސް އެފަހަރު ދައްކާލި އެވެ. އެއް އިރެއްގައި މައިކް ފޮޓޯ ސްޓޫޑިއޯއެއްގައި ފޮޓޯ އެޑިޓްކުރަން ވެސް އުޅުނެވެ. އެކަމަކު ވެސް ކުރާނެ ވަކި ކަމެއް ނިންމުންވީ އޭނާ އަށް އެންމެ އުނދަގޫ ކަމަށެވެ. ނަމަވެސް މޭކަޕް ދަސްކޮށްދޭ ކްލާހަކަށް ދިޔަ ދުވަހަކީ އޭނާގެ މި ދިރިއުޅުން ބަދަލުކޮށްލި ދުވަހެވެ.

"މޮޅު މީހަކަށް ވާކަށް ނޫން މި ކަން ފެށީ. އެކަމަކު ފުރަތަމަ ހެދި ކޯހުގައި ކިޔަވަން އުޅެނިކޮށް ޓީޗަރު ބުނީ ރާއްޖޭގައި ހުރި އެންމެ މޮޅު ހެއާޑްރެސާ އަށް އަހަރެން ވާނެއޭ. ތިމަންނައަށް އޭތި އެބަފެނެއޭ ކަލޭގެ ކިބައިން،" މައިކް ކިޔައިދިނެވެ.

އޭރު އޭނާ އުޅެނީ މޭކަޕް ކިޔަވަން ދިޔަ ކްލާހުގައި ހެއާޑްރެސިން އަށް ހިތްކިޔައި މޭގައި އެ ހިތް އޮބިނޯވެގެންނެވެ. އަނެއްކޮޅުން އެ ކްލާހުގައި ހުރި ހަމައެކަނި ފިރިހެންކުއްޖަކީ އޭނާއެވެ.

"އެގޮތަށް ފެމިލީ މީހުން ވެސް ދެކުނީ. ބުނީ ތިއީ އަންހެނުން ކުރާ ކަހަލަ މަސައްކަތެއް ނޫން ހެއްޔޭ. ތިއީ އަންހެނުންގެ މަސައްކަތެއް ނޫންހޭ. ތިކަހަލަ މީހުން ކިހިނެއްހެއްޔޭ ކުރިއަރައިގެން ދާނީ. ތިއީ އަންހެނުންގެ މަސައްކަތެކޭ. އެކަމަކު އަހަންނަކަށް ގަބޫލެއް ނުކުރެވޭ އެގޮތަށް އެއްވެސް ޖޮބެއް ލޭބަލްކުރެވޭނެ ގޮތެއް،" މައިކް ކިޔައިދިނެވެ.

މައިކް އޭނާގެ ސެލެބްރިޓީ ކްލައިޓަކަށް ހިދުމަތް ދެނީ. --މިހާރު ފޮޓޯ: އަހުމަދު ނިޝާތު

އެންމެ ގާތުގައިވީ އާއިލާ އާއި އެންމެ ދުރު ހިލޭ މީހުންގެ ފަރާތުން ވެސް އޭނާ އަށް އަމާޒުވި ފާޑުކިޔުމަކީ މިއީ އެވެ. އެކަމަކު އޭނާ ގަބޫލުކުރި ގަބޫލުކުރުމެއް އޭރު ވެސް އޮތެވެ.

"އެއީ މީހަކު މަގޭ ކައިރީގަ ނުވާނެއޭ ބުނެފި ކަމެއް ނަމަ އަހަރެން ބޭނުންވާނެ އެކަމެއް ކުރަން،" މައިކް ބުންޏެވެ.

އެންމެފަހުން އެންމެންގެ މަލާމާތާއި ފުރައްސާރައިގެ ކުރިމަތީގައި މައިކް ޗެމްޕިއަނަކަށް ބަދަލުކޮށްލީ މި ރޫހާއި ފޯރި އާއި ޝައުގުވެރިކަމެވެ. މާލޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ މަގްބޫލު ހެއާޑްރެސާގެ ގޮތުގައި އޭނާ ކޮންމެ ދުވަހަކު އެތައް ބަޔަކަށް ހިދުމަތް ދެމުން އެ ދަނީ މި ސަބަބާ ހެދި އެވެ.

"ހިތަށް އެރި އަބަދު އެއް ކަމެއް ކުރަންވީމަ ފޫހިވެދާނެއޭ. އެކަމަކު މިދިޔަ އެއް އަހަރުން ފެށިގެން އެއް ކަމެއް މި ކުރަނީ ކޮންމެ ދުވަހަކު ވެސް. ގާތްގަނޑަކަށް އެއްކަހަލަ ހެއާސްޓައިލްސްތަކެއް މި ހަދަނީ ވެސް. އެކަމަކު އެއްވެސް ދުވަހެއްގައި މި މަސައްކަތަކަށް ފޫއްސެއްނުވެއޭ މިހާރަކު،" މައިކް ބުންޏެވެ.

"އަހަރެން ބުނެލަން ބޭނުންވަނީ ބޭނުންވާ މަސައްކަތެއް ކުރަން ލަދު ނުގަންނާށޭ. ވަކި ޖޮބަކީ ވަކި ޖިންސަކަށް ހާއްސަ ޖޮބެއް ނޫނޭ. ކޮންސްޓްރަކްޝަން އޮފީހެއްގެ ބޮޑު މީހަކަށް ވާން ބޭނުން ނަމަ އަންހެނަކަށްވިޔަސް އެކަން ކުރާށޭ. ފިރިހެނަކު ހެދުން ފެހުން. އެއީކީ ހަޑިކަމެއް ނޫނޭ. އެންމެ މުހިންމު ކަމަކީ ހަލާލުގޮތުގައި ލާރި ހޯދުން. އެކަން އެގޮތުގައި ނިންމާލީމަ ނިމުނީ."

އެކަމަކު މައިކްގެ ވާހަކަ އަދި ނުނިމެއެވެ. އޭނާ ދޭން ބޭނުންވާ އެންމެ ހާއްސަ މެސެޖު އޮތީ މި ލިޔުމުގައި އެވާ ވީޑިއޯގަ އެވެ. މި އިންޓަވިއު އަށް އަހަރެމެން ދީފައިވާ ނަމަކީ "ދަ ސެޝަން" އެވެ. އިންސްޕަޔަރިން އެހެން މޫނަކާ އެކު އެނބުރި އާދެވެންދެން މި ވަކިވަނީ އެވެ.

Popular