13 Aug 2018

މަލް: ހުރިހާ ރިސޯޓަކަށް ގޮންޖެހުމަށް ފަހު ފްރާންސަށް!

މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ފެނުނު މަލީހާ އާދަމް (މަލް) އަކީ މިހާރު މޮޅު ޝެފެކެވެ. އެ ދަތުރު އޭނާ ފެށީ ވެސް، ޝައުގުވެރި ވާހަކަތަކަކުންނެވެ.

މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ފެނުނު މަލީހާ އާދަމް (މަލް) އަކީ މިހާރު މޮޅު ޝެފެކެވެ. އެ ދަތުރު އޭނާ ފެށީ ވެސް، ޝައުގުވެރި ވާހަކަތަކަކުންނެވެ.

By: Ahmed Saail Ali

އެއީ އާންމުންގެ ތެރޭގައި މަގުބޫލް ޒުވާނެކެވެ. ނަމަވެސް ކައްކާއެއްގެ ހެދުމުގައި އޭނާ ފެނުމަކީ ގިނަ ބަޔަކަށް ލިބިދާނެ ހައިރާން ކަމެކެވެ. އާންމުންގެ ތެރޭގައި މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި ފެނުނު މަލީހާ އާދަމް (މަލް) އަކީ މިހާރު މޮޅު ޝެފެކެވެ. އެ ދަތުރު އޭނާ ފެށީ ވެސް، ޝައުގުވެރި ވާހަކަތަކަކުންނެވެ. ނިމެނީ ވެސް ހަމަ އެހާމެ ޝައުގުވެރި ކަންތައްތަކަކުންނެވެ.

ސައްބީސް އަހަރުގެ މަލްް އަކީ ކުރިން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޖާނަލިސްޓެކެވެ. އޭނާއަކީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ ގައި ވެސް ހަބަރު ލިޔެ ހަބަރު ކިޔަން އުޅުނު ޒުވާނެކެވެ. ބޮޑެތި މުޒާހަރާތައް ކަވަރު ކުރުމުގައި އޭނާގެ ނަން ވަރަށް ހިނގި އެވެ. އެކަމަކު ކުރަން ޖެހުނު ވަރަށް ހިތްދަތި ތަޖުރިބާތަކަކަށް ފަހު އޭނާގެ އޮޑި ދީލާލީ މީރު ކެއުންތަކާ ދިމާއަށެވެ. ނަތީޖާ އަކީ ރާއްޖެއިން ބޭރަށް ގޮސް، ކެއްކުން ކިޔަވައި ކައްކާއަކަށް ވުމެވެ. ނޫސްވެރިކަން އޭނާގެ މާޒީ އަށް ބަދަލުވީ، ވަރަށް ގިނަ ކަންކަން ހިނގައިދިއުމަށް ފަހު އެވެ.

"އަދިވެސް ރައްޓެހިން ގަބޫލެއް ނުކުރޭ މިހާރު ކައްކަނީއޭ ބުނީމަ. ޓީވީއެމްގައި އުޅޭ މީހުންނަކަށް ވެސް ނޭންގޭ މި ހުރިހާ ދުވަހަކު ކިޔެވީ ކެއްކުން ކަމެއް،" މަލް ބުންޏެވެ.

ނޫސްވެރިކަމުން ކައްކާއަކަށް މަލް ކުރި ދަތުރު ވަރަށް ޝައުގުވެރި އެވެ. ރ. ރަސްގަތީމަށް އުފަން މަލްގެ އުމުރުން އެއް އަހަރުގައި މަންމަ ނިޔާވި އެވެ. ދެން އުޅެ ބޮޑުވީ ދައްތައާ އެކު އެވެ. މަލްގެ ޅަ ދުވަހުން ފެށިގެން ބަދިގެ އަށް ފަރިތަވީ އެ ހިސާބުންނެވެ.

"ދައްތަ އަށް ދަރިޔަކު ލިބުނީމަ އެހީވާން ވެގެން ކައްކަން ފެށީ. އުމުރުން ހަ އަހަރާއި ހަތް އަހަރާ ދޭތެރޭ ކައްކަން ފަށައިފިން. އަހަންނަކީ ވަރަށް އަތޮޅުތެރޭގެ ދިރިއުޅުމެއް އުޅުނު މީހެއް،" ޅައިރުގެ ހަނދާންތައް މަލް އާކުރި އެވެ. "ކާފަ ކާނެ އަހަރެން ހަދާ އެއްޗެހި. ދެން އެއް ދުވަހަކު މެޓާގަނޑެއް ހެދި ހަނދާންވޭ. ގޭ ކައިރި ބަޔަކު ހެދިތަން ފެނިގެން ހެދީ. އޭރު ވާނީ ހަތް ވަރަކަށް އަހަރު."

މަލްގެ ބައްޕަ އާއި ބޭބެ އަކީ ވެސް ކައްކާއިންނެވެ. ބައްޕަ އަކީ މާލޭގެ ސައި ހޮޓާތަކުގެ ކައްކާއެކެވެ. އެހެންވެ ކެއްކުމުގެ ފޯރި ގޭތެރޭގައި އޭރު ވަރަށް ބޮޑަށް އޮވެ އެވެ.

"ގޭ މީހުން ވަރަށް އެއްބާރުލުން ދޭނެ ކައްކަން. އެއްޗެއް ހެދިޔަސް ނުބައޭ ބުނެ ފާޑެއް ނުކިޔާނެ. އެންމެން ވެސް ކާނެ،" މަލް ބުންޏެވެ.

ބޮޑުވެގެން ޕްރޮފެޝަނަލް ކައްކާ އަކަށް ވުމަކީ އޭރު މަލް ދެކެމުން އައި ހުވަފެނެއް ނޫނެވެ. އޯލެވެލްއާ ހަމައަށް ކިޔެވުމަށް ފަހު މަލް މާލެ އައީ ވަޒީފާއަކަށެވެ. ފުރަތަމަ އުޅުނީ ފިހާރައެއްގަ އެވެ. ދެ ފިހާރައެއްގައި މަސައްކަތް ކޮށްފައި ދެން ޖެހުނީ ބޮޑު އާމްދަނީއެއް ހޯދަން އެހެން ވަޒީފާ އަކަށް ދާށެވެ.

ދިވެހިރާއްޖޭގެ އަޑުން ނޫސްވެރިއަކު ހޯދަން އިއުލާންކޮށްފައި އޮތުމުން މަލް އެ ވަޒީފާ އަށް ޝައުގުވެރިވި އެވެ. އޭނާ އަކީ ސްކޫލުގައި އުޅުނުއިރު ވެސް އަދަބީ ކަންކަމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. މަލް ނޫސްވެރިއެއްގެ ގޮތުގައި 2008 ވަނަ އަހަރު އަޑާ ގުޅުނީ އުމުރުން 16 އަހަރުގަ އެވެ.

މަލް ބޮޑަށް ފެނިގެން ގޮސްފައި ވަނީ ސިޔާސީ ދާއިރާ އާއި ތަރައްގީގެ އެކިއެކި މަޝްރޫތައް ކަވަރުކުރާ ނޫސްވެރިއެއްގެ ގޮތުގަ އެވެ. އަޑާއި ޓީވީއެމްގައި ވެސް އޭނާ ޝައުގުވެރިކަމާ އެކު މަސައްކަތް ކުރި އެވެ.

"ވަޒިފާ އަށް ނުކުތްތާ ދެވަނަ ދުވަހު ފޮނުވި އައިލެންޑް އޭވިއޭޝަންގެ ބޯޓެއް ގެންނަ ތަނަކަށް. ދެން ރޭޑިއޯ ހަބަރު ހަދާ، ހަބަރާ ގުޅޭ ޕްރޮގްރާމް ހުށަހަޅާ، ހަބަރު ކިޔާ ހެދީ. ޓީވީއެމްގައި ވެސް އަޑުގައި ވެސް ހަބަރު ކީން،" ނޫސްވެރިކަމުގެ ހަޔާތް އޭނާ ކިޔައިދިނެވެ.

ނޫސްވެރިކަމުގައި ބުރެކި ޖެހުނު ހިސާބަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ޓީވީއެމަށް ގެނައި ބަދަލުތަކެވެ. ގިނަ ނޫސްވެރިންތަކަކާ އެކު މަލް ވެސް ބާކީވީ އެވެ.

"ވަރަށް ބޮޑަށް އެކަހެރިކޮށްލީ، އިވެންޓްތަކަށް ވެސް ނުފޮނުވާ. ވަރަށް ބޮޑަށް ޑީމޯޓްވީމަ ދެން ވިސްނީ ދާއިރާ ބަދަލުކުރަން،" ނޫސްވެރިކަމުން ދުރުވާން ނިންމި ގޮތް ކިޔައިދެމުން މަލް ބުންޏެވެ.

މަލް އަށް ނޫސްވެރިކަމުން ކުރިއަށް ދާން ކުރިމަތިވި ހުރަސްތަކާ އެކު އޭނާ ދެން ވިސްނީ ޅަ ދުވަހު ކުރި މަސައްކަތުން ކުރިއަށް ދާށެވެ. ކައްކާއަކަށް ވާން ނިންމީ ނޫސްވެރިކަމުން އެހެން ކަމެއް ކުރަން ބޭނުންވިލެއް ބޮޑުކަމުންނެވެ.

"އަސްލު ވަރަށް އުނދަގޫ ޑިސިޝަންއެއް. ފަސް އަހަރު ފަހުން އެ ހިސާބުން ކެރިއާ ބަދަލުކުރަން. އެކަމަކު ޑިމޯޓިވޭޓްވި ވަރުން ދެން ނިންމީ،" މަލް ކިޔައިދިނެވެ.

ކެއްކުމުގެ ދާއިރާއިން ކިޔެވުމަށް ވިސްނިއިރު މަލްއަށް ދަތިތައް ކުރިމަތިވި އެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ފައިސާ ހޯދާނެ ގޮތެކެވެ. ސަރުކާރުން ދޫކުރާ އެއްވެސް ލޯނަކަށް ޝަރުތު ހަމައެއްނުވެ އެވެ. އަމިއްލަ ފަރާތަކުން ފަންޑް ލިބުނީ އެކަމަށް އެދި ގިނަ މަސައްކަތްތަކެއް ކުރި ފަހުންނެވެ.

މެލޭޝިއާގެ "ޓެއިލާސް ޔުނިވާސިޓީ" އިން މަލް ވަނީ މޮޅު ކައްކާއަކަށް ވެފަ އެވެ. އެއަށްފަހު ތަޖުރިބާ ހޯދުމަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ހަތަރު މަސް ދުވަހު މަސައްކަތް ކުރި އެވެ. މަލް ދެން ދިޔައީ ފްރާންސަށެވެ. އެ ގައުމުގެ ޓްލުސްގެ "އޮޕޯ ގޮމޯން" ރެސްޓޯރެންޓުގައި ހަ މަސް ދުވަހު ކައްކަން އުޅެ ޔޫރަޕުން ތަޖުރިބާ ހޯދި އެވެ.

"މެއިން ޑިސްތައް ހަދަން ޝައުގުވެރި ވަނީ. މީޓް. ސީފުޑް އެއްޗިހި ހަދަން ބޭނުމީ. ޕޭސްޓްރީގައި ވެސް އުޅުނިން ބަނޑޮހުގައި. ހުރިހާ ދާއިރާއަކުން ވެސް ކައްކަން އިނގޭ،" މަލް ބުންޏެވެ.

މެލޭޝިއާއިން ތައުލީމު ހާސިލްކޮށް ޔޫރަޕުން ތަޖުރިބާ ހޯދި މަލް މިދިޔަ މާޗް މަހު މާލެ އައީ ފޮނި އުއްމީދުތަކަކާ އެކު އެވެ. އޭނާގެ ކެއްކުމުގެ ހުނަރުން ދިވެހިންގެ ހިތް ފުރާލަ ދިނުމަށެވެ. ނަމަވެސް ރާއްޖެ އައިސް ވަޒީފާ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވި އެވެ.

މަލް ޓީވީއެމްގެ ޕްރޮގްރާމެއް ހުށަހަޅައިދެނީ

"15 ރިސޯޓަށް އެޕްލައި ކުރިން. އެއްވެސް ބަޔަކު ރިޕްލައި ވެސް ނުކުރި. ކިޔަވައިގެން ރާއްޖެ އައިސް ވަޒީފާ ނުލިބި ތިބެން ޖެހޭ. އެހެންވެ ގިނަ މީހުން ޖެހޭ ކިޔެވި ދާއިރާ ނޫން އެހެން ދާއިރާއަކަށް ދާން ވެސް،" ކައްކާއިންގެ ގޮންޖެހުންތައް މަލް ކިޔައިދިނެވެ.

ރާއްޖެއިން ވަޒީފާއެއް ނުލިބުމުން މަލްގެ ވިސްނުން ހުރީ އޭނާގެ ކެރިއާ ދުނިޔޭގެ ތަރައްގީ ގައުމުތަކުގައި ހޭދަ ކުރުމަށެވެ. އޮގަސްޓް މަހު މަލް ފްރާންސަށް އެ ފުރަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާ ކުރިން މަސައްކަތް ކުރި ރެސްޓޯރެންޓުގެ ކައްކާއަށެވެ. ދެން ރާއްޖެ އައުމުގެ ވިސްނުމެއް އެނާގެ ނެތެވެ.

"ރާއްޖެ އަންނާނީ ވަރަށް ރަނގަޅު ވަޒީފާއެއް ލިބިއްޖެއްޔާ، ކްރިއޭޓިވިޓީ އަށް ޗާންސް ލިބޭ. ބޮޑަށް ބޭނުމީ ރިސޯޓެއްގައި އުޅެން."

މުސްތަގުބަލުގައި ޗެފެއްގެ ގޮތުގައި އުޅުމަށް ވުރެ އޭނާ ބޮޑަށް ބޭނުން ވަނީ އެ ދާއިރާއިން ކޮންސަލްޓޭޝަން ދިނުމަށެވެ. އަދި ކެއްކެމާ ގުޅޭ ލިޔުންތައް ލިޔަން ވަރަށް ޝައުގުވެރިވެ އެވެ.

"ކެއްކުމާ ގުޅޭ ރިސާޗް އެއްޗެހި ލިޔަން ބޭނުމީ. ކާ އެއްޗެއް އުފެދުނީ ކިހިނެއްތޯ. ކިޔަވަން އުޅުނުއިރު ބެލިން ކަނޑުކުކުޅު އެއީ ކިހިނެއް އައި އެއްޗެއްތޯ. އެކަހަލަ ލިޔުން ލިޔަން ބޭނުމީ."

މިއަދު އެއީ މޮޅު ކައްކާ އެކެވެ. އިލްމާ ވެސް އެކު އެވެ. ޑިޕްލޮމާއިން ކައިލަރީ އާޓްސް އާއި ބެޗްލާސް އޮފް ކަލިނަރީ އާޓްސް އެންޑް ފުޑް ސާވިސް މެނޭޖްމަންޓް ހާސިލްކޮށްފައިވާ ހުނަރުވެރި އެކެވެ. ގަލަން އެއްފަރާތްކޮށްލުމަށް ފަހު އޭނާ އެ ދަނީ ހީނުކުރާ ދިމާލަކަށް އުދުހޭށެވެ!

ނޫސްވެރިކަން އަންހެނުން ފުޑް އިންސްޕެކްޝަން

Popular