18 Jul 2018

ބޮޑީ އެންޑް ދަ ބީސްޓް: ހަކުރާއި ޖަލުން ޗެމްޕިއަނަކަށް

By: Ahmed Nadym

"ދުވަން ބޭނުންވެއްޖެ ނަމަ އަހަރެން ދުވާނަން. ބޮޑީބިލްޑް ކުރަން ބޭނުންވެއްޖެ ނަމަ އަހަރެން ބޮޑީބިލްޑްކުރާނަން. ވެއިޓް ލިފްޓްކުރަން ބޭނުންވެއްޖެ ނަމަ އަހަރެން ވެއިޓް ލިފްޓްކުރާނަން. އެއީ ބިކޯޒް އައި ނޯ އެ ޕޮޓެންޝިއަލް އަހަރެންގެ ގައިގައި އެބަހުރިކަން،" މިއީ އިބްރާހިމް ގިޔާސް އޭނާގެ ކުރު ތައާރަފެއް އަހަންނަށް ކިޔައި ދިން ގޮތެވެ.

އޭނާގެ މި ހިތްވަރާއި ފެންވަރާއި ފަންވަރަށް ނިސްބަތްކޮށް މާލޭގެ ބޮޑީބިލްޑިން ނުވަތަ ފިޒިކަލް ފިޓްނެސް ކޮމިއުނިޓީގައި 33 އަހަރުގެ މި ޒުވާނާ "ދަ ބީސްޓް" ގެ ގޮތުގައި މަޝްހޫރުވެފައި ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިބްރާހިމް ގިޔާސް އަކީ އާދައިގެ "ފިޓްނެސް ފްރީކެއް" ނޫނެވެ. އޭނާ އަކީ މިވަގުތު މި ދާއިރާ ކޮނޑަށްލައިގެން ހުރި އެންމެ ވަރުގަދަ ޝަހުސިއްޔަތެވެ. މިއީކީ ހަމައެކަނި އޭނާގެ ހަ ފޫޓު ދިގު އިސްކޮޅާއި ބިޔަކަމަށް އިޝާރާތްކޮށް ކުރާ ތައުރީފެއް ނޫނެވެ.

ގިޔާސް

އެކަމަކު މީގެ ވިއްސަކަށް އަހަރުކުރިން އޭނާ އަކީ މި ދާއިރާގައި އެއްވެސް މީހެއް ނޫނެވެ. ހަކުރާއި ޖަލާއި އެކުގައިވީ ލާޗާރުބިޗާރުގަނޑެކެވެ. އެހެންވީމަ ސުމެއްގެ މީހަކު، މި ރާއްޖޭގައި މިވަގުތު އެންމެ މަގްބޫލު އެއް ޕްރޮފެޝަން ކަމުގައިވާ ފިޓްނެސްގެ ދާއިރާގައި ޗެމްޕިއަނަކަށް ނުވަތަ އެއަށް ވުރެން ވެސް ބޮޑުކޮށް ބުނަނީ ނަމަ، ލެޖެންޑަކަށް ބަދަލުކޮށްލި ސިއްރަކީ ކޮބައި ހެއްޔެވެ؟

އޭނާގެ ޖަވާބު، އޭނާ އެ ބުނާހާ ސިމްޕަލްއެވެ.

“އިޓްސް ވެރީ ސިމްޕަލް. އައި ނެވާ ގޭވް އަޕް. ގިވިން އަޕް ވޯޒް ނެވާ އިން މައި ބްލަޑް،" ހަމަޖެހިލައިގެން ހުރެ ގިޔާސް ބުނެލި އެވެ.

"ނުވާނެއޭ ބުންޏަސް، ނުކުރެވޭނެއޭ ބުންޏަސް އައި ބިލީވްޑް އަހަރެންގެ ޑްރީމް އަށް ދެވޭނެއޭ އަހަރެން މަސައްކަތްކޮށްފި ނަމަ. އެއްވެސް ކަމަކަށް ނުދެވޭނެ މަސައްކަތެއް ނުކޮށް. އެކަމަކަށް މަސައްކަތްކޮށްފަ އެކަމަކަށް ފޯކަސްކޮށްފިއްޔާމު އެކަމެއް ކުރެވޭނެ. އިރާދަކުރެއްވިއްޔާމު އައި ހޭވް ޕްރޫވެން ދެޓް."

ގިޔާސް

އެއީ ތެދެކެވެ. އޭނާ މި ވަނީ މާ ބޮޑަށް ވެސް މި ހަގީގަތް ސާބިތުކޮށްދީފަ އެވެ. އެކަން އެނގޭނީ މީގެ އެތައް އަހަރެއް ކުރިން އޭނާ ދިރިއުޅުނު ހަޔާތުގެ ދުވަސްތަކަށް ޖެހިލުމުންނެވެ.

އުމުރުން 20 އަހަރުގައި އޭނާ އަކީ ބައްޕައެކެވެ. އެކަމަކު ދަރިފުޅަށް ލޯބިދީ މަގު ދައްކަން ޖެހުނުއިރު އޭނާވީ ލޯތްބާއި އަޅާލުމުން މަހްރޫމުގެ މަގުއޮޅިފަ އެވެ.

"ސްކޫލް ނިމުމުތަނުން ޑްރަގް އެޑިކްޝަނަށް ދިޔައީ. އެއީ ލައިފުގައި ވަރަށް ރިގްރެޓްކުރާ ކަމެއް. އެގޮތަށް އުޅެނިކޮށް، 20 އަހަރުގައި އަހަރެން ޑެޑީއަކަށް (ބައްޕައަކަށް) ވެއްޖެ،" އަސަރުތައް އަރުތެރެއަށް ދިރުވަމުން ގިޔާސްގެ ވާހަކަ ފަށައިގަތެވެ.

ގިޔާސް

"އެޑިކްޝަންގެ ތެރޭގައި އުޅެނިކޮށް ޖަލަށް ގެންދިޔަ ދުވަހަކީ ވަރަށް ހިތްދަތިވި ދުވަހެއް. ޖަލަށް ގެންދިޔަ ދުވަހު ހިތަށް އެރީ ދެން ދުވަހަކު ވެސް މިކަހަލަ ކަމެއް ނުކުރާނަމޭ. އެގޮތަށް ހިތުން އަޒުމް ކަނޑައެޅީ"

"ސަބަބަކީ އަހަރެން ބޭނުމެއް ނުވީ އަހަރެންގެ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކުރަން. މަ ބޭނުން ނުވީ މަގޭ ދަރިފުޅު ބޮޑުވެގެންދާއިރު މީހުން ބުނަން، ކަލޭގެ ބައްޕަ އަކީ ހަކުރު ބޯ މީހެކޭ."

އެ އަޒުމް އެކަތަހެން ވަރުގަދަވެ، ތޭރިތަކުގައި ވަނިކޮށް ނަސީބު އައިސް އޭނާގެ އަތުގައި ހިފައިގެން ގެންގޮސް ކޮމިއުނިޓީއާ އަލުން ހަވާލުކުރީ އެވެ. އެއަށް ފަހު ކަމެއް ނެތިފައި، ވަޒީފާއެއް ނެތިފައި ގޭގައި ހުންނަން ޖެހުނު ހާލާތު ބަދަލުކުރަން އޭނާ ނުކުތީ މާކަނޑަށެވެ. އާމްދަނީ ލިބޭ ފުރަތަމަ މަސައްކަތަކަށް އޭނާ އަދާކުރަން ފެށި ވަޒީފާ އަކީ ޑައިވިން ސްކޫލެއްގައި ޑައިވަރެއްގެ މަގާމެވެ.

ގިޔާސް

"މަސްތުވާތަކެތި ބޭނުންކުރާ މީހާ އެކަން ހުއްޓާލަން އަމިއްލަ އަށް ނިޔަތް ކަނޑަނާޅާހާ ހިނދަކު، އޭނަ އަމިއްލަ އަށް އެ ޑިޒިޝަން ނުނަގާހާ ހިނދަކު، އިޓްސް ނެވާ ގޮއިންޓު ހެޕަން. ކިތަންމެ ލާރިއެއް އޮތަސް، ކިތަންމެ ގިނަ ރިހެބަކަށް ފޮނުވިޔަސް، ކިތަންމެ މޮޅު ޑޮކްޓަރުންގެ ގާތަށް ދިޔަޔަސް އެއީ އޭނަގެ އަމިއްލަ ޑިޒިޝަންއެއް. އައި ޓުކް ދެޓު ޑިޒިޝަން،" ގިޔާސް ބުންޏެވެ.

"އެ ހުއްޓާލި ގޮތަށް އިރާދަކުރެއްވިއްޔާމު އުމުރަށް މިހުރީ ހުއްޓާލައިގެން. މިހާރު މޯ ދެން ތާޓީން އިޔާސް ޑްރަގުން ސަލާމަތްވެގެން ހުންނަތާ."

ޑްރަގާއި ޖަލުން ސަލާމަތްވެގެން ފީނި އާ ދުނިޔެ އިން ފަތާފައި ގޮސް އޭނާ ދެން އެރީ ފިޓްނެސްގެ ދާއިރާއަށެވެ. ޖިމަކަށް ގޮސް ވަން ފުރަތަމަ ދުވަހު މި ޑައިވަރު އެ މާހައުލާއި ޕްރޮފެޝަން އަށް ގެނބިނިމުނީ އެވެ.

ގިޔާސް

"އަބަދުވެސް ފިޓްނެސް އިންޑަސްޓްރީ އަށް ޝައުގުވެރިކަން ހުރޭ. އެ ވާހަކަ ބޭބޭ ކައިރީގައި ބުނީމަ އޭނަ ދިނީ އޭނަގެ ބޫޓު. ބާޒާރު ކޮތަޅަކަށް ބޫޓާއި ތުވާލިކޮޅެއް ލައިގެން ފުރަތަމަ ދުވަހު ޖިމަށް ދިޔައީ. ވަކި ލާރި އެއްކޮށްގެން ޖިމަށް ދައްކާ ފީ ހަމަކުރީ،" ބޮޑީބިލްޑިން އާއި ފިޓްނެސްގެ ދުނިޔެ އަށް ގޮސް ވަން ފުރަތަމަ ދުވަސް ކިޔައިދެމުން ގިޔާސް ބުންޏެވެ.

"ފުރަތަމަ ދިޔައީ ވޯކް އައުޓު ހަދަން. އެކަމަކު ފުރަތަމަ ދުވަހުުން ފެށިގެން ވެސް ނިންމައިފިން ޖިމުގައި މިގޮތަށޭ އުޅެން ބޭނުންވަނީ."

އެކަމަކު މި ގަވާއިދާއި ތަރުތީބަށް ހޭލުމުގެ ކުރިން އޭނާގެ ނިދާފައިވީ ޕޮޓެންޝިއަލް އާއި އަހުލާގު އެންމެ ފުރަތަމަ ތަޅައި ހޭލެއްވީ އެވެ.

"މީހާގެ ފްރޭމް ކިތަންމެ ބޮޑުކޮށް، ކޮންމެ ސިފައެއްގައި، ކިތަންމެ ރީއްޗަކަށް، ކިތަންމެ ހަޑިއަކަސް، އެމީހާގެ ސެލްފް ޑިސިޕްލިން ނެތިއްޔާމު އެމީހާ އަކީ އަސްލު އެއްވެސް މީހެއް ނޫން. ހަގީގަތަކީ އެއީ،" ގިޔާސް ބުންޏެވެ.

ގިޔާސް

"ސެލްފް ޑިސިޕްލިންކުރަން އެންމެ ފުރަތަމަ ކުރި ކަމަކީ ފަތިހު ހޭލަން ދަސްކުރީ. ފަތިހު ހޭލައިގެން ފަތިސް ނަމާދަށް ދާން ފެށީ. އެއީ ފުރަތަމަ ކުރި ކަމަކީ."

އެއަށް ފަހު އަމިއްލަ އަށް ކައްކައި ކާން ފެށީ އެވެ. ގޭތެރެ ސާފުކޮށް އަމިއްލަ އަށް އަންނައުނު ދޮވެ އަމިއްލަ ފާޚާނާ ސާފުކޮށް އެނދު ތަންމަތި އަމިއްލަ އަށް އަޅަން އާދަކޮށް ދިރިއުޅުމުގެ މި އަހުލާގުތަކުގައި ބެއްދުނު އެންމެ ބާރަކަށް ބައްދައިގަތީ އެވެ. އެއަށް ފަހު އޭނާގެ ހުވަފެނުގައި ފެންނަން ފެށީ މިސްޓަ މޯލްޑިވްސްގެ ސްޓޭޖެކެވެ.

"އެންމެ ފުރަތަމަ މިސްޓަ މޯލްޑިވްސް މުބާރާތުގައި އުޅުނީ ސްޓޭޖު ފަހަތުގައި މީހުންނަށް އެހީވާން. ވޯޓާބޯއިއަކަށް. މުބާރާތުގައި ވާދަކުރާ މީހުންގެ ގައިގައި ކުލަލުމާއި އެކަހަލަ ކަންތައް ކުރުމުގައި. އެހެން އުޅެމުން ގޮސް މިސްޓަ މޯލްޑިވްސް މުބާރާތަށް އަރަން ބޭނުންވެއްޖެ،" ގިޔާސް ކިޔައިދިނެވެ.

ނަމަވެސް ކިޔެވުން ނިންމާލާފައި ކުރިއަށް ދާނެ ގޮތެއް ބުނެދޭނެ މީހަކު ނުވެގެން އުޅެން ޖެހުނު ހާލު އޭނާ އަށް ޖިމުގެ ވާދަވެރި މާހައުލުގައި ވެސް ޖެހުނީ އެވެ.

"އެންމެ ފުރަތަމަ ބިސްމި ކިޔާފަ ބޮޑިބިލްޑްކުރަން އުޅުނުއިރު އޭރުގަ މި ދާއިރާގައި އުޅުނު ބޮޑީބިލްގެ ތެރޭގައި އުޅުނު ސީނިއާ މީހުން ބުނީ ކަލެއަކަށް ނުވާނެއޭ. އެކަހަލަ ބައެއް އެއްޗެހި އަދި އަދަށް ދާން ވެސް އެބަހުރި އިއްޔެ ވީ ކަންކަންހެން ހަނދާން ވެސް،" ގިޔާސް ބުންޏެވެ.

"ވަރަށް ދެރަވި އެހާ ގޯގައި ހުއްޓާ ލެޓް ޑައުންކޮށްލީމަ. މީނަ އަށް ކޮންމެ މުބާރާތަކެއް ހެއްޔޭ އެރޭނީ ކިޔާފައި އިނގިލި ދިއްކޮށް ހޭން ތިބި ހަނދާން އެބަހުރި މީހުން."

މިސްޓަ މޯލްޑިވްސްގެ މުބާރާތަކުން ފުރުސަތު ހޯދުމަށް ގިޔާސް ކުރި ފުރަތަމަ މަސައްކަތުގައި އޭނާ ވެއްޓުނީ ފުލަށެވެ.

ގިޔާސް

"ބޮޑީ ބިލްޑިން ފެޑެރޭޝަނުން ބޭއްވި ސިލެކްޝަނެއް އެއީ. ސިލެކްޝަނަށް އެފަހަރު ދިޔައީ 11 މީހުން. މުބާރާތަށް ނަގަން އޮތީ 10 މީހުން. އަހަރެން ފިޔަވައި ދެން ތިބި އެންމެން ހޮވުނު މުބާރާތަށް،" ގިޔާސް ކިޔައިދިނެވެ.

"ދެން ވަރަށް ދެރަވެސް ވެއްޖެ. އެކަމަކު ހިތަށް އެރީ އަދި މިހެން މިކަމެއް ދުލެއް ނުކުރާނަމޭ."

ޖެހިގެން ދެން އައި އަހަރުގެ މިސްޓަ މޯލްޑިވްސްގެ ސްޓޭޖުން އޭނާ އަށް ފުރުސަތު ލިބުނެވެ. އެ މުބާރާތުގައި ވާދަކޮށް ރަން ވަނަތަކެއް ލިބިފައި ނެތަސް ގިޔާސް ޗެމްޕިއަނަކަށް ވަނީ ގުޑުމެއް ނާރާ އޭނާގެ ގަދަފަދަ އަޒުމަށެވެ.

"މާދަމާ މުބާރާތަކަށް ގޮސް ސުމަކަށް ވެއްޓުނަސް ދެން އަންނަ މުބާރާތަކަށް ވެސް ދާނަން. ސަބަބަކީ އަހަރެން މިއީ ދޫކޮށްލާނެ މީހެއް ނޫން،" ގިޔާސް ބުނެލި އެވެ.

އެކަން އޭނާ އެ ދަނީ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގައި ވެސް ކަޅާއި ހުދުން އެނގޭހާ ސާފުކޮށް ސާބިތުކޮށްދެމުންނެވެ. ބޮޑީބިލްޑަރެއްގެ ގޮތުގައި ރަންވަނަތަކެއް ލިބިފައި ނެތަސް އޭނާ އަކީ މިހާރު ވެސް ގަވާއިދުން އަމިއްލަ އަށް އިންވެސްޓްކޮށްގެން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ބައިވެރިވެ އަހަރުން އަހަރަށް މައްޗަށް އަރަމުން އަންނަ ތަރިއެކެވެ.

ގިޔާސް

"އަހަރެން ސާބިތުކޮށްދޭން ބޭނުންވީ މީހުން އަދި ނުވާނެއޭ ބުންޏަސް އެކަމެއް ނުވެ ނުހުންނާނެކަން. މީހުންނަށް އެގޮތަށް ޖަޖުކުރަން ފުރުސަތު ނުދޭށޭ. މީހުން ބުނާ ގޮތަކަށް ނޫން ކަންތައް ވާނީ. ތިމާ އަމިއްލަ އަށް ނަގާ ޑިޒިޝަނަކަށް ކަންތައް ވާނީ،" ގިޔާސް ބުންޏެވެ.

"މީހުން މަށާ ދިމާލަށް ކަލޭ ތިއީ ވަރަށް ބޮޑު މީހެކޭ. ކަލެއަކަށް ނުދުވެވޭނެއޭ ބުނީމަ އަހަރެން ގޮސް ކޮލަމްބޯ ގައި އޮތް 42 ކިލޯމީޓަރުގެ މެރަތަންއެއްގައި ދުވީ."

މި ހިތްވަރާއި ފޯރީގައި އޭނާ ދަނީ އަދިވެސް ކުރިއަށެވެ. ހިފެހެއްޓުމެއް ނެތި، ފަސްއެނބުރި ބެލުމެއް ނެތި އެވެ. ކުރިމަތީގައި މިއަދު އޮތީ ހުސް ކާމިޔާބީއެވެ. އެއް އިރެއްގައި ލާރި ނެތިގެން ޖިމަށް ނުދެވިފައި ހުރި މި ޒުވާނާ އަކީ މިއަދު ޖިމް އޯނަރެކެވެ. މުޅި ފިޓްނެސް ކޮމިއުނިޓީ ގަބޫލުކުރާ ފެންވަރުގެ ބަތަލެކެވެ.

ބޮޑީ ބިލްޑިން މަސްތުވާތަކެތި ދަ ސެޝަން

Popular