22 Jul 2018

ރާޅުގަނޑުން ޒުވާނުންގެ އެކުވެރިޔާ

By: Aishath Maaha

ހައްމާދު ރަޝީދު (ހަމްޕު) އަކީ ޒުވާނުންގެ މެދުގައި އާ މޫނެއް ނޫނެވެ. ޒުވާނުންގެ މެދުގައި މަގުބޫލު މޫނެކެވެ. ހަމްޕު އަކީ އާޓްގެ އެކި ދާއިރާތަކުން ކުރިއަށް ދާން ބޭނުންވެފައި ހުރި ޒުވާނުންގެ އަތުގައި ހިފައިގެން ނުކުމެ އުޅޭ ޒުވާނެކެވެ. އަމިއްލަ މީހާއަށްވުރެ ބޮޑަށް އެހެން ޒުވާނުން ކުރިއަށް ދާން ފުރުސަތުތައް ހޯދައިދެމުން އަންނަ މީހެކެވެ. މިއީ މޭކްއޯވާގެ މި ސެގްމަންޓްގެ މެހެމާން ހަމްޕުގެ ކުރު އެކަމަކު ފޮނި ތައާރަފެއް ދެވޭނެ ގޮތެކެވެ.

ހަމްޕުގެ އެހެން ވާހަކަތަކަށް ޖެހިލުމުގެ ކުރިން ހަމްޕުއާ އެކު މޭކްއޯވާގެ މި ސެގްމަންޓުގެ ކުރު ތައާރަފެއް ދޭނަމެވެ. ލެޕާފިއުމްގެ ޕާފިއުމްތަކުން މީރުވަސްތައް އެއްކޮށްލައިގެން ގެނެސްދޭން، ކޮމްފޫޑްގައި ހުރި ރާބަދިތައް ހިފައިގެން އެންމެ ފުރަތަމަ ވެސް ނައްޓާލީ އެލްޕް ކެފޭއާ ދިމާއަށެވެ. އެލްޕްގެ ހިތްގައިމު މާހައުލުގައި ސަޅި ފޮޓޯތައް ނަގައިދީ ހަމްޕުގެ މޭކަޕްކޮށްދިނީ މަސްރާހް ނަސީމް އެވެ. ޗެޕްސް އަދި ސޮނީ ސްޕޯޓްސްގެ ރީތި ހެދުންތައް ދައްކާލިއިރު ވީޑިއޯ ނަގައިދިނީ އަފްޝީން ނަސީރެވެ. -

ފޮޓޯ: މަސްރާހް

ދެން އަނެއްކާވެސް ހަމްޕުގެ ވާހަކަ ދައްކަން ހިނގާށެވެ. މި ހަމްޕުއަށް ބޮޑު މަޝްހޫރުކަމެއް ލިބުނީ ރާޅުގަނޑު ނަމުގައި ބޮޑުބެރު ގްރޫޕެއް ހަދައިގެން ނުކުތް ހިސާބުންނޭ ގިނަ ބަޔަކަށް ހީވި ނަމަވެސް ސްކޫލް ދައުރުގައި ވެސް ނެށުމާއި ބޮޑުބެރުގައި މިއީ ހަމަ ވަނަ އެކެވެ. އޭރު ވެސް މިއީ މަޝްހޫރު މޫނެކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

މިޒާޖުގައި މަޑުމައިތިރި ކަމެއް ހުއްޓަސް އަދި މިހާރު ބޮޑުބެރުގައި ވޯކަލިސްޓެއްގެ ކުރިން މިއީ ނެށުންތެރި އެކެވެ. އެންމެ ފުރަތަމަ ބޮޑުބެރުގައި އޭނާ އުޅުނީ ވެސް ނަށާށެވެ. މިހާރު ވެސް ނަށަން ފުރުސަތު އޮތް ނަމަ މައިކު ބާއްވާފައި އޭނާ އަރާނީ ނަށާށެވެ. ބޮޑުބެރުގެ ތަފާތު ލަވަތަކަށް ނެށުމުގެ އިތުރުން އެއް ދުވަސްވަރެއްގައި ޑާންސް ގްރޫޕެއް ހަދައިގެން ވެސް އޭނާ އުޅުނެވެ. ސްކޫލްގައި އުޅެމުން ހެދި އެ ގްރޫޕްގައި އުޅުމަށް ފަހު ދުވަސްތަކެއް ވަންދެން ރަވީ ފާރޫގްގެ "ގޯސްޓް" ގްރޫޕްގައި ވެސް އޭނާ އުޅުނެވެ. ނަމަވެސް ނެށުންތެރިންނަށް މުޖުތަމައުގައި މާބޮޑު އިހްތިރާމެއް ނުލިބޭތީއާ އެކު ބޮޑުބެރާ ދިމާއަށް އަނެއްކާ ވެސް އެނބުރުނީ އެވެ. -- ސްކޫލް ދައުރުގައި ވެސް އޭނާ ބޮޑުބެރުގެ ތެރޭގައި އުޅުނެވެ.

ފޮޓޯގްރެފީ: މަސްރަހް

ހެންވޭރު ބޮޑުބެރު ގްރޫޕްގައި މާފޯރިއެއް ދައްކާފައި ނަށަން އުޅެނިކޮށް ޖެހުނު މައްސަލައެއްގައި ގްރޫޕް އުވާލައި ބައިބައިވެގެން ދިޔައީ އެވެ. އެ ގްރޫޕްގައި އޭރު އިސްކޮށް އުޅުނު ކުދިންތައް އަމިއްލަ ގްރޫޕްތައް އުފައްދައި އެ ހުރިހާ ބޮޑުބެރު ގްރޫޕަކުން ވެސް އައި އޮފާތައް ދޫކޮށްލާފައި ހަމްޕު ނުކުތީ ރާޅުގަނޑު ބޮޑުބެރު ގްރޫޕް އުފައްދާ އެ ގްރޫޕާ އެކުގަ އެވެ. އޭރު އެއީ އުމުރުން އެންމެ 16 ވަރަކަށް އަހަރުގެ ކުޑަ ކުއްޖެކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

އެންމެ ފުރަތަމަ އެ ގްރޫޕްގެ ލީޑް ވޯކަލިސްޓަކީ ވެސް ހަމްޕު އެވެ. އޭރު ގްރޫޕް އުފެއްދިއިރު އެކަމަށް އެންމެ އެކަށީގެންވާ މީހަކީ ހަމްޕު ކަމަށް އިސްކޮށް އުޅުނު މީހުންނަށް ފެނުނީމަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ސްކޫލް ދައުރުގައި ގުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތްތަކާ ރައްޓެހި ހަމްޕުއަށް އެ ހުނަރު ވެސް ލިބިފައި ހުރީމަ އެވެ. މިހާރު ޝޯތަކުގައި ބައިވެރި ނުވެވުނު ނަމަވެސް އިންތިޒާމް ކުރުމާއި ހުރިހާ ކަމެއްގައި އޭނާ ބައިވެރިވެ ގާތުން ހުރިހާ ކަމެއް ބަލާ ހަދަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

"އޭރު ކޮންމެ ބައެއްގެ ކައިރީގައި ވެސް އަމިއްލަ ގްރޫޕެއް ހަދާނީއޭ ބުނީ އެމީހުންގެ ކައިރިއަށް އައީ ހިނި އިމްޕޮސިބަލް އޭ ބުނާކަހަލަ ގޮތަކަށް. އެކަމަކު އައި މޭޑް އިޓް ޕޮސިބަލް އެންޑް ޕްރޫވްޑް ދެމް ރޯންގް،" ޒުވާނުންތަކެއް ގޮވައިގެން ފުރުސަތުތަކަކާ ދިމާއަށް މިސްރާބު ޖެހިގޮތް ކިޔައިދެމުން ހަމްޕު ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

"އޭރު ހަމްޕުމެންގެ ނީންނާނެ ސްޓޫޑިއޯއެއް ވެސް. ރާޅުގަނޑުގައި އަސްކަންޏެއް ހަދައިގެން އެތާ ޕްރެކްޓިސް ކުރަނީ. ވާރޭ ވެހެންޏާ ކުޑަހުޅާ ހަމައަށް ފެން ހެދިފައި ހުއްޓަސް ފޯރީގައި ބެރުޖަހާނެ ވަކި އިރެއް ނުބަލާނެ. ބެރުގެ ހަން ނުތެމެންޏާ ރަނގަޅުވާނެ އަހަރެމެން ތެމުނަސް. އެހެން ފެށީ. މިއަދު ފެންވަރު ރަނގަޅު ސްޓޫޑިއޯއެއް އިންނާނެ. މާލޭގައި އިން އެންމެ ބޮޑު ސްޓޫޑިއޯ ރާޅުގަނޑަކީ މީހުންނަށް ނޭނގުނަސް."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

މާ ބައިވަރު ބޮޑުބެރު ގްރޫޕްތަކެއް ނެތް އެ ދުވަސްވަރު ގިނަ ފުރުސަތުތަކެއް ހަމްޕުގެ ގްރޫޕަށް ވެސް ދިޔައީ ލިބެމުންނެވެ. ބޮޑުބެރު ޖަހަން ބޭނުންވެ ނުވަތަ އޭގެ ތެރޭގައި އުޅެން ބޭނުން ވެގެން އައި ކޮންމެ ޒުވާނެއްގެ އަތުގައި ހިފައިގެން ނައްޓާލިއިރު މިހާތަނަށް 500 އެއްހާ ޒުވާނުން އެ ގްރޫޕްގައި ކޮންމެވެސް ދުވަސްވަރެއްގައި މަސައްކަތް ކޮށްފި އެވެ. ރަސްމީކޮށް ގްރޫޕްގެ މެމްބާޝިޕްގެ ދަށުން 100 އެއްހާ ކުދިން މަސައްކަތް ކޮށްފައިވާނެ ކަމަށް ހަމްޕު ބުންޏެވެ. ނަމަވެސް އެންމެ ފުރަތަމަ ގްރޫޕް އުފައްދައި ފްރޮންޓް ލައިންގައި ތިބި އަށް ވަރަކަށް ބައިވެރިން އަދި ވެސް ގްރޫޕްގައި އެބަތިއްބެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

"ބައެއް ފަހަރު ޝޯތަކަށް ދާއިރު އެބަތިބޭ 25، 30 ކުދިން. ކުދިން ގިނަ ވެފަ ތިބެނީ. އެކަމަކު ވެސް އިންޓްރަސްޓް ހުރެގެން އަންނަ އެއްވެސް ކުއްޖަކު ފޮނުވައެއް ނުލަން."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

މި ހުރިހާ ކުދިންނަށް އެ ގްރޫޕުން ފުުރުސަތު ދޭ ސަބަބަކީ ޝައުގުވެރިކަމާއެކު ކުރިއަށް ދާން ބޭނުންވެ ފުރުސަތެއް ލިބިފައި ނެތް ޒުވާނުންތަކަކަށް ފުރުސަތު ހޯދައިދޭން ވެގެންނެވެ. ނެށުންތެރިއެއްގެ ގޮތުގައި އުޅުނުއިރު އާޓްގެ ދާއިރާއާ ގުޅުންހުރި ގިނަ ބަޔަކާ ދިމާވެ އެމީހުން ދަންނަ މީހަކަށް ވުމުން އެހެން ބަޔަކަށް ކުރިއަށް ދާން ފުރުސަތުތަކެއް ހޯދައިދެވޭނެ މީހަކަށް ވެވިދާނެ ކަމަށް ގަބޫލުކުރާތީ އެވެ. ހަމައެކަނި އަމިއްލަ މީހާ ކުރިއަރައިގެން ދިއުމުގެ ބަދަލުގައި ބައިވަރު ޒުވާނުންތަކެއް ވެސް ކާމިޔާބާ ހަމައަށް ގެންގޮސްދޭން ބޭނުންވެގެންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

ރާޅުގަނޑު އުފައްދައިގެން އެ ގްރޫޕް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރިއިރު ހަމްޕު ވެސް އުޅުނީ ވަޒީފާގަ އެވެ. އުރީދޫގައި ތިން ވަރަކަށް އަހަރު ވަޒީފާގައި އުޅުމަށް ފަހު އައިލެންޑް އޭވިއޭޝަންގައި ހަތަރު ވަރަކަށް އަހަރު ވަޒީފާ އަދާކުރި އެވެ. ނަމަވެސް އެންމެ އެކަށީގެންވާ ވަގުތު ބޮޑުބެރަށް ނުދެވޭތީ އަމިއްލަ މަސައްކަތެއް ފެށީ އެވެ. ވިޔަފާރިއެއް ކުރުމަކީ އަބަދުވެސް އެންމެ ކުރަން ބޭނުންވާ ކަންތަކަށް ވާތީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

އެގޮތުން ރަޗީޓޯގެ ނަމުގައި ގަލޮޅު ކަންމަތީގައި ކުޑަ ޓޭކްއަވޭ ކެފޭއެއް އަންނަނީ ހިންގަމުންނެވެ. އެތަން އިތުރަށް ފުޅާކުރުމުގެ މަސައްކަތަށް ހަމްޕު އަންނަނީ ތައްޔާރުވަމުންނެވެ. އެތަން ހުޅުވީ އަމިއްލަ ޝައުގުވެރިކަމަކަށް އެކަންޏެއް ނޫނެވެ. ހަމްޕުގެ މަންމަ އުފައްދާ އުފެއްދުންތަކަށް މާކެޓެއް ހޯދައިދިނުމުގެ ބޭނުމުގައާ ވެސް އެކުގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

ހަމްޕުގެ ހުނަރުތައް ގޮސް ހުއްޓެނީ ބޮޑުބެރު ޖެހުމާއި ލަވަ ކިޔުމާއި އަދި ވިޔަފާރިއާ ހިސާބަށް އެކަންޏެއް ނޫނެވެ. ލަވަ ހެދުމަކީ ވެސް ހަމްޕުއަށް ލިބިފައިވާ ހުނަރެކެވެ. ރާޅުގަނޑު ގްރޫޕްގެ އަލްބަމެއް ނެރެން މަސައްކަތް ކުރަމުން އަންނަ އިރު އެ ގްރޫޕް ފަރާތުން ވަކިވަކި ލަވަތަކެއް ވެސް މިހާތަނަށް ވަނީ ނެރެފަ އެވެ. އެ އަލްބަމްގައި ހަމްޕު ލިރިކްސް ހަދާ މެލޮޑީ ހަދާފައިވާ ހަ ލަވައެއް އިންނާނެ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

އޭގެ އިތުރުން ހަމްޕުގެ އެ ފިޓް ހަށިގަނޑަށް ބަލާލާއިރު އެއީ ވެސް ހަމްޕުގެ ޝައުގުވެރިކަން ހުރި ދާއިރާއެއް ކަން އެނގޭނުން ހެއްޔެވެ. ސެޓިފައިޑް ރެޑިކަލް ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ދެ އަހަރު ވާންދެން ޓީއެފްޖީގައި ޕާޓްޓައިމްކޮށް މަސައްކަތް ކުރި އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޫރާ | މޭކަޕް: މަސްރާހް | ވޯޑްރޯބް: ސޮނީ ސްޕޯޓްސް، ޗެޕްސް

މިއުޒިކް ނުވަތަ ބޮޑުބެރު ޖަހައި އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ހުއްޓަސް އޭނާގެ ގްރޫޕްގެ ބައިވެރިންނަށް ހަމްޕު ދޭ ނަސޭހަތެއް އޮވެ އެވެ. ކިތަންމެ މުހިންމު ޝޯ އެއް އޮތަސް ވަޒީފާއަށް މަކަރު ހަދާފައި ނުވަތަ ކޮލެޖަށް މަކަރު ހަދާފައި ބޮޑުބެރު ޖަހަން ނާންނާށޭ އެވެ. އެ ގްރޫޕްގެ އަލްބަމް ވެސް އެއްކޮށް ނުނިންމިގެން އުޅެނީ އެހެންވެ އެވެ. ވަޒީފާތަކާއި ކިޔެވުމުގައި ގްރޫޕްގެ ބައިވެރިން ބިޒީވާތީ އެވެ. އެކަންކަމަށް ވުރެ ބޮޑުބެރު އިސްކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫންވީމަ އެވެ.

Popular