10 Oct 2018

ތުނޑިމަތިން އުފެދުނު ޕެޓް މާސްޓަރު

ތުނޑިމަތިން އުފެދުނު ޕެޓް މާސްޓަރު

By: Aishath Maaha

ކިޔަވަން ސްކޫލަށް ދިޔައިރު ވެސް މުހައްމަދު ނަސީރުގެ ހިތާއި ސިކުނޑި އޮންނަނީ ރަށުގެ ތުނޑީ ފަރާތަށް އައިސް އުޅޭ މޫސުމީ ރީތި ދޫނިތަކުގެ ކައިރީގަ އެވެ. މަކުތަބުން ދިން ފިލާވަޅުތަކާއި އެތަނުގައި އެއް އުމުރުގެ ކުދިން ނަގަމުން ދިޔަ މަޖަލަށް ވުރެ ވެސް ބޮޑަށް އޭނާގެ ހިތް ދޫވީ ދުށިން، އަލަކަ، ބޮނޑަނަ، ރަތަފަ ފަދަ ދޫނިތަކަށެވެ.

ކްލާސް ކަޓުވާލާފައި ދެތިން ކުއްޖަކާ އެކުގައި ނުވަތަ އެކަނި ވިޔަސް، މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ހއ. ބެރިންމަދޫ ތުނޑިއަށް ގޮސް، ބޮނދައިގެން އޮންނަނީ އެ ދޫނިތަކަށް އެ ހިތުގައި އުފެދިފައި އޮތް ޝައުގުވެރިކަމާއި ލޯތްބެއްގެ ސަބަބުންނެވެ. ދޫނި ހިފަން ގެންގުޅޭ ސާމާނުތައް ވަލުތެރޭގެ އެކި ހިސާބުތަކުގައި ފޮރުވާފައި ބަހައްޓައިގެން، ގެއިން ފިލައިގެން ދޫނި ހިފަން ދިޔަ ދުވަސްތައް އިނގިލިން ގުނާލެވޭ ވަރަށް ވުރެ ގިނަ އެވެ.

މާލޭގައި ޕެޓް މާސްޓާގެ ނަމުގައި އެކި ކަހަލަ ދޫނިތަކާއި މަހާއި ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުތަކާއި އެ ކަމަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަން ހުންނަ މި ފިހާރަތަކުގެ ވެރިޔާ މުހައްމަދު ނަސީރު، 44، ގެ ވާހަކަ ފެށިގެން އަންނަ ހިސާބަކީ އެއީ އެވެ.

ކިޔެވުން ދޫކޮށް، ދޫނި ހިފަންދާން މަސައްކަތްކުރާތީ ގޭގައި ބަނދެފައި ބެހެއްޓި ހަނދާން އަދިވެސް ނަސީރުގެ އެބަހުއްޓެވެ. އެކަމަކު އޭނާ މިއަދު ހުރި ހިސާބުގެ ފެށުމަކީ އެއީ އެވެ.

ޕެޓް މާސްޓާ ފިހާރަގައި އިން ދޫންޏެއް. -- މިހާރު ފޮޓޯ

"އޭރު ހުންނާނީ ވަލުތެރޭގައި އެއްޗެހި ފޮރުވާފަ. މޫދަށް ގޮސް އައިސްފަ ލާނެ އެއްޗެހި ވެސް ހުންނާނެ ފޮރުވާފަ ބަހައްޓާފަ. ބައެއް ދޫނިތައް ހިފަން މޫދަށް ވެސް އެރެން ޖެހޭނެ. އެހާވަރުން އުޅެގެން އެންމެ ދޫންޏެއް ވެސް ހިފިދާނެ،" ނަސީރު ކިޔައިދިނެވެ.

މައިންބަފައިންގެ ސަޕޯޓް މާބޮޑަށް ނުލިބުނަސް އެއްބަނޑުގައި ދެން ތިބި ކުދިން ވެސް ޝައުގުވެރިވާތީ ގެއަށް ގެނެސް އެ ދޫނިތައް ގެންގުޅެން ބޮޑު ހިތްވަރެއް ލިބުނެވެ. އެންމެ ފުރަތަމަ އޮޅުކޮށްގެން ގެންގުޅުނީ ގާދޫންޏެވެ. އެއްފަހަރާ ދިހަ ވަރަކަށް ދޫނި ވެސް އޭނާ ގެންގުޅުނެވެ. ދޫނި ހިފައި ގެންގުޅެން ފެށީއްސުރެ ދޫންޏެއް ނުގެންގުޅޭ ދުވަސްވަރެއް ނުދާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާ ގެންގުޅުނު ދޫނިތަކުގެ ތެރޭގައި އިރުވާހުދު، ބޮނޑަނަ، ބުޅިތުނބި. ތޭރަވާ، ރަތަފާ، އަލަކަ، ކޮވެލި، އަދި ކާޅެއް ވެސް ހިމެނެ އެވެ. ގޭގައި އާންމުކޮށް ކެއުމަށް ބޭނުންކުރާ ކާނާއަށް އެތަކެތި އާދަކޮށްގެން ގެންގުޅުނެވެ. އެތައް އަހަރެއް ވަންދެން އެގޮތަށް ދޫނިތައް ގެންގުޅުމުގެ ނަތީޖާއަކަށްވީ މިއަދު އެކަހަލަ ދޫނިތަކަށް އަދި ނަސީރުގެ ފިހާރައިން ލިބެން ހުންނަ ދޫނިތަކަށް ވެސް ކުރިމަތިވާ ކޮންމެ މައްސަލައެއް ވެސް ހައްލުކުރަން ދަސްވުމެވެ.

ޕެޓް މާސްޓާ ނަސީރު / މިހާރު ފޮޓޯ

"ބައެއް މީހުން ގެންދާނެ ބޭބީ ދޫނި. ދޭން އޭގެ ހޮޅިކޮޅު ކާން ދިނުމުގެ ތެރޭގައި ގޮސްދާނެ (ބަނޑަށް). ގޮސްގެން ދަންވަރު ވެސް ހުންނާނެ މީހުން ގުޅާފަ. ހުންނާނެ ދަންވަރު ގޮސް ހޮޅިކޮޅު ނަގައިދީފަ ވެސް. ކިޔަވާފައެއް ނޫން. އެކަމަކު ދޫނީގެ ވަރަށް ގިނަ ކަންތައްތައް އެނގޭނެ، މިހާރު ފައެއް އެއްޗެއް ބިންދައިގެން ގޮސް ޑެމޭޖެއް އެއްޗެއް ވިޔަސް އެއަށް ކަންތައް ކުރަންވާ ގޮތް."

އުމުރުން 16 ވަރަކަށް އަހަރުގައި ވަޒީފާއެއް ހޯދަން މާލެ އައުމާ ހަމައަށް ނަސީރަކީ އެތައް ބައިވަރު ދޫންޏެއްގެ ބެލެނިވެރިޔާ އެވެ. ނަސީރު ބުނީ އޭނާ ގެންގުޅޭ ދޫންޏެއް ވަގަށް ނަގައިފި ނަމަ، އެ ދޫންޏެއް ގެންގުޅޭ މީހެއްގެ އަތުން ގަދަކަމުން ނަމަވެސް އަތުލައިގެން ގެނެ އެވެ.

"މާލެ އައިމަ ބޭބެމެން ވަރަށް ދުވަހު ގެންގުޅެން ވެސް ގެންގުޅުނު ދޫނިތައް. ދެން ފަހުން ރައްޓެހިންނަށާއި ގާތް މީހުންނަށް ބަހާލީ އެ ދޫނިތައް."

ދޫނިތަކާއި ޕެޓުތައް ނަސީރުގެ ދިރިއުޅުމާ ދުވަސްކޮޅަކަށް ދުރަށް ދިޔަ ނަމަވެސް އޭގެ ހިޔާލާއި އެއަށް ޖެހިފައި އޮތް ލޯބި އުދުހިގެން ނުގޮސް ހިތުގައި މަޑުޖެހިފަ އޮތެވެ. އޭގެ ފަހުން ރައްޓެއްސަކާ އެކު ޕެޓުގެ ވިޔަފާރީގެ ތެރޭގައި އަހަރުތަކެއް ވަންދެން ނަސީރު އުޅުނެވެ.

ގޭގައި ގެންގުޅެވޭ ކުދި ދޫނިތައް މިހާރު ގޭގައި ގެންގުޅެ އެވެ. އެފްރިކަން ގްރޭ އާއި ލަވް ބާޑްސް ގެންގުޅުނެވެ. މަސް ވެސް މިހާރު ގެންގުޅެ އެވެ. މަސް ގެންގުޅެން ފެށީ ކާފަދަރިފުޅުގެ ޝައުގުވެރިކަމާއި ގުޅުވާލައިފަ އެވެ.

ޕެޓް މާސްޓާ ނަސީރު / މިހާރު ފޮޓޯ

އެ ޝައުގުވެރިކަމުގައި ދޮށީ ދަރިފުޅާ ގުޅިގެން މާލޭގައި މީގެ ހައެއްކަ އަހަރު ކުރިން ޕެޓް މާސްޓާ 1 ނަސީރު ހުޅުވި އެވެ. އެ ވިޔަފާރި ފުޅާކޮށް ޕެޓް މާސްޓާގެ އިތުރު ފިހާރައެއް ވެސް ވަނީ ހުޅުވައިފަ އެވެ. ސަންކޮނުއާ، ލޮރީސް، ކޮކްޓެއިލް، ރިންގްނެކް، ޕިންޗަރު، ލަވް ބާޑްސް، މުސަޅު، ބުޅާ، މަސް މިހެން ގޮސް އާންމުކޮށް ޕެޓުގެ ގޮތުގައި ގެންގުޅޭ ހުރިހާ ވައްތަރެއްގެ ދޫންޏާއި މަސް އަދި އެހެނިހެން ޖަނަވާރު އެ ފިހާރަތަކުން ލިބޭނެ އެވެ. އޭގެ އިތުރުން އެ އެއްޗެހި ގެންގުޅެން ބޭނުންވާ ކޮއްޓާއި ކާނާ އާއި އެހެނިހެން ހުރިހާ ސާމާނެއް ވެސް ލިބެން ހުންނާނެ އެވެ.

"ގޭގައި ގެންގުޅުނު ލަވްބާޑް އެއްޗެހި ވެސް ދޫކޮށްލާފަ ހުންނާނީ. ގޮވާލާއިރަށް އަންނާނެ އުދުހިލާފަ. އެކަމަކު ހަތަރު ވަރަކަށް އެތި އެއްފަހަރާ ގެންގުޅުނީ މާލޭގައި އުޅެން ފެށިފަހުން. އެކަމަކު އެ އެއްޗެހި ގެންގުޅެން ފެށީ މީގެ ހަ ވަރަކަށް އަހަރު ކުރިން."

ދޫންޏާއި ޕެޓުގެ މި ވިޔަފާރި މޮނިޓަކޮށް އޮބްޒާވް ކުރަމުން ނަސީރު އަންނަނީ ލިލީ ކުންފުނީގައި ވަޒީފާ އަދާކުރަމުންނެވެ. ވިޔަފާރީގެ ކަންކަން ކުރިއަށް ގެންދަނީ ދަރިފުޅު ކަމަށް ނަސީރު ބުންޏެވެ.

ޕެޓް

Popular