20 Feb 2019

މަރީ: ދުވަން ފެށީ މަޖަލަކަށް، މިހާރު ރެކޯޑް ފޮތަށް!

މަރީ: ދުވަން ފެށީ މަޖަލަކަށް، މިހާރު ރެކޯޑް ފޮތަށް!

By: Ahmed Nadym

މަރިޔަމް އަބްދުލް ކަރީމް ދަންނަނީ ކިހިނެއްތޯ ސުވާލުކޮށްފި ނަމަ ވަރަށް ގިނަ މީހުން ބުނާނީ "ހީޓު މަރީ" އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ގްރޫޕް ފިޓްނެސް ޓްރެއިނަރޭ އެވެ. އެކަމަކު އުމުރުން 43 އަހަރުގެ، ދެ ކުދިންގެ މި މަންމަ އަކީ ހަމައެކަނި "ހީޓު" ގައި މަސައްކަތްކުރާ ފިޓްނެސް އިންސްޓްރަކްޓަރެކޭ ކިޔައި ނިންމާލެވޭ ވަރަށް ވުރެ އާދަޔާހިލާފު، ފިސާރި އަންހެނެކެވެ.

ވަކިން ހާއްސަކޮށް ރިކޯޑް ބްރޭކިން ދުވުންތެރިއެއްގެ ގޮތުގައި އޭނާ މި ފަހުން ދައްކާލި އަދި ދައްކަމުން އަންނަ ހިތްވަރާއި ބުންވަރަކީ ލާމަސީލު ނަމޫނާ އެކެވެ. ކުރިން ދުވުންތެރިޔަކަށް ނުވެ، އެކަމަކު މިހާރު އޭނާ މި ވަނީ ޓްރެކުގައި ނެތްވަރުގެ އާދަޔާހިލާފު ދުވުންތެރިޔަކަށް "ރެއަކާއިދުވާލަކުން" ބަދަލުވެފަ އެވެ. އެހެންވީމަ، މަރިޔަމް ވަރުގެ ފިޓްނެސް އިންސްޓްރަކްޓަރެއް އަދި ދުވާ އެތުލީޓެއް ވެސް މި ރާއްޖޭގައި މިވަގުތަކު ނެތޭ ބުނުމަކީ ޔަގީނުން ވެސް އޭނާ އަށް ވަރަށް ހައްގު ތައުރީފެކެވެ. އެކަމަކު މަރީގެ ހިތް ވެސް އާދަޔާހިލާފަށް ބޮޑެވެ. މިއިން އެއްވެސް ޝަރަފެއް އޭނާ ބޭނުމެއް ނޫނެވެ.

ވަރަށް ފަހުން ދުވުމުގެ ތެރެއަށް ވަދެ، އަދި ނިސްބަތުން ދޮށީ އުމުރެއްގައި ރާއްޖޭގެ އެންމެ ޒުވާން އަދި އެންމެ ޕްރޮފެޝަނަލް ދުވުންތެރިންނަށް ގޮންޖަހާލި މި ހިތްވަރުން މުގުރާލި ރިކޯޑްތަކަށް އެންމެ ފުރަތަމަ ބަލައިލަމާ ހިނގާށެވެ. ދުވުމުގެ ރަސްމީ ރޭހަކަށް މަރީ ނުކުތީ 2010 ވަނަ އަހަރު އުމުރުން 35 އަހަރުގަ އެވެ. އެއީ ދިރާގު ރޯޑް ރޭހަށެވެ. އާއިލާ މީހުންނާ އެކު މަޖަލަކަށް ނުކުމެ ޖަހާލި 5ކޭގެ އެ ރޭސް އޭނާ ނިންމާލީ އަންހެނުންގެ ބައިން އެންމެ ކުރިންނެވެ. އެއަށް ފަހު ޖެހިގެން އައި އަހަރު އޭނާ ފަތަހަކުރީ ހަމަ އެ ރޭހުގައި 10ކޭ އެވެ.

"ފުރަތަމަ ފަހަރު 5ކޭގައި އެއް ވަނަ ލިބުމުން ހިތަށްއެރީ އެއިން އަދި އަހަންނަށް ވަނައެއް ލިބުނަސް ރަނގަޅަށް ދުވާ މީހުން އުޅޭނެއޭ. އެ މީހުން އޭގައި ބައިވެރިނުވަނީ ކަމަށް ވެދާނެއޭ."

"އެއީ އެއްވެސް ތަމްރީނެއް ހަދައިގެން އެއްވެސް މީހެއްގެ އިރުޝާދު ލިބިގެން ވާދަކުރި މުބާރާތެއް ނޫން. ހަމަ މަޖަލަކަށް ކޮށްލި ކަމެއްވިއްޔަ."

އެކަމަކު ދުވަން މަރުދޭ ކޮމިއުނިޓީގެ މީހުންނަށް އެކަން މަޖަލަކަށް ނުވި އެވެ. މީގެ ކުރިން ދުވަހަކު ވެސް ދުވުމުގެ ރޭހަކަށް އަރާފައިނުވާ މީހަކު ކުއްލިއަކަށް އައިސް އެ މީހުންގެ މައިދާން ފަތަހަކުރުމުން އެންމެން ވެސް ބޭނުންވީ އެ މީހުންގެ ދުވާ ޓީމުގައި މަރީ ހިމަނާށެވެ. އެފަހަރުގެ ގައުމީ މުބާރާތް އައިއިރު މަރީ ގޮވައިގެން ޓްރެކަށް ނުކުތީ ރަނާސް މޯލްޑިވްސް ޓީމެވެ. މިހައި ހިސާބުން އެ މީހުން އެފަހަރުގެ މުބާރާތުގައި ނެރުނު ނަތީޖާތައް ކިޔައިނުދިނަސް ފުދޭނެ އެވެ. އެކަމަކު އެ ތަޖުރިބާ މަރީ އަމިއްލަ އަށް ކިޔައިދޭއިރު އޭގައިވީ ހާއްސަކަން ވަކިން ބޮޑެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެމޮޅު އަންހެން އެތުލީޓް މަރިޔަމް އަބްދުލް ކަރީމް.-- ފޮޓޯ:ނިޝާން އަލީ/މިހާރު

"ގައުމީ މުބާރާތުގައި ވާދަކުރާ ކްލަބަކުން ދައުވަތު ދިނީ ގޭގައި ހުއްޓާ، އެއީ ރަނާސް މޯލްޑިވްސް. އޭރަކު ދުވުމުގެ އެއްވެސް ތަމްރީނެއް ލިބިފައެއް ނެތް މަށަކަށް. ދުވަހަކު ޓްރެކަކު ވެސް ނުދުވަން. މަށަކީ ސްކޫލްގައި ވެސް ދުވުމުގެ މުބާރާތްތަކުގައި ބައިވެރިވި މީހެއް ނޫން،" މަރީ ކިޔައިދިނެވެ.

"އެހެންވީމަ އެފަހަރު ވެސް ގައުމީ މުބާރާތުގައި ވެސް ހަމަ އެ ދުވަހު ގޮސް އެއްވެސް ޕްރެކްޓިހެއް ނެތި ދުވެލީ. އެފަހަރު ލިބުނީ ގޯލްޑް މެޑަލް."

މަރީގެ މި ވާހަކަތައް ރާއްޖޭގެ ދުވުމުގެ ރެކޯޑް ފޮތުން އެ އޮތީ ފެންނާށެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ ވެބްސައިޓަށް ވަދެ، ރާއްޖޭގެ ރެކޯޑްތަކަށް ބަލައިލާ އިރު މަރިޔަމް އަބްދުލް ކަރީމްގެ ހަ ރެކޯޑް ހިމެނެ އެވެ. އެއީ ފަސް ކިލޯ މީޓަރާއި 10 ކިލޯ މީޓަރާއި 15 ކިލޯމީޓަރާއި 20 ކިލޯމީޓަރައި ހާފް މެރެތަން އަދި މެރެތަންގަ އެވެ. މިހާ ގިނަ ގައުމީ ރެކޯޑް އޮތް އެހެން ދުވުންތެރިޔަކު ރާއްޖެއަކު ނެތެވެ.

މަރީގެ މި އާދަޔާހިލާފު ހުނަރު ފެނި ދިވެހި އެތުލެޓިކްސްގެ ތަޖުރިބާކާރުންނާއި ކުޅިވަރުގެ ނޫސްވެރިންގެ "އަނގަ ވެއްޓުނަސް" މަރީއަކަށް މިއީ ހަމަ އެއްވެސް ކަމެއް ނޫނެވެ. އަދި އޭގެ ރޭހެއް ފަށައިގެން ނިންމާލުމަކީ، ހިނިގަނޑަކުން ފަށައިގެން ހިނިގަނޑަކުން ނިންމާލި ވާހަކަތައް ކިޔައިދިނުންހާ ފަސޭހަ ކަމެކެވެ.

ރަސްމީކޮށް ކޯޗަކާ އެކުގައި އޭނާ ދުވަން ނުކުތްތާ އަދި މިވީ އެންމެ ދެ އަހަރެވެ. މި ޖަވާހިރު މާލޭގެ ޓްރެކުން ވިދައި ބަބުޅަން ފެށުމުގެ ކުރިން ގޮސް ގެއްލުނީ ބަނޑޮސް އައިލެންޑް ރިސޯޓްގެ ހިތްގައިމުކަމުގެ ތެރެއަށެވެ. މީގެ ވިއްސަކަށް އަހަރު ކުރިން، އުމުރުން ބާވީހަކަށް އަހަރުގައި އޭނާގެ ފިޓްނެސް ކެރިއަރު ފެށީ ބަނޑޮހުގައި އޭރު ހިންގި ސްޕޯޓްސް ސެންޓަރުގަ އެވެ.

އޮކްޓޯބަރު މަހު ބޭއްވި ގައުމީ މުބާރާތުގައި މަރީ ދުވަނީ. ފޮޓޯ: ނިޝާން އަލީ/ މިހާރު

"އޭރު ދެން ޖޮބެއް ބޭނުންވެގެން ރިސޯޓަކަށް ދިޔައީ. ސްޕޯޓްސްގެ ކަންކަމަށް އަބަދުވެސް ފޯރި ހުންނާތީ ރައްޓެއްސަކާ އެކުގައި ގޮސް ރިސޯޓްގެ ސްޕޯޓްސް ސެންޓަރުގައި މަސައްކަތް ފެށީ،" ކުރީގެ ހަނދާންތަކެއް ކުލަކޮށް މަރީ ކިޔައިދިނެވެ.

މަރީގެ ރަސްމީ ދާއިރާއަކީ އެރޮބިކްސް އެވެ. އޭނާ ޖެހުނީ 90ގެ އަހަރުތަކުގައި މުޅި މާލޭގެ ބައްޓަން ފަރިކޮށްލި ފިޓްނެސްގެ އިންގިލާބުގަ އެވެ. ބަނޑޮހުގައި 15 އަހަރު ހޭދަކޮށް އަލަތު ދަރިފުޅާ އެކު މާލެ އަށް ދިރިއުޅުން ބަދަލުކޮށް އޭނާގެ ފިޓްނެސް ކެރިއަރުގެ މައި މަރުކަޒަށް، 2006 ގައި، ދެން ބަދަލުވެގެންދިޔައީ ހީޓް ހެލްތު އެންޑް ފިޓްނެސް އެވެ. އެއަށް ފަހު އޭނާގެ މުޅި ދިރިއުޅުމަކީ ފިޓްނެސް އެވެ. ދުވުން އޭނާގެ ޝައުގުވެރިކަމުގެ ލިސްޓަކަށް އަދިވެސް ނާރަ އެވެ.

މަރީ މިއަދު ވެސް އެންމެ އުފާވަނީ ގްރޫޕް ފިޓްނެސްގެ ކްލާހެއް ނަގައި ނިންމާލާ ވަގުތު އެވެ.

"މިސާލަކަށް ޑެއިލީކޮށް މަރީ ކުރާ ކަންތަކުގެ ތެރެއިން ގްރޫޕް ފިޓްނެސް ކްލާހެއް ކުދިންތަކަކަށް ނަގައި ދިނުމަކީ މަރީ ވަރަށް، ހަމަ ވަރަށް ކުރާ ހިތްވާ ކަމެއް. އެއީ ހަމަ އެންމެ ހިތްހަމަޖެހޭ ކަންތައް. ހުރިހާ ވޮރީސްއެއް، ހުރިހާ ސްޓްރެސްއެއް ފިލައިގެންދާނެ އޭގެ ކްލާހަކުން ނުކުންނައިރު،" ދުވުމުގެ ވާހަކަ ކިޔައިދޭއިރު މަރީގެ އަޑުގައި ސީރިއަސްކަމެއް ނެތަސް ފިޓްނެސް ޓްރެއިނިންގެ ވާހަކައާ ހިސާބުން އޭނާގެ ރާގު ވެސް ބަދަލުވެ އެވެ.

"ފިޓްނެސް އަކީ ކޯއްޗެއްކަން އެނގުނު ހިސާބުން އޭގެ ތެރެއަށް ވަދެގެން އެހެން ލެވެލްއަކަށް ދެވުނީމަ ދެން އަނެއްކާވެސް އެހެން ލެވެލްއަކަށް ދާން މަސައްކަތްކުރެވެނީ. މިހާރު ވެސް އެބަހުރި ހަމަ އެގޮތަށް ވަރަށް ބައިވަރު ޓާގެޓްސްތައް ހާސިލުކުރަން ބޭނުންވާ."

އެއަށް ފަހު މިހާރު އޭނާގެ އަމާޒަކީ ކޮބައިކަން ވެސް ކިޔައިދިނެވެ.

"ލެސް މިލްސްގެ މާސްޓާ ޓްރެއިނާއަކާ ހަމައަށް ދާން މަސައްކަތް މިކުރަނީ."

މަރީގެ މި ރޭސް ނިމޭނެ ގޮތް އަހަރެމެން ނުލިޔުނަސް އޭނާގެ އާދަޔާހިލާފު މި ކެރިއަރުގެ ކުރިމަގު އޮތް ގޮތް ވަރަށް ސާފެވެ.

"ކޮންމެ ކަމެއް ކުރިޔަސް އަސްލު އެކަމަކަށް ކޮމިޓްވެއްޖެއްޔާމު ލައިފް ވަރަށް އީޒީވާނެ. އުނދަގުލެއް ނުވާނެ،" މަރީ ބުނެލި އެވެ.

އެކަމަކު އޭނާ ހަދާފައިވާ ގައުމީ ރެކޯޑްތައް މުގުރާލުން، މިހާރުގެ އަންހެން ދުވުންތެރިންނަށް ބަލާ ނަމަ، ޔަގީނުން ވެސް ފަސޭހައެއް ނުވާނެ އެވެ.

ކަސްރަތު

Popular