10 Nov 2018

ފަތްމިނީގެ އަޑު

"ހިތަކަށްނާރާ ބޮޑުވެގެން މިއުޒިކް ދާއިރާގައޭ އުޅޭނީކީ. އޭރު ވިސްނުން ހުރީ ކިޔަވައިގެން މޮޅުވާން. ހިތަކަށްވެސް ނާރާ ދުވަހަކުވެސް ލަވަވެސް ކިޔާނެމެކޭ"

"ހިތަކަށްނާރާ ބޮޑުވެގެން މިއުޒިކް ދާއިރާގައޭ އުޅޭނީކީ. އޭރު ވިސްނުން ހުރީ ކިޔަވައިގެން މޮޅުވާން. ހިތަކަށްވެސް ނާރާ ދުވަހަކުވެސް ލަވަވެސް ކިޔާނެމެކޭ"

By: Shamila Ibrahim

މިއީ ރ.ރަސްމާދޫ އަށް އުފަން އައިމިނަތު ރިޝްމާ ޒުބޭރު (ރިޝް) އެވެ. އުމުރުން 21 އަހަރުގެ މި ޒުވާނާގެ މިއުޒިކީ ދުނިޔޭގެ ވާހަކައެވެ. މިއުޒިކް އާއިލާއަކަށް އުފަންވެ، ކުޑައިރު މާ ބޮޑު ޝައުގުވެރިކަމެއް މިއުޒިކަށް ނެތަސް މިހާރު ރިޝް އަކީ ފަރިތަ މޫނެކެވެ. ބޮޑުބެރު ލަވަ ކިޔަ އެވެ. އަދި އަމިއްލަ މިއުޒިކް ބޭންޑެއް ވެސް އޮވެއެވެ.

"ފެހިފެހި އާޒާދީ" ގެ އަޑު އަލުން ގަދަކޮށްލި ބޭންޑުގެ ބޮޑެއްގެ ގޮތުގައި ރިޝްގެ ބައްޕަ ޒުބޭރުގެ ރޯލު ބޮޑެެވެ. ރިޝްގެ ކުޑައިރުގެ ދުވަސްތައް ވެސް އޭނާގެ ހަނދާނާ ގުޅިފައި ހުންނަނީ ބައްޕަ ކުރާ ކޮންމެވެސް މިއުޒިކްގެ ކަމަކާއެވެ. އޭރު އެ މަންޒަރުތައް ފެނުމުން ބައްޕަ ގެންގުޅޭ މިއުޒިކް އިންސްޓްރޫމެންޓްތައް ނަގައިގެން ކުޅެ އުޅުނަސް މިހާރު މި ފެންނަ ގޮތަށް ލަވައިގެ ތެރެއަށް ވަނުމަކީ އޭނާ އުންމީދުކުރި ކަމެއް ނޫނެވެ.

ރިޝް

ސްކޫލް ދުވަސްވަރު ރައްޓެހިންނާއެކު ލަވަ ބާޒީ ކުޅޭއިރު، ރިޝްމާ ކިޔާ ލަވަތަކަށް ރައްޓެހިންގެ ތައުރީފް ލިބުނަސް، އަމިއްލަ އަޑު ހަޑިޔޭ ހިތަށްއަރާ ވަރުން ރިޝްމާ ލަވަ ކިޔާ ހިތެއް ނުވެއެވެ. އެކަމަކު ޔޫކޭޖީގައި އުޅުނު އަހަރު ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ބައިވެރިވިއެވެ. ވަނައަކާ ހަމައަށް ނުދެވުނަސް އެހާ ކުޑައިރުވެސް ރިޝް އަށް ނުސީދާ ގޮތަކަށް މިކަމުގެ ބިންގާ އެޅިއްޖެއެވެ.

ބިޒްނަސްގެ ދާއިރާއިން ކުރިއަށް ދާން ނިންމައިގެން ހުރި ނަމަވެސް ސްކޫލް ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ، ހޯޕް ފޯ ވިމެންގެ ނަމުގައި އަންހެނުން ބާރު ކުރުމަށް ހިންގާ އޯގަނަޒައިޝޭނަނުން "ވިމެން ޑޭ" އަށް އަމާޒުކޮށް ބޮޑުބެރު ގްރޫޕެއް އުފެއްދުމަށް ކުރި ފޭސްބުކް ޕޯސްޓް ވެގެން ދިޔައީ ރިޝްގެ މުޅި ކެރިއާ ބަދަލުކޮށްލި ކަމަކަށެވެ.

ރިޝް ލަވަައެއް ހުށަހަޅަނީ

ރިޝް އޭރު މި ބޮޑުބެރު ގްރޫޕްގައި ބައިވެރިވާން ދިޔައީ އަންހެނުން ބާރުވެރި ކުރުމަށް ކުރާ ކަމަކަށްވެފައި ލަވަ ކިޔުމަކީ ކުރާ ހިތްވާ ކަމަކަށްވާތީއެވެ. އެކަމަކު ފުރަތަމަ މިކަމަށް އެހާ ސީރިއަސްއެއް ނޫނެވެ. ފުރަތަމަ ހުށަހެޅުމުގައި، ދަންނަ ބަޔަކާ އެކު ޕާޕޯމް ކޮށްލަން ލިބުމުން އެފަހަރު އެކަން ކުރީ މަޖަލަކަށެވެ. އެކަމަކު ރިޝް އާއި އޭނާގެ ބޮޑުބެރު ޓީމުގެ ހުށަހެޅުން އެފަހަރު ވަރަށް ގިނަ ބަޔަކަށް ކަމުގޮސް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބުނެވެ. ފިރިހެނުންނެކޭ އެއްގޮތަަށް އަންހެނުންނަށް ވެސް ބޮޑުބެރަކީ ކުރެވޭނެކަމެއްކަން ވެސް އެ ފަހަރު ރިޝްމެން ސާބިތު ކޮށްދިނެވެ.

އެއާއެކު އަންހެން ބޮޑުބެރަށް އޮންނަ ޑިމާންޑް އިތުރު ވާން ފެށިއެވެ. އިތުރު އޯޑަރުތައް އަންނަން ފެށުމުން އޭރު ރިޝްމެންގެ ލީޑަރެއްގެ ގޮތަށް ޓީމާ ހަވާލުވެ ހުރި މީހާގެ އެދުމުގެ މަތިން އެ ޓީމަށް ނަމެއް ދީފައި ކުރިއަށް ގެންދަން ފެށީއެވެ. އެހިސާބުން "ފަތްމިނި ބޮޑުބެރު" ގެ ނަަން ތާރީޚުގައި ވެސް ލިޔެވުނީއެވެ.

ފަތްމިނި ބޮޑުބެރު ގްރޫޕް

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ރިޝް އަކީ "ފަތްމިނި ބޮޑުބެރު" ގްރޫޕްގެ ލީޑް ވޯކަލިސްޓެކެވެ. ބައްޕައަކީ މިއުޒީޝަނެއް ނަމަވެސް ރިޝްގެ އާއިލާއަކީ ބޮޑުބެރުގެ އާއިލާއެެއްވެސް މެއެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލުވި އިބްރާހިމް މަމްދޫހް (މަންޑޭ) އަކީ ރިޝްގެ ފަސްޓް ކަޒިންއެކެވެ. މަންޑޭގެ ރަން ޒަމާން ނިމުނު އިރު، މިހާރު މިއޮތީ ރިޝްއާ ޖެހިފަ އެވެ.

ރިޝް އަކީ "ފަތްމިނި" ބޮޑުބެރުގެ ލީޑް ވޯކަލިސްޓެއް

ފަތްމިނި ބޮޑުބެރުގެ "ފަތްމިނި" ނަމަކަށް ކިޔާ ލަވައިގެ ލިރިކްސް ހަދައި، އެ ލަވަ ކިޔާފައިވެެސް ވަނީ ރިޝްއެވެ. މި ނޫނަސް ރިޝް ކިތަންމެ ލަވައެއްގެ ލިރިކްސް ހަދައިފި އެވެ.

ބޮޑުބެރަށް ލަވަކިޔުމުގެ އިތުރުން ރިޝްގެ އަމިއްލަ ބޭންޑު "އޮއިވަރު" އަށް އޭނާ އަންނަނީ ލަވަތަކުގެ ލިރިކްސް ވެސް ހަދަމުންނެވެ. ވަރަށް އަވަހަށް އޭނާގެ އަމިއްލަ ލަވައެއް ވެސް އިވޭނެ އެވެ.

ރިޝް ވަނީ މިހާތަނަށް ގިނަ އިވެންޓްތަކެއްގައި ލަވަކިޔާފައި

"މި ދާއިރާއިން ލިބޭ ކޮމެންޓްސް ހަމަ ވަރަށް ސަޅި. ހީނުކުރާހާ ޕޮޒިޓިވް ކޮމެންޓްސް އާ ނެގަޓިވް ކޮމެންޓްސްވެސް އާދޭ. އަސްލު ވާ ގޮތަކީ ގާލްސް ވީމަ ބައެއް މީހުން ވިސްނުން ހުންނަނީ އަންހެނުންނަކާ (މި ދާއިރާ) ނުގުޅެއޭ"

މިވަގުތު "ބަރިސްތާ"ގެ މާކެޓިންގައި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ރިޝްގެ އުންމީދުތައް ގުޅިފައި ހުރީ މިއުޒިކަށެވެ.

ބޮޑު ބެރު

Popular