13 Nov 2018

މޭން އޮފް ފްލޭޝް: އެތުލެޓިކްސްގެ އާ ތަރި

މޭކްއޯވާގައި މިފަހަރު މި ހުރީ ހަލުވިކަމުގައި ރާއްޖޭގެ ރެކޯޑް އޮތް އެތުލީޓެވެ. އޭނާ ވަނީ ދިގު ދުވުމުގެ ގިނަ ރޭސްތަކެއް ކާމިޔާބުކޮށް ގައުމީ ރެކޯޑްތައް ވެސް ހަދައިފަ އެވެ.

މޭކްއޯވާގައި މިފަހަރު މި ހުރީ ހަލުވިކަމުގައި ރާއްޖޭގެ ރެކޯޑް އޮތް އެތުލީޓެވެ. އޭނާ ވަނީ ދިގު ދުވުމުގެ ގިނަ ރޭސްތަކެއް ކާމިޔާބުކޮށް ގައުމީ ރެކޯޑްތައް ވެސް ހަދައިފަ އެވެ.

By: Aishath Maaha

މޭކްއޯވާ ސެގްމަންޓުގައި ތަފާތު ގޮތަކަށް ނަލަ ހައްދާލައިގެން މި ފަހަރު ގެނެސްދޭން ނިންމީ ދުވާ ޓްރެކުން އެންމެ ފަހުން ވިދާލި ހުސައިން ފަޒީލް ހާރޫނެވެ. އޭނާއަކީ މިހާރު "މޭން އޮފް ފްލޭޝް"އޭ ބުނުމަކުން އެއީ ދޮގަކަށް ނުވާނެ އެވެ. ފަސް ހާސް މީޓަރާއި 10،000 މީޓަރުގެ ދުވުމުގައި، ފަޒީލްގެ "އުދުހުން" ހުއްޓުވޭނެ އެހެން އެތުލީޓަކު މިވަގުތު ރާއްޖެއަކު ނެތެވެ.

އެމްއެންޑީއެފްގެ މެރިންކޯގައި ލާންސް ކޯޕްރަލްގެ މަގާމުގައި ހުރި އުމުރުން 29 އަހަރުގެ ފަޒީލް ވަނީ މި ފަހުން ބޭއްވި ދިގު ދުވުމުގެ ގިނަ ރޭސްތަކެއް ކާމިޔާބުކޮށް ގައުމީ ރެކޯޑްތައް ވެސް ހަދައިފަ އެވެ.

ދުވުމުގެ ހުނަރާ އެއްވަރަށް ފަޒީލަކީ ވަރަށް ތަފާތު "ސްޓައިލިޝް އެތިލީޓެއް" ވެސް މެ އެވެ. އަހަރުމެންގެ ސްޓައިލިސްޓް ނޫރާ ރަޝީދުގެ ސްޓައިލް ކުރުމުގެ ހުނަރާއި ތާތުގެ މޭކަޕާ އެކު މާޒް ފޮޓޯގްރަފީން ފަޒީލްގެ ތަފާތު ފޮޓޯތަކެއް ގެނެސްދޭން މިވަނީ މަސައްކަތްކޮށްފަ އެވެ. މި ފޮޓޯތައް ދައްކާލަން ކުރި މަސައްކަތުގެ ބިހައިންޑް ދަ ސީން ވީޑިއޯ ނަގާ އެޑިޓްކޮށްދިނީ ޔަޒްދާން މާޒް އެވެ.

ޓްރެކްގައި ރާއްޖޭގެ ރެކޯޑުތައް މުގުރަމުން، އާ ކުރަމުން އަންނަ "މޭން އޮފް ފްލޭޝް"ގެ ލަގަބާ އެކު މޮޅު ދުވުންތެރިޔަކަށް ވިޔަސް ގައުމީ ދިފާއީ ބާރާ ގުޅުމުގެ ކުރިން އޭނާއަކީ ދުވި މީހެއް ނޫނެވެ. އެކަމުގެ ޝައުގުވެރިކަމެއް ވެސް ނެތެވެ. އުފަން ރަށް ހއ. މުރައިދޫގައި ސްކޫލް ދައުރު ނިންމާލި އިރު ފުޓުބޯޅަ ކުޅުނެވެ. ނަމަވެސް އެތުލެޓިކްސް މުބާރާތެއްގައި ބައިވެރިއެއް ނުވެ އެވެ.

ފޮޓޯ: މާޒް ފޮޓޯގްރަފީ

ފަޒީލްގެ ދުވުމުގެ ކެރިއަރާއި ކުރިއެރުމާ ގުޅިފައިވަނީ 2012 ގައި އެމްއެންޑީއެފްއަށް ވަން ހިސާބުންނެވެ. ސިފައިންގެ ތެރޭގައި ބޭބެއެއް އުޅޭތީ އެމްއެންޑީއެފްއަށް ވަނުމުގެ ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް ހުއްޓަސް ސްކޫލް ނިންމާފައި މާލެ އައިސް ފުރަތަމަ އުޅުނީ އެއާޕޯޓުގެ ވަޒީފާއެއްގަ އެވެ.

"ސިފައިންގެއަށް ޖޮއިންކޮށްފައި ދުވަން ފެއްޓުނީ. ރެކްރޫޓު ނިންމާފައި އައިސް މިލިޓަރީގައި އޮތް އިންޓަ ޔުނިޓް އެތުލެޓިކްސް މުބާރާތުގައި ފުރަތަމަ ދުވީ،" ފަޒީލް ބުންޏެވެ.

ދުވުމުގެ ތެރެއަށް މާ ބޮޑަށް އޭނާއަށް ވަދެވުނީ އެ މުބާރާތަށް ފަހު އެވެ. ގައުމީ މުބާރާތާއި ދިރާގު ރޯޑް ރޭހުގައި ވެސް ބައިވެރިވާން ފެށި އެވެ.

ދެ ދަރިންގެ އަތުން ފަޒީލް އާފަލް ކަނީ: އާއިލާގެ ސަޕޯޓް ބޮޑު --ފޮޓޯ: މާޒް ފޮޓޯގްރަފީ

"ރޯޑް ރޭހުގައި ފިފްތަށް ދިޔައިމަ ރަނގަޅު ގޮތަކަށް މިކަމުގައި ކުރިމަގު ފެނުނީ،" ފަޒީލް ކިޔައިދިނެވެ.

އޭގެ ފަހުން ފަޒީލް އަންނަނީ މުބާރާތްތަކުގައި ހަމައެކަނި އެމްއެފްޑީއެފް ތަމްސީލްކުރަމުންނެއް ނޫނެވެ. ސީދާ އަމިއްލަ ގައުމު ތަމްސީލްކުރަން ބޭރުގެ ބޮޑެތި ބައެއް މުބާރާތްތަކުން ވެސް އޭނާއަށް ވަނީ ފުރުސަތު ލިބިފަ އެވެ.

ފަޒީލް، ހުޅުމާލޭގައި ހަދާފައި އޮތް، ޓްރެކްގައި ވާދަކުރަނީ -- ފޮޓޯ: މާޒް ފޮޓޯގްރަފީ

މޮރޮކޯގައި ދުވުމުގެ ތަމްރީނުތައް ހަދާފައިވާ ދުވުންތެރިޔާ ވަނީ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕާއި އިސްލާމިކް ގޭމްސްގައި ދުވެފަ އެވެ. އަދި ކުރިއަށް އޮތީ އޭނާގެ އެ ހިތްވަރު ބޮޑެތި އެހެން މުބާރާތްތަކުން ވެސް ފެނުމުގެ ފުރުސަތެވެ.

ފަޒީލް އޭނާގެ އަންހެނުންނާއި ދެ ކުދިންނާ އެކު ގޭގައި --ފޮޓޯ: މާޒް ފޮޓޯގްރަފީ

ދެ ކުދިންގެ ބައްޕަ މޮރޮކޯގައި ތަމްރީން ހަދަމުން ދިޔަ އިރު ވެސް ރާއްޖޭގެ ބައެއް ރެކޯޑްތައް މުގުރާލެވޭނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. މިހާތަނަށް އޭނާ ވަނީ 10،000 މީޓަރު ދުވުމާއި 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރުގެ ރެކޯޑް ހަދައިފަ އެވެ.

ފޮޓޯ: މާޒް ފޮޓޯގްރަފީ | ސްޓައިލިން: ނޫރާ | މޭކަޕް: ތާތު | ވޯޑްރޯބް: ފަޒީލް

"ނެޝަނަލް ރިކޯޑް މި ހެދުނީ ހަތް ފަހަރަށް،" ފަޒީލް ބުންޏެވެ.

އެކަމަކު އެއީ ފަޒީލް ހެދި ރެކޯޑްތައް އަމިއްލައަށް އާކުރި ފަހަރުތައް ވެސް ލައިގެންނެވެ.

ފޮޓޯ: މާޒް ފޮޓޯގްރަފީ | ސްޓައިލިން: ނޫރާ | މޭކަޕް: ތާތު | ވޯޑްރޯބް: ފަޒީލް

މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ދުވުންތެރިޔަކީ ފަޒީލް ކަމަށް އެއްބަސްވާ މީހުން ގިނަ އެވެ. ގައުމީ މުބާރާތުގެ އެންމެ މޮޅު އެތުލީޓަކަށް އޭނާ ހޮވުމުން އެކަން ސާބިތުވެ އެވެ. އެހާ ހިސާބަށް އޭނާއަށް ދެވުނީ އެމްއެންޑީއެފްގެ ވަރަށް ބޮޑު އެހީއެއްގައި ކަން ފަޒީލް ގަބޫލުކުރެ އެވެ.

ފޮޓޯ: މާޒް ފޮޓޯގްރަފީ | ސްޓައިލިން: ނޫރާ | މޭކަޕް: ތާތު | ވޯޑްރޯބް: ފަޒީލް

"މިހާރު ވެސް ކޮންމެ ދުވަހަކު ދުވަން ދަން. ހެނދުނު ވެސް، ހަވީރު ވެސް،" ފަޒީލް ބުންޏެވެ.

"ދުވުން އެއީ އެއް ބައި ދިރިއުޅުމުގައި. ނުދުވަންޏާ ދުވަސް ފުރިހަމައެއް ނުވޭ. ޓްރެވެލް ކުރިއަސް ދުވަން."

އެތުލެޓިކްސް

Popular