16 Jul 2019

ގޮއްޔެގެ އާޓާއި ކުލަ ދުނިޔޭގެ ވާހަކަ

By: Aishath Maaha

މަރިޔަމް ނަޒީހާ ނުވަތަ އަހަރުމެން އެންމެ އޭނާ ދަންނަ ނަމުން ނަމަ ގޮއްޔެ އާޓިސްޓެއްގެ ގޮތުގައި މަގުބޫލުވެ މަޝްހޫރުކަމެއް ލިބުމުގެ ކުރިން އޭނާ ބޭނުންވީ އެއާ ހޯސްޓެސް އަކަށް ވާށެވެ. އޭގެ އިތުރުން ލަވަ ކިޔަން ވެސް ބޭނުންވި އެވެ. އޭރު ވެސް މިހާރު ވެސް ކޭކުއަޅަން ޝައުގުވެރިވެ އެވެ. މިހާރު ވެސް ކޭކު އަޅަ އެވެ. އެކަމަކު އޭގެ އިތުރުން އޭނާގެ ވަރަށް އެހެން ކަހަލަ ހުނަރެއް ވެސް އެބައޮތެވެ؛ އެއީ ހީނާ އާޓާއި ނެއިލް އާޓެވެ. އެއީ ވެސް ފާހަގަނުކޮށް ދޫކޮށްލެވޭ ވަރުގެ ހުނަރެއް ނޫނެވެ.

އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް ޝައުގުވެރިކަން ހުއްޓުވާލީ ކުރެހުމާއި ކުލަތަކުގެ ތެރެއަށެވެ. އެންމެ ކުޑައިރުން ފެށިގެން ކުރެހުމަށް ޝައުގުވެރިކަން ހުރި އިރު އަބަދުވެސް އޭނާގެ ހިތުގައި އޮތީ ބޮޑުވެގެން ކުރިއަށްދާނީ ފަންނީ ދާއިރާއަކުންނޭ އެވެ. އެހެންވެ، މާލެއަށް އުފަން އުމުރުން 27 އަހަރުގެ މި ހުނަރުވެރިޔާ ސްކޫލް ނިންމާލި ގޮތަށް ކުލަފޮއްޓާއި ފޮތް ހިފައިގެން ނުކުތީ އެވެ.

އެންމެ ކުޑައިރުންސުރެ ވެސް ކުރެހުމަށް ޝައުގުވެރިކަން ހުރޭ. އަދި ކުރެހުން ކަހަލަ ފަންނީ ދާއިރާ އަކުން ކުރިއަށް ދާން އަބަދު ވެސް ބޭނުންވީ. އެހެންވެ ސްކޫލް ނިންމާލުމަށް ފަހު މި ދާއިރާއިން ކުރިއަށްދާން ނިންމީ."

އެކަމަކު ފުލް ޓައިމް އާޓިސްޓުން މަދު، ރާއްޖޭގައި މާގިނަ ފުރުސަތުތަކެއް ނުލިބޭތީ އާޓިސްޓަކަށްވެ އެކަމަށް ހުސްވެގެން ހުރުން ވީ ރިސްކީ ކަމަކަށެވެ. އެހެން ނަމަވެސް މަޑުމަޑުން އާޓިސްޓުން ޕްރޮމޯޓްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ނަޒީހާ ބުންޏެވެ.

ފުލް ޓައިމް އާޓިސްޓަކަށްވުމަކީ ރިސްކީ ކަމެއް ނަމަވެސް ބަރޯސާވެވޭ ކަހަލަ އާމްދަނީއެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް ނަޒީހާ ގަބޫލުކުރެ އެވެ.

"ބަރޯސާވެވޭ ކަހަލަ އާމްދަނީއެއް ފުރުސަތު އެބައޮތް. އެކަމަކު އެ ފުރުސަތުތައް ގިނައީ ރިސޯޓްތަކުގައި، ނަމަވެސް ވަރަށް މަދު ރިސޯޓަކުން ނޫނީ ލޯކަލް އާޓިސްޓުން ކުރިއަރުވަން އެހާ މަސައްކަތެއް ނުކުރޭ. އަދި އޮންލައިން ޕްލެޓްފޯމްތަކުން ދިވެހި އާޓިސްޓުންނަށް ބޭރު މާކެޓަށް އާޓް ވޯކްސް ވިއްކުމުގެ ފުރުސަތު އެބައޮތް."

އިންކް އަދި އޭކްރިލިކްސް އަށް ސްކޫލް ދައުރުގައި ބޮޑު ޝައުގުވެރިކަމެއް އުފެދުނު ނަމަވެސް އެކި މީޑިއަމްތަކަށް ކުރަހާ ތަޖުރިބާ ހޯދުން ހުއްޓައެއް ނުލަ އެވެ. އެގޮތުން އެކި ގައުމުތަކުގެ ސަގާފަތްވީ ނަޒީހާ އަށް ވަރަށް ބޮޑަށް ކަމުދިޔަ އެއްޗަކަށެވެ. އޭނާގެ ޑޫޑުލްސް އަދި ކޮންޓެމްޕޮރަރީ އާޓްވޯކްސްގައި ސަގާފީ ގޮތްގަނޑު އެހާބޮޑަށް ފެނިގެންދަނީ އެހެންވެ އެވެ. ޑިޖިޓަލް ކޮށް ކުރެހުންތައް މަދުމަދުން ކުރެހި ނަމަވެސް ގިނައިން ނަޒީހާ ކުރަހަނީ އަތުންނެވެ. އޭނާގެ ސްޓައިލް ބޮޑަށް ނެރެވެނީ އޭރަށް ކަމަށްވާތީ އެވެ.

އެހެން ނަމަވެސް ތީމެއް އޮންނަ އާޓްވޯކެއް ވެއްޖިއްޔާ މުޅި ކުރެހުން އެ ތީމަކާއި އެންމެ އެކަށީގެންވާ ގޮތަކަށް ނަޒީހާ ނިންމާލަ އެވެ. ވަކި ހާއްސަ ތީމެއް ނެތިއްޔާ ކުރެހުން އޮންނާނީ ނަޒީހާގެ މޫޑާ ގުޅިފަ އެވެ. ކުރެހުމުގެ އެ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ކަމަކީ އެ ވަގުތުތަކުގައި އޭނާ އަޑުއަހާ މަޑުމައިތިރި ލަވަތަކެވެ.

އެ ލަވަތަކާ އެކު ނަޒީހާގެ މަސައްކަތް ފަށަނީ ރަފް ސްކެޗުތަކަކުންނެވެ. އިތުރު އައިޑިއާތައް އަންނަވަރުން ނޯޓު ވެސް ކުރަމުންނެވެ. ކަސްޓަމަރެއްގެ އޯޑާއެއް ނަމަ އެ ސްކެޗް އެ މީހަކަށް ދައްކާ އޭނާގެ ހިޔާލު ވެސް ހޯދަ އެވެ. އަމިއްލަ ކުރެހުމެއް ނަމަ އަންނަ ހުރިހާ އައިޑިއާއެއް ހިމަނާލައިގެން ކުރެހުން ނިންމަނީ އެވެ.

ނަޒީހާގެ ތަޖުރިބާއިން އެހެން އާޓިސްޓުންނަށް އޭނާ ދޭން ބޭނުންވާ ޓިޕަކީ ވެސް އެއީ އެވެ. އައިޑިއާއެއް އަތުވެއްޖެ ނަމަ އެ ވަގުތު ނޯޓްކޮށްލުމެވެ.

"އައިޑިއާއެއް އަންނަ ވަގުތު އެ އެއްޗެއް އަވަހަށް ސްކެޗް ކޮށްލާ ނޫނީ ނޯޓް ކޮށްލާށޭ ހަނދާން ނެތުމުގެ ކުރިން. މިވެނި އެއްޗެއް ނެތޭ ކިޔައިފަ އެއްވެސް އެއްޗެއް ޓްރައިނުކޮށް ދޫކޮށްނުލާށޭ، ފަށައިގަންނަ އިރު ހުރި އެއްޗަކުން ފުއްދާލައިގެން ދަސްކުރަމުން ގެންދާށޭ. ދެން ސީދާ އާޓް ނޫން އެހެން ފަންނީ މަސައްކަތެއް ވިޔަސް ހަމަ ގިނަގިނައިން ޕްރެކްޓިސް ކުރާށޭ،" އޭނާ ބުންޏެވެ.

ސަގާފީ މި ސްޓައިލްގެ ކުރެހުންތަކުން ނަޒީހާ ދޭން ބޭނުންވާ މެސެޖެއް އެބައޮތެވެ. އެއީ ރާއްޖޭގެ ގެއްލެމުންދާ މުއްސަނދި ސަގާފަތް ކުރިއަރުވާ ކުރިއަށް އޮތްތާގައި އެކަން ދަމަހައްޓަން ޖެހޭކަން އަރަމުން އަންނަ ޖީލްތަކަށް އަންގައިދިނުމެވެ. އަދި އޭނާގެ ކުރެހުންތަކުން އެކަމަށް ޝައުގުވެރި އާޓިސްޓުންތަކެއް އުފެއްދުމަކީ އޭނާގެ ގޯލެކެވެ.

މިހާތަނަށް އެގޮތުން ގިނަ ޕޮޒިޓިވް ކޮމެންޓްތަކެއް ވެސް ނަޒީހާ އަށް ވަނީ ލިބިފަ އެވެ.

"އެބަހުރި ކުރިއަރަމުން އަންނަ ވަރަށް ގިނަ ޔަންގް އާޓިސްޓުން ބުނެފަ ގޮއްޔެގެ އާޓްވޯކްސް ވަރަށް ކަމުދެޔޭ، ކުރަހަން އިންސްޕަޔާވީ ވެސް ގޮއްޔެ އާ ހެދިޔޭ ބުނެފައި. ނުވެސް ދަންނަ ކުރިން ވެސް އެބަހުރި ބުނެފަ ވަރަށް ފޭވަރިޓް އާޓިސްޓެކޭ ތިއީ. އެންމެ ކުރިންސުރެ ވެސް ފޮލޯ ކުރަމޭ ވޯކްސް އަށް. އެކަހަލަ ކޮމެންޓްސް އައީމަ ވަރަށް އުފާވޭ، ލިބޭ އިތުރު ވަރަށް ބޮޑު ހިތްވަރެއް އެއީ."

ޕޮޒިޓިވް ކޮމެންޓުތަކާ އެކު އޭނާ އަށް ލިބޭ ކޮންމެ ނެގެޓިވް ކޮމެންޓެއް ވެސް އޭނާ ބަލައިގަންނަނީ ކުރިއަށްދާން ލިބޭ ހިތްވަރެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ކުރެހުމަށް ބޭނުންވާ ގިނަ ސާމާނު ރާއްޖެއިން ނުލިބުމަކީ އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާ އަށް ދިމާވާ އެންމެބޮޑު އެއް ގޮންޖެހުމެވެ.

"ރާއްޖެއިން ބޭނުންވާ ކަހަލަ އާޓް ސަޕްލައިސް ނުލިބުން، ވަރަށް މަދު އެއްޗެއް ރާއްޖެއިން ލިބެނީ އާޓާ ގުޅުން ހުރި. ބަދަލުވާން ބޭނުންވާ ކަމެއް އެއީ ރާއްޖޭގެ ރިސޯޓްތަކުގެ ސުވެނިއާ ޝޮޕްސްތަކުގައި ބޭރުން އިމްޕޯޓްކުރާ ތަކެތި މަދުކޮށް ލޯކަލް އާޓިސްޓުން ހަދާ އާޓްވޯކާއި ކްރާފްޓްސް އިތުރަށް ވިއްކޭނެ ގޮތެއް ހަމަޖެހެން ބޭނުން. އަދި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ލޯކަލް އާޓިސްޓުންގެ ހުނަރު ދައްކާލަން ގިނަ މަސައްކަތްތަކެއް ކޮށް ރާއްޖޭން ބޭރުގައި ދިވެހި އާޓިސްޓުން ޕްރޮމޯޓްކުރެވުން."

އާޓިސްޓެއްގެ ގޮތުގައި ފަސްއެނބުރި އޭނާ ބަލާލާއިރު ހިތްހަމަޖެހޭ އެތައް މަސައްކަތްތަކެއް ހުރި ނަމަވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ނަޒީހާ ބުންޏެވެ. އަދި އަމިއްލަ ޓެލެންޓު ކުރިއަރުވަން އޭނާ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"ޓެލެންޓް އިތުރަށް ކުރިއަރުވަން ކުރެވޭ އެންމެ ބޮޑު ކަމަކީ އަމިއްލަ ސްޓައިލް ޕްރެކްޓިސް ކުރުން. އަދި ބޭރުގެ އެކިއެކި އާޓިސްޓުންނަށް ފޮލޯކޮށް އެމީސްމީހުންގެ ޓެކްނިކްސް ދަސްކުރެވޭތޯ ބެލުން."

އާޓިސްޓެއްގެ ގޮތުގައި ފަސްއެނބުރި އޭނާ ބަލާލާއިރު ހިތްހަމަޖެހޭ އެތައް މަސައްކަތްތަކެއް ހުރި ނަމަވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ނަޒީހާ ބުންޏެވެ. އަދި އަމިއްލަ ޓެލެންޓު ކުރިއަރުވަން އޭނާ ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"ޓެލެންޓް އިތުރަށް ކުރިއަރުވަން ކުރެވޭ އެންމެ ބޮޑު ކަމަކީ އަމިއްލަ ސްޓައިލް ޕްރެކްޓިސް ކުރުން. އަދި ބޭރުގެ އެކިއެކި އާޓިސްޓުންނަށް ފޮލޯކޮށް އެމީސްމީހުންގެ ޓެކްނިކްސް ދަސްކުރެވޭތޯ ބެލުން."

ނަޒީހާގެ އަމާޒު މިހާރު ހުރީ ރާއްޖެއިން ބޭރުގައި އަމިއްލަ ސޯލޯ އެގްޒިބިޝަނެއް ބާއްވާ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އާޓިސްޓަކަށް ވުމަށެވެ.

Popular