14 Jan 2019

އެރިޒްލާން: ކްރިއޭޓިވް އާޓްސްގެ ހުރިހާ ކުލައެއް

ކްރިއޭޓިވް ދާއިރާގައި ވަރަށް ހުނަރުވެރި ވަރަށް މޮޅެތި ކުދިން ރާއްޖޭގައި އެބަތިބި. އެކުދިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭން އެބަޖެހޭ

ކްރިއޭޓިވް ދާއިރާގައި ވަރަށް ހުނަރުވެރި ވަރަށް މޮޅެތި ކުދިން ރާއްޖޭގައި އެބަތިބި. އެކުދިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭން އެބަޖެހޭ

By: Aishath Maaha

އަހްމަދު ޝާހީން ނުވަތަ އެރިޒްލާން އެއްދުވަސްވަރެއްގައި ހުރިހާ ވަގުތެއް ހުސްކުރީ ކުރެހުމަށެވެ. އޭގެފަހުން ގްރެފިކްސް ޑިޒައިންކޮށް އެނިމޭޝަންގެ ތެރެއިން ވެސް ފެނުނެވެ. ފޮޓޯ ނަގައި ވީޑިއޯކޮށް އިވެންޓު މެނޭޖުކުރަން ވެސް އުޅުނެވެ. ސްކޫލެއްގައި ކުދިންނަށް ކިޔަވައިދޭން އުޅުނެވެ. އެންޖީއޯތަކާ ގުޅިގެން ޓެކްނޮލޮޖީ އާއި ސްމާޓްފޯން އަދި ސޯޝަލް މީޑިއާއަށް މީހުން އަހުލުވެރި ކުރުވާން ޓްރެއިނިން ޕްރޮގްރާމްތައް ހިންގަން އުޅޭތީ ވެސް ފެނުނެވެ. ގޭމާސް އެސޯސިއޭޝަން ނަމުގައި އެސޯސިއޭޝަނެއް ހަދައިގެން ޒުވާންކުދިންކޮޅަކާ އެކު ބާރު ސްޕީޑެއްގައި ކުރިއަށް ވެސް އެބަދެ އެވެ. މާކެޓިންގެ މަސައްކަތް ވެސް އެބަ ކުރެ އެވެ.

މި ހުރިހާ ކަމަކާއެކު އަސްލު އެރިޒްލާނަކީ ކީއްކުރާ މީހެއް ހެއްޔެވެ؟

"އާޓް ޑިރެކްޓަރެއް. އެއީ އެ ހުރިހާ ދިމާލަކަށް އެބަޖެހޭ އަތްކޮށްޕަން. އާޓް ޑިރެކްޓަރެއްވީމަ ކޮންމެހެން އަހަރެން ނުޖެހޭނޭ ޑިޒައިން ކުރަހާފަ ވީޑިއޯ ހަދާފަ އެޑިޓްކޮށްފަ އަޑު އަޅާ ހަދާކަށް. އޭގެ މާނައަކީ އަހަރެންގެ އިންނާނީ މެނޭޖެބަލް ރޯލެކޭ. އަހަރެން ޖެހޭނީ މެނޭޖްކުރާށޭ. ދެން ޖެހޭނީ ޑައިރެކްޓްކޮށްދޭން،" އެރިޒްލާން އޭނާ އަމިއްލައަށް ސިފަކުރާގޮތް ކިޔައިދެމުން ބުންޏެވެ.

ފުރާވަރަށް އަރައިގެން އައިއިރު އާއިލާގައި ދެން ތިބި ހަތް ބެއިންނާއި އެރިޒްލާން ވީ ކާޓޫނާއި ކޮމިކް ފޮތްތަކަށް ބޮޑު ޝައުގުވެރިކަމެއް އުފެދި އޭގެތެރެއަށް ވަދެވުނު ކުދިންތަކަކަށެވެ. ހާއްސަކޮށް، ކޮމިކް ފޮތްތައް ވެގެން ދިޔައީ ވަރަށް ބޮޑަށް ކަމުދިޔަ ވާހަކަތަކަކަށެވެ. ނަތީޖާއަކަށް ވީ އެ ވާހަކަތަކުގައި ހުރި ކެރެކްޓާތަކަށް އަމިއްލަ ހިޔާލު ހިމަނައިގެން މުޅިން އާ އެތައް ކެރެކްޓާއެއް އުފައްދައި އަމިއްލައަށް ކުރަހައިގެން ކޮމިކްތައް ހަދަން ފަށައި ކުރެހުމުގެ ތެރެއަށް ވަދެވުމެވެ. ސަތޭކައެއްހާ ކޮމިކް ގޭތެރޭގައި އޭރު ހެދިކަމަށް އެރިޒްލާން ބުންޏެވެ.

އެރިޒްލާން އާއިލާ އާއެކު. --

އެހެންވެ ސްކޫލް ނިމިގެން ވަޒީފާއަކަށް ދާން ނުކުތްއިރު އެންމެ އެކަށީގެންވާ ދާއިރާއަކަށް އެރިޒްލާނަށްވީ ކުރެހުމެވެ. މިހާރު ވިޝުއަލް އާޓްސްގައި މަސައްކަތްކުރި ނަމަވެސް އޭރު ޕެއިންޓް ކުރި އެވެ. އެއަށްފަހު ދެން އޭނާ އައީ އިންޑިއާ އިން އެނިމޭޝަން އިން ޑިޕްލޮމާ ސެޓްފިކެޓް ހިފައިގެންނެވެ. ނަމަވެސް ކިޔަވައިގެން މާލެ އައުމަށްފަހު އެންމެ ފުރަތަމަ އޭނާ އިންނަން ޖެހުނީ ގްރެފިކްސް ޑިޒައިނަރެއްގެ ގޮނޑީގަ އެވެ. އެއަށްފަހު އެނިމޭޝަން ހެދުމުގެ މަސައްކަތުގައި އުޅުނު ކުދިންނަށް ޑައިރެކްޓްކޮށްދިނުމުގަ އެވެ.

"އެންމެ ފުރަތަމަ ސްޓޫޑިއޯ އިން ލިބުނީ ގްރެފިކް ޑިޒައިނަރަކަށް. އެއީ އެކުއެންޓިސް ސްޓޫޑިއޯ. ސްޓޯރީބޯޑެއް ހަދައިގެން އެއްޗެހި ހަދަން. އެތާ އުޅެމުން ހަމަ އެންމެންނަށް ޓްރެއިނިން ދިން އެޑިޓްކުރަން ވެސް ޖެހޭނެ، ކެމެރާ ވެސް ހިފަން ޖެހޭނެ، ފޯމެޓުތައް ވެސް ހަދަން ޖެހޭނެ، ކޭބަލްތައް ވެސް ހިފަންޖެހޭނެ، ސައުންޑް ދަސްކުރަން ޖެހޭނެ، ހުރިހާ ޓްރެއިނިންއެއް ހެދީ، ހަމަ ޕްރޮގްރާމް ޕްރޮޑިއުސިން ވެސް ފިލްމުހަދާ ހިސާބަށް އަހަރެމެން ކިޔެވިން. ސްކްރިޕްޓްހަދައި ވީޑިއޯ ލަވަ ހަދާ ގޮތާއި، އެޑްވަޓައިޒްމަންޓްހެދިން ބައިވަރު. ރާއްޖޭގެ އެންމެ ރަނގަޅު އެއް ސްޓޫޑިއޯ އެއީ."

އޭގެފަހުން އެތައް އަހަރެއް ވާންދެން ޕްރޮޑަކްޝަންގައި އެރިޒްލާން މަސައްކަތްކުރިއިރު ޕްރޮފައިލްތަކާއި އެތައް އެތައް ކޮމާޝަލްތަކެއް ވަނީ ހަދާފަ އެވެ. މިހާރު ވެސް ޕްރޮފައިލްތައް ހަދާ ކަމަށް އެރިޒްލާން ބުންޏެވެ.

ސްޓޫޑިއޯގައި މަސައްކަތްކުރިއިރު އިވެންޓު މެނޭޖްކުރާން ވެސް ދަސްވެފައި ހުރުމުން އެރިޒްލާންމެން ނުކުތީ އިވެންޓު މެނޭޖްކުރާށެވެ. ރޮކްސްޓޯމް ބޭއްވި ދުވަސްވަރު އެ ޝޯ މެނޭޖްކުރުމުގެ ތެރެއިން ފަސީލައިވް ޝޯތައް ވެސް މެނޭޖްކުރުމުގެ ފުރުސަތު ވަނީ ހޯދާފަ އެވެ. އެއަށްފަހު އެ ދުވަސްވަރު އެންމެ މަޝްހޫރު ޓްރިއޯ، ޒީރޯޑިގްރީ ފަދަ ގްރޫޕްތައް މެނޭޖްކޮށް އޭރު އަރަމުން އައި ފައްތުމެން ފަދަ އާޓިސްޓުންނާއެކު ވީޑިއޯ ލަވަތައް ހެދުމުގެ މަސައްކަތް ވެސް ކުރި އެވެ.

އެރިޒްލާންގެ މަސައްކަތެއް. --

"މާބޮޑެތި އިވެންޓުތަކެއް ނޫން ކުދިކުދި އިވެންޓުތައް އޭރު ނެގީ. ރިސޯޓުތަކުގައި ވެސް. އެކުންފުނި ފަހުން ޕެރޫރޭ ނަމަށް ރިބްރޭންޑްކޮށް ފަސީއާ އެންމެން އެއް ކޮމްޕެނީއެއްގައި އުޅުނީ. އޭރު އަހަރުމެން ހަދަނީ ކުދިކުދި ކޮފީ ގިގްސް އާއި ކާނިވާ ސްޓޭޖުގައި ވެސް ބޭއްވިން އިވެންޓެއް. ގަވަމެންޓް އިވެންޓުތަކާއި އީދު ޝޯތަކުގައި ވެސް އިންވޯލްވްވަން. އެ ޕީރިއަޑްގައި އިވެންޓް އޯގަނައިޒްކުރަން ދަސްކުރިން."

ނަމަވެސް އެރިޒްލާން ބުނީ އެރިޒްލާން އެރިޒްލާނަކަށްވީ ސްޓޫޑިއޯއާ ގުޅުނު ހިސާބުން ކަމަށެވެ. އޭގެ މާކުރިން ވެސް އެ ނަން ބްރޭންޑެއްގެ ގޮތުގައި އޭނާ ރަޖިސްޓްރީކުރިއަސް އެންމެ ބޭނުންވާފަދަ މީހަކަށް ވެވުނީ އެހާ ހިސާބުން ކަމަށެވެ.

އިވެންޓު މެނޭޖްކުރަން އުޅުމަށްފަހު 2012 ވަނަ އަހަރު އެރިޒްލާން ގުޅުނީ އާޓް އެންޑް ޑިޒައިން ކިޔަވައިދޭން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ އެވެ. އަލަށް ރާއްޖޭގައި ކިޔަވައިދޭން ފެށި މާއްދާއަކަށް ވުމުން އެކަން ވީ ގިނަ ތަޖުރިބާތަކެއް އެރިޒްލާނަށް ލިބުނު ސަބަބަކަށެވެ.

"ދުވަހަކު ވެސް އެކްސްޕެކްޓެއް ނުކުރަން ކިޔަވައިދޭނެކަމަކަށް. އެކަމަކު އެ ފުރުސަތު ލިބުނީމަ ދިޔައީ، ގޮތް ބަލައިލަން ލީ ޖޮބެއް އެއީ. އަބަދު އެއް ކަމެއްގައި ހުންނަންޏާ މީހާ އިމްޕްރޫވްއެއް ނުވާނެ. އެހެންވެ ގޮތް ބަލައިލަން ލީ. އެކަމަކު މިއުޅެވެނީ އެއް ކަމެއްގައި ހަގީގަތުގައި."

އެރިޒްލާންގެ މަސައްކަތެއް. --

"ސްކޫލްގައި އޭރު ކިޔަވައިދޭން އުޅުނީމަ އަހަންނަށް ވެސް އިމްޕްރޫވްވާން ވަރަށް ބޮޑަށް ޗާންސް ލިބުނު."

އެންޖީއޯތަކާ ގުޅިގެން ރަށްރަށަށް ގޮސް އާ ޓެކްނޮލޮޖީއާ ބެހޭ ޕްރޮގްރާމްތައް ހިންގަން އެރިޒްލާން މަސައްކަތް ފެށީ އެހާ ހިސާބުންނެވެ. ބޭސިކް ކޮމްޕިއުޓާ ޕްރޮގްރާމްތަކާއި އެޑިޓިން އާއި ޓެކްނޮލޮޖީ އިވޯލްވް ވެފަ އޮތްގޮތާއި އެތައް މައުލޫމާތުތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.

މާކެޓިންގެ ދާއިރާއަށް އެރިޒްލާން ނުކުތީ މިހާ ހިސާބުންނެވެ. އެކަމަކު 2012 ހިސާބުގައި ގޭމިން އެސޯސިއޭޝަން އުފައްދައި އޭގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

"އަސްލު މިތާ މާކެޓްކުރާނެ މީހެއް ނެތް. މާކެޓިން ކިޔަވައިގެން އަޔަސް އެބަޖެހޭ މިތާގެ މާކެޓް ދަސްކޮށް ނެޓްވޯކެއް ބިލްޑުކުރަން. ކޮން ބަޔަކަށް ކަން ރީޗްއައުޓްކުރަން."

އެރިޒްލާންގެ މަސައްކަތެއް. --

ނަމަވެސް ވީޑިއޯ ގޭމް ހަދާ، އާޓް ޑައިރެކްޝަންގެ ހުރިހާ ކަމެއް ވެސް އޭނާ ދަނެ އެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އެންމެ ގިނަ މީހުންނަށް އެރިޒްލާން އެނގޭނީ ގްރެފިކްސްގެ ދާއިރާގެ ތެރެއިން ކަމަށް އޭނާ ބުންޏެވެ. އެކަމަކު އަމިއްލައަށް އިހްތިޔާރުކުރާ ނަމަ އޭނާ ނަގާނީ ސިނެމެޓޮގްރާފަރެއްގެ ގޮތުގައި ކަމަށް އެރިޒްލާން ބުންޏެވެ.

"ކްރިއޭޓިވް ދާއިރާގައި ވަރަށް ހުނަރުވެރި ވަރަށް މޮޅެތި ކުދިން ރާއްޖޭގައި އެބަތިބި. އެކުދިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދޭން އެބަޖެހޭ، އޭތި އެބަޖެހޭ ސެލްކުރަން. އަހަރުމެން ވެލިއުކުރަން އެބަޖެހޭ. އާޓް އެބަޖެހޭ މިއަށްވުރެ ރަނގަޅަށް ބަލައިގަންނަން."

އެރިޒްލާންގެ މަސައްކަތެއް. --

ރާއްޖޭގެ ކްރިއޭޓިވް މީހުންގެ އަދި މިހާތަނަށް ނުކުރާ ކަމެއް ކުރުން އެއީ އެރިޒްލާން ހާސިލްކުރަން ބޭނުން ކަމެކެވެ.

އާޓްސް ޒުވާނުން

Popular