5 Feb 2019

ކެންސަރާ ހަނގުރާމަކުރި ޖީލާގެ މެސެޖު މުހިންމު

ކެންސަރާ ހަނގުރާމަކުރި ޖީލާގެ މެސެޖު މުހިންމު

By: Shamila Ibrahim

ފިރިމީހާ އާއި އަށް އަހަރުގެ އަންހެން ދަރިފުޅާއެކު، މަރިޔަމް ޖީލާ ޗުއްޓީ އަށް އިންޑިއާ އަށް ދިޔައީ އެކޮޅުގައި ދިރިއުޅޭ އޭނާގެ މައިންބަފައިން ކައިރިއަށެވެ. އުރަމަތީގައި އިން ލަމްޕެއް (ހަރުތަންކޮޅެއް) ގައި ރިއްސާތީ، އެ ދަތުރުގައި ޑޮކްޓަރަށް ދައްކައި ހަމަ އާދައިގެ ޗެކަޕެއް ވެސް ހެދީ އެވެ.

އެކަމަކު 2013 ވަނަ އަހަރު ކުރި މި ދަތުރު ނިމޭނީ ކެންސަރުގެ ބިރުވެރިކަމުގެ ތެރެއަށް ކަމަކަށް އެއްގޮތަކަށް ވެސް ހިއެއްނުކުރެ އެވެ.

"ކެންސާއަކަށް ނޫން ޗެކަޕް ހެދީ. ލަމްޕެއް އިނީމަ ގޮސް ޑޮކްޓަރަށް ދައްކާލީ. ކެންސަރު ކަމަށް ހަމަ އެއްގޮތަކަށް ވެސް ހީކޮށްގެނެއް ނޫން ދިޔައީ. ތަންކޮޅެއް ކުރިން ވެސް ލަމްޕެއް އިނީމަ ދައްކާލައި އޭރުގަ ޓެސްޓް ތަކާ އެއްޗެހި ވެސް ހެދިން. ފަހުން ވެސް ރިއްސާތީ ޗުއްޓީގަ ގޮސް ދެން ދައްކާލީ،" ޖީލާގެ ދިރިއުޅުން ފުށުން ޖެހިގެން ދިޔަ ޚަބަރު ލިބުނު ގޮތް އޭނާ ކިޔައިދިނެވެ.

އުމުރުން 31 އަހަރުގައި އެ ފަހަރުގެ ހެދި ސްކޭނުން އެނގުނީ އޭނާ ހުރީ އުރަމަތީ ކެންސަރުގެ ސްޓޭޖް 2 ގައި ކަމެވެ. ވަގުތުން އިތުރު ޓެސްޓްތައް ހަދައި، އުރަމަތީގައި އިން ލަމްޕު ނެގިއެވެ. އެކަމަކު ފުރަތަމަ ކީމޯއަށް ފަހު، ދަރިފުޅުގެ ކިޔެވުމަށް ހުރަސްއެޅިދާނެތީ ފިރިމީހާއާ އެކު ދަރިފުޅާ މާލެއަށް ފޮނުވާލި އެވެ. އެހިސާބުން އުޅެން ޖެހުނީ އެކަންޏެވެ. ޖީލާއަށް އެހީވާން ހުރި އޭނާގެ ބައްޕައަށް ލޭގެ ކެންސަރު ޖެހި، ތިންވަނަ ސްޓޭޖްގައި ހުރިކަން ވެސް އެނގުނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އެހީވާނެ އިތުރު މީހަކު ކައިރީގައި ނެތި، ޖީލާ އެކަނިމާއެކަނި އަށް މަސް ވަންދެން ފަރުވާ ހޯދަން އިންޑިއާގައި ހުންނަން ޖެހުނެވެ.

"އަހަރެންގެ ދެވަނަ ކީމޯ ނިމުނު ތަނާހެން ބައްޕަ ޑައިގްނޯޒް ވީ ބްލަޑް ކެންސާގެ ވައްތަރަކަށް. ބައްޕަ ހަމަ ވަރަށް ބޮޑަށް ސަކަރާތް ވެސް ވި. (އޭރު) ތިން ވަނަ ސްޓޭޖްގަ ހުރީ ވެސް،" ޖީލާ ރަނގަޅުވެގެން އެނބުރި ރާއްޖެ އައި ފަހުން ބައްޕަ އެ ބަލީގައި ދުނިޔެ ދޫކުރި އެވެ.

ޖީލާގެ ބައްޕައަކީ އިންޑިއާގައި އުޅުނުއިރު، އިންޑިއާއަށް ބޭސްފަރުވާއަށް ދާ ދިވެހިންނާ ހަވާލުވެ އެ މީހުންގެ ކަންކަން ބެލެހެއްޓި މީހެކެވެ. އެކި ފާޑުގެ ބަލިތަކުގެ މައުލޫމާތު ޖީލާ އާއި އޭނާގެ ބައްޕަ އަށް ވެސް ހުރީ އެގޮތުން ލިބިފަ އެވެ. ޖީލާ އަކީ ސިއްހަތަށް ބަލައިގެން އުޅޭ، އަބަދު ސެލެޑާއި މޭވާ ކައިގެން އުޅޭ މީހެކޭ ކިޔާފައި އާއިލާ މީހުން ދިމާ ވެސް ކުރެ އެވެ.

ފޮޓޯ؛ ހުސެއިން ވަހީދު / މިހާރު

އޭނާއަކީ އަބަދުވެސް ވަރަށް އެކްޓިވް މީހެކެވެ. ރަނގަޅު ކާނާ ކެއުމަށާއި ހަރަކާތްތެރިވެ އުޅުމަށް އިސްކަން ދިން ނަމަވެސް އާއިލާގެ މީހަކު އުރަމަތީ ކެންސަރު ޖެހިގެން މަރުވެފައި ވާތީ އެ ބިރުވެރިކަން ވެސް އޭނާގެ ހިތުގައި އޮތެވެ.

"ކެންސަރުކަން އެނގުނު ގަޑީގަ އެންމެ ފުރަތަމަ ވެސް ހިތަށް އެރީ އަސްލަށް ވެސް ދެން މި މަރުވީއޭ. ދަންނަ، ކެންސަރު ޖެހިފަ ހުރި މީހަކު ވެއްޖިއްޔާ ހުރީ ނިޔާވެފަ. ކްލޯޒް އެއްވެސް ސަވައިވާއެއް ނޭނގެ އޭރަކު. އެހެންވެ، ދެން ގޫގުލް ކޮށްގެން ރިސާޗް ކުރީ. ދެން ސަވައިވާސްގެ ބައިވަރު ސްޓޯރީސް ފެނިގެން ހޯޕެއް ލިބުނީ."

އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ އެހީތެރިކަން ސާޖަރީ ހެދިއިރު ލިބުނު ނަމަވެސް، މުޅި މި ދަތުރުގައި ވެސް ޖީލާއަށް އެހީވީ ބައްޕަގެ ރައްޓެހިކަމުގައި ފަރުވާއަށް ގޮސް ތިބި ދެ މީހެކެވެ. އެއީ އަނީސާ (އަނީ) އާއި އަހުމަދުބެ އެވެ.

"ކޮންމެ ކީމޯ އަކަށްފަހު ޖަހާ އިންޖެކްޝަން ޖެހީމަ ތިން ދުވަސް ވަންދެން ފިޔަވަޅެއް ވެސް ނޭޅޭނެ. ނޭވާލާއިރު ވެސް ހީވާނީ މި ދެން މަރުވަނީއޭ. އެ ތިން ދުވަހު ނިދާއިރު ދެން ހަމަ ރޮވޭނީ ރޮވޭނީ. ހަމަ ކަރުނަ ނުހުއްޓެޔޭ ބުންޏަސް ރަނގަޅު ވާނެ،" ހިތްދަތިކަމާއި ވޭންތައް ޖީލާ ކިޔައިދިނީ އަސަރާ އެކުގަ އެވެ.

"މިކަމެއް ނުވާނެއޭ، މި ދެން މަރުވަނީއޭ ހިތަށް އަރާ ފަހަރުފަހަރު ވެސް ދާނެ."

އެކަނިމާއެކަނި އަށް މަސް ދުވަސް ހޭދަކުރިއިރު ލޯބިވާ ދަރިފުޅާއި ފިރިމީހާއާ ބައްދަލުވަނީ ފޯނުން އެކަންޏެވެ. އަބަދުވެސް އުންމީދުކުރަމުން ދިޔައީ ރަނގަޅުވެގެން އެނބުރި ރާއްޖެ އައިސް، ދަރިފުޅު ބޮޑުވާތަން ފެނުމެވެ.

ފަރުވާ ފެށި ހިސާބުން ޖީލާގެ ނަފްސު ބަލިކަށި ކޮށްލީ ގައިގައި އަޅަމުން ދިޔަ ވޭނެވެ. އެއަށްވުރެއް ބޮޑަށް، ހިތްވަރުދޭނެ މީހެއް ގާތުގައި ނެތުމުގެ އެކަނިވެރިކަމެވެ.

"ކީމޯ ދިނީމަ ޝޭންޕޫ ލާންހުއްޓާ އިސްތަށިގަނޑު ގުޅަވަރެއްހެން އަތަށް އައިސް، ހުރިހާ އިސްތައްޓެއް ފޭބީމަ ލޯގަނޑު ކުރިމައްޗަށް އަރާ ގަޑީ މި ފެންނަނީ މުޅިން އެހެން މީހެއް. (އަމިއްލަ ނަފްސު އެގޮތަށް) ފެނުނީމަ ސަކަރާތްވާ ދުވަސް ދުވަސްވެސް އައި. (އެހެންވެ) ވަރަށް ރޮވޭނެ ހަމަ."

ސާޖަރީ ހެދުމަށް ތައްޔާރުވަމުން ދިޔައިރު، ޖީލާއަށް ފިރިމީހާގެ ސައިޕްރައިޒެއް ލިބުނެވެ. ފިރިމީހާގެ ހިތުގައި އޭނާއަށް އޮތް ލޯބި އިހްސާސް ކުރެވުނީ އެފަހަރު އެވެ. ޖީލާގެ އިސްތަށިގަނޑު ފައިބާ، ތަލަވެފައި ހުރުމުން ފިރިމީހާ އިންޑިއާއަށް އައީ ހަމަ އެގޮތަށް ބޯ ތަލަ ކޮށްލައިގެންނެވެ. ޖީލާގެ ސިފަ ހުތުރު ނުވާކަމާއި، ކުރިންވެސް ވީ ލޯބި ދެމި އޮންނާނެކަން ފިރިމީހާ ޔަގީންކޮށްދިނެވެ.

ޖީލާ އެންމެ އުފާވީ އޭނާއާ ވައްތަރުވުމަށް ފިރިމީހާ ބޯ ބާލައިގެން އައިސް ސަޕްރައިޒް ކޮށްލުމުން

ޑިޕްރެޝަންގެ ބިރުވެރިކަމުގެ ތެރެއަށް ޖީލާ ގެނބިގެން ނުދިޔަ އެއް ސަބަބަކީ އަމިއްލަ ނަފުސަށް އޮތް އިތުބާރާއި ނަމާދުކޮށް ދުއާ ކޮށްގެން އެ ހޯދި ހިތްވަރެވެ. އިމްތިހާނެކޭ ހިތަށް އަރުވާލައި، ފަރުވާއަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރީ އަވަހަށް ރަނގަޅުވޭތޯ އުންމީދު ކުރަމުންނެވެ.

ފަރުވާ ފެށި ފުރަތަމަ ދުވަސްކޮޅު ކެންސަރުގެ ވާހަކަތައް ރައްޓެހިންނާ ހިއްސާކުރި ނަމަވެސް، އެކަން ހުއްޓާލަންޖެހުނީ ހިތްވަރު ދިނުމުގެ ބަދަލުގައި ދެރަވާފަދަ ބަސްތައް އެމީހުން ފަރާތުން ވެސް އިވެން ފެށުމުންނެވެ. ކެންސަރު ޖެހުނުކަން އެނގުނު ހިސާބުން، ކުރިން އެކީގައި އުޅުނު ބައެއް ރައްޓެހިންތައް އޭނާއާ ދުރުވި އެވެ.

"ބައްޕަގެ ފްރެންޑެއް އެއްދުވަހު ގެޔަށް އައިސް ބުނަނީ ކެންސަރު ޖެހުނީހޭ. އަހަރެން އާނއެކޭ ބުނީމަ ބުނީ ޑޮކްޓަރު ބުނިހޭ ރަނގަޅުވާނޭ. އަހަރެން އާއެނކޭ ބުނީމަ ވެސް އަނެއްކާ އެހި ޑޮކްޓަރު ބުނިހޭ އެއްކޮށް ރަނގަޅުވާނޭ،" ހިތްވަރު ދިނުމުގެ ބަދަލުގައި ހިތްވަރު "މަރާލުމުން" އެވާ ދެރަ ކިޔައިދޭން އޭނާއަށް އުނދަގޫވި އެވެ.

ޖީލާ ދެކެނީ މިއަދުގެ މުޖުތަމައުގައި ވެސް ހިތްވަރު ދިނުމުގެ ބަދަލުގައި "ކެންސަރުން ސަލާމަތްވެވޭނެހޭ" ބުނެ ސުވާލު އުފައްދާ ހިތްވަރު މަރާލާ މީހުން ގިނަ ކަމަށެވެ.

ކެންސަރު ޖެހިފައި ހުރި މީހެއްގެ ގޮތަށް ލޭބަލްވެ، ގިނަ ބައެއްގެ ކަޅި އަމާޒުވުމުން ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އުނދަގޫ ވެސް ވި އެވެ. މިކަމަށް އާންމުން ހޭލުންތެރިވުމަކީ މުހިންމު ކަމެއް ކަމަށާއި ކެންސަރާ ހަނގުރާމަކުރާ މީހުންނަށް އެހެން މީހުންގެ އަޅާލުމާއި އޯގާތެރިކަން ބޭނުންވާކަން އެންމެނަށް އަންގައިދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

"ހިތަށް އެރި ކެންސަރު ޖެހުނީމަ އެންމެންތައް ގެއްލެނީއޭ. ދަރިފުޅު ކައިރިވެސް ނުބުނަން ހުރީ ކިޔެވުމަށް އެފެކްޓް ވެދާނެތީ. އެކަމަކު އެނބުރި އައިރު އޭނައަށް އޮތީ ކޮންމެވެސް ވަރަކަށް އެނގިފަ. އޭނާ އަމިއްލައަށް ރިސާޗް ހަދާފަ ވެސް ބުނާނެ މަންމި މީތި އޭތި ކޭމަ ރަނގަޅުވާނޭ."

ޖީލާ އަދި އޭނާގެ ފިރިމީހާ ހާނީ

އުރަމަތީ ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުން، ދިހަ އަހަރުވަންދެން ޖީލާ މަސައްކަތްކުރި އޮފީހުގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ވެސް އޭނާއަށް ލިބުނު ހިތްވަރެކެވެ. ޖީލާގެ ބޮސް އަބްދުﷲ ރާފިއު ހުރިހާ ގޮތަކުން ހިތްވަރު ދިނެވެ.

"ޑޮކްޓަރު ދޫކޮށްލަމުން ހަމަ ބުނި ގޮތަށް މި ބުނަނީ. އޭނަ ބުނީ ގޯ ލިވް ޔުއާ ލައިފް. ބަޓް ބީ ވެރީ ކެއާފުލް ވިތު ޔުއާ ހޭންޑު. އެއީ ލިންފެޑީމާ އެއްކޮށް ޖެހިއްޖެއްޔާ ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. ދުނިޔޭގަވެސް އަދި ނެތް ފަރުވާއެއް އެއީ. ދެން ބުނީ ފަސް އަހަރު ވަންދެންވެސް ނޯމަލް މީހަކާ ހަށިގަނޑު އަޅާ ނުކިޔައްޗޯ."

ލިންފެޑީމާ އުނދަލުކީ އުރަމަތީ ކެންސަރު ޖެހިފައިވާ މީހުންނަށް ތަހައްމަލު ކުރަންޖެހޭ ކަމެކެވެ. އެއީ އުރަމަތީ ކެންސަރު ޖެހިފައިވާ ފަޅީގައި ހުންނަ ލިންޕް ނޯޑްސް ނެގުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހުރިހާ ފެންތަކެއް އަތަށް ޖަމާވާތީ އެވެ. ޖީލާގެ 12 ލިންފް ނޯޑްސް ނަގާފައި ވުމުން، އަތް ދުޅަވުމުން ދުރުކުރުމަށްޓަކައި ފަރުވާ ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ޑޮކްޓަރު ކިޔައިދިނެވެ. އެ ލަފަޔާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އޭނާ ނުހަނު މަސައްކަތް ކުރެއެވެ.

"ބުނަލަން ބޭނުންވަނީ އެންމެންވެސް ކެންސާރާ ބެހޭގޮތުން ވާހަކަ ދައްކާށޭ. އޭތި ހައިޑް ނުކުރާށޭ. ޑެންގޫ ޖެހިގެން އެޑްމިޓް ވީމަ ރައްޓެހިންނަށް ގުޅާފަވެސް (އެވާހަކަ) ބުނެވޭދޯ. ބުނެލާއިރަށް ހަމަ އެންމެން ހަދިޔާ އާއި ކުރުނބާ ހިފައިގެން އަންނާނެ. އެކަމަކު ކެންސަރު ޖެހުނީމަ އެއްވެސް މީހަކު ބޭނުމެއް ނުވޭ އެއްވެސް މީހަކު ގާތު ބުނާކަށް. މީހެއްގެ ފަރާތުން އެނގޭ މީހާ ވެސް ދެން ބަލަނީ އޭނަ ކުރިމައްޗަށް ނުގޮސް ވޭތޯ. ބައެއް މީހުންނަށް ހީވޭ އޭނައާ ބައްދަލުކޮށްލަން ގޮއްސިއްޔާ މަރުވެގެން ހަމަ އޭނަ ފައި ބުޑަށޭ ވެއްޓޭނީ. ހިނގާށޭ އޭތި ހައިޑް ނުކޮށް ޝެއާ ކުރަން. ގިނަ ސަވައިވާސް ވާހަކަ ދައްކައިގެން ކަންނޭނގެ ސޮސައިޓީ ވެސް (ހޭލުންތެރިވެ) ރަނގަޅުވާނީ."

މިއަދު 37 އަހަރުގައި ޖީލާ އަށް ވަނީ އުންމީދު ލިބިފަ އެވެ. އިންޓަވިއުއަށް ގުޅާލިއިރު ވެސް ޓްރެކަށް ހިނގަން ގޮސް ހުރި ޖީލާ، ކަސްރަތާ ނުހަނު ގާތެވެ.

ކެންސަރުގެ ވާހަކަ ދައްކާށެވެ. ޗެކަޕް ހަދާށެވެ. އުންމީދު ކަނޑާނުލާށެވެ.

Popular