9 Feb 2019

ހިނގާލެވޭނެ ކަމުގެ އުންމީދުގައި 24 އަހަރު

ހިނގާލެވޭނެ ކަމުގެ އުންމީދުގައި 24 އަހަރު

By: Shamila Ibrahim

ފުރޮޅުލީ ގޮނޑިއެއްގައި، ބައްޕަގެ އެހީއާ އެކު މާލޭ މަގުމަތިން ފެންނަ ކުޑަ އަންހެން ކުއްޖަކު އެނގޭ ދޯ އެވެ. މިފަހަރު އަހަރެމެން ބޭނުންވީ އެ ކުއްޖާ ހޯދާށެވެ. މިހާރު ނުފެންނަނީ ކީއްވެހެއްޔެވެ؟ މިހާރުގެ ހާލަކީ ކޮބައިހެއްޔެވެ؟ މީހުން ދެއްކި ފާޑުފާޑުގެ ވާހަކައިގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟

ވެހިކަލްތަކަށް ބަންދު، ހަނި ގޯޅިއެއްގައި ހުރި ގެޔަކުން ނިކުމެގެން ޝިފާނަތު އަލީ (ޝިފާނާ) އޭނާގެ ގޮނޑި ދުއްވަމުން އަހަރެމެންނާ ދިމާލަށް އައީ ހިނިތުންވެފައި އިނދެ އެވެ. އެކަމަކު އެ ހިނިތުންވުމުގެ ފަހަތުގައި ހިތްދަތި އެތައް ވާހަކަތަކެއް ވާނެކަން އަހަންނަން އިހްސާސްވި އެވެ.

ފޮޓޯ؛ ހުސެއިން ވަހީދު / މިހާރު

އުފުދުމުގައި ހުރި މައްސަލައެއް ސަބަބުން، ހިނގުމުގެ ނަސީބުން މަހުރޫމުވެފައިވާ ޝިފާނާގެ އުމުރުން މިހާރު 24 އެވެ. މީގެ ކުރިން ޝިފާނާ އަބަދުވެސް ފެންނަނީ އޭނާގެ ބައްޕައާ އެކުގައި ކަމަށް ވިޔަސް ކުޑައިރުގެ ވާހަކަތައް ކިޔައިދިނީ ޝިފާނާގެ މަންމަ އެވެ. ބައްޕަގެ އޮތީ ބަލި ހާލު ބޮޑުވެ ބަލި އެނދުގަ އެވެ. ޝިފާނާގެ ވާހަކަތައް ކިޔައިދެވޭ ވަރެއް ވެސް ނުވެ އެވެ.

ޝިފާނާ އޭނާގެ ގޮނޑީގައި އިނދެ އިންޓަވިއު ދެނީ -- ފޮޓޯ:ހުސެއިން ވަހީދު/ މިހާރު

"އިނގިލި ވެސް، ބޯ ވެސް، ކަންފަތް ވެސް ޝިފާނާ އުފަންވިއިރު ވަރަށް ކުޑަ. އަތްމަތީގަ ބާއްވައިގެން އަހަރެން އޭރު އޭނާ ގެންގުޅެނީ. ވިއްސި މީހުންނަށް ވެސް ނުކެރޭނެ ޝިފާނާ ގައިގަ އަތްލަން ކުޑަކަމުން،" ޝިފާނާގެ މަންމަގެ ވާހަކަތައް ފެށީ އެހާ ހިސާބުންނެވެ.

އޭނާ ބުނީ ލިބުނު 10 ކުދިންގެ ތެރެއިން، ހަ ވަނަ އަށް ލިބުނު ޝިފާނާގެ ނޫނީ ނުކުޅެދުންތެރިކަމެއް ނެތް ކަމަށެވެ.

ހިނގާ ބިނގާވެ ނޫޅެވުން ފިޔަވާ އިތުރު ސިއްހީ މައްސަލައެއް ނެތް -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރަށުގައި، ސ. ހުޅުދޫގައި އުޅުނު ނަމަވެސް، ޝިފާނާ އަށް ބަނޑު ބޮޑު އިރު މާލެ އައިސް ޑޮކްޓަރަށް ދައްކައި އުޅުނެވެ. އެކަމަކު ޝިފާނާ އަށް ކުރިމަތިވެފައިވި މައްސަލަޔާ ހެދި، ބަނޑުގައި ވެސް އޮތީ ވަރަށް ކުޑަކޮށެވެ. އެހެންވެ ބަނޑުބޮޑުކަމެއް ވެސް ނޭނގެއެވެ. ޝިފާނާގެ މަންމަ ބުނި ގޮތުގައި ޝިފާނާ އަށް ބަނޑުބޮޑު އިރު ވެސް ގަވައިދުން މައްސަރު ކަންތައް ވެސް ދިޔައީ ދިމާވަމުންނެވެ.

ޝިފާނާ އުފަންވެ އޭގެ ފަހުން ވެސް ކުރަންޖެހުނީ ތަފާތު ތަޖުރިބާއެކެވެ.

"ރޭގަނޑު ނިދަން އޮންނައިރު ވެސް ބަނޑުމަތީ ބާއްވައިގެން ކިރު ވެސް ޖައްސަ ޖައްސާ އަހަރެން އޮންނަނީ. ހަތަރު ފަސް އަހަރު ވީއިރުވެސް، ކައިރީ އިނަސް ޝިފާނާ ރޯ އަޑެއްވެސް ނީވޭނެ ކުޑަކަމުން. ވަރަށް ދުވަސް ފަހުން (ރުޔަސް) އަޑުވެސް އިވެން ފެށީ،" އަތުގެ އެއް އިނގިލި މަތީ އަނެއް އިނގިލި ހުރަސްކޮށްލަމުން އޭނާ ބުނީ ވިހޭއިރު ފައި ވެސް އޮތީ އެ ދެ އިނގިލި ގޮތަށް އޮޅިފައި ކަމަށެވެ.

ޝިފާނާ (ކ) އޭނާގެ ވާހަކަތައް ކިޔައިދެނީ-- ފޮޓޯ: ހުސެން ވަހީދު / މިހާރު

އޮށޯވެ އޮންނައިރު ކުރިން ޝިފާނާއަށް ފައި ވެސް ސީދާ ނުކޮށްލެވެއެވެ. އޮންނަން ޖެހެނީ ކުރުގެޅިގެން، ފައި ކުރުކޮށްގެނެވެ. ވަރަށް ފަހުން ކުރި އޮޕަރޭޝަނަކަށް ފަހު މިހާރު ނިދާލަން ފަސޭހައެވެ. ފައި ދަމާލައިގެން އޮވެވެ އެވެ.

އެންމެ ފުރަތަމަ ޝިފާނާ ސްކޫލަކަށް ވެސް ދިޔައީ އުމުރުން 18 އަހަރު ވީ ފަހުންނެވެ. ގެ ކައިރިން ދެވެން އޮތީ ޖަމާލުއްދީން ސްކޫލަށް ކަމަށް ވާތީ އެ ސްކޫލަށް ދާން ފެށި އެވެ. އެކަމަކު އެއީ ކުޑަ ދުވަސްކޮޅަކަށެވެ. އެހެން ކުދިންނާ ވަކިކޮށް، ވަކި ކްލާސްރޫމެއްގައި އިންނަން ޖެހުމުގެ ފަޅުކަން އިހްސާސް ކުރަންޖެހުނެވެ.

"އެމީހުން ބުނި އެއީ (ޖަމާލުއްދީން ސްކޫލަކީ) ނުކުޅެދޭ ކުދިން ވައްދާ ސްކޫލެއް ނޫނޯ. އެކަމަކު އަހަރެންނަށް ސިޑިން މައްޗަށް އެރޭ، ވާހަކަ ދެއްކޭ، ހުރިހާ ކަމެއް އަމިއްލައަށް މިކުރަނީ. ދެން ކޮބާ މައްސަލައަކީ؟" ދެރަވެލާފައި ޝިފާނާ އެ ސުވާލު ކޮށްލީ އަހަންނަށެވެ.

ޝިފާނާގެ މަންމަ (މ) އިންޓަވިއު ދެނީ. -- ފޮޓޯ: ދޯ

ޝިފާނާގެ ވާހަކަ މެދުކަނޑާލާފައި އޭނާގެ މަންމަ އަލުން ވާހަކަ ފެށި އެވެ.

"ޖަމާލުއްދީން ސްކޫލަށް ވައްދާފަ، އޭނަ (ޝިފާނާ) ކިޔަވަކިޔަވާ ހުއްޓަ ކަލާފާނަށް ބަދަލުކުރާ ވާހަކައެއް ދައްކާފަ އެމީހުން ބުނީ ތިމަންނަމެން އަންގަންދެން މަޑު ކޮށްލާށޯ އިހަށް. އެކަމަކު އެމީހުން ފަހުން ޚަބަރެއް ނުވޭ. އެހެންވެ ޚަބަރު ނުވެގެން އަހަރެން ދެތިން ފަހަރު ދިޔައިން. ދިޔައީމަ ބުނީ އަންގާލާނަމޯ. އެކަމަކު އަދިވެސް ޚަބަރެއް ނުވޭ"

ޝިފާނާގެ ޝަކުވާ އަކީ އޭނާ އަކީ ހިނގުން ނޫން ހުރިހާ ކަމެއް އަމިއްލަ އަށް ކުރެވޭ މީހަކަށް ވާއިރު ވެސް ތަފާތުކުރުން ގެންގުޅުމެވެ. މީހެއްގެ އެޙީތެރިކަމާ ނުލައި ފެންވަރާ ރީތިވެ ހަމަ ހުރިހާ ކަމެއްވެސް ކުރެވެއެވެ.

އެކަމަކު އޭނާ އިންނަ ގޮނޑީގެ ބަރުކަމާ ހެދި، އަމިއްލައަށް ދުއްވުމަށާއި ބައެއް ތަންތަނުން ގޮނޑި އުފުލަން އުނދަގޫވާކަމަށް ބުންޏެވެ. ދިރިއުޅުން ބިނާވެފައި އޮތީ އެ ގޮނޑި އަށް ކަމަށް ވާތީ އެއަށް ވުރެ ފަސޭހަ ގޮނޑިއެއް އޭނާ ބޭނުންވެ އެވެ.

ޝިފާނާ ބުނީ އަބަދު ގޭގައި އޮންނަން ފޫހިވާތީ މިހާރުވެސް ބޭރަށް ގޮސް އުޅޭ ކަމަށެވެ. އެކަމަކު ބައްޕަ ބަލިވުމުން މިހާރު ދާންޖެހެނީ އެކަންޏެވެ. އަދި ބުނީ ކުރިން ރޭޑިއޯ ޕްރޮގްރާމްތަކުގައި ބައިވެރިވެ ފޫހިފިލުވާލަން ލަވަކިޔައިދީ ވެސް އުޅެން ކަމަށާއި އެކަމަކު މިހާރު އެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ. އަދި މީހުންގެ ފުރައްސާރައާ ކުރިމަތިވުމަކީ ވެސް ލިބޭ ހިތްދަތިކަމެކެވެ.

"ޓީވީން ވެސް ގޮވައެއްނު ނުކުޅެދޭ ކުދިން އަބަދު ގޭގަ ބާއްވާކަށް ނުވާނޭ، ބޭރަށް ނެރޭށޭ. އެކަމަކު ބޭރަށް ނިކުތީމަ މީހުން އެއްޗެހި ކިޔާވަރުން އަޅުގަނޑުމެންނަކަށް ނޯވޭ ތަނަކަށް ނުކުމެލެވޭކަށް ވެސް،" ޝިފާނާ ބުނީ ބޭރުގައި އުޅެނިކޮށް ފުލުހުން އައިސް ނަން ނޯޓްކޮށް "ނަސޭހަތް" ދީފައި ވެސް އެބަހުރި ކަމަށެވެ.

"މީހުން ވެސް ބަލާނެތާ ތަފާތު ކުއްޖެއްވީމަ. އެހެންވެ އުނދަގޫވޭ ބައެއް ގަޑިގަޑީ."

އިތުރަށް ފަރުވާ ކުރެވިއްޖެ ނަމަ، އަލުން ހިނގޭނެ ކަމުގެ އުންމީދު އެބައޮތް -- ފޮޓޯ: ހުސެއިން ވަހީދު / މިހާރު

ޝިފާނާ ބުނި ގޮތުގައި، ފުރޮޅުލީ ގޮނޑިއެއްގައި ބޭރަށް ނިކުމެ އުޅެނީ ސަލާން ޖަހަން ކަމަށް މީހުން ހީކުރެ އެވެ.

"މަގުމަތީ އުޅޭ ގަޑީގަ މީހަކު ގޮވާލާފަ ދޭ އެއްޗަކީ، އަހަރެން ނުދެކެން އަހަރެން ބުނެގެން ދޭ އެއްޗެއް ކަމަކަށް. އެގޮތަށް އެއްޗެހި ލިބުނީމަ ބައެއް މީހުން ހީކުރަނީ ސަލާން ޖަހަނީއޭ. އެގޮތަށް މީހުން ވަރަށް އެއްޗެހި ކިޔާ ހަދާ."

އޭނާ ބުނީ ދުވަހަކު ވެސް ސަލާން ނުޖަހަން ކަމަށެވެ. އެކަމަކު މަގުމަތީ އެހެން އުޅޭއިރު މީހުން އެއްޗެހި ދީ ހަދަ އެވެ.

މީހުންނަށް ނޭނގެނީ ޝިފާނާގެ ސިއްހީ މައްސަލަ އަށް ފަރުވާ ހޯދަން އާއިލާ އިން ކޮށްފައިވާ މަސައްކަތެވެ. އުންމީދު ކަނޑާނުލައި އެކި ދުވަސްވަރު ކުރި އެކި ފަރުވާ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ލިބުނު އެހީއެއްގައި ދެތިން ފަހަރަކު ރާއްޖޭން ބޭރަށް ގޮސް ބޭސްކުރި އެވެ. އެކަމަކު ލިބުނު އެހީން ނުފުދޭތީ، ފަރުވާ ފުރިހަމަކުރަން ރާއްޖޭން ބޭރުގައި ތިބެވެން ނެތުމުން އަންނަ ޖެހުނީ އެވެ. އެހީ ލިބިގެން ބޭރަށް ދާ ކޮންމެ ފަހަރަކު ވެސް ދިމާވާ މައްސަލަ އަކީ އެއީ އެވެ.

އެކަމަކު އެއްފަހަރު ރާއްޖޭން ބޭރުން ހޯދި ހަކީމީ ބޭސްވެރިކަމުގެ ފަރުވާއަކުން، ކުޑަކޮށް ހިނގާލައި އުޅެވުނެވެ.

"ހިނގުމުގެ ނަސީބު އެހާ ދުވަސްކޮށްފަ ލިބުނީމަ ދެން ކޮންމެ މީހަކުވެސް އުފާވާނެތާ. އެއްކޮށް ބޭސް ނުކުރެވުނީމަ ކުޑަކޮށް ފިޔަވަޅު އެޅިފަ އިރުކޮޅުކޮޅާ ވެއްޓޭ. އަނިޔާއެއް ލިބިދާނެތީ ނުކުރުނު އެހާބޮޑަކަށް ހިނގާކަށް ވެސް،" އެކަމަކު ފަރުވާ ކުރިއަށް ނުގެންދެވުމުން، އަނެއްކާ ވެސް ކުރީގެ ހާލަތަށް ދިޔައީ ކަމަށް ޝިފާނާ ބުންޏެވެ.

"އެވަރަށް ފައިސާ ނެތީމަ އެމީހުން ބުނި ދުވަހަށް ފަރުވާއަށް ނުތިބެވޭތީ އައީ (ރާއްޖެއަށް). އެމީހުން ބުނި އޭރު އެކޮޅުގަ އެއްކޮށް ފަރުވާ ނިމެންދެން މަޑުކުރިނަމަ އެއްކޮށް ހިނގޭނެއޯ،" ޝިފާނާގެ މަންމަގެ ލޮލުން ކަރުނަ ފޭދުނެވެ.

ހުރިހާ ކަމެއްވެސް ޝިފާނާ ކުރަމުން އަންނަނީ އަމިއްލައަށް -- ފޮޓޯ: ހުސެއިން ވަހީދު / މިހާރު

މޮޅިވެރިކަމާއެކު ދެން ބުނީ އެއްކޮށް ރަނގަޅު ކުރެވިދާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށާއި ވީ ވަރަކުން އެކަމަށް ބޭނުންވާ ފައިސާ އެއްކުރަމުން އަންނަކަމަށެވެ. އަދި އަލުން ފަރުވާ އަށް ގޮސް، ޝިފާނާއަށް ހިނގޭނެ ދުވަހެއްގެ ހުވަފެން ދެކެމުން އަންނަ ކަމަށެވެ. ގިނަ ދަރިންތަކެއް ތިއްބަސް، ރާއްޖޭގެ މި އިޖުތިމާއީ ބަލިމަޑުކަމުގެ ތެރޭގައި ޝިކާރައަކަށްވެ އާއިލާ އޮތީ ބިކަވެފަ އެވެ.

ޝިފާނާ އެންމެ ދެރަވާ އެއް ކަމަކީ ބައްޕަ ވެސް އުމުރުން ދުވަސްވެ ބަލިވެ، މަންމަ އަށް ވެސް އެހީތެރިކަން ބޭނުންވެފައި ވާއިރު އެހެން އަންހެން ކުދިން ގޮތަށް އެހީ ނުވެވުމެވެ. މަންމަ ދެއްކި ހިތްދަތި ވާހަކަތަކާ ހެދި އިސްދަށަށް ޖަހާލައިގެން މޮޅިވެފައި އިނަސް، އޭނާ އަހަރެމެންނާ ވަކިވެލީ ވެސް ބައްދަލުކުރި ހިނިތުންވުމާ އެކުގަ އެވެ. ގޮނޑި ދޫކޮށްލައި، ހިނގާލެވޭނެ ކަމުގެ އުންމީދީ ހިނިތުންވުމެވެ.

Popular