14 Mar 2019

ރަން މެޑަލްއާއެކު ހައިޝަމް ކަރާޓީ ދުނިޔޭގައި!

ރަން މެޑަލްއާއެކު ހައިޝަމް ކަރާޓީ ދުނިޔޭގައި!

By: Shamila Ibrahim

ދާދި އިހަކަށް ދުވަހު ކަރާޓީން ރަން މެޑައްޔެއް ހޯދައިދިން އަލީ ހައިޝަމްގެ ވާހަކަ މި ދެތިން ދުވަހު ވަރަށް ގިނައިން ދެކެވެއެވެ. ރާއްޖޭގައި އެހާ އާންމު ނޫން ދާއިރާއަކުން މިކަހަލަ ޝަރަފުވެރި ކާމިޔާބީއެއް ހޯދުމުން އެންމެން ވެސް މި ތިބީ އުފަލުންނެވެ.

އުމުރުން 29 އަހަރުގެ ހައިޝަމް އެވަނީ އިންޓަނޭޝަނަލް ދެ މުބާރާތެއްގައި ބައިވެރިވެ މެޑަލް ހޯދައިފަ އެވެ. އަދި މި ދާއިރާއިން އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް އަމިއްލަ ފަންޑިންގައި މުބާރާތްތަކަށް ދާން ޖެހުމުން ދަތިތަކާ ކުރިމަތިވެ، އެކަން ނުކުރެވެނީ އެވެ. އެކަމަކު މޭ މަހު އޮތް މުބާރާތަކަށް ދެވޭތޯ ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގޯލްޑް މެޑަލްއެއް ލިބުމުން ހައިޝަމް ހުރީ ވަރަށް އުފަލުން -- ފޮޓޯ: އަހުމަދު ނިޝާތު / މިހާރު

ޑިސެންބަރު މަހުން ފެށިގެން ޕްރެކްޓިސްތައް ކުރަމުން އައިސް އެންމެ ފަހުން އެ ދިޔަ "ސައުތު އޭޝިއަން ގިމަހަ ކަރާޓީ ޗެންޕިއަންޝިޕް 2019" ގައި ހައިޝަމް ރާއްޖެ އައީ ގޯލްޑް މެޑަލްއެއް ހިފައިގެންނެވެ. އޭގެ ކުރިން ލިބުނު ސިލްވާ މެޑަލްއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ 60-67 ވެއިޓް ކްލާސް ހަތަރެއް އަދި ފަސްވަނަ ކިއު ކެޓަގަރީން އެއްވަނަ ހޯދައިގެންނެވެ.

މި ޒުވާނާ އަށް ކަރާޓީގެ ދުނިޔެ އަށް ވަދެވުނީ 2011 ވަނަ އަހަރު އެކުގައި އުޅުނު ބަޔަކާ އެކު އެކަމުގެ ޕްރިކްޓިސް ކުރާ ތަނަކަށް ދެވި، ޝައުގުވެރިކަން އުފެދުނު ހިސާބުންނެވެ.

"އޭރުވެސް ރާއްޖޭގަ އޮންނަ ކަމެއްމީ. ދެހާސް ނުވއަކުން ފެށިގެން އޮވޭ ކަރާޓީ ކިޔަވައިދޭ އެކި އެސޯސިއޭޝަންތައް. އެކަމަކު އެކުގަ އުޅުނު ބަޔަކާއެކު ވީމަ ފަސޭހަވާނެތާ އެކްސްޕޯސް ވާން. އެގޮތުން އެ މީހުންނާ އެކު ފުރަތަމަ ކްލާހަކަށް ދިޔައީ."

އައިޖީއެމްއެޗްގައި އޭރު ވަޒީފާގައި އުޅުނަސް، ކަރާޓީ އަށް އުފެދުނު ޝައުގުން ފަހުން މުޅިން ގޮސް އެކަމަށް ހުސްވީ އެވެ. އަދި އިތުރު ޓީޗަރެއް ހޯދައި، ކަރާޓީ ކްލާސް ފުޅާކޮށް ކުރިއަށް ގެންދަން ބޭނުންވެގެން ކުރި މަސައްކަތުން ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ސްރީލަންކާ މީހަކާ ދިމާވި އެވެ.

އެއީ މިހާރު ވެސް ހައިޝަމަށް ޓްރެއިނިން ދެމުން އަންނަ ޓީޗަރު ރިވޮއި ޕްރަސަންނާ އެވެ. އަދިވެސް ރިސޯޓްގައި އުޅެމުން އެ ޓީޗަރު ދަނީ ހައިޝަމްމެން ކަރާޓީގެ ތެރެއަށް ފީނުވާ ތަމްރީނުތައް ދެމުންނެވެ.

ހައިޝަމް އަކީ ބޮޑީޓެކް ޖިމްގެ ފިޓްނެސް އިންސްޓްރަކްޓަރެއް -- ފޮޓޯ: އަހުމަދު ނިޝާތު / މިހާރު

ކަރާޓީގެ ތިއަރީ ބައި ކިޔަވައިދެނީ ޖަޕާނު ބަހުން ކަމަށްވުމާ އެކު ފުރަތަމަ އެކަންވީ ހައިޝަމަށް އުނދަގޫ ކަމަކަށެވެ. އެކަމަކު މިހާރު ޖަޕާނު ބަހުން ގުނަން ދަސްވެ، މަޑުމަޑުން އަންނަނީ އެބަހުގެ ތެރެއަށް ވަދެވެމުންނެވެ.

"މުބާރާތަކަށް ޕްރެކްޓިސް ކުރާއިރު ހެވީ ލިފްޓިން މަދުކޮށްލަން. އެއީ މޫމަންޓް ސްލޯ ވެދާނެތީ."

އެންމެ ފުރަތަމަ ސޯޝަލް ސެންޓާގައި ޕްރެކްޓިސްތައް ފެށި ނަމަވެސް، ފަހުން އެ ތަނުން ނިކުންނަން ޖެހިގެން އިންޑޯ ކްރިކެޓް ހޯލުގައި ވެސް ހަައިޝަމްމެން ވަނީ ޕްރެކްޓިސް ކޮށްފަ އެވެ. ފަހުން އެތަން މަރާމަތަށް ހުސްކުރަން ޖެހުމުން ފަހަރަކު ތަނަކަށް ބަދަލުވަމުން ގޮސް ޓްރެކްގައި އައުޓް ޑޯ ޕްރެކިޓްސްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

"(އައުޓްޑޯ ގަ ޕްރެކްޓިސް ކުރިއިރު) މީހުން ވަރަށް ބަލަން ތިބޭ. (މިކަން ކުރާތަން ފެނިގެން ވެސް) ވަރަށް ގިނަ މީހުން ޖޮއިން ކުރި. އެކަމަކު ދެންވެސް ދިމާވަނީ ހަމަ (ޕްރެކްޓިސް ކުރާނެ) ތަނުގެ ދަތިކަން." ހައިޝަމް އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.

"މިހާރު ޕްރެކްޓިސް މި ކުރަނީ މާލޭގަ. އެކަމަކު މި ދޭތެރެއިން ތަނުގެ ދަތިކަމެއް ދިމާވެގެން ހުޅުމާލޭގަ ވެސް ޕްރެކްޓިސް ކުރިން އަމިއްލަ ދެތިން އެސޯސިއޭޝަނުން ހިފާފަ އިން ތަނެއްގައި."

ގިނަ ކަރާޓީ ޕްރެކްޓިސްތައް މިހާރު ކުރިއަށް ގެންދަނީ ހަފްތާއަކު ދެތިން ދުވަހު ސޯޝަލް ސެންޓަރުގަ އެވެ.

ހައިޝަމް ބުނީ ކަރާޓީގެ ކަންކަމުގައި އުޅެން ފެށި ހިސާބުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށެވެ.

"އޭރު ގޮތަކަށް ބުނަންޏާ ހުންނާނީ ބޯ ދިގުކޮށްފަ، އެ ލައިފްސްޓައިލްގަ. ދެން ބޭނުން އިރަކު ބޭނުން އެއްޗެއް ކާލާ، ވަޒީފާ އަށް ނުދާ ދުވަހެއް ވެއްޖިއްޔާ ލަހުން ހޭލުމާ އެގޮތަށް އުޅެނީ އޭރު. އެކަމަކު ކަރާޓީ ތެރެއަށް ވަދެވުނު ހިސާބުން ލައިފް ޕްރޮގްރެސްވެ، އެކަމަށް (ކަރާޓީއަށް) ވަގުތު ދޭން ޖެހުމުން މީހާގެ ލައިފްވެސް ޑިސިޕްލީން ވީ. ކަރާޓީގެ ސަބަބުން ދިރިއުޅުމަށް މި އައީ ހަމަ ވަަރަށް ރަނގަޅު ހެޔޮ ބަދަލެކޭ ބުނެވިދާނެ."

މިހާރުގެ ލައިފްސްޓައިލްގައި ފަތިހު 4:30 ގައި ހޭލާ ކަމަށް ބުނި -- ފޮޓޯ: އަހުމަދު ނިޝާތު / މިހާރު

ހައިޝަމް ބުނީ އޭރާ ބަލައިފަ މިހާރުގެ ކެއުމުގެ ސްޓައިލަ ށްވެސް ބަދަލުތަކެއް އައިސް، ވަރަށް ކޮންޓްރޯލް ކަމަށެވެ. ގަޑިން ގަޑިއަށް ކެއުމާ ވަކި ގަޑިއެއްގެ ފަހުން ކައިބޮއެ ނުހެދުން ފަދަ އުސޫލުތައް ހިފަހައްޓާކަން ހައިޝަމްގެ ހަށިގަނޑު ހެކިދެއެވެ.

"އަސްލު ދިވެހިން ކަރާޓީއާ މެދު ދެކޭ ގޮތް ވަރަށް ތަފާތު. ފިލްމުތަކުގަ ފެންނަ ގޮތަށް ތެޅުން ކަމަށް އަސްލު ހީވެފަ އޮންނަނީ. އެކަމަކު ކަރާޓީއަކީ މީހާގެ ޑިސިޕްލީންއާ ލައިފްސްޓައިލް ދަސްކޮށްދޭ އެއްޗެއް. އޭގެން ދަސްކޮށްދޭނެ މަޑުމައިތިރިކަމާ ކަންކަމަށް މީހާ ހޭލުންތެރިކުރުމާ ޕްރިކްޓިސްގެ ތެރެއިން ސްޓްރެންތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންށާ ސެލްފް ޑިފެންސްގެ ބައި ވެސް."

ކަރާޓީ ފަރިތަ ކުރާއިރު ބޭނުން ކުރަނީ ހުދު ކުލައިގެ ފޮތިން ހަދާފައިވާ ވަކި ޔުނީފޯމެކެވެ. ޖަޕާނު ބަހުން ނަމަ އެއީ "ގީ" އެވެ. ކަރާޓީގެ ތަމްރީނުތައް ލިބި، ޔުނިފޯމް ލެވޭވަރުވުމުން ސްރީލަންކާއިން ޔުނީފޯމްތައް ފައްސުވައިގެން ގެންނަނީއެވެ.

މުޅި މުބާރާތުގައި ހަ ސަތޭކައަށް ވުރެ ގިނަ ކުދިން ބައިވެރިވިއިރު، ހައިޝަމްގެ ކެޓަގަރީން ގޯލްޑް މެޑަލްއެއް ލިބުމުން ހައިޝަމް ހުރީ ވަރަށް އުފަލުންނެވެ.

ކުރިން 30 އަށް ވުރެ ގިނަ ކުދިން ތިބަ ނަމަވެސް، މެދުކެނޑުމެއް އައުމުން ކުދިން މަދުވެ މިހާރު ކަރާޓީ ކޮމިއުނިޓީގައި އުޅެނީ 17 ކުދިންނެވެ. އެތަނުން އެންމެ ފަހުން އޮތް މުބާރާތުގައި ހައިޝަމްއާއެކު އަށް ކުދިންގެ ޓީމަކުން ބައިވެރިވެ ގިނަ މެޑަލްތަކެއް ވެސް ވަނީ ހޯދާފައެވެ.

ފޮޓޯ: އަހުމަދު ނިޝާތު / މިހާރު

ހައިޝަމް ބުނީ މިކަން ކުރަން ބޭނުން ކުއްޖެއްނަމަ ޝައުގުވެރިވުމުގެ އިތުރަށް ކޮމިޓްމެންޓް ވެސް ބޭނުންވާނެ ކަމަށެވެ.

"މިއީ އިންކަމް ހޯދަން އަދި ރާއްޖޭގައި ވަރަށް އުނދަގޫ ކަމެއް. އެކަމަކު ކުރިއަށް އޮތް ތަނުގަ ވަރަށް ރަނގަޅު ކަމަކަށް ވާނެ. އަންހެން ކުދިންނަށް ވެސް ސެލްފް ޑިފެންސް އަށް ބަލައިފަ ވެސް ހަމަ ވަރަށް ރަނގަޅު ދާއިރާއެއް މިއީ. އެއީ ކަރާޓީއިން މި ދަސްކޮށްދެނީ ހަމައެކަނި ފިޓްނެސްއެއް ނޫން ދޯ."

ރާއްޖެ އަށް ކަރާޓީގެ ހޭލުންތެރިކަން އިތުރުކޮށް، ޕޮސިޓިވް ވައިބެއް ފަތުރާލަން ހައިޝަމް ބޭނުމެވެ. އެކަމަކު ތަނުގެ ދަތިތަކަމާއެކު އިތުރަށް މިކަން ފުޅާ ކުރުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އެވެ.

މިއަދު ހުރި ހިސާބަށް އާދެވުމުގައި ވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް ހައިޝަމް ބުންޏެވެ. އެގޮތުން ކަރާޓީ ދަސްކޮށްދެއްވި ޓީޗަރު ރިވޮއި ޕްރަސަންނާއާ، ޝާކް މާޝަލް އާޓްސް އެކަޑެމީއާ، ޓީޝާޓް ސްޕޮންސާ ކުރި ބޮޑީޓެކް ޖިމަށާ، ޔޫކޭ އެންބެސަޑަރު އަދި ޔޫތު މިނިސްޓްރީގެ ނަން ފާހަގަ ކުރިއެވެ.

ފިޓްނެސް

Popular