24 Mar 2019

ޝިހާމް: ބޯޓުދަތުރުކުރުން ހުއްޓާލާފައި ބޯޓު ހަދަނީ

ޝިހާމް: ބޯޓުދަތުރުކުރުން ހުއްޓާލާފައި ބޯޓު ހަދަނީ

By: Aishath Maaha

ޒުވާން އުމުރަށް އަޅައިގެން އައިއިރު އަހްމަދު ޝިހާމްގެ ބޮޑުބޭބެ އަކީ އަވަދިނެތި އުޅުނު ވަޑިއެކެވެ. މާލެ އަތޮޅު ގުޅީގައި، ބޮޑުބޭބެ އާ އެކުގައި އުޅެމުން ޝިމާހަށް ވެސް ހަމަ ރަނގަޅަށް މިކަމުގެ ތެރެއަށް ވަދެވުނީ އެވެ.

މަސައްކަތުގެ ތެރެއަށް ނިކުތް އިރު، ކުދިކުދި ސަރަންފީ އާއި ދޯނި ފަދަ ތަކެތި ހެދި ނަމަވެސް ބޮޑެބޭބެ (ދޮންބޭބެ) އާ އެކު ރަސްމީކޮށް މަސައްކަތަށް ނުކުމެ، މޭޒާއި ދޮރާއި ދޮރުފަތް ފަދަ ތަކެއްޗާއި އޮޑި ދޯނި ފަހަރު ވެސް މަރާމާތު ކުރަން ފެށި އެވެ. ހަތަރު، ފަސް އަހަރު ވަންދެން އެކަމުގައި އުޅެފައި ޝިހާމް ފެށީ މުޅިން ތަފާތު ބޮޑު ދަތުރެކެވެ.

ބޯޓު ދަތުރުކުރަން ދާ މީހުން އެނބުރި އައިސް އަމިއްލަ މަސައްކަތްތައް ފަށައި ކާމިޔާބުވާތަން ފެނި ޝިހާމަށް އެއީ މާ ރަނގަޅު ކަމެއްގެ ގޮތުގައި ފެނުނެވެ.

"ބޯޓު ދަތުރުކުރަން ދިއުމަކީ ފަސޭހަ ކަމެއް ނޫން. ފުރުސަތު ހޯދަން އުނދަގުލީ. ބޮޑު އަދަދަކުން ލާރި ވެސް ދައްކައިގެން ފުރުސަތެއް ލިބުނީ . އެކަމަކު މަނާކަމެއް ކަންނޭނގެ އެގޮތަށް ފުރުސަތު ހޯދުމަކީ. ދަތުރުކުރަން ގޮސް ފުރަތަމަ އަހަރު އުޅުނިން އަހަރު ވަންދެން. ދެވަނަ ފަހަރަށް ގޮސްފަ 23 މަސް ވާންދެން އުޅެފަ އައީ،" ބޯޓު ދަތުރުކުރުމުގައި ހޭދަވި މުއްދަތު ޝިހާމް ކިޔައިދިނެވެ.

ޝިހާމް މަސައްކަތުގައި. -- ފޮޓޯ: ދޯ

"އެކަމަކު ދަތުރުކުރަން ދިއުމަށްވުރެ މާގިނައިން ވެސް ލިބޭ މިކޮޅުން. ރައްކާ ނުކުރެވެނީ. މިބުނީ ކުރީގައި ވެސް ވަޑާންކޮށްގެން ލިބޭ ހަމަ ވަރަށް ރަނގަޅު އެއްޗެއް."

ބޯޓު ދަތުރުކުރަން އުޅެފަ އައިސް ދެން ވެސް ގޮސް ޝިހާމަށް ވަދެވުނީ ގުޅީ ބޯޓު ޔާޑަށެވެ. އޭގެ ފަހުން މިހާރު ވިއްސަކަށް އަހަރު ވެއްޖެ އެވެ. މިހާރު ވެސް އެކުރާ ގަނޑު ވަޑާމުގެ ތެރެއަށެވެ. ދޭތެރެއަކުން މަހަށް ވެސް ދިޔަ އެވެ. މިހާރު ޝިހާމް މަސައްކަތްކުރަނީ 10 މުވައްޒަފުންނާއެކު އަމިއްލަ މަސައްކަތެވެ. މި އިންޓަވިއު ނަގަން ދިޔައިރު ވެސް ޝިހާމް އުޅުނީ އޭނާގެ މުވައްޒަފުންނާއެކު ވަރަށް ބުރަކޮށެވެ.

އަމިއްލަ ވިޔަފާރިއެއް ދަރިންނާ ހަވާލުކޮށްގެން ދުވަސްތަކެއް ވާންދެން ކުރިއަށް ވެސް ގެންދިޔަ އެވެ. އަނބިދަރިން މާލޭގައި ބައިތިއްބައިގެން ކިޔަވައިދީ ހުރިހާ ހަރަދެއް ޝިހާމްކުރަނީ ވަޑާންކޮށްގެން ހޯދާ އާމްދަނީންނެވެ. ލޯނެއް ނަގައިގެން ދަރިފުޅަކު ޑޮކްޓަރުކަން ކިޔަވާއިރު ޗުއްޓީއަށް އައުމަށާއި ދަތިވެއްޖެ ނަމަ ބޭނުންވާ ފައިސާ ވެސް ޝިހާމް ފޮނުވަނީ މި މަސައްކަތުން ލިބޭ އާމްދަނީ އިންނެވެ.

ގަނޑުވަޑާން ކޮށްގެން ވެސް ރަނގަޅު އާމްދަނީއެއް ލިބޭކަން ޝިހާމް (ވ) ފާހަގަކުރި. -- ފޮޓޯ: ދޯ

ވަޑާންކުރުމުގެ އިތުރުން މަސްބާނާ ބުޅި ހެދުމަކީ ވެސް ޝިހާމް ހާއްސަ ކަމެކެވެ. ބައެއް ދުވަސްވަރު ވަޑާމުގެ މަސައްކަތް ނުލިބޭއިރު ހުރިހާ ހަރަދެއް ޝިހާމް ބަލަހައްޓަނީ ބުޅި ހަދައިގެން ލިބޭ އާމްދަނީންނެވެ.

"އަބަދަކު ވަޑާމުގެ މަސައްކަތެއް ނުލިބޭ. އެކަމަކު ބުޅި ހަދައިގެން ރަނގަޅު އާމްދަނީއެއް ލިބޭތީ މެނޭޖްކުރެވޭ. އަހަރުމެންނަކީ ދޯނި ބަންނަ ބައެއް ނޫން. މަރާމާތުކުރާ ބައެއް. އެހެންވީމަ އެހެންތާ ވާނީ."

ޝިހާމްގެ ގްރޫޕް މަސައްކަތުގައި. -- ފޮޓޯ: ދޯ

ޝިހާމްގެ ގުރޫޕް އާންމުކޮށް މަސައްކަތްކުރަނީ މަރާމާތުކުރަން ބޭނުންވާ އުޅަނދު ގުޅިއަށް ގެނެސްގެންނެވެ. މަދު ފަހަރެއްގައި އޮޅުވެލިފުއްޓަށް ގޮސް ވެސް މަސައްކަތް ކުރެ އެވެ. އެންމެ ހާއްސަ އެއް ކަމަކީ މި ގްރޫޕްގައި ތިބެނީ ހުސް ދިވެހިން ކަމެވެ. އެކަމަކު ޒުވާނުން އެ މަސައްކަތަށް ނުކުންނަ މިންވަރު މަދުކަން ޝިހާމް ފާހަގަކުރި އެވެ.

"ޒުވާން ކުދިން އާދޭ ކުރަން ބޭނުންވެގެން. އެކަމަކު އެމީހުންނަކަށް ދަހެއް ނުވޭ ގިނަ ދުވަސްވާއިރު ވެސް. އެހާ ޝައުގުވެރިކަން ވެސް ނުހުންނަނީ ކަންނޭނގެ މިއީ ބުރަ ކަމެއްވީމަ. އެކަމަކު ދޯނި ބަނުމުގެ މަސައްކަތުގައި ރަށްރަށުގައި އުޅޭ ވަރަށް ޒުވާން ކުދިން ވެސް. އަޅުގަނޑުގެ ދޮށީ ދަރިފުޅު ވެސް ވަރަށް ޝައުގުވެރިކަންހުރި މި ކަމަށް. އެކަމަކު މަސައްކަތް ކުރެވޭ ގޮތް ނުވީ."

ނަމަވެސް މިއީ އާމްދަނީ ހޯދަން ކުރަން އެންމެ ރަނގަޅު އެއް މަސައްކަތުގެ ގޮތުގައި ޝިހާމް ފާހަގަކުރި އެވެ. އެއް ފަހަރާ ނުވަތަ އަބަދު އަބަދު މަސައްކަތްތައް ނުލިބުނަސް ލިބޭއިރު ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތަކަށްވާތީ އެވެ.

ކ. ގުޅި

Popular