4 Apr 2019

އިތޫ މިސް: މިއީ ދަރިވަރުންގެ މަންމައެއް

އިތޫ މިސް: މިއީ ދަރިވަރުންގެ މަންމައެއް

By: Shamila Ibrahim

އިތުމީނާ މުހައްމަދު ނުވަތަ އަހަރެމެން ހުރިހާ އެންމެން ދަންނަ ނަމުން ނަމަ އިތޫ މިސްގެ އިތުރު ތައާރަފެއް ބޭނުމެއް ނުވާނެއެވެ. އުމުރުން 52 އަހަރު ވީއިރު، 32 އަހަރު އިތޫ މިސް ހޭދަ ކުރީ ދިވެހި ދަރިވަރުންގެ ހިދުމަތުގަ އެވެ.

"އޭރު ކުޑައިރު (އަމީނިއްޔާގައި ކިޔަވަން އުޅުނުއިރު) ފާހަގަ ނުކުރެވުނަސް ފަހުން ކޮންމެވެސް ހިސާބަކުން ފާހަގަ ކުރެވުނު ކޮންމެވެސް ފާޑެއްގެ ލީޑާޝިފް ކަމެއް ހުރޭ ގައިގަ. އައި ޑޯންޓް ބޮސް އެރައުންޑް ދެމް (ސްޓޫޑޭންޓްސް)، ބަޓް އައި ގިވް ދެމް އައިޑިއާ އެންޑް ދޭ އޯލް ވިލް އެގްރީ ވިތު މީ. މީ ޓީޗަރު ކަމުގަ މިހާ ގިނަ ދުވަހު ހުރެވުނު އެއް ސަބަބު،" އިސްކަންދަރު ސްކޫލްގައި މިވަގުތު، ހިދުމަތުގެ ގޮތުން އެންމެ ދޮށީ މުވައްޒަފު ކަމަށްވާ އިތޫ މިސް ކިޔައިދިނެވެ.

ފުރަތަމަ، އާދައިގެ ޓީޗަރެއް ނަމަވެސް، މިހާރު އެއީ ކުދިން ނުހަނު ލޯބިވާ ލީޑިން ޓީޗަރެކެވެ. މިސްގެ މި ދިގު ކެރިއަރުގެ ބައެއް ވާހަކަތައް "ދޯ" އަށް ހިއްސާކުރި އެވެ.

ފޮޓޯ: ދޯ

"ވަރަށް ކުޑައިރުވެސް ޝައުގުވެރިކަން ހުންނަ ކަމެއް މީ. ގާތްގަނޑަކަށް ގްރޭޑް ސިކްސް ހިސާބުގަ ވެސް ގޭދޮށު ކުދިން (އަޅުގަނޑަށްވުރެ ކުޑަކުދިން) އައީމަ ޓިއުޝަން ނަގައިދީ ހެދިން. އޭރު އެއީ ހަމަ ލާރިއަކަށް ވެސް ނޫން. އަޅުގަނޑަށްވުރެ ކުޑަކުއްޖަކަށް އެއްޗެއް ބުނެދެވޭނެތީ އުފާވޭ އޭރު ވެސް،" އިތޫ މިސް ބުނީ ހިލޭ ޓިއުޝަން ދެމުންދިޔަ ނަމަވެސް، ސާނަވީ ގްރޭޑާ ހަމައިން އަވައްޓެރިންގެ އެދުމުގެ މަތިން ޓިއުޝަން ދިނީ ކުއްޖަކަށް 15 ރުފިޔާ އަށް ކަމަށެވެ.

އޭރު ފެށި ގޮތަށް، އޯލްވެލްއާ ހިސާބަށް ޓިއުޝަން ދެމުން ދިޔައެވެ. އެކަމަކު އަސްލު ހަގީގީ ޓީޗިން އަކީ ކޮބައިކަމެއް އޭރަކު އިތޫ މިސްއަކަށް ނޭނގެއެވެ. ޓީޗިންގެ ތެރެއަށް ބޮޑަށް ވަދެވުނީ 1986 ވަނަ އަހަރު އިންގްލިޝް މީޑިއަމުން ހެދި ޓީޗިން ކޯހަކަށް ފަހުގަ އެވެ. އެފަހަރު އެ ކޯހުން ދެ ވަނަ، މެރިޓް ސެޓްފިކެޓަކާއެކު ހޯދި އެވެ.

"ފުރަތަމަ ވަޒީފާއަށް ނިކުތް އިރު މިތަނުން (އިސްކަންދަރުން) ބުނީ ގްރޭޑް ތްރީގެ ކްލާހަކަށް ލާ ވާހަކަ. އެހެންވެ ބިރުން ހިތަށް އެރި މިކަމެއް ނުވާނޭ،" ޓީޗިން ކެރިއާ ފަށައިގަތީ އިސްކަންދަރުގައި ހުސް ބޭރު ޓީޗަރުން ތިބެ، ދިވެހިން ވެސް އޭގެތެރެއަށް އިތުރު ކުރި ދުވަސްކޮޅެވެ.

އެކަމަކު ކިޔަވައިދިނުމަށް ހުރި ޝައުގުވެރިކަމާ އެކު، ގާތް މީހުންގެ ސަޕޯޓް ވެސް ލިބިގެން ހިތްވަރު ލީ ކުރިއަށްދާށެވެ.

"ކޮންޓިނިއުއަސްލީ އުޅުނިން 19 އަހަރު ހަމަ އެކަނި ގްރޭޑް ފަހަކަށް ކިޔަވައިދޭން. ފަހެއްގެ ފޮތްތައް ވެސް ހިތު ދަސްވާނެ އޭރު މުގައްރަރު ބަދަލު ނުވެ އަބަދު އެއް ފޮތްތަކެއް ގެންގުޅުނީމަ،" އިތޫ މިސް އަކީ ޕްރައިމަރީ ގްރޭޑްތަކުގެ ލީޑިންޓީޗަރުގެ މަގާމު ވެސް އެތައް އަހަރެއްގައި އަދާކޮށްފަ އެވެ.

މިއީ އެހެން ވުވައްޒަފުންނާ ވެސް ގުޅޭ، އެންމެންގެ ލޯބި ހޯދާފައިވާ މިސްއެއް

ޒުވާން އުމުރުގައި ފެށި ޓިއުޝަން ދިނުން އަދިވެސް ހުއްޓުމަކަށް ނާދެއެވެ. ސްކޫލްގެ ސެޝަން ގަޑިތައް ފިޔަވައި ގިނަ ވަގުތު ޓިއުޝަން ދިނުމުގައި ހޭދަ ކުރެއެވެ.

މީގެ 32 އަހަރު ކުރިން، 1987 ގެ ޖެނުއަރީގައި، އިތޫ މިސް އިސްކަންދަރުން ފެށި ޕްރޮފެޝަނަލް ޓީޗިން ކެރިއަރު އަދިވެސް އަންނަނީ ކުރިއަށެވެ. ސިންގަޕޫރަށް ގޮސް އަހަރެއްހައި ދުވަހުގެ ޓީޗިން ޕްރެކްޓިއަމް ކޯހެއް ވެސް ފުރިހަމަ ކުރިއެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ސެޓްފިކެޓްތަކުގެ އޮނިގަނޑަށް އައި ބަދަލާއެކު، މަންދު ކޮލެޖުން އެސޯސިއޭޓް ޑިގްރީން ފެށިގެން ގޮސް މާސްޓާސް ލެވެލްއާ ހިސާބަށް ކިޔެވިއެވެ. މިކަމުގައި މަންދު ކޮލެޖްގެ ޗެއާމަން އިބްރާހިމް އިސްމާއިލްގެ އެހީ ފާހަގަކުރަމުން ބުނީ، ސެޓްފިކެޓް ހައްދަން ނޫން ގޮތަކަށް އިތުރު ފީއެއް ދައްކަން ނުޖެހުނު ކަމަށެވެ.

2010 ވަނަ އަހަރު، ޓީޗިން އެވޯޑްގައި ޕްރައިމެރީ ލީޑިންޓީޗިން ކެޓަގަރީއިން އެ އެވޯޑު ހާސިލް ކުރެއްވި

ޓީޗަރުންނަށް 2010 ވަނަ އަހަރު ދިން ޓީޗިން އެވޯޑްގައި ޕްރައިމަރީ ލީޑިން ޓީޗިން ކެޓަގަރީން އެ އެވޯޑު ލިބުނީ ވެސް އިތޫ މިސް އަށެވެ.

"އަޅުގަނޑު ހީކުރީ ލީޑިން ޓީޗަރެއް ވީމަ އެހާ ބޮޑަށް ކިޔަވައިދޭކަށް ޗާންސްއެއް ނުލިބޭނޭ. އަދި މާ ބުރަ ވާނޭ. ތެދެއް، (ލީޑިން ޓީޗަރަކަށް ވުމަކީ) ވަރަށް ބުރަ ކަމެއް. އެކަމަކު ހީކުރި ގޮތާ ހިލާފަށް ކިޔަވައިދޭން ވެސް ޗާންސް ލިބޭތީ ވަރަށް އުފާވޭ."

ލީޑިން ޓިޗަރެއް ކަމަކު، ޓީޗަރަކު ހާޒިރު ނުވާ ދުވަހެއް ނަމަ، އެ ވަގުތެއް ފުރަން އިތޫ މިސް ހުންނަނީ އުފަލުން ތައްޔާރަށެވެ.

"ޓީޗަރަކު ނެތިގެން ކުދިންނަށް މާއްދާއަކަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެ"

ތަފާތު މިޒާޖުގެ ކުދިންނާއި ބެލެނިވެރިންނާ ބައްދަލުވެފައި ވިޔަސް އިތޫ މިސް ބުނީ ދުވަހަކުވެސް ކަމަކާ ހިތްހަމަ ނުޖެހި މައްސަލައެއް ޖެހުނަސް، ހައްލު ނުކުރެވޭ ވަރު ކަމެއް ދިމާނުވާ ކަމަށް ބުންޏެވެ.

"އެހާ އުނދަގޫ ކަންތައްތަކަކާ އަސްލު ދިމައެއެއް ނުވޭ މިވީ 32 އަހަރު ތެރޭގަ ވެސް. އެކަމަކު ކަރިކިއުލަމަށް އަންނަ ބަދަލުތަކަށް އެޖެސްޓްވާން ޓައިމް ނަގާ. އެއީ ގޮންޖެހުމެއް ކަމަށް ބެލިދާނެ."

އިތޫ މިސްގެ ބައެއް ދަރިވަރުން މިހާރު ޒިންމާދާރު ވަޒީފާތަކުގައި ވަރަށް ސީނިއާ ލެވެލްގައި ވެސް އެބަ އުޅެއެވެ. އެ "ކުދިން"ނާ ދިމާވެ ވާހަކަ ދެކެވުން އެއީ އިތޫ މިސް އަށް ލިބޭ ބޮޑު އުފަލެކެވެ.

"އެންމެ ފުރަތަމަ ޓީޗަރަކަށް ވެގެން ކިޔަވައިދިން އިރުގެ ސްޓޫޑެންޓުން މިހާރު ވެސް މަގުމަތިން ފެނިގެން ހުއްޓިފަ ވާހަކަ ދައްކާ. ވަރަށް އުފާވޭ އެހެންވެ،"

އޭނާ ބުނީ ކްލާހުގައި އިންނަ އެންމެ ކިޔަވާހިތް ނުވާ ކުއްޖާ ވެސް ފަލީހަތް ކޮށްލުމުގެ ބަދަލުގައި އިސްކުރަނީ ނަސޭހަތް ދިނުން ކަމަށެވެ. ގިނަ ކުދިންގެ ފޭވަރިޓަށް ވެވުމުގެ އެއް ސަބަބަކީވެސް އެއީއެވެ.

ކުދިންނަށް ކިޔަވައިދެވުމަކީ އިތޫ މިސްއަށް ލިބޭ ވަރަށް ބޮޑު އުފަލެއް --

ހަމަ އެގޮތަށް ޕާސަނަލް ލައިފްގައި ދިމާވާ ކަންކަމާ ވާހަކަ ދައްކާލުމަށް ވެސް މިއީ ގާތް މިތުރެކެވެ. އެތަކެއް ކުދިންނަށް ޓީޗަރެއްގެ އުސޫލުން ނޫން ގޮތަށް އެކިއެކި އެހީ އަމިއްލަ ޖީބުން ވެސް ވެފައި އެބަ ހުއްޓެވެ. ލިބޭ އުފަލަކަށްޓަކައި މިގޮތަށް ދަރިވަރުންނަށް ދޭ އެހީތެރިކަމުގައި އެންމެ ނިކަމެތި ކުއްޖާ ވެސް އިތޫ މިސް ކްލާހުގައި ކިޔަވަން އިންނަނީ ނިކަން އުފަލުންނެވެ.

ގިނަ ދަރިވަރުންނަށް މިއީ ޓީޗަރަކަށް ވުރެ ބޮޑަށް މަންމައެކެވެ.

Popular