10 Apr 2019

ޝަރީފާގެ ރިހާކުރު: ތުޅާދޫގެ އެއް ނަންބަރު ހަދިޔާ

ޝަރީފާގެ ރިހާކުރު: ތުޅާދޫގެ އެއް ނަންބަރު ހަދިޔާ

By: Aishath Maahaa

ބ. ތުޅާދޫއަށް ދާ ވާހަކަ ބުނި ހިސާބުން، އެ ރަށުން ކޮންމެހެން ވެސް ރިހާކުރު ފުޅިއެއް ގެނެސްދޭން ވާނޭ ކިތަންމެ މީހަކު ބުންޏެވެ. އެ ރަށު ރިހާކުރު މާ މީރީ އެވެ. ތުޅާދޫ ރިހާކުރު ހޯދަން އުޅުމުން އެނގުނީ އެރަށު އާލިޔާ މަންޒިލް ޝަރީފާ އިދުރީސް ކައްކާ ރިހާކުރަށް މާ ބޮޑު ޑިމާންޑެއް އޮންނަ ކަމެވެ. ޝަރީފާ ކައްކާ ރިހާކުރު އެރެއިން އެރެއަށް ހުސްވާ ކަމަށްވެ އެވެ.

އެހެންވެ ހެނދު ހެނދުނާ ތެދުވެގެން ދިޔައީ އެ ބުނާ ޝަރީފާއެއް ހޯދާށެވެ. އަހަރެމެން ދިޔައިރު ޝަރީފާ ހުރީ މަގުމަތީގައި މަސް އަވީލާށެވެ. ދެތިން ބިދޭސީން ވެސް އަތްގާތްކޮށްދޭން އުޅޭތީ ފެނުނެވެ. އެތާ ކައިރީގައި ހުރި ދަރުފުނިތަކުން އަންގައިދެނީ އުނދުންތައް ނިއްވާލާނެ ވަގުތެއް ވެސް ނުވާކަމެވެ.

އެހާ ބުރަކޮށް އުޅެނިކޮށް ވެސް އަހަރެމެން ގޮސް އިންޓަވިއުއެއްގެ ވާހަކަ ބުނުމުން ހިނިތުންވަމުން ބުނެލީ ތިޔައީ އެއްވެސް ކަމެއް ނޫނޭ އެވެ. ގޭ ދޮރުމަތީގައި އަވީގައި ހުރި ޖޯލިފަތި ހިޔަލަށް ގެނެސް އަހަރެމެން ބައިތިއްބާފައި، ދެން ތި ދައްކާ ވާހަކައެއް ދައްކަބަލާށޭ ބުންޏެވެ.

އެންމެ ސުވާލަކާއެކު ޝަރީފާ ގެނބިގެން ދިޔައީ މާކުރީގެ ހަނދާންތަކެއްގެ ތެރެއަށެވެ. ޝަރީފާ ބުނިގޮތުގައި އޭނާގެ މައިންބަފައިން ވެސް ދިރިއުޅުމަށް ކުރި މަސައްކަތަކީ ރިހާކުރު ކެއްކުމެވެ. ނަމަވެސް މައިންބަފައިންގެ އެ މަސައްކަތަކީ އޭނާ މާ ޝައުގުވެރިވި ކަމަކަށް ނުވާތީ އަބަދުވެސް އުޅުނީ މޫދަށް އެރި ސަކަރާތްޖަހައި މަޖަލުގަ އެވެ.

"ބައްޕައަށް ވަރަށް ގިނަ ދޯނިތަކުން މަސް ލިބޭނެ. ދެން ގެނެސް މަސް ކަނޑާފަ ތެލި ތެއްޔަށް އަޅާފަ ބަދިގެއަށް ގެންދަން ބުނީމަ ދެތިން ތެލި ގެންގޮސްފަ އަހަރެން ފިލާނެ. އެއްބަނޑު އެހެން ކުއްޖަކު އެކަންކަން ކުރާނީ،" ޅައިރުގެ ހަނދާންތައް އާކޮށްލަމުން ޝަރީފާ ބުންޏެވެ.

"މީހަކާ އިނދެގެން ވަކިން އުޅެން އައި އިރު ނޭނގޭނެ ލޮނުލާކަށް ވެސް އެއްޗެއްސަށް. ފިރިމީހާ އަންނަންދެން ހުންނަނީ. އެކަމަކު މިހާރު އަހަރެން ކައްކާ ރިހާކުރަށް ވުރެ މީރު ރިހާކުރެއް ނުލިބޭނެ މި ރަށަކުން،" ޝަރީފާގެ ރާގުގައި ހުރީ ޔަގީންކަމާއި ފަހުރުވެރިކަމެވެ.

ޝަރީފާ ބުނީ ރެޔަކު 40-50 ވަރަކަށް ފުޅި ރިހާކުރު ކައްކާ ކަމަށެވެ. އަދި އެ ރެއިން ރެޔަށް ރަށުތެރެއަށް ވިކި ހުސްވާ ކަމަށެވެ. މިހާރު 275ރ. އަށް ރިހާކުރު ފުޅިއެއް ވިއްކާއިރު އެންމެ ފުރަތަމަ ރިހާކުރު އަޑުބައެއް ވިއްކީ 10ރ. އަށް ނުވަތަ 20ރ. އަށެވެ.

ރިހާކުރު ކައްކަން ޝަރީފާ ބޭނުންކުރާ ބަދިގެއެއް. -- ފޮޓޯ: ދޯ

ރިހާކުރު ކެއްކުމުގެ ކުރިން ޝަރީފާގެ ދެމަފިރިން ކުރި މަސައްކަތަކީ މިޔަރު ގަނެގެން ލޮނު އެޅުމެވެ. ތިން އަހަރު ވަންދެން، ދިރިއުޅުމަށް ކުރި ހަމައެކަނި މަސައްކަތަކީ ވެސް އެއީ އެވެ. އެ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބުނަސް އިތުރަށް އަތްމަތި ތިޔާގިކޮށްލަން ރިހާކުރު ކެއްކުމުގެ މަސައްކަތް ފަށައިގަތީ އެވެ.

އޭގެ ފަހުން މިހާރު 37 އަހަރު ވެއްޖެ އެވެ. މެދުކެނޑުމެއްނެތި ރިހާކުރު ކެއްކިއިރު 10 ވަރަކަށް އަހަރު ވަންދެން މިޔަރު ގަނެގެން ލޮނު އެޅި އެވެ. ނަމަވެސް މިޔަރު ހިމާޔަތްކުރުމުން މިޔަރު ގަންނަން ނުލިބޭތީ އެ މަސައްކަތް ހުއްޓާލީ އެވެ.

"އެންމެ ފުރަތަމަ މިޔަރުގެ އުރަހަ ނަގާފަ މީހުން މޫދަށް އުކާފަ ހުއްޓާ ހޮވައިގެން ގެނެސް ކެއްކީ. ފަހުން ގަނެގެން ކެއްކީ. އޭރު 40 ރުފިޔާއަށް 50 ކިލޯ ވިއްކަން. ދެން އަރަމުން އަރަމުން ވަރަށް މައްޗަށް އެރި އަގު. ވަރަށް ބައިވަރު ލިބޭ."

މިޔަރު ލޮނު އެޅުމުން ފަށައިގެން ރިހާކުރު ކައްކަން ފަށައި ރެޔަކު ފަސް ޓަނު ނުވަތަ އެޔަށްވުރެ ގިނައިން ގަނެގެން ކައްކަ އެވެ. އެންމެ ފުރަތަމަ އޭނާ ރިހާކުރު ކައްކަން ފެށިއިރު އޮޑިވެރިންގެ ގޭގައި ނޫނީ ރިހާކުރެއް ނުކައްކަ އެވެ. އެކަމަކު މިހާރު ޝަރީފާ ގޮތަށް، މަސް ގަނެގެން ރިހާކުރު ކައްކާ ހައެއްކަ މީހުން އުޅެ އެވެ. މިހާރު މަސް ގަނެގެންނާއި އަމިއްލަ ދޯނިން ބާނާ މަސް ޝަރީފާ ރިހާކުރަށް ހަދަ އެވެ. އެ ހުރިހާ މަހެއް ކައްކަން ހާއްސަ ދެ ބަދިގެއެއް ތައްޔާރުކޮށްފައި ހުރެ އެވެ.

މި ހުރިހާ މަހެއް ރިހާކުރަށް ހަދަނީ ޝަރީފާ އެވެ. މަސް ކަނޑާށާއި ކައްކަން ބިދޭސީން ގެންގުޅެ އެވެ. އެ ބިދޭސީން މަސް ކެއްކުމާއި މަސް ޖެހުމަށް އެހީތެރިވެދެ އެވެ. ނަމަވެސް ރިހާކުރަށް ބަދަލުކުރަނީ ޝަރީފާ އަމިއްލަ އަށެވެ. އޭނާ ބުނާގޮތުގައި ރަހަ ބަދަލުނުވެ ހިފާއްޓާލެވެނީ ބިދޭސީންނާ ހަވާލުނުކޮށް އަމިއްލައަށް ކައްކާތީ އެވެ.

ޝަރީފާ ދޯއަށް އިންޓަވިއު ދެނީ. -- ފޮޓޯ: ދޯ

"ރޭގަނޑު މަސް ކައްކާފަ ނިދާފަ ފަތިސް ނަމާދުކޮށްގެން ނުކުމެ ރިހާކުރު ކައްކަން ފަށަނީ. ބައެއް ފަހަރު ރޭގަނޑުވާއިރު ވެސް ނުނިމޭނެ. ކޮންމެ ދުވަހަކު ވެސް މަސައްކަތް އޮންނާނެ،" ހޮނިހިރު ދުވަހު ފިޔަވައި ހުރިހާ ދުވަހަކު މަސް ކެއްކުމުގައި އުޅޭ ކަމަށް ޝަރީފާ ބުންޏެވެ. ހޮނިހިރު ދުވަހަކީ ބަދިގެތައް ސާފުކޮށް އެ މަސައްކަތްތައް ކުރާ ދުވަސް ކަމަށެވެ. މަސް ކެއްކުމަށް ބޭނުންވާ ދަރު ގިނައިން ގަންނަނީ އެވެ. ކައިރި ރަށްތަކުން ވެސް މަދުމަދުން ގެނެ އެވެ.

ރިހާކުރުގެ އިތުރުން، ކައްކާ މަސްތައް ވެސް ވިއްކަ އެވެ. ވަޅޯކޮށް ދިލަ ޖައްސައިގެން އެ މަސްތައް ވިއްކަނީ މާލެ ގެނެސްގެންނެވެ. މަހެއްގެ މައްޗަށް އެންމެ މަދުވެގެން 30،000 އެއްހާ ރުފިޔާ ލިބޭކަމަށް ޝަރީފާ ބުންޏެވެ. ދެމަފިރިން ހައްޖަށް ދިއުމާއި ގެ ހަދަން އަދި ކުދިންނަށް ކިޔަވައިދީ، މަސް ދޯންޏެއް ވެސް ގަތީ ރިހާކުރު ކައްކައިގެން ލިބުނު އާމްދަނީންނެވެ.

"ހައްޖަށް ދިޔައީ އެންމެ އަހަރެއްގެ ތެރޭގައި ފައިސާ އެއްކޮށްގެން. ގެ ހަދަން ނެގި ކުޑަ ލޯނު ވެސް ދެއްކީ މި މަސައްކަތުން ހޯދި ފައިސާއިން. ކުދިންނަށް ކިިޔަވައިދިނީ ވެސް. އަދިވެސް އެއްފަހަރު ހައްޖަށް ދާން ވެސް ބޭނުން."

އެ އަޒުމުގައި މަސައްކަތް ކުރިޔަސް އަދި އެކަމަށް ފައިސާ އެއްކުރަން ނުފަށާ ކަމަށް ޝަރީފާ ބުންޏެވެ.

Popular