13 Apr 2019

ގޮއިދޫގެ ތަފާތު މަންޒަރު: ސްކޭޓްކުރުން

By: Ifraz Ali

މެންދުރު ސްކޫލް ނިންމާލުމަށްފަހު ބ. ގޮއިދޫ ކުދިން އެންމެ އިންތިޒާރުކުރާ ގަޑިޔަކީ މިއެވެ. އަސުރަށް ފަހު އަވި މަޑުވެލައި ހަވީރުވާ ވަގުތަށް، ސްކޭޓް ބޯޑު ހިފައިގެން ގޮސް، މި ރަށުގެ ބަނދަރު ސަރަހައްދުގައި އެލުވާފައިވާ އުނދޯލިތަކުގައި މި ކުދިން ތިބެނީ ދުއްވައި ގަންނަން ތައްޔާރަށެވެ.

ސްކޭޓްކުރުމުގެ ވާހަކަ އެއިން ކުއްޖެއްގެ ދުލުން އަޑުއަހާލަން ބޭނުންވާތީ އަހަރެމެން ވެސް ގޮސް، ތިބީ ބަނދަރުމަތީ އުނދޯންޏެއްގައި، އެ ކުދިންތައް އެއްވެލަން ދެން މަޑުކޮށްލައިގެންނެވެ.

އެ ދުވަހު އެ ތަނުގައި އެންމެ ދޮށްޓަށް ހުރި 16 އަހަރުގެ ކުއްޖެއްގެ އިންޓަވިއު ލިބުނެވެ. ރަށު ސްކޫލްގައި މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ހުސައިން އަލޫފްގެ އެވެ. ކުޅިވަރަށް ހާއްސަ ލޯތްބެއް ބާއްވާ، ސްކޭޓް ދުއްވުމަށް ފަރިތަ އަދި ހުނަރުވެރި ކުއްޖެކެވެ.

އަލޫފް (މ)، އޭނާގެ ރައްޓެހިންނާއެކު ސްކޭޓްކުރަން ގޮސް -- | ފޮޓޯ: ދޯ

"ފުރަތަމަ ސްކޭޓްކުރާ ހިތްވީ މާލެ ގޮސް އުޅެނިކޮށް އާޓިފިޝަލް ބީޗުގައި ކުދިންތަކެއް ސްކޭޓްކުރާތަން ފެނިގެން،" އޭގެފަހުން މިހާރު ރަށުގައި ސްކޭޓްކުރާތާ ދެ އަހަރެއްހާ ދުވަސް އަހަރުވެއްޖެ ކަމަށް ބުންޏެވެ.

މި ރަށު ކުދިން ސްކޭޓްކުރަނީ އެކަމަށް ހާއްސަކޮށް ހަދާފައި އޮތް ތަނަކު ވެސް ނޫނެވެ. ރަށުގެ ބަނދަރު ހެދިއިރު، މަސްކަނޑަންވެގެން ހަދާފައި އޮތް ތަޅިންގަނޑެއްގަ އެވެ. މަސްކަނޑާ ދުވަހެއް ނަމަ އެ ކުދިންގެ ހަވީރުގެ ސްކޭޓް ޕްލޭން ކެންސަލްވީ އެވެ.

"ފުރަތަމަ ކުއްޖަކު ގެނައި ސްކޭޓް ބޯޑެއްގައި އެންމެން ސްކޭޓްކުރަން ފެށީ މިތަނުގައި،" އޭރުގައި އަމިއްލަ ސްކޭޓް ބޯޑެއް އޭނާގެ ނެތެވެ. "އަމިއްލަ ސްކޭޓް ބޯޑެއް ލިބުނީ ސްކޭޓްކުރާތަން ބައްޕައަށް ފެނިގެން، ބައްޕަ ގަނެދިނީ،" އަލޫފް ބުންޏެވެ.

އަލޫފް ސްކޭޓްކުރަނީ: ސްކޭޓްކުރާތާ މިހާރު ދެވަރަކަށް އަހަރުވެއްޖެ -- | ފޮޓޯ: ދޯ

"ހުޅުމާލޭގައި ހުންނަ ސްކޭޓް ޕާކަށް ދިޔައިން. މިހާރު އެންމެ ބޭނުންވަނީ އެކަހަލަ ސްކޭޓް ޕާކެއް ރަށުގައި ހުންނަން،" އެންމެ އުއްމީދުކުރާ ކަމަކީ އެއީ ކަމަށް އަލޫފް ބުންޏެވެ.

މި ކުދިންނަށް އެންމެ ސަޕޯޓީވް ބަޔަކީ އެމީހުންގެ ބެލެނިވެރިންނެވެ. މިތަނުގައި ކުދިން އުޅޭ ނޫޅޭ ބަލަން ބެލެނިވެރިން ވެސް ގޮސް އުނދޯލިތަކުގައި ތިބެ އެވެ.

ސްކޫލާއި ރަށުގެ ޒުވާނުން ވެސް ކުދިންގެ މި ހުނަރު ކުރިއެރުވުމަށް ބޮޑު މަސައްކަތެއް ކުރެ އެވެ. ސްކޭޓް ބޯޑެއް ނެތް ކުދިންނަށް ސްކޫލުން ބޯޑު ވެސް ދެ އެވެ. ކުދިންނަށް މި ދަސްކޮށްދިނުމުގައި އެންމެ ބޮޑު ބައެއް ކުޅެނީ ރަށުގެ ޒުވާނުންނެވެ.

އަލޫފް ސްކޭޓްކުރަނީ: އޭނާ ބޭނުންވަނީ ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް -- | ފޮޓޯ: ދޯ

"ސްކޫލުން ވަރަށް ފަހުން ބޭއްވި މުބާރާތެއްގައި ވެސް ބައިވެރިވިން. މާލެއިން ޖަޖެއް އައިސްގެން ބޭއްވީ ވެސް،" ވަރަށް އުފާވެފައި ހުރެ އަލޫފް ބުންޏެވެ.

އަލޫފް ބޭނުން ވަނީ ވެސް ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ސްކޭޓްގެ އިތުރުން، ފުޓްބޯޅަ ކުޅުމާއި އަދި ކައިޓް ސާފިންނަކީ އޭނާ އެންމެ ޝައުގުވެރިކަން ހުރި ކުޅިވަރުތަކެވެ.

ކުދިންގެ ޝައުގުވެރިކަން ހުރި ކަމެއް ކުރިއަރުވަން ބެލެނިވެރިންނާއި ޒުވާނުން އަދި ސްކޫލުން ކުރާ މިކަމަކީ ގޮއިދޫއަށް ކުރި ދަތުރުގައި އަހަރެމެންނަށް ފެނުނު އެންމެ އުފާވެރި މަންޒަރެވެ. މި ކުދިންގެ ހުވަފެންތަކުގައި ކުލަޖެހޭނީ މި ރަށުގައި ސްކޭޓް ޕާކެއް ހުޅުވޭނެ ދުވަހަކުންނެވެ.

Popular