14 Apr 2019

ހަންޓޭ އުދުހެނީ މާ މަތީގައި

ހަންޓޭ އުދުހެނީ މާ މަތީގައި

By: Aishath Maaha

އުމުރުން 16 އަހަރުގައި "ހަންޓޭ" ގެ ގޮތުގައި ހަސަން މާހިރު ދިވެހިންނަށް އެނގުނީ ކައިޓް ސާފިންގައި އޭނާ ދައްކަމުން އަންނަ ހުނަރުންނެވެ. އޭނާ މިހާރު ސުރުހީތަކުން ޖާގަ ހޯދާފައި މި ވަނީ ކައިޓްބޯޑްގެ ބައިނަލްއަގްވާމީ ބްރޭންޑެއް ކަމަށްވާ "ސްލިންގްޝޮޓް"ގެ ރާއްޖޭގެ އެމްބެސެޑަރަކަށް ހަމަޖެއްސުމާ އެކުގަ އެވެ.

"ދޯ" ގައި މީގެ ކުރިން ވެސް ހަންޓޭގެ ވާހަކަ ގެނެސްދީފައި ވާނެ އެވެ. އެކަމަކު އަނެއްކާވެސް އޭނާގެ ވާހަކަ ދައްކާލަން މިއީ ރަނގަޅު ވަގުތެކެވެ.

ހަންޓޭގެ ހުނަރުވެރިކަމާއި މޮޅުކަން މިހެން ލިޔެލައިގެން ސިފަކޮށްދެވޭ ވަރަށް ވުރެ ބޮޑެވެ. އުމުރުން 14 ވަރަކަށް އަހަރުގައި ކައިޓް ސާފިން ބޯޑަކަށް އަރައި ހަންޓޭ އުދުއްސައިގަތީ އެވެ. އޭގެފަހުން ފަސް ބެލުމެއް، ހުއްޓުމެއް ނެތެވެ. ސްކޫލުން ދިން ފިލާވަޅުތަކަށް ވުރެ ވެސް ހަންޓޭގެ ޝައުގުވެރިކަން ހުއްޓުނީ މޫދު ލޮނުގަނޑުގެ ތެރެއަށެވެ.

މޫދަށް އެރި ލޮނުގަނޑުގެ ތެރޭގައި ހަންޓޭ ރަސްކަންކުރަން ފެށުމުގެ ކުރިން ވިއްސާރަވެގެން މަގުމަތީގައި ހެދިފައި އޮންނަ ފެންގަނޑުތަކުގައި ވެސް ހަންޓޭ ދިޔައީ ބޫގީ ބޯޑެއްގައި ހުނަރު ދައްކަމުންނެވެ. އޭރު އެއީ 12 އަހަރު ވެސް ނުވާ ކުޑަކުޑަ ކުއްޖެކެވެ.

"އެންމެ ކުރިން ވާރޭ ވެހުނީމަ މަގުމަތީ ހެދިފައި އޮންނަ ފެންގަނޑުގައި ބޯޑެއް ހިފައިގެން ސްކީ ކުރަނީ. އެތަން ފެނިގެން ވޯޓާ ސްޕޯޓްސް އަށް ގެންދިޔައީ. އެތަނުން ރާޅާ އަޅަން ފަށާފަ އޭގެ ފަހުން ކައިޓް ސާފްކުރަން ފެށުނީ،" ހަންޓޭ ކިޔައިދިނެވެ.

ރާޅާ އެޅުމާއި މޫދުގެ އެހެން ކުޅިވަރުތަކަށް ވެސް ހަންޓޭ ޝައުގުވެރިވެފައި ހުނަރުވެރި އެވެ. ވޮލީ ކުޅުމާއި ސްކޭޓް ކުރުމުގައި ވެސް ހަންޓޭ މީ ހަމަ އެއް ވަނަ އެވެ. އެކަމަކު ކައިޓް ސާފިން އަކީ ހަސަންގެ ފޭވަރިޓް އެވެ.

"އެއީ ކައިޓް ސާފިންގައި ހެދޭނެ ވަރަށް ސަޅިގޮތްގޮތް. ވަރަށް ގިނަ އާ އެއްޗެހި މިހާރު ދަސް ވެސް އެބަކުރަން."

ކައިޓް ސާފިން ބޯޑުގައި އުދުއްސައިގަތް ތިން ވަނަ ދުވަހަކީ ހަންޓޭއަށް ބޮޑު އަނިޔާއެއް ލިބުނު ދުވަހެކެވެ. ގާތަކުގެ މައްޗަށް ވެއްޓި ފަލަ މަސްގަނޑުން ބޮޑުބައެއް އިރައިގެން ދިޔަ އެވެ. އަނިޔާއަކުން ބަލިކޮށްނުލެވޭނެ ހިތްވަރާއެކު ދެ މަސް ދުވަސް ފަހުން އަނެއްކާ ވެސް ހަންޓޭ ހުރީ ކައިޓް ސާފިން ބޯޑުގަ އެވެ.

އެ ޒަހަމްގެ ފުންމިން ބޮޑުކަމުން ހަންޓޭގެ މައިންބަފައިން ތިބީ ދެވަނަ ފަހަރަށް ހަންޓޭ ކައިޓް ސާފިން އަށް ފޮނުވަން ބޭނުން ނުވެފަ އެވެ. ކިޔެވުމަށްވުރެ ބޮޑަށް ކުޅިވަރުގެ ތެރެއަށް ހަންޓޭ ވަދެދާނެ ކަމުގެ ބިރާ ވެސް އެކުގަ އެވެ. ނަމަވެސް އެދުވަހުގެ އަނިޔާ ވީ ހަންޓޭ އަށް ލިބުނު އިތުރު ހިތްވަރަކަށެވެ.

ހަންޓޭ ބުނަނީ މިހެންނެވެ: "ކައިޓް ސާފިންއާ ދުވަހަކު ވެސް ވަކިވުމެއް ނެތެ"ވެ.

ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް ހަންޓޭ އަންނަނީ ވިދަމުން. -- ފޮޓޯ: މުހަންމަދު އަހުސަން

އާންމު މީހެއްގެ ފަރާތުން ކައިޓް ސާފިން ކިޓެއް ފުރަތަމަ ފަހަރަށް ލިބުނީ އޭގެ ފަހުންނެވެ. ސީގިއާ އިން ވެސް އެއް އަހަރު ހަންޓޭ ސްޕޮންސާކޮށް ކައިޓް ސާފިން ކިޓެއް ހަދިޔާކުރި އިރު ރެޑްބުލް އިން ދެ ފަހަރަކު ވަނީ ހަންޓޭއަށް ކައިޓް ސާފިން ކިޓު ހަދިޔާކޮށްފަ އެވެ.

އޭގެފަހުން ރަނގަޅަށް ވައިޖެހޭ ކޮންމެ ދުވަހަކީ ލޮނުގަނޑުގެ ތެރޭގައި ހަންޓޭ ހޭދަކުރާ ދުވަހެކެވެ. ކައިޓް ސާފިން އާއި މޫދު ކުޅިވަރުން މުސްތަގުބަލް ކުރަހަން ހަންޓޭ ފެށިއިރު ހަންޓޭގެ މައިންބަފައިން އޭނާގެ މުސްތަގުބަލް ކުރަހަން ފެށީ މުޅިން އެހެން ދާއިރާއަކުންނެވެ. ހަންޓޭގެ ވިސްނުން މިހާރު ހުރީ މި އަހަރު ގޮއިދޫ ސްކޫލުން ގްރޭޑް 10 ނިންމާލާފައި އިތުރަށް ކިޔަވައިގެން ވޯޓާ ސްޕޯޓްސް އިން ކުރިއަށްދާށެވެ.

މިހާރު ވެސް ހަންޓޭ އަންނަނީ އޭނާއަށް އެނގޭ އެއްޗެހި އެހެން ކުދިންނަށް ބުނެދީ ދަސްކޮށްދެމުންނެވެ. ހައެއްކަ ކުދިންނަށް މިހާރު ރަނގަޅަށް ދަސްކޮށްދީފަ އެވެ. ޝައުގުވެރިކަން ހުންނަ ކޮންމެ ކުއްޖަކަށް ވެސް ދަސްކޮށްދޭން ހަންޓޭ ހުރީ ތައްޔާރުވެގެންނެވެ.

ސްރީ ލަންކާގައި 2017 ވަނަ އަހަރު އޮތް ކައިޓް ސާފިން ޓުއާގައި ހަންޓޭ ވަނީ ރާއްޖެ ތަމްސީލުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ. ރާޅުގުޑިން ބޭއްވި ކައިޓް ސާފިން އިވެންޓެއްގައި ވެސް ހަންޓޭ ވަނީ ބައިވެރިވެފަ އެވެ.

ލިބޭ އަނިޔާއަކުން ފަހަތަށް ޖެހޭ ވަރަށް ވުރެ ހަންޓޭގެ ޝައުގުވެރިކަން ބޮޑު. -- ފޮޓޯ: މުހަންމަދު އަހުސަން

"އަޅުގަނޑު އަސްލު ބޭނުންވީ ހަސަން ސިފައިންގެ މީހަކަށް ހަދަން. އެކަމަކު ހަސަން ބޭނުމެއް ނުވޭ އެ ދާއިރާއިން ކުރިއަށް ދާކަށް. އޭނާ ބޭނުންވަނީ ވޯޓާ ސްޕޯޓްސް އިން ކުރިއަށްދާން. އެހެންވެ މިހާރު އެ ދާއިރާއިން ކުރިއަށްދާން ފުރުސަތު ހޯދައިދޭން ބޭނުންވަނީ،" ހަންޓޭގެ މަންމަ ފަރުޒާނާ ނަސީރު ކިޔައިދިނެވެ.

"އެންމެ ކުޑައިރުން ފެށިގެން ވެސް ހުނަރު ހުންނަކަން އެނގޭ. ގްރޭޑް ހަތަރެއް ފަހެއްގައި އުޅުންއިރު މޫދަށް ވެސް ދާނެ އަޅުގަނޑަށް ސިއްރުން. މޫދަށް ގޮސްފަ އަޅުގަނޑަށް ފާހަގަވާން ވާއިރަށް އަންނާނެ. އައިސް ސިއްރު ސިއްރުން ފެންވަރާލައި އެއްޗެހި ބަދަލުކޮށްލައިގެން ހުންނާނީ،"

ވޯޓާ ސްޕޯޓްސް އިން ހަންޓޭ އިތުރަށް ކުރިއަރައިގެން ދާތަން ދެކެން ހަންޓޭގެ އާއިލާ ތިބީ ކެތްމަދުވެފަ އެވެ. އެކަމަކު ކުރިއަށް އޮތް ޖީސީއީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދަން ވެސް އޭނާގެ އާއިލާއިން އެދެ އެވެ.

ކުޑަކުދިން ވޯޓާ ސްޕޯޓްސް ބ. ގޮއިދޫ

Popular