24 Apr 2019

ޓިކްޓޮކުން ނުކުމެ "ރޯމަން" ފިލްމު ކުޅެނީ

ޓިކްޓޮކުން ނުކުމެ "ރޯމަން" ފިލްމު ކުޅެނީ

By: Shamila Ibrahim

ކުރިއަށް އޮތް ވެބް ސީރީޒް "އެހެނަސް"ގެ ލީޑް ރޯލުން ފެންނަ މުހައްމަދު ވިޝާލް ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ރޯމަންގެ އެކްޓިން އަށް ތައުރީފުކުރާ މީހުން ބައިވަރެވެ. އުމުރުން 21 އަހަރުގެ މި ޒުވާނާ އަލަށް އެކްޓިންގެ ތެރެއަށް ވަދެ، ލީޑު ރޯލުން އެ ދައްކާ ނިޔާޒުގެ ކެރެކްޓާ ފުރިހަމައީ އެވެ.

ކުޑައިރުއްސުރެ އެކްޓްކުރުމަށް ހުރި ޝައުގާ އެކު، ފިލްމީ ދާއިރާ އަށް ވަނުމަށް ރޯމަން އެޅި ފުރަތަމަ ބިންގަލަކީ "ޓިކްޓޮކް" ވީޑިއޯތައް ހެދުމެވެ.

"އަސްލު ޓިކްޓޮކް ފެށީ 2014 ގަ. އޭރު ރާއްޖޭގެ ގިނަ ކުދިން ޓިކްޓޮކް ނުވެސް ކުޅޭ. އޭރު ދެން ޓިކްޓޮކް އެއްޗަކަށް ނުވީމަ ހުއްޓާލައިގެން ހުރެފަ އަނެއްކަ ފަހުން އޭތި ރާއްޖޭގަ ވައިރަލްވި ދުވަސްކޮޅު ފެއްޓީ. ރޯމަން ގިނައިން ހުންނާނީ ދިވެހި އެއްޗިއްސަށްވުރެ ބޮޑަށް ހިންދީ އެއްޗިއްސަށް ޓިކްޓޮކް ހަދާފަ،" އޭނާގެ ޓިކްޓޮކް ވީޑިއޯތަކަށް ވަރަށް ބޮޑު ސަޕޯޓެއް ލިބޭ ކަމަށް ބުންޏެވެ.

ރޯމަންގެ އަސްލު ދިރިއުޅުމާ، މި ކެރެކްޓާއާ މާ ބޮޑު ގުޅުމެއް ނެތް

ރޯމަން ދެކެނީ އޭނާއަށް "އެހެނަސް" ސީރީޒުން ފުރުސަތު ލިބުނީ އޭނާގެ ޓިކްޓޮކްތައް ފެނި، ރިޝްމީއަށް އެ އެކްޓިން ކަމުދިޔުމުން ކަމަށެވެ. ރިޝްމީ ދިއްކޮލި އަތުގައި ހިފައި، ލީޑް ރޯލަށް މީހުން ހޮވި އޮޑިޝަނަށް ގޮސް، އެ ލިބުނު ފުރުސަތުގެ ބޭނުން ކޮށްގެން ކުރިއަށްދާން ނިންމީއެވެ.

"ފުރަތަމަ ވެސް ހަމަ ނިޔާޒްގެ ރޯލަށް (ލީޑު ރޯލަށް) އޮޑިޝަނަށް ދިޔައީ."

އަހަރެމެންނަށް 2016 ވަނަ އަހަރު ވެސް ރޯމަން ކެމެރާގެ ކުރިމަތިން ފެނުނެވެ. އެކަމަކު އެފަހަރު އޭނާ ފެނުނީ މަލީހާ ވަހީދު (މަލް) އާ އެއްކޮށް ވީޑިއޯ ލަވައަކުންނެވެ. އޭގެ ފަހުން ގެއްލިފައި ހުރެފައި، އަލުން މިފަހަރު މި ފެނުނީ ފިލްމު އިންޑަސްޓްރީގެ މަލަމަތިންނެވެ.

"މި އަސްލު ވަރަށް ތަފާތު އެކްސްޕީރިއަންސެއް. ލަވަ ކުޅުނުއިރު އެހާ ސެލްފް ކޮންފިޑެންސެއް ވެސް ނުހުންނާނެ. މިހާރު އެކަމު ސެލްފް ކޮންފިޑެންސް ހުންނާތީ މި ސީރީޒްގަ އެކްޓް ކުރަން އެހާ އުނދަގުލެއް ނޫން. އައި ޓްރައިޑް މައި ބެސްޓް،" ޝޫޓިންގައި ރަވީ، ރިޝްމީ އަދި އައިކިއުގެ ބޮޑު އެހީތެރިކަމެއް ލިބުނުކަން ފާހަގަކުރަމުން ރޯމަން ބުނީ މިހެންނެވެ.

ރޯމަން ހުރީ ފިލްމީ ދާއިރާއިން ފުރުސަތު ލިބުނު ވަރަކުން ކުރިއަށްދާން ވިސްނައިގެން

"ނިޔާޒް ގޯ ތްރޫ ކޮށްފަ ހުރި ކަންކަން ގޯ ތްރޫކޮށްފަ ހުރި ފްރެންޑްސް އުޅޭނެ ރޯމަންގެ ވެސް. އެމީހުން ކައިރިން ބޮޑަށް އަހައިގެން ޑައިލޮގްތައް ޑެލިވާ ކޮށްދިން އިރު ރިއަލިޓީ ގެންނަން ދަސްކުރީ. ބޮޑަށް އެ ކެރެކްޓާގެ ތެރެއަށް ވަދެވުނީ އެހެން."

ރޯމަންގެ އަސްލު ދިރިއުޅުމާ، ސީރީޒްގެ ކެރެކްޓާއާ މާ ބޮޑު ގުޅުމެއް ނެތް ކަމަށް ބުންޏެވެ.

"މި ސީރީޒްގަ އުޅޭ ނިޔާޒަކީ ވަރަށް މަޑުމައިތިރި މީހެއް ދޯ. އަލަށް މީހަކާ ދިމާވާއިރު ވަރަށް މަޑުމަޑުން ހުންނާނީ. ރޯމަން އަކީ ވެސް އެގޮތަށް އަލަށް މީހަކާ ދިމާވާއިރު މަޑުން ހުންނަ މީހެއް. އެމީހަކާ ކޮންފޮޓަބަލް ވީމަ ސަކަރާތް ޖެހޭނީ. އެކަން އެކަނި އަނެއްހެން ރިލޭޓް ވާނީ. އަނެއްހެން ހޯލް ސްޓޯރީއަކާ ރޯމަންއަކާ ގުޅުމެއް ނީންނާނެ."

މުސްތަގުބަލުގައި މޮޅު އެކްޓަރަކަށް ވުމުގެ ހުވަފެން އަންނަނީ ދެކެމުން

"އެހެނަސް"ގެ ޓްރެއިލާގައި ފެނުނު އެކްޓިން އަށް ބަލާފައި، ރޯމަން އަށް އެންމެންގެ ފަރާތުން ވެސް ލިބެނީ ވަރަށް ޕޮޒިޓިވް ކޮމެންޓްސްއެވެ.

ފިލްމީ ދާއިރާއިން ކުރިއަށް ދެވެން އޮތް ވަރަކުން ކުރިއަށްދާން ވިސްނައިގެން ހުރި ރޯމަން އަށް އިތުރު ޕްރޮޖެކްޓްސްތަކުން ވެސް ފުރުސަތު އަންނަނީ ލިބެމުންނެވެ. މުސްތަގުބަލުގައި މޮޅު އެކްޓަރަކަށް ވުމުގެ ހުވަފެން ވެސް އަންނަނީ ދެކެމުންނެވެ.

"ކުރިން މި ކަމުގެ ތެރެއަށް (އެކްޓިން އަށް) ނުވަނީ ލުކްސް ހުންނަ ގޮތުން. 18، 19 އަހަރު ވީއިރު ވެސް ވަރަށް ކުޑަކުއްޖެއް ވައްތަރު ޖަހާނީ. އޭޖުން ބޮޑަސް، ލުކްސް އިން ކުޑަ ވައްތަރު ޖަހާނީ. އެހެންވެ، ކުޑަކޮށް ބޮޑު ވައްތަރު ޖަހާލީމަ ފަށަން ކަމަށް އަސްލު ހުރީ"

ރޯމަން އަށް ވަގުތު ވީ ވަރަކުން، ތަފާތު ކެރެކްޓާތަކުގެ އެހެން ފިލްމުތަކަށް ވެސް އެކްޓްކުރަން ހުރީ ތައްޔާރަށެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ

Popular