13 May 2019

ކިޑީ އާއި ހަމީގެ ލޯބި: އަލަތު ދަރިފުޅުގެ އުފަލުގައި

ކައިވެންޏަށް 10 އަހަރު ފުރުމާ ދިމާކޮށް ލިބުނު އަލަތު ދަރިފުޅުގެ އުފަލުގައި އަހަރެމެން މި ގެނެސްދެނީ ޝައުގުވެރިކުރުވަނިވި މި ޖޯޑުގެ ފެށުމާއި އެ ލޯބީގެ އަސަރުގަދަ ވާހަކަ

ކައިވެންޏަށް 10 އަހަރު ފުރުމާ ދިމާކޮށް ލިބުނު އަލަތު ދަރިފުޅުގެ އުފަލުގައި އަހަރެމެން މި ގެނެސްދެނީ ޝައުގުވެރިކުރުވަނިވި މި ޖޯޑުގެ ފެށުމާއި އެ ލޯބީގެ އަސަރުގަދަ ވާހަކަ

By: Ahmed Nadym

ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ނުވަތަ ކިޑީ އަކީ ދިވެހިންނަށް ބިޔޯންސޭއެކެވެ. މެނޭޖަރު އަދި ފިރިމީހާ އިބްރާހިމް ހަމީޝް (ހަމީ) އާއެކު ކިޑީ ފެންނަނީ އަދި އެއަށްވުރެން ވެސް ވަރުގަދަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. ފަހުގެ ތާރީޚެއްގައި ރާއްޖެ ނުދެކޭ ވަރުގެ ފުރިހަމަ އާޓިސްޓަކަށް ނުވަތަ މުނިފޫހިފިލުވުމުގެ ބްރޭންޑަކަށް އުނޫޝާ ބަދަލުވުމުގެ ފަހަަތުގައި ހަމީޝްގެ ހިއްސާ ވަރަށް ވެސް ބޮޑެވެ. މި ޕާފެކްޓް ރިލޭޝަންޝިޕާއެކު އުނޫޝާ އާއި ހަމީޝްގެ ދިރިއުޅުން މި ވަނީ އަނެއްކާވެސް އާ އުސްމިނަކަށް އަރައިގެންގޮސްފައެވެ. ދެ މީހުންގެ ކައިވެންޏަށް 10 އަހަރު ފުރުމާ ދިމާކޮށް އެމީހުންނަށް ލިބުނު އަލަތު ދަރިފުޅުގެ އުފަލުގައި އަހަރެމެން މި ގެނެސްދެނީ ޝައުގުވެރިކުރުވަނިވި މި ޖޯޑުގެ ފެށުމާއި އެ ލޯބީގެ އަސަރުގަދަ ވާހަކައެވެ.

މިއީ 2011 ވަނަ އަހަރު "ހަވީރު" ނޫހަށް ކިޑީ އާއި ހަމީޝް ދިން ހާއްސަ އިންޓަވިއުއެއްގެ ހުލާސާއެކެވެ. އަހަރެމެން މި ގެނެސްދެނީ ދެ މީހުންގެ ލޯބީގެ ވާހަކައެވެ.

** ** ** **

ހަމީ އާއި ކިޑީ

އެއީ 2005 ވަނަ އަހަރުގެ ހުކުރު ވިލޭރެ އެކެވެ. ބަނޑޮހެވެ. ދިރާގުގެ ރިސެޕްޝަނެއް ފަށައިގެން ކުރިއަށް ދަނީ އެވެ. ހަފުލާގެ ބައިވެރިންގެ ހެދުމުގައި މާ ޖަހަން ހުރީ އިބްރާހިމް ހަމީޝް، ހަމީ އެވެ. އޭރު މާ ދުރު ނޫން ހިސާބެއްގައި މަޝްހޫރު އެމޭޒަން ޖޭޑްގެ ޝޯއެއް ވެސް ކުރިއަށް ދަނީ އެވެ. އެމީހުންގެ ހަރުބީތައް ބަނޑޮހުގެ ހިތްގައިމު މާހައުލަށް ފެތުރެމުން ދިޔައީ ކުޅަދާނަ ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ ގެ އަސަރުގަދަ ހިތްގައިމު އަޑާ އެކުގަ އެވެ. ލަވަކިޔަން އިނީ އޭނާ އެވެ. މިއީ ކިޑީ އާއި ހަމީ ފުރަތަމަ ފަހަރަށް ބައްދަލުވި މާހައުލެވެ. ދެ މީހުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކީ މި ހަފުލާގެ ހަވާސާގަ އެވެ. އިސްނެގީ ހަމީ އެވެ. އުނޫޝާއާ އަށް އެރޭ އޭނާ ތައުރީފު އެއްލީ އޯކިޑް މަލަކުންނެވެ.

މި ވާހަކައެއް ކިޔައިދޭން އެދުމުން ފަށަން އުޅުނީ އެންމެފުރަތަމަ ހަމީ އެވެ. އެކަމަކު އެ އުފާވެރިކަމުގެ ވާހަކަ ކިޔައިދޭން ކިޑީ ހުރީ އޭރު ވެސް ކެތްމަދުވެފައެވެ.

"ކިޑީ ކިޔާދޭނީ، ކިޑީ ކިޔާދޭނީ،" ހެމުންހެމުން އުނޫޝާ އޭނާގެ ފިރިމީހާގެ ވާހަކަ އަށް ހުރަސް އެޅުމުން ހަމީގެ ހިނިގަނޑު ފަޅައިގެން ހިނގައްޖެއެވެ.

"އާނ. އޯކޭ،" ހެމުންހެމުން ގޮސް އޭނާ އެންމެފަހުން އަނބިމީހާ އަށް ދޫކޮށްލި އެވެ.

އެހިސާބުން ކިޑީ ފަށައިގަތެވެ.

"ވީ ގޮތަކީ، ޝޯ ނިންމާލާފަ ފޭބިތަނާ ވަރަށް ބޮޑުބޮޑު މީހެއް މިއައީ."

އޭރު ވެސް ހަމީގެ ހިނިގަނޑުގެ އަޑު މަޑެއް ނުވެ އެވެ. އިރުއިރުކޮޅާ ފަޅަފަޅައިގެން ދަނީ އެވެ.

"ބެއާއެއް އައިސް އޯކިޑެއް ދިނީ. މި އަށް ވުރެ މާ ބޮޑުކޮށް އޭރު ހުންނަނީ. ވަރަށް ޗަބީ އޭރު،" ލޯބިން، ފިރިމީހާއާ ދިމާކޮށްލަމުން ކިޑީ ކުރިއަށް ގެންދިޔަ އެވެ.

އެ ރެއަކީ ކޮންމެވެސް ކަމަކާ ކިޑީ ދެރަވެފައި ހުރި ރެއެކެވެ. ނަމަވެސް ހަމީއާ ދިމާވުމުން މޫޑް އެއްކޮށް ބަދަލުވެގެން ދިޔައީއެވެ.

"ވަރަށް ރީތި އިނގޭޔޯ ލަވަކީލެއް، ކިޔާފައި އޯކިޑެއް ދިނީ، ވަރަށް ބޮޑުބޮޑު އޯކިޑެއް. އަނދިރިގަނޑު ތެރޭގަ އަދި. ދެން ހިތަށް އެރީ ހާދަ ލޯބި މީހެކޭ މިއީ،" ކިޑީ ވާހަކަ ކިޔައިދެމުން ގޮސް ކުއްލިއަކަށް ނިންމާލާފައި ހަމީއާ ދިމާލަށް ބަލައި ހުއްޓިއްޖެ އެވެ.

ހަމީ އަކީ އަބަދުވެސް ކިޑީގެ ފޭނެކެވެ. ސްކޫލް ލަވަ މުބާރާތްތަކުގައި އޭނާ ލަވަ ހުށަހަޅައިދިން ހިސާބުން ވެސްމެއެވެ. ބަނޑޮހުން ދިމާވުމުގެ ކުރިން ވެސް ކިޑީއާ ވާހަކަ ދައްކާލަން ހަމީ ހުރީ އަބަދުވެސް ބޭނުންވެފައެވެ. ނަމަވެސް އެރެއަށް ފަހު ދެ މީހުންގެ ދެމެދުގައި މާ ބޮޑު ކަމެއް ނުހިނގަ އެވެ. ދަނބު ކުލައިގެ ރީތި، ބޮޑު އޯކިޑް މަލެއް ދިން ނަމަވެސް ޖެހިގެން އައި ރޭ ކިޑީ ހަމީ މަތިން ހަނދާނެއް ވެސް ނެތް ކަހަލަ އެވެ. އޭނާއާ ވާހަކަ ދައްކަން ކިޑީގެ ހިތުގައި މާ ބޮޑު ޝައުގުވެރިކަމެއް ވެސް ނެތެވެ.

ހަމީ އާއި ކިޑީ

މިހާ ހިސާބުން މި ލޯބީގެ ވާހަކަ އިތުރަށް ކުރިއަށް ގެންދަން އިތުރު ކެރެކްޓާއެއް އެބަ ބޭނުންވެ އެވެ. އެއީ ކިޑީ އަށް އަބަދުވެސް ހެޔޮއެދޭ، އޭނާގެ ބެސްޓް ފްރެންޑް ޝަހީދާ (ޝާއްކޮ) އެވެ. އޭނާ އަކީ ކިޑީ އާއި ހަމީގެ ލޯބި ފައްކާކުރުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރި ކެރެކްޓާއެކެވެ. ޝާއްކޮ ވެސް ވަޒީފާ އަދާކުރަނީ ހަމީޝް ވެސް އޭރު ވަޒީފާ އަދާކުރި ދިރާގުގަ އެވެ.

އެހެންކަމުން ކިޑީއާ ހަމަ އަށް ވާސިލުވާން ހަމީ އަށް ދޮރު ހުޅުވުނީ ސީދާ އޮފީސް ތެރެއިންނެވެ. މި ދެ މީހުންނަކީ އެއްވަގުތެއްގައި އާންމުކޮށް ޑިއުޓީން އޭރު ދިމާވާ ދެ މީހުންނެވެ. އެހެންކަމުން ހަމީ ދިޔައީ އޭނާގެ ހިތުގައި ކިޑީ އަށް އުފެދިފައި ހުރި ޝައުގުވެރިކަން ކިޑީގެ އެންމެ ގާތް އެކުވެރިޔާއާ ހިއްސާކުރަމުންނެވެ. އޭނާއާ ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުނަމުންނެވެ.

"އޭގެ ފަހުން ޓޫ ވީކްސް ވަންދެން ދެން ހަމަ ކިޔަނީ. ވަރަށް ރަނގަޅު ކުއްޖެކޯ، ހަމީ އެބަ ގުޅަން ޓްރައި ކުރެޔޯ. ގުޅަން ނަމްބަރު ދިނަސް އޯކޭހޯ،" ގާތް އެކުވެރިޔާ، ހަމީއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި ދިން ހިޔާލުތައް ކިޑީ ކިޔާލަދިނެވެ.

ކިޑީ ބުނީ އެކުވެރިޔާ އޭނާ އަށް ދެރަގޮތެއް މެދުވެރިވާން ނޭދޭނެކަން އެނގޭ ކަމަށާއި އޭނާ ހުށަހަޅާނީ އެންމެ ރަނގަޅު އިހްތިޔާރުކަން އެނގޭ ކަމަށެވެ. އެހެންކަމުން ހަމީގެ ރަނގަޅު ވާހަކަ ޝާއްކޮ ކިޔައިދިނުމުން ކިޑީ އޭނާ އަށް އިތުބާރުކުރި އެވެ. ނަމަވެސް ކިޑީ އޭރު ހުރީ ހަމީއާ އެކު ލޯބީގެ ހަރުބީއަކަށް ނެށުމަށް ވުރެ މާ ބޮޑު އަމާޒަކަށް ހިފައިގެންނެވެ. އޭރު އޭނާގެ ހުރިހާ ސަމާލުކަމެއް ދީފައި ހުރީ މިއުޒިކް ކެރިއަރެއް ބިނާކުރުމަށެވެ. ނަމަވެސް އެކުވެރިޔާގެ އެދުމުގެ މަތިން އެންމެފަހުން ހަމީގެ ކޯލަށް ކިޑީ ޖަވާބު ދީފި އެވެ.

"ވާހަކަ ދައްކަން ފެށީމަ ދެން ވަރަށް މަޖާވެއްޖެ. އަބަދު ހެނީ. ވަރަށް މަޖާ،" ހަމީއާ ފޯނުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކި ދުވަސް ކިޑީ ހިއްސާކުރަމުން ދިޔައިރު ވެސް ހަމީގެ ހުނުމުގެ އަޑު އަސްލަށް ވެސް ނުކެނޑެއެވެ.

ކިޑީ ބުނީ ހަމީ އަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތުމުގައި އެ ހިނިގަނޑު ވެސް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.

"ވަރަށް ބޮޑު ޗާމްއެއް އެއީ،" ހަމީގެ ހިނިގަނޑަށް ތައުރީފުކުރަމުން، ކުޑަކޮށް ބޯ ޖަހާލަމުން ކިޑީ ބުނެލި އެވެ.

ދެން ފެށުނީ ހަގީގީ ލޯބިވެރިންގެ ކަންތަކެވެ. ދެ މީހުން ހޭނެން ފެށީ އެ އާދަތަކަށެވެ. އެމޭޒަން ޖޭޑާ އެކު ރިސޯޓްތަކުގައި ކިޑީ ޕާފޯމްކުރަމުން ދިޔައިރު އޭނާ ދިޔައީ އިސްކަންދަރު ސްކޫލްގެ ކުދިންނަށް ލަވަ ދަސްކޮށްދިނުމުގައި ވެސް އޭރު ބައިވެރިވަމުންނެވެ. ރިސޯޓް މިއުޒިކަށް ފަހު އޭނާ އަށް އާންމުކޮށް ގެ އަށް އާދެވޭނީ މެންދަމުން އަލިވެ އެކެއް ޖަހާއިރު އެވެ. އެއަށް ފަހު ފިލްމެއް ބަލާލަނީ އެވެ. ނުވަތަ ކޮންމެވެސް ލަވައެއް އަޑުއަހަން އޮތްވާ ނިދޭނީ އެވެ. ނަމަވެސް ހަމީއާ އެކު އޭނާގެ މި ރޫޓިން އެއްކޮށް ބަދަލުވީ އެވެ.

"ހަމީއާ ވާހަކަ ދައްކަން ފެށި ފަހުން އިންނާނީ ވާހަކަ ދައްކަން ފަތިސްވަންދެން. ހަމީ އިންނާނީ ޑިއުޓީގަ. އިނދެފަ މި ގުޅަނީ. ފަތިސްވަންދެން ވާހަކަ ދައްކަން އިނދެފަ އޭގެ އަނެއް ދުވަހު ރިސޯޓަށް ދަނީ. ވަރުބަލި ވެސް ވޭ،" ވަރަށް ޝައުގުވެރިކަމާ އެކުގައި ކިޑީ ކިޔައިދިނެވެ.

މިހާ ހިސާބުން މި ވާހަކަ އަށް ދެން މި އަންނަނީ ޓްވިސްޓެކެވެ. ކިޑީ އާއި ހަމީ އެގޮތަށް ވާހަކަ ދައްކާތާ އެއް މަސް ދުވަސް ފަހުން އިތުރު އެހެން އަންހެން ކުއްޖެއް މި ދެ މީހުންގެ ދެމެދަށް ފުންމާލައިފި އެވެ. އޭނާގެ ނަމަކީ މަރީ އެވެ. އެއީ ހަމީ އޭނާ އަށް ދީފައިވާ ނަމެކެވެ. ކިޑީ ބުނީ އޭނާގެ އެ ހުރިހާ "ސެކްރިފައިސްތަކަށް" ފަހު އެ މީހުންގެ ދެމެދަށް މަރީ އައުމުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނު ކަމަށެވެ.

"ހިތަށް އެރީ ހާދަ ގޯހޭ، މިއޮތްހާ ދުވަހު ފަތިސް ވަންދެން އަނގަތަޅަތަޅާފަ ކޮންމެ ވެސް އެހެން މީހެއްގެ ވާހަކަ އެބަ ދައްކައޭ. ކަމަކުނުދެއޭ،" ކިޑީ ބުނެލި އެވެ.

އެވަގުތު ހަމީ އަނެއްކާވެސް އޭނާގެ "ޓްރޭޑްމާކް" ހިނިގަނޑެއް މޭޒު މައްޗަށް ބިންދާލި އެވެ. މި ވާހަކަ އަށް "މަރީ" ނަމަކަށް ކިޔާ އަންހެން ކުއްޖަކު ތައާރަފްކުރިއިރު ކިޑީގެ ހިތް އޭރު ހަމީ އަށް ބަންޑުންވެ ނިމެނީ އެވެ. ނަމަވެސް އޭނާ ހުރީ އެ ހިތުގައި ހިފަހައްޓައިގެންނެވެ. އަދި މަރީ އައުމުން އެކަމާ ހިތްހަމަވެސް ނުޖެހިފަ އެވެ. އެއަށް ފަހު ދެން ވެސް ވަކި ރަނގަޅެއް ނުވި އެވެ. ކިޑީ އޭނާގެ ހިތުގެ ހަގީގަތް ހަމީ އަށް ސިއްރުކުރަމުން ދިޔަ ވަރަކަށް ހިތްދަތި ހިތެއް އުފެދި ބަރުވާން ފެށީއެވެ.

"ޖޭ ވެގެން ހަލާކުވެފަ. ހަމަ ޖޭ ވެގެން ގިރިފަ އިނީ،" ހެމުން ހެމުން ކިޑީ ވަރަށް ޝައުގުވެރިކަމާ އެކު ކިޔައިދެމުން ދިޔަ އެވެ. އެގޮތަށް ކިޑީ "ވިރެމުން" ދަނިކޮށް ހަމީ އެންމެފަހުން އެއްކަލަ މަރީ އަށް ޕްރޮޕޯޒްކުރަން ތައްޔާރުވެއްޖެ އެވެ. ކިޑީ ބުނީ އެ ވިސްނުމާ އެކު އޭނާ ހަމީގެ ބެސްޓް ފްރެންޑަށް ބަދަލުވެއްޖެ ކަމަށެވެ. އަދި އެންމެފަހުން އެ އަންހެން ކުއްޖާ އަށް ޕްރޮޕޯޒްކުރާނެ މޮޅު ގޮތަކާ ބެހޭ މަޝްވަރާތައް ވެސް ހަމީ ކިޑީއާ ހިއްސާކުރަން ފަށައިފި ކަމަށެވެ.

"މަރީ" އަށް ޕްރޮޕޯޒްކުރުމުގެ ވަގުތު ޖެހެނީ އެވެ. ހަމީ އެކަމަށް ތައްޔާރުވެއްޖެ އެވެ. ކިޑީ އާއި އޭނާގެ ބެސްޓް ފްރެންޑް ޝާއްކޮށް އަށް ވެސް ދައުވަތު ދީފި އެވެ. އެ ހަފުލާ އޮތީ ހަމީގެ ގޭގެ ޓެރަސް މަތީގަ އެވެ. އެއީ ބޮޑު ބަގީޗާއެއް ކަހަލަ ތަނެކެވެ. ކިޑީ އާއި އޭނާގެ އެކުވެރިޔާ މައްޗަށް އެރިއިރު ޓެރަސް އަށް އަރައިގެން ދާ މަގު ވަނީ އުއްބައްތިން ދިއްލާފަ އެވެ. އެ މަގުގެ ކޮޅުގައި އުނދޯއްޔެއް ހުއްޓެވެ. އެ ދިމާލުގައި ކެއުމެއް ތައްޔާރުކޮށްފައި ހުއްޓެވެ. އެއީ ސަޕްރައިޒް ޑިނާ އެކެވެ. މުޅިން ވެސް ކިޑީގެ ފެވަރިޓްސް އެވެ. އެ މަންޒަރު ފެނިފައި ކިޑީގެ ހިތްދަތިކަން ވީ އިތުރެވެ. އޭނާ މަޑުމަޑުން ގޮސް އިށީނީ އުނދޯލީގަ އެވެ. އޭރު ވެސް އަދި މަރީއެއް ނާދެ އެވެ. މަރީ ލަސްވެގެން އޭނާ އަށް ގުޅުމަށް ހަމީ ތެޅިފޮޅެނީ އެވެ. އެ މަންޒަރު ބަލަން ކިޑީ އިނެވެ.

"ހިތަށް އެރީ ވަރަށް ގޯހޭ. ދެން އޯކޭއޭ. ވަރަށް ދެރަވެފަ އަސްލު އިނީ،" ކިޑީ ބުންޏެވެ. "އެހާ ބޮޑަށް ޕްލޭންކޮށްފަ މީހަކަށް ޕްރޮޕޯޒްކުރަން ރެޑީކޮށްފަ ހުރި ތަނެއް ނުފެނޭވިއްޔަ. އަދި ހުސް މާތަކު ތެރޭގަ. އެވްރީ ގާލްސް ޑްރީމް ދޯ، އަސްލު ބޮޑުބޮޑުކޮށް ޕްރޮޕޯޒްކުރުމަކީ؟"

ވަރަށް ލަސްވެއްޖެ އެވެ. މަރީއެއް ދެން ވެސް ނައެވެ. އެ ދަނޑިވަޅުގެ ބޭނުން ހިފައި ކިޑީ، މަރީ ގޯސްކޮށްގެން ހަމީ ގާތު ވާހަކަ ދައްކަން ވެސް ފަށައިފި އެވެ. ދެން މާ ލަސްވާން ފެށުމުން ކިޑީ އާއި އޭނާގެ އެކުވެރިޔާ އެންމެފަހުން ނިންމީ އެތަނުން ދާށެވެ. އެކަމަކު އޭގެ ކުރިން މަރީގެ ފޮޓޯއެއް ބަލައިލަން ކިޑީ ޝައުގުވެރިވި އެވެ. މިއީ އަނެއް ޓްވިސްޓް އައި ހިސާބެވެ.

ފޮޓޯއެކޭ ބުނެ ހަމީޝް އޭނާ އަށް ދެއްކީ ފޮޓޯ ފްރޭމެކެވެ. އެއީ މޫނު ބަލާ ލޯގަނޑެކެވެ. އެވަރުން ވެސް ކިޑީ އަކަށް ވާނުވާ އަދި ގެޓެއް ނުވެ އެވެ.

"ހިތަށް އެރީ މިއީ ކޯއްޗެއްހޭ،" ކިޑީ ބުންޏެވެ.

"ދެން މާ ފަހުން މި އެނގުނީ. ލަދުން ގޮސް ޝާއްކޮށްގެ ބުރަކަށިދޮށަށް ވަންނަން ފެއްޓީ. އެއީ ހަމަ އަ-ން-ފޮ-ގެ-ޓެ-ބް-ލް ދުވަހެއް"

އިރުކޮޅަކުން ފެނުނީ ބޮޑު މާ ބޮނޑިއެއް ހިފަހައްޓައިގެން ހަމީ ކަކޫ މައްޗަށް ތިރިވެ އިން މަންޒަރެވެ. ލިލީސް މާ ބޮނޑި އެކެވެ. އަނެއްކާވެސް ކިޑީގެ ފެވަރިޓެކެވެ.

"ދެން ބުނެފި، ވިލް ޔޫ މެރީ މީ އޭ. ކާކު ބުނާނީ ނޯ އޭ ދޯ؟ ކިޑީ ބުނީ އާއެކޭ އަވަހަށް."

ދެ މީހުން ކައިވެނި ކުރީ އޭގެ އެއް އަހަރު ފަހުން، ޑިސެމްބަރު ،7 2008 ގަ އެވެ. ކިޑީ ބުނީ ހަމީ އަކީ އޭނާ އަބަދުވެސް އެންމެ ބޭނުންވި ކަހަލަ މީހެއް ކަމަށެވެ. ބޭނުންވީ ކިޑީގެ ކެރެކްޓާ ދެކެ ލޯބިވާ މީހެއް ކަމަށާއި އުނޫޝާ ދެކެ ލޯބިވާ މީހެއް ނޫން ކަމަށެވެ.

"ލަވަކިޔާތީވެ، ކޮންމެ މީހަކު ވެސް، ލަވައެއް ކިޔާ ދީބަލާށޭ ބުނާނީ އަބަދުވެސް. އައި ޑިޑިންޓް ލައިކް ދެޓް އެހާ ބޮޑަށް،" ކިޑީ ކިޔައިދިނެވެ.

"ކޫސަނި ކަންތައްތައް ވެސް ގަބޫލުކުރެވޭ މީހަކު ބޭނުންވީ. ވަރަށް ދެރަވޭ، އަސްލު ވަރަށް ދެރަވޭ. ހިތަށް އަރަނީ ކިޑީ މިއީ ވަރަށް ވައި މީހެކޭ. އެކަމަކު އުނޫޝާ ވީމަ އޯކޭޔޭ،" ކިޑީ ބުންޏެވެ.

ފޮޓޯ: އުނޫޝާގެ ފޭސްބުކް ޕޭޖު

ދެ މީހުންގެ މި އުފާވެރި ދިރިއުޅުމަށް މިހާރު 10 އަހަރު ފުރުނީއެވެ. ދެ މީހުން އެކުގައި މިއުޒިކާއި މުނިފޫހިފިލުވުމުގެ ބްރޭންޑަކަށް ބަދަލުވުމަށް ފަހު މިހާރު ތައްޔާރުވެފައި އެ ވަނީ އެމީހުންގެ އެންމެ ބޮޑު އިމްތިހާނަށެވެ. އަލަތު ދަރިފުޅާ އެކު ހަޔާތަށް ބަންޑުވެފައިވާ އިހްސާސްތައް ބުނެދޭކަށް ވެސް އެމީހުންނަކަށް ނޭނގެއެވެ. އެކަމަކު އަހަރެމެންނަށް އެނގޭ ކަމަކީ މިވަރުގެ ލޯބި ކަޕްލްއެއް މި ރާއްޖޭގައި ވެސް ނެތް ކަމެވެ.

މަރިޔަމް އުނޫޝާ (ކިޑީ) އިބްރާހިމް ހަމީޝް (ހަމީ)

Popular