14 May 2019

ބިންމާގެ "ވާހަކަ" މާ ރީތި

By: Aishath Maahaa

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީިދުގެ ކުޅަދާނަކަން ސިފަކޮށްދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އޭނާގެ ވާހަކަތަކުން ލޯބިން ހިތް ފުރާލައި ހަމަ އެ ނޭވާގައި ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވައި ރޮއްވާލަ އެވެ. ދުނިޔޭގެ އެތައް ހިސާބަކަށް އަހަރެމެންގެ ސިކުނޑި ފޮނުވާލަނީ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.

ބިންމާގެ 800 އަށް ވުރެ ގިނަ ވާހަކަ ފޮތްތަކާއި ވެބްސައިޓުތަކުން ކިޔާލަން ދޫކޮށްލައިގެން އުޅުނަސް އޭނާ އެންމެ ފުރަތަމަ އުޅުނީ ލިޔުނު ވާހަކަތައް ދައްކަން ލަދުން ފޮރުވައިގެންނެވެ. އެކަމަކު އެއީ 1987 ވަނަ އަހަރު ގައުމީ މަރުކަޒުން ބޭއްވި ކުރު ވާހަކަ ލިޔުމުގެ މުބާރާތުގެ ނަތީޖާއާ ހިސާބަށެވެ. އެ އަހަރު އެ މުބާރާތުގައި ބައިވެރިވެ ބިންމާ ގެއަށް ދިޔައީ ދެ ވަނަ ހިފައިގެންނެވެ.

އަމިއްލަ ނަފްސަށް އޮތް އިތުބާރު ވަރުގަދަވެ "މިކަން ތިމަންނައަށް ވާނޭ" ހިތަށް އަރައި ފޮތާއި ގަލަމާ ހިފައިގެން އެ އިށީން ގޮތަށް އަދިވެސް ހުއްޓައެއްނުލަ އެވެ. ބިންމާގެ މިދަތުރުގައި ތަފާތު ތަޖުރިބާތައް ކޮށްފި އެވެ. ލިޔާނެ މޭޒެއް ނެތިގެން އެނދުމަތީ ބަނޑުން އޮވެގެން ވެސް ވާހަކަ ލިޔުނު ދުވަސްވަރެއް ދިޔަ އެވެ. އޭނާ އަށް 2005 ވަނަ އަހަރު ކޮމްޕިއުޓަރެއް ލިބެންދެން ވާހަކަ ލިޔުނީ އަތުންނެވެ. އޭރު އެގޮތަށް ގަލަން ހިފައިގެން އިނދެ އިނދެ އެއް އިނގިލީގެ ކަން އަދިވެސް އިނީ އައިބުކޮށެވެ.

އެކަމަކު ބިންމާ ބުނީ 1001 ވަނަ ވާހަކަ އާ އެކު، ވާހަކަ ލިޔުން މެދުކަނޑާލާނެ ކަމަށެވެ. ބިންމާ ބުނީ މިހާރު އޭނަ އަށް ވާވަރުކޮށްފިން ކަމަށެވެ. ދެން އޮތީ އާ ލިޔުންތެރިންގެ ފުރުސަތު ކަމަށެވެ. މިހާތަނަށް ބިންމާގެ 895 ވާހަކަ ޝާއިއުކޮށްފި އެވެ.

1. ވާހަކަ ލިޔަން ޝައުގުވެރިވީ ކިހިނެއް ކޮންއިރަކު؟

"މަޖީދިއްޔާގައި އުޅުނުއިރު މުދަރިސް ބުނުއްވި ދެރަ ބަހަކަށް. އެ ކަން ވީގޮތަކީ، އެއް ފަހަރަކު ބެލެނިވެރިންގެ ދުވަހު ބޭބެއާ އެކު މަޖީދިއްޔާ އަށް ގޮސް މުދައްރިސާ ބައްދަލުކުރަން ޖެހުނު. މުދައްރިސް ވިދާޅުވި ގޮތުގަ، އެހެން ކުދިން ފަދައިން އަޅުގަނޑަކީ ވެސް، ގޭގައި ލިޔަން ހަވާލުކުރާ މަޒުމޫނާއި ވާހަކަ ނުނިންމާ ކުއްޖެއް. އެއީ މުދައްރިސަށް އޮޅިގެން ވިދާޅުވެވުނު އެއްޗެއް. އެކަމަކު ބޭބެއަކަށް އެކަމެއް ނޭނގޭ. ގެއަށް އައިސް ބައްޕަ ގާތުގައި އެ ވާހަކަ ބުނުމުން ބައްޕަ އެކަމާ ވަރަށް ހިތްހަމަނުޖެހުނު. އެ ހިސާބުން ހިތަށް އެރީ، މި ކަން ކުރެވޭކަން އަންގާލާނަމޭ. އެ އަޒުމުގައި، ގޭގައި އަމިއްލައަށް ވާހަކަ ލިޔަން ފެށީ. ލިޔެފައި ހުންނަ ވާހަކަ ފެނުމުން އެހެން ބޭބެމެން ވަރަށް ދިމާކޮށް ވެސް ހަދާ. އަދި ކަލޭ ތި އުޅެނީ ވާހަކައެއް ލިޔަންހޭ އަހައި، އެކަމާ ސަމާސަކޮށް ވެސް ހަދާނެ. ފުރަތަމަކޮޅު، ލިއެފައި ހުންނަ އެއްޗެހި މީހަކަށް ދައްކަން ވަރަށް ފަސްޖެހެވޭ. މީހުން މަލާމަތް ކޮށްފާނެތީ ޖެހިލުން ވެސް ވޭ. އެކަމަކު އެ ކަން ކުރާ ހިތްވާތީ، ފޮރުވާފައި ބަހައްޓަން ވެސް ލިޔުނީ. އެހެން އުޅެނިކޮށް އެއް ދުވަހަކު ރޭޑިޔޯ އިން އިއިލާނެއް އަޑު އިވިއްޖެ. އެއީ އެ އަހަރު ގައުމީ މަރުކަޒުން ބާއްވާ ކުރު ވާހަކަ ލިއުމުގެ މުބާރާތާ ބެހޭ އިއުލާނެއް. ހިތަށްއެރި ވެއްޖޭ އެ މުބާރާތުގަ ބައިވެރިވާން. އޭރު އިސްކޫލަކަށް ނުދަން. އެހެންވެ، ފެންވަރު އެނގޭނެ އެހެން ގޮތެއް ނެތް. އެ ފަހަރު ލިއުނީ "އެ ދުވަސް" ކިޔާ ވާހަކައެއް. އެ ވާހަކައަށް ދެ ވަނަ ލިބުނު. އެއީ 1987 ގައި. އެ ހިސާބުން އެނގިއްޖެ މި ކަން ކުރެވިދާނެކަން. "ބިންމާ" އިބްރާހިމް ވަހީދު އުފަންވީ އެ ހިސާބުން."

ބިންމާ: 1001 ވާހަކަ ހަމަކުރުމަށް ފަހު، ވާހަކަ ލިޔުން މެދުކަނޑާލާނެ ކަމަށް ބިންމާ ބުނި. --

2. ދިވެހިންނަށް އެންމެ ކަމުދަނީ ކޮންކަހަލަ ވާހަކައެއް؟

"ދިވެހިން އެކަންޏެއް ނޫން އެންމެނަށް ވެސް ކަމުދާނީ ލޯބީގެ ވާހަކަ. އެއީ ކޮންމެހެން އިޝްގީ ލޯތްބަށް ވާކަށް ނުޖެހޭ. އާއިލީ ލޯތްބާއި، އެކުވެރިކަމުގައި ވެސް ލޯބި މުހިންމު ދައުރެއް އަދާކުރާނެ. ބިރުވެރި ވާހަކައެއް ނުވަތަ ހުވަފެނީ ވާހަކައެއް ލިޔުނަސް އޭގައި ލޯބީގެ ކުލަޖައްސައިލުމުން މަންޒަރު ރީތިވޭ. އަސަރުގަދަވޭ. ކިޔުންތެރިންގެ ތަރުހީބު ބޮޑުވޭ."

3. ދިގު ވާހަކައެއް ލިޔާއިރު އެއްފަހަރާ ލިޔެ ނިންމާލީމަތަ ފަސޭހައީ ނުވަތަ ފަހަރަކު އެޕިސޯޑަކުން އެޕިސޯޑަކުން ލިޔުނީމަތަ ފަސޭހައީ؟

"ހަގީގަތުގައި ވާހަކަ އަކީ ބައިބަޔަށް ލިޔާ އެއްޗެއް ނޫން. ބައިބަޔަށް ލިޔުނީމަ ކިޔުންތެރިޔާ އާއި ލިޔުންތެރިޔާ އަށް ވެސް އުނދަގޫތަކާ ކުރިމަތިލާންޖެހޭ. ކިޔުންތެރިޔާ މަޑުމަޑުން ބިރުގަންނަވަމުން ގޮސް ވަކި ހިސާބަކަށް ދާތަނާ އެ ދުވަހުގެ ބައި ނިމިފަ ދެން އެހެން ދުވަހު ކިޔުންތެރިޔާ ވާހަކަ ކިޔަން ފަށާއިރު އޭނަގެ ހިތުގައި ކުރީ ދުވަހު އޮތް ބިރުވެރިކަމެއް ނޯންނާނެ. ބިރުވެރިކަން އެކަންޏެއް ނޫން، ހުރިހާ އިހުސާސްތަކެއްގައި ވެސް މި މައްސަލަޖެހޭނެ. ހަމަ އެ ގޮތަށް ކުރީ ބައިތަކުގައި ވީގޮތް ކިޔާމީހާ އާއި ލިޔާމީހާ ވެސް ހަނދާންނެތޭނެ. އެހެންވެ އެއްފަހަރާ ނިންމާލެވިއްޖެއްޔާ ހާސްބައި ފަސޭހަވާނެ."

4. ދިވެހި ވާހަކަ ލިޔުންތެރިން އެންމެ އެކަށީގެންވާ ވަރަށް ބަލައިގަނޭތަ؟ އެމީހުންނަށް އެންމެ އެކަށީގެންވާ ފަދަ ޕްލެޓްފޯމެއް އެބައޮތްތަ މިތަނުގަ؟

"ވަރަށް ގިނަ ދުވަހު މި ކަމުގައި ދެމިހުރެގެން ވަރަށް ރަނގަޅު ފެންވަރަކަށް ލިޔެވެން ފެށީމަ ބަލައިގަންނާނެ. މި ދެކެވެނީ އަހަރުތަކެއްގެ ވާހަކަ. އެކަށީގެންވާ މަންސައެއް ނެތް. ހުރި މަންސަތަކަކަށް ނުވަތަ ގިނަ މަންސަތަކަށް ލިޔެދޭން މި ޖެހެނީ ހިލޭ. ދިރިއުޅުމުގެ ހަރަދުބަރަދު މިހާ ބޮޑު ޒަމާނެއްގައި އެ ގޮތަކަށް އެ ކަމެއް ނުވާނެ. އާ ލިޔުންތެރިން އަޅުގަނޑަށް ގުޅީމަ ފުރުސަތު ހޯދައިދޭން އަޅުގަނޑު އެކި ސައިޓުތަކަށާއި ނޫސްތަކަށް ގުޅަން. ހިތްވަރުލިބޭ ކަހަލަ ޖަވާބެއް ލިބުނީ އެންމެ ފަހަރަކު. އަލަށް ފަށައިގަނެގެން އުޅޭ ލިޔުންތެރިޔެކޭ ބުނާ ހިސާބުން ވެސް އެބަހުރި ދޮރު ބަންދުވެފަ."

5. މިހާތަނަށް އަމިއްލަ އަށް އެންމެ ހިތްހަމަޖެހޭ ގޮތަށް ލިޔެވުނު ވާހަކަ އަކީ ކޮބާ އަދި އެއީ ކީއްވެ؟

"ދިގުވާހަކަ "ދުންފިނި." އެ ވާހަކައިގެ މައިގަނޑު ހާދިސާތައް ހިނގާފައި ހުންނާނީ ގްރީސްގައި. އަޅުގަނޑު އެ ގައުމު ކީއްކުރަން އެ ހިސާބުގަނޑަކަށް ވެސް ނުދަން. އެކަމަކު ވާހަކަ ކިޔަމުން ދާއިރު ކިޔުންތެރިން ތިބޭނީ އެ ތަނުގައި. ހިނގަމުންދާ ކަންތައްތައް ލޮލަށް ފެންނާނެ. ކިތަންމެ ކިޔުންތެރިންނެއް އެހެން ބުނެފައި އެބަހުރި. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

6. މިހާތަނަށް 800 އަށް ވުރެ ގިނަ ވާހަކަ ލިޔެފި. އެ ހުރިހާ ވާހަކައެއްގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލުވީ ކޮން ވާހަކައެއް؟

"އެންމެ މަގުބޫލުވި ވާހަކަ ބުނާކަށް ނޭނގެ. އެ ކަން ބެލޭނެ ގޮތެއް ނެތް. އެކަމަކު ކިޔުންތެރިންގެ މެސެޖުތަކުން ވަރަށް ކަމުދިޔަ ކަމަށް ފާހަގަކުރި ވާހަކަތަކެއް ބުނެވިދާނެ. އެއީ ފަތިސްހަނދުވަރު، ތަމަންނާ، ގަނޑުފެން، ޝާހުބާޒު، ދުންފިނި، ހައްގު، ވެހޭ ވާރޭ ތެރެއިން، ހުކުރުވިލޭރޭ، އަހަންނަކީ ޖިންނިއެއް، ހިންތާ، އިޝްގު، ދައުވަތު، ދެގޮތެއް ނުވާނޭ ބުނެފާ. މި ވާހަކަތައް ވަރަށް ކަމުދިޔަ. ކުރުވާހަކަތަކުގެ ތެރެއިން އެންމެ ކަމުދިޔަކަމަށް ބެލެވެނީ "މަގޭ ލޯބި ނާނާ.""

7. ބިންމާގެ އަމިއްލަ ޝައުގުވެރިކަން އެންމެ ބޮޑަށް ހުންނަނީ ކޮންކަހަލަ ވާހަކައެއް ލިޔަން؟

"ތަރުތީބަކުން އަތުރާ ނަމަ ފުރަތަމަ ލޯބީގެ ވާހަކަ. ދެން ބިރުވެރި ވާހަކަ. އާއިލީ ހާދިސާތައް. ހުވަފެނީ ވާހަކަ. ކުޑަކުދީންގެ ވާހަކަ. މަރެއް ތަހުގީގުކުރާ ކަހަލަ ވާހަކަ. އެއަށް ފަހު ކޮންމެވެސް ނަފުސާނީ ބައްޔަކާ ބެހޭ ވާހަކަ."

8. ބިންމާ އަށް ވާހަކަ ލިޔަން އެންމެ ފަސޭހައީ ކޮންކަހަލަ މާހައުލެއްގަ؟

"ޝައްކެއް ވެސް ނެތް އެންމެ ފަސޭހައީ ހަމަހިމޭން މާހައުލެއް. އެކަމަކު މާލޭގަ މިހާރަކު އެ މާހައުލެއް ނެތް. އިރުއަރާ ހިސާބުން ބޮޑުބުރުމާގެ އަޑާއި، ބަރުގޮނުގެ އަޑާއި، ކޮންމެވެސް ބިދޭސީއަކު އަޑުގެ ކޮޅަށް ފޯނުން ވާހަކަދައްކާ އަޑާއި، އިމާރާތްކުރާ ބިދޭސީންގެ ހަޅޭކުގެ އަޑު އިވޭނެ. ގިނަ ފަހަރަށް ކޮންމެވެސް ދެ އަޑެއް ހުންނާނީ އިވިއިވި. ކަންފަތަށް އިއަފޯނު ޖެހިޔަސް އަޑު މަޑެއް ނުވޭ. ލޯބީގެ ރީތި މަންޒަރެއް ސިފަކުރާއިރު ބޮލުގައި ހީވާނީ އެއްޗަކުން ތަޅާހެން. ލިޔުމަށް ސަމާލުކަން ދިނުމަކީ މިހާރު ވަރުގަދަ ގޮންޖެހުމެއް. ވަރަށް ގިނަ ފަހަރު ހުއްޓާލަން ވެސް ޖެހޭ. ކަމުގެ އުނދަގޫކަން ހުރި ވަރު މި ކަމުގައި އުޅޭ މީހަކަށް ނޫނީ ނޭނގޭނެ. ދަންވަރު ހޭލާހުރެގެން ވާހަކަ ލިޔަންޏާ ދުވާލު ނިދަންޖެހޭނެ. އޭރުން ކުރަން ހުންނަ ވަރަށް ގިނަ މަސައްކަތްތައް ފުށުއަރާ. އެއް ހާސް އެއް ވާހަކަ ހަމަކުރުމަށް ފަހު ދެން ނޫހަށް ލިޔުން މެދުކަނޑާލާނަން. ދެން އަލުން ފަށާނެ ދުވަހެއް ބުނާކަށް ނުވެސް އެނގޭ. މާލޭގައި މި ކަމެއް ނުވާނެ. އެހެން ނޫނަސް އަބަދަކު ބިންމާއަކަށް ނުލިޔެވޭނެ. އާ ލިޔުންތެރިން ދެން މި ކަމުގައި އުޅެންޖެހޭނީ. ނޫހަށް ލިޔުން މެދުކަނޑާލައިފައި ނުވަތަ ހުއްޓާލައިފައި ދެން އިރާދަކުރެއްވިއްޔާ ނެރޭނީ އަހަރަކު ފޮތެއް. ބޭނުންވަނީ ވަރަށް ބޮޑަށް ދިރާސާކޮށްގެން ލިޔަން."

9. ވާހަކަ ލިޔަން ދަސްކޮށްދިނުމުގެ ހިޔާލެއް ގެންގުޅެންތަ؟

"ވާހަކަ ލިޔަން ދަސްކޮށްދޭ ފޮތެއް އެބަ ލިޔަން. ވަކި ހިސާބަކަށް ފޮތް ލިޔެފައި ދެން އެ ފޮތުގައި އަތްނުލެވި ދެ އަހަރު މި ދިޔައީ. އެ ކަން ކުރަން ވަގުތު ނުވަނީ. އިރާދަކުރެއްވިއްޔާ 2019 ގައި އެ މަސައްކަތް ނިންމާލާނަން. އެ ފޮތް ކިޔައިލީމައި ކޮންމެ މީހަކަށް ވެސް ވާހަކަލިޔެވޭނެ. އެހާ ވެސް ފަސޭހައިން ބޭނުން ހިފޭ ކަހަލަ ގޮތަކަށް މި ލިޔަނީ."

10. މިހާގިނަ ވާހަކަ މިހާތަނަށް ލިޔުނުއިރު އަމިއްލަ ވާހަކަ ސައިޓެއް ނަހަދަނީ ކީއްވެ؟

"އެ މަސައްކަތްކުރަން މިހާރު ދެ މީހަކާ ހަވާލުކޮށްފިން. ނިންމާނަމޭ ބުނޭ. އެކަމަކު ނުއެއް ނިމޭ. ހަ މަހުންނޭ ނިމޭނީ ބުނީމަ ބާރަ މަސް ދިނިން. ނުވި. ހަރުދަނާކޮށް އެ ކަން ކުރާނެ މީހަކު ނުފެނިގެން މިއުޅެނީ. ކޮންމެ މީހަކު ވެސް ދައްކަނީ މޮޅު ވާހަކަ. ނަތީޖާއެއް ނުނެރެވޭ."

11. ނިންމާލުމުގެ ކުރިން ވާހަކަ ލިޔަން ބޭނުންވާ ކުދިންނަށް ފަސް ވަރަކަށް ޓިޕްސް ދީބަލަ!

"1. ވާހަކަ ނިންމާނެ ގޮތް ސިކުނޑީގައި ނުރާވާ ވާހަކަ ނުފެށުން.

2. ވަކި ކަހަލަ ބައްޔެއް، ކަމެއް، މީހެއް ނުވަތަ އެއްޗަކާ ބެހޭ ގޮތުން ލިޔަންޏާ ރަނގަޅަށް ދިރާސާކުރުން.

3. ވާހަކައިގެ ފެށުން ރަނގަޅުކުރުން.

4. ވާހަކަ ނޫން އެހެން ކަހަލަ ފޮތްފޮތް ގިނަގިނައިން ކިޔުން.

5. ވާހަކަ ލިޔާ ބަހުރުވަ ނިކަން ދަނެގެން ވާހަކަލިޔުން."

Popular