16 May 2019

ހުވަފެންތަކުގެ ފަހަތުން ގޮސް ހޫނު ބަދިގެއަށް

ހުވަފެންތަކުގެ ފަހަތުން ގޮސް ހޫނު ބަދިގެއަށް

By: Aishath Maaha

ސްކޫލް ނިންމާފައި ނުކުމެގެން ދިޔައިރު ޝިފާނާ ސައީދު (ޝިފޫ) ބޭނުންވީ ކެބިންކްރޫއަކަށް ވެގެން އުދުއްސައިގަންނާށެވެ. އެކަމުގެ ހުރަހަކަށްވީ ބުރުގާ އެވެ. ދެން އޭނާ ކުރަހަން ފެށީ އާކިޓެކްޗަރަކަށް ނުވަތަ އިންޓީރިއާ ޑިޒައިނަރަކަށް ވާނެ މަގެވެ. އެކަމަކު އެ މަގުން ގޮސް ޝިފޫ އަށް ވަދެވުނީ މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ ބެޗިލާސް އޮފް ކަލިނަރީ އާޓްސް އެންޑް ފުޑް ސާވިސް މެނޭޖްމަންޓް ކޯހަށެވެ.

ކެބިން ކްރޫއަކަށް ނުވެވުނަސް، ބޭބެގެ ފިޔަވަޅުމަތިން ގޮސް ޑިޒައިނަރުގެ ގޮނޑީގައި އިނުމުގެ ބަދަލުގައި ޝެފް ތާކިހާ އަޅައިގެން ޝިފޫ، 29، ބަދިގޭގައި އެ އުޅެނީ ހުވަފެންތައް ހާސިލްނުވުމުން އުފެދުނު ދިލަ ހޫނުގަނޑެއްގައެއް ނޫނެވެ. ކިޔަވަން ފަށައި ކައްކަން ފެށުމުން އުފެދުނު ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެ ސްޓްރެސްފުލް މާހައުލުގެ އުނދަގުލަކާއި ހޫނެއް އޭނާއަށް ނުވަނީ މިހާރު އެ މަސައްކަތަށް ހިތުގައި އުފެދުނު ލޯބި މާ ބޮޑުވުމުންނެވެ.

މިހާރު 11 ނުވަތަ 12 ގަޑިއިރު، ކައްކާލަ ކައްކާލާ ހުރުން މާބޮޑު ކަމަކަށް ނުވިޔަސް ޝިފޫ މިއީ މީގެ ކުރިން ކައްކަން ޝައުގުވެރިވި މީހެއް ނޫނެވެ. ބޮޑުވަމުން އައިއިރު ކައްކަން ދަސްވެފައި ހުއްޓަސް އަދި އާއިލާއާ އެކު ކައްކާ ޝޯތައް ބެލިޔަސް ދުވަހަކު ވެސް ޝެފަކަށް ވާނަމޭ ވެސް ހިތަކަށް ނާރަ އެވެ.

ޝިފޫ މިހާރު ހުރިހާ ވައްތަރެއްގެ ކުޒީން އަށް ވެސް ފަރިތަ. --

"ކިޔެވިއިރު ޕްރެކްޓިކަލީ ޑިޝްތައް ހަދަން ފެށީމަ ބޮޑަށް އިންޓްރެސްޓް އުފެދުނީ މިކަމަށް. އެކަމަކު އޭރު ނޭނގޭނެ ވަޅީގަ ހިފަން ވެސް. ބޮޑެތި ވަޅި ހުންނަނީ. ހަފުތާއަކުން ވަޅިން ފާސްޓުކޮށް ކޮށަން ދަސްވީ ވެސް،" ޝިފޫ ކިޔައިދިނެވެ.

ޝިފޫ ބުނީ ދަސްވާ ވަރަކުން އިތުރަށް ދަސްކުރުމުގެ ޝައުގުވެރިކަން އިތުރުވެ ދަސްކުރަން ބޭނުންވާ ކަމަށެވެ. ޝެފުން ގާތު އަހައިގެން އަދި ކްލާހުގައި ކިޔަވާ އެއްޗެހި ގެއަށް ގޮސް އަމިއްލައަށް ތައްޔާރުކުރާ ކަމަށެވެ.

"އެހެން ދަސްވާން ފެށީމަ ފޮނިވާ ކަހަލަ ފީލެއް ވެސް އާދޭ. އިތުރަށް ދަސްކުރަން ބޭނުންވަނީ."

ކިޔެވުން ނިންމާލާފައި 2016 ހިސާބުގައި މާލެ އައިސް ޝިފޫ އެންމެ ފުރަތަމަ މަސައްކަތްކުރީ ފުށިފަރު ރިސޯޓުގަ އެވެ. އެ ރިސޯޓުގައި ތިން މަސް ދުވަހު މަސައްކަތް ކުރުމަށް ފަހު އެނބުރި މާލެ އައިސް ހަތަރު ވަރަކަށް މަސް ފަހުން ހުޅުމާލޭގައި އޮއިޝީ ރެސްޓޯރެންޓް ހުޅުވައި ޝެފް ފަތީންއާ އެތަނުގައި މަސައްކަތް ކުރަން ފެށި އެވެ.

ޝިފޫ: ކިތަންމެ ގިނަ އިރަކު ކައްކަން ހުންނަން ޖެހުނަސް ވަރުބަލިކަން އިހުސާސް ނުވޭ. --

އޭގެފަހުން މިއަދާ ހަމައަށް އޮއިޝީ ރެސްޓޯރެންޓުގެ މެނޫގެ ހުރިހާ ކެއުންތަކަށް ޝިފޫ ފަރިތަ އެވެ. ޖަޕަނީޒް، އަރަބިކް، ފްރެންޗް، މެޑިޓެރޭނިއަން، މެކްސިކަން މިހެން ގޮސް ހުރިހާ ވައްތަރެއްގެ ކެއުންތަކަށް ވެސް ޝިފޫ ފަރިތަ އެވެ. އެކަމަކު އިތުރަށް ކިޔަވާ ދަސްކުރަން ބޭނުންވަނީ އަދިވެސް ފްރެންޗް ކުޒީންތަކެވެ.

"ފުރަތަމަ އޮއިޝީ ފެށިއިރު ޝިފޫއަކަށް ޖަޕަނީޒް އެއްޗެހި އެހާ ބޮޑަކަށް ނޭނގޭ، އެކަމަކު ޝެފް ފަތީންގެ ކައިރިން ދަސްކޮށް މިހާރު ހުރިހާ އެއްޗެއް އެނގޭނެ ހަދަން. އެންމެ ފާސްޓުކޮށް ހެދެނީ ރޯލްސް މިހާރު،"

"އަދިވެސް ކިޔަވަން ބޭނުން. އަދިވެސް ވަރަށް ބައިވަރު ދަސްކުރަން އެބަހުރި. ޝިފޫ ބޭނުން މި ދާއިިރާއިން ވަރަށް ބޮޑަށް ކުރިއަރައިގެން ދާން."

އެހެންވެ ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކޮށް އެތަންތަނުގެ އެންމެ ލޯކަލް ކެއުންތައް ޓްރައި ކުރުމަކީ ޝިފޫ ކުރާ ކަމެކެވެ. އަހަރަކު ދެ ފަހަރު އެހެން ދަތުރުކޮށްލާ ހަދަ އެވެ. އަދި އެނބުރި އައިސް އަމިއްލަ ޓެކްނިކްތައް ހިމަނައިގެން ޑިޝްތައް ތައްޔާރުކުރަން މަސައްކަތްކުރާ ކަމަށް ޝިފޫ ބުންޏެވެ.

ޝިފޫ ތައްޔާރުކޮށްފައިވާ ޑިޝް އެއް. --

މިހާރު ވެސް ހުރިހާ ގަޑިއެއްގައި އޮއިޝީގެ ބަދިގެއަށް ޝިފޫ ހުންނަނީ ތައްޔާރަށެވެ. ވަޒީފާގައި ކިތަންމެ ގިނައިން ކެއްކިޔަސް ގެއަށް އައިސް ޝިފޫ ކާން ބޭނުންވަނީ މަންމަ ކައްކާ ކެއުންތަކެވެ. ހާއްސަކޮށް ދިވެހި ކެއުމެވެ.

"ގެއަށް އައިސް ބޭނުންވަނީ މަންމަ ކައްކާ އެއްޗެހި ކާން. މަންމަ ކެއްކީމަ މާ މީރު. އެކަމަކު އެހެން އުޅެލާފަ އެއްޗެހި ކައްކަން ގޭގަ."

"އަމިއްލައަށް އެހެން ކާލަން އެއްޗެއް ތައްޔާރުކުރަންޏާ ހަދަނީ ޕާސްތާ. އެ ހަމަ މީރުވެގެން. އެކަމަކު ދިވެހި ރަހަތަށް ވެސް ވަރަށް ކަމުދޭ. ދިވެހި ރަހަތައް ހިމަނައިގެން އެހެން އެއްޗެހި ވެސް ހަދަން ޓްރައިކުރަން."

ޝިފޫ: އެންމެ ފުރަތަމަ ބޭނުންވީ ކެބިން ކްރޫއަކަށް ވާން. --

ކިތަންމެ ގިނަ ވަގުތެއް މަސައްކަތުގައި ހޭދަކޮށް ކޮޅަށް ހުންނަން ޖެހުނަސް ޝިފޫއަށް އެންމެ ރަނގަޅެވެ. އޭނަ ބޭނުންވަނީ ވެސް ސްޓްރެސްފުލްކޮށް ވަރަށް ބުރަކޮށް މަސައްކަތް ކުރާށެވެ.

"ބަދިގެ ތެރޭގައި ވަރަށް ހޫނުވާނެ ވަރަށް ސްޓްރެސްފުލްވާނެ. އެހެންވެ ފާޑެއްގެ ކިކެއް އައިސްފަ ހުންނާނީ. ވަރުބަލި އިހުސާސެއް ވެސް ނުކުރެވޭ."

ފަހަރުގައި އެހެން ގިނަ ދިވެހި އަންހެން ޝެފުންނާ ހިލާފަށް ހޮޓް ކިޗަން ޝިފޫ އިހްތިޔާރުކުރީ އެހެންވެ އެވެ. ޕޭސްޓްރީ އަށް ވުރެ ޝިފޫގެ ޝައުގުވެރިކަން ދަމައިގަތީ ފައިން ޑައިން އެވެ. ފިިރިހެނުން އެ ދާއިރާގައި ގިނަ އެވެ.

"ޝިފޫ ބުނާނީ ފިރިހެނުންނަށް ވަންޏާ އަންހެނުންނަށް އަދި މާ ރަނގަޅަށް ވާނޭ. އެމީހުންނަށް ބުރަކޮށް ކުރެވެންޏާ އަހަރުމެންނަށް ވެސް ކުރެވޭނޭ. އަހަރުމެން ބޭނުންކުރާނީ ސިކުނޑިއޭ، ބުނެއެއްނުން ޑޯންޓް ވޯކް ހާޑް އޭ ވޯކް ސްމާޓް އޭ،" މިއީ މި ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެން ކުދިންނަށް ޝިފޫ ދޭނެ ނަސޭހަތެވެ.

ޝިފޫ ބުނީ މިއީ ކުރިއަށް ދާން ފުރުސަތު އޮތް ދާއިރާއެއް ކަމަށް. --

"ކިޔަވައިގެން ނުކުތުން ރަނގަޅީ ކުއްލިއަކަށް ނުކުތުމަށްވުރެ. ކަލިނަރީ ކޯސް ވިތު ސާވިސް މެނޭޖްމަންޓް ހެދީމަ އެނގޭނެ ބިޒްނަސްއެއް ހިންގަން މިކަމުން. އެކަމަކު ހުރިހާ ކުދިންނަކީ ކިޔަވައިގެން އަންނަ ގޮތަށް ރެސްޓޯރެންޓެއް ހުޅުވޭނެ ކުދިންނެއް ނޫން."

"ކިޔަވައިގެން ނުކުތީމަ އެނގޭނެ ފުޑްގެ އޮރިޖިނަލް އާ ހިޒްޓްރީ އާ ހުރިހާ އެއްޗެހި. ދެން ޕްރެކްޓިކަލީ ކުރަން ފެށީމަ އެކްސްޕީރިއަންސް ލިބޭނެ. އެކްސްޕީރިއަންސް އަކީ ވެސް މުހިންމު ބައެއް. ވަރަށް އިންޓްރެސްޓްހުރެ ވަގުތު ދީގެން ކުރިއަށް ދެވޭނީ."

ޝިފޫ ބުނީ ރިސޯޓު މާހައުލަކީ ތަޖުރިބާ ހޯދަން ވަރަށް އެކަށީގެންވާ މާހައުލެއް ކަމަށެވެ. އަދި އަބަދުވެސް ތަފާތު ކެއުންތައް ތަޖުރިބާކޮށް އަމިއްލައަށް އެތަކެތި ހަދަން މަސައްކަތް ކުރުމުން ވެސް ގިނަ އެއްޗެހިތަކެއް ދަސްވާ ކަމަސް ބުންޏެވެ.

ޝިފޫ މިހާރު އެންމެ ބޭނުންވަނީ ގެއްލިފައި ހުރި ދިވެހި ރަހަތައް ބޭނުންކޮށްގެން ތަފާތު ކެއުންތައް ތައްޔާރުކުރާށެވެ. އެ ރަހަތައް ތަފާތު ގޮތަކަށް އަނބުރާ ސުފުރާ މައްޗަށް ގެންނާށެވެ.

ކެއްކުން

Popular