19 May 2019

ސިހުރުހާހޫރެއް ނޫން، ޖާދޫގަރެއް

By: Ahmed Nadym

ޝަމަންގެ އެއް މާނަ އަކީ އެންމެ މާތް އިންސާނާ އެވެ. އަނެއް މާނަ އަކީ ފަންޑިތަވެރިޔާ އެވެ. އަދި ބައެއް ގައުމުތަކުގައި "ޝަމަން" އަކީ ސިހުރުވެރިންނެވެ. ރޫހާނީ ނުބައި ބާރުތަކާ ދެކޮޅަށް ވަޖިދުއަރުވާ ބޭސްވެރިއެކޭ ވެސް ބުނެވިދާނެއެވެ. އެކަމަކު "ދަ ސެޝަން" ގެ މިފަހަރުގެ ގެސްޓަކީ ފަންޑިތަ ނުވަތަ ސިހުރުވެރިކަމަކާ ވެސް އެއްވެސް ގުޅުމެއް އޮތް މީހެއް ނޫނެވެ. އެކަމަކު ބަލަން ހުންނަ މީހާގެ ދަތްދޮޅި ވެއްޓިގެންދާވަރުގެ އުކުޅުތަކަށް ފަރިތަވެފައި ހަލުވި ޖާދޫގަރެކޭ ބުނެވިދާނެއެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ އުމުރުން 30 އަހަރުގެ މި ޒުވާނާ އަކީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި "އަސްލު މެޖީޝަނެވެ". އޭނާގެ ނަމަކީ އަހުމަދު ޝަމަން އެވެ.

"މީހުން ބުނެއުޅޭ، މީހަކަށް ކިޔާ ނަމަކުން އޭގެ އަސަރު އެމީހަކަށް ވަރަށް ބޮޑަށް ކުރާނެއޭ. އެގޮތުން ޝަމަން، އެ ނަމުގެ މާނައަކީ އިނގިރޭސި ބަހުން، ރަޝިއާ އަދި ކޮރެއާގައި ވެސް ފަންޑިތަހަދާ މީހާ ނުވަތަ ސިހުރު ހަދާ މީހާ. ރޫހާނީ ބާރުތަކާ ގުޅުންބޮޑު މީހެއް،" ޝަމަން ފަށައިގަތީ ސަމާސާއަކުން ކަމުގައިވިޔަސް އެއީ ސަމާސާއެއް ނޫނެވެ.

ޝަމަން

"ފަހަރެއްގައި އަހަރެން މިވަރަށް މެޖިކަށް ހިތްޖެހުމުގެ އަސްލަކީ މަށަށް ކިޔާފައިމިވާ ނަން ކަމަށް ވެސް ވެދާނެ. މީހުން މަށާ ދިމާލަށް ގޮވާފަ އެބަހުރި، ތިއީ ޖިންނިއެއްގެ ދަރިއެކޭ ވެސް. ޖިންނިއެކޭ ވެސް."

"އެކަމަކު އަހަރެން މި ހަދަނީކީ ސިހުރެއް ނޫން އެއްގޮތަކަށް ވެސް."

އުމުރުން ފަސް އަހަރުގައި މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުމުން ޝަމަން އުޅެބޮޑުވީ އޭނާ އަށް ދުނިޔެ ވަށްކޮށް ކިޔައި ހުރިހާ ކަމެއް ދަސްކޮށްދިން މާމަ ކައިރީގައެވެ. މާމަ ވެގެންދިޔައީ ހުރިހާ ކަމެއްގައި ވެސް އޭނާގެ އެންމެ ބޮޑު ބެސްޓް ފްރެންޑަށެވެ. އެކަމަކު އެ މާމައާ ދުރުގައި ޝަމަން އަކީ އޭރު އެހެން އެއްވެސް ބަޔަކާ ގުޅުނު ކުއްޖެއް ނޫނެވެ. މީހުންގެ ތެރެއަށް ނުކުމެ، މީހުން ވާހަކަ ދައްކައި މަޖާކޮށް ސަކަރާތް ޖެހުމަކީ އޭނާގެ ކިބައިގައި ނެތް ސިފައަކަށް ވުރެން ބޮޑަށް ކުރަން ނުކެރުނު ކަންކަމެވެ.

"އެންމެ ކުރިން ދިމާވި ރައްޓެއްސަކާ މިހާރު ބައްދަލުވިޔަސް ބުނާނެ އަހަރެން މިއީ މިގޮތަށް ވާހަކަ ދައްކައި އަނގަތަޅާނެ މީހެއް ނޫނޭ. ކުޑައިރު އަހަރެން ހުންނާނީ ވަރަށް މަޑުން މަޑުމަޑުން. މީހުންނާ ނުގުޅޭނެ. ކަމެއް ކުރާހިތެއް ނުވާނެ. އަބަދުވެސް ކޮންމެވެސް ތަނެއްގައި އިށީނދެލައިގެން، ކަނެއްގައި އެކަނި މަޑުކޮށްލައިގެން،" ޝަމަން ކިޔައިދިނެވެ.

ޝަމަން ކުޑަކުދިންތަކެއް ހައިރާންކޮށްލަނީ: އެކަމަކު އޭނާގެ ހުވަފެނަކީ ބޮޑެތި މީހުންގެ ބޮޑު އޯޑިއަންސެއް.

އެންމެނާ އެކަހެރިވެ ކަނަކަށް ވަދެ ފިލައި އިން މި ޒުވާނާގެ ހިއްސުތައް ހޭލައްވާލީ އުމުރުން ނުވަ އަހަރުގައި އޭނާއާ ބައްދަލުވި ޖާދޫގަރެކެވެ. ޝަމަންގެ މޫނާ ދިމާލަށް ދެ އަތް ދިއްކޮށްލަމުން ފަރިގޮތަކަށް އެ އަތް ހަރަކާތްކޮށްލާފައި އަތް ހުޅުވާލިއިރު އެ މީހާގެ އަތުގެ ތެރޭގައި އޮތީ ކޮއިނެކެވެ. ނަމަވެސް އެ ކޮއިނަށް ޝައުގުވެރިނުވެ ޝަމަންގެ ސަމާލުކަން ދަމައިގަތީ އެމީހާގެ އެ މެޖިކް ޓްރިކެވެ.

ހުރި ގޮތަކުން، އުޅުނު ގޮތަކުން ބުލީކޮށް ރޮއްވާލުމުން ގެއަށް ގޮސް ކަނަކަށް ވަދެ އިނދެ ޝަމަންގެ އެކުވެރިޔަކަށް ހެދީ އެއްކަލަ ކޮއިނެވެ. އޭނާ މަސައްކަތް ފެށީ އެ ރުފިޔާ ފޮތި އަތުތެރެއަށް ލައިގެން ގެއްލުވާލުމަށް ފަހު އެ އިނގިލިތަކުގެ ތެރެއަށް އަލުން ގެންނާނެ ގޮތް ދަސްކުރާށެވެ. އެކަމަކު އެކަންވީ ރެއާއިދުވާލުން ދަސްކުރެވޭ ވަރުގެ ކަމަކަށް ނޫނެވެ.

"އެކަމަކު އަހަރެންގެ ހިތަށް އެރީ އޭނަ އަށް އެ މެޖިކް ޓްރިކް ހެދެންޏާމު އަހަންނަށް ވެސް އެކަން ކުރެވޭނެއޭ. ދެން އެހިސާބުން އަމިއްލަ އަށް އެކަން ކުރެވޭތޯ ބަލަން ފެށީ. އެހިސާބުން ޝަމަންގެ މުޅި ދުނިޔެ ބަދަލުވީ،" ޝަމަން ބުނެލިއެވެ.

"ކުޑައިރު އަހަރެން ހުންނާނީ ވެސް ފަލަކޮށް. އޭރު ފަލަކޮށް ހުރީމަ ވެސް ބުލީކޮށް، މަޑުން ހުންނާތީ ވެސް ބުލީކޮށް ވަރަށް މެންޓަލީ ބޯގޮވާފައި އެ ދުވަސްވަރު ހުންނަނީ. އެ ހުރިހާ ކަމަކުން އަހަރެން އެސްކޭޕްކޮށްދިން އެއްޗަކީ މެޖިކް"

"ސްކޫލް ނިންމާލާފައި ގެއަށް ގޮސް ކަނެއްގައި އެކަނިމާއެކަނި އިނދެ ކޮންމެވެސް މެޖިކް ޓްރިކްތަކެއް ހަދާލަހަދާލަ ހުރުން އެއީ އަހަރެން އެ ޑިޕްރެސްޑް ލައިފުން އަރައިގަތުމަށް ކުރި ކަމަކީ."

ޝަމަން ކާޑް ޓްރިކްސް ދައްކާލަނީ.

އެކަމަކު ޖާދޫހަދަން ދަސްވިޔަސް ދެން ވެސް ކުރިއަށް ދިއުންވީ ފަސޭހަ ކަމަކަށް ނޫނެވެ. ތިމަންނަ ވާން ބޭނުންވަނީ މެޖީޝަނަކަށޭ ބުނީމަ ރައްޓެހިންނާއި އާއިލާގެ މީހުން ވެސް ޝަމަން އަށް ކުރީ އެންމެ ފުރަތަމަ މަލާމާތެވެ. ޖެހީ ޖޯކެވެ. އަދި އޭނާ ދެއްކި ވާހަކަ އެއްވެސް ބަޔަކު ގަބޫލެއް ނުކުރިއެވެ.

އޯލެވެލްގެ ކިޔެވުމަށް ފަހު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ އިން ކިޔެވުމަށް އޭނާ ދެން ދިޔައީ ސްރީ ލަންކާ އަށެވެ. އޭރު ވެސް އޭނާގެ ހިތް އޮތީ މެޖިކް ފޮށްޓެއްގެ ތެރޭގައި ތަޅުލެވިފައެވެ. އެހެން އުޅެނިކޮށް ލަންކާ އިން އޭނާއާ ބައްދަލުވި އެމެރިކާގެ މެޖީޝަނަކު ދެއްކި ވާހަކަތަކަކުން އަނެއްކާވެސް ޖާދޫގަރެއްގެ ފިޔަގަނޑު ފަޅައިގެން އުދުއްސައިގަނެވުނީނެވެ.

"އެމެރިކާގެ އެ މެޖީޝަނަށް އަހަރެންގެ ޓްރިކްސްތައް ދައްކާލީމަ އޭނަ މި ބުނަނީ އަހަރެން ޕާފެކްޓެއް ނޫނޭ އެކަމަކު އަހަރެންގެ އެ ޓަޗު އެބަހުއްޓޭ. އެހެންވީމަ މިކަން ކުރެވިދާނެއޭ. ނެޗުރަލް ޓަޗު އެބައިނޭ އޭނަ ބުނީ،" ޝަމަން ބުންޏެވެ.

އެހިސާބުން އިތުރު ހިތްވަރެއް ލިބި އޭނާ ދެން ޕާފޯމްކުރަން ފެށީ ރައްޓެހިންނަށެވެ.

"އެކަމަކު އެންމެ ފުރަތަމަ ތުރުތުރުއަޅާ މީހުންގެ ކުރިމައްޗަށް ނުކުންނައިރު. ތާސްބައިގައި ހިފެހެއްޓިޔަސް ވެއްޓެނީ. ކޮއިނެއް ވެސް އަތަކު ހަރެއް ނުލާ ތުރުތުރުއަޅާވަރުން،" ފުރަތަމަ ތަޖުރިބާތަކުން ކިޔައިދެމުން ޝަމަން ބުންޏެވެ.

ޝަމަން

އެކަމަކު އޭނާ ދެން ވެސް ދުލެއް ނުދިނެވެ. އެ ހުވަފެން ބެލުން ހުއްޓައެއް ނުލިއެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އެއް މެޖީޝަނަށް މިއަދު އޭނާ ބަދަލުވުމުގެ ސިއްރަކީ އެއީއެވެ. ޝަމަން ބުނަނީ މިއަދު އޭނާގެ ދިރިއުޅުމުގައި ހުރިހާ ވެސް އެއްޗަކީ މެޖިކް ކަމަށެވެ.

"މީހަކު އައިސް ވަޅިއަކުން މެޖިކަށްވީ ބައި އަހަރެންގެ ގައިން ނަގައިފި ނަމަ ދެން އެ ނުވާނެ އަހަންނަކަށް. ސަބަބަކީ މެޖިކަކީ މިހާރު އަހަރެންގެ ހަށިގަނޑުގެ އެއް ބަޔަކަށް މި ވަނީ ބަދަލުވެފައި،" ޝަމަން ބުންޏެވެ.

" އެއާ ހެދި އަހަރެން މިއީ މިހާރު ކުރިއަށް ވުރެން ކޮންފިޑެންޓް މީހެއް، މީހުންނާ ގުޅިގެން ވާހަކަ ދައްކަން ކެރޭ. މީހުންނާ ކުރިމަތިލާން ކެރޭ، އެމީހުންނަށް ވާހަކަ ކިޔައިދޭން ކެރޭ. ނުވެސް ދަންނަ މީހުންނާ ވެސް ގޮސް ވާހަކަ ދައްކަން އެއްވެސް ޖެހިލުމެއް ނުވޭ މިހާރަކު."

"ލައިފަށް އައި ބޮޑު ބްލެސިންއެއް މެޖިކަކީ."

ދަ ސެޝަން

Popular