19 Jun 2019

އެއްވަނަ ލޯގޯގެ ފަހަތުގައި ހުރީ ދަރުމަވެރިއެއް، ނަރުހެއް

އިންޓަނޭޝަނަލް ޔޫތު ކޮމެޓީން ބޭއްވި ވޯލްޑް ލޯގޯ ކޮމްޕެޓިޝަނުން އެއް ވަނަ ލިބުނީ، އެ މުބާރާތުގެ ތިން ވަނަ ކެޓަގަރީން ވާދަކޮށްގެން

އިންޓަނޭޝަނަލް ޔޫތު ކޮމެޓީން ބޭއްވި ވޯލްޑް ލޯގޯ ކޮމްޕެޓިޝަނުން އެއް ވަނަ ލިބުނީ، އެ މުބާރާތުގެ ތިން ވަނަ ކެޓަގަރީން ވާދަކޮށްގެން

By: Ifraz Ali

މި އަހަރު ބޭއްވި ވޯލްޑް ލޯގޯ ކޮމްޕެޓިޝަނުން އެއް ވަނަ ލިބުމާ އެކު ހައްވާ ނައުޝާ އަށް ކުއްލި ސަމާލުކަމެއް ލިބިއްޖެ އެވެ. މުޅިން ތަފާތު ދާއިރާއެއްގައި އަމިއްލަ ކެރިއަރު ފައްކާކުރަމުން އައި ނަމަވެސް، ދަރުމަވެރިކަން ނުވަތަ ވޮލަންޓީރިޒަމް އަށް ހިތުގައި އޮތް ލޯތްބެއްގެ ބޮޑުކަމުން، އަބަދުވެސް އުޅެވެނީ މި ކަހަލަ ކަމެއްގެ ތެރޭގައި އެވެ.

ނައުޝާ އަކީ އޭނާގެ އުފަން ރަށް، ލ. އިސްދޫ ހެލްތު ސެންޓަރުގެ އެސިސްޓެންޓް ނަރުހެކެވެ. އުމުރުން 21 އަހަރުގެ ނައުޝާ، އެ ހެލްތު ސެންޓަރުގައި މަސައްކަތް ކުރަން ފެށީ އެންމެ 18 އަހަރުގަ އެވެ. އެތަނުގައި މަސައްކަތް ކުރި އެންމެ ހަގު ނަރުހަކީ ވެސް އޭނާ އެވެ.

އިންޓަނޭޝަނަލް ޔޫތު ކޮމެޓީން ބޭއްވި ވޯލްޑް ލޯގޯ ކޮމްޕެޓިޝަނުން އެއް ވަނަ ލިބުނީ، އެ މުބާރާތުގެ ތިން ވަނަ ކެޓަގަރީން ވާދަކޮށްގެންނެވެ. މި މުބާރާތް އޮތީ ތިން ކެޓަގަރީއަކަށް ބަހާލައިފަ އެވެ.

ޑިޒައިންކުރަން ޖެހުނީ، އަންނަ ޑިސެމްބަރު މަހު ފްރާންސްގެ ޕެރިހުގައި ބާއްވާ ވޯލްޑް ޔޫތު ޖެނަރަލް އެސެމްބުލީ އަށް ލޯގޯއެކެވެ. މި މުބާރާތަށް، 62 ގައުމަކުން 400 އަށް ވުރެ ގިނަ ލޯގޯ ޑިޒައިންތައް ހުށަހެޅި އެވެ.

ވޯލްޑް ޔޫތު ޖެނެރަލް އެސެމްބުލީއަށް ނައުޝާ ޑިޒައިންކުރި ލޯގޯ --

އެކި ކެޓަގަރީތަކުން ވާދަކޮށްގެން އެއް ވަނަ އަށް ދިޔަ މީހުންނަށް އެ އެސެމްބުލީގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ލިބެ އެވެ. ދަތުރުގެ ހުރިހާ ހަރަދެއް ކޮށްދެނީ އިންޓަނޭޝަނަލް ޔޫތު ކޮމެޓީންނެވެ. އެއް ވަނަ ހޯދަން ނައުޝާ ބޭނުންވީ އެހެންވެ އެވެ.

"ފުރަތަމަ އަޅުގަނޑު ވާދަކުރީ އެހެން ކެޓަގަރީއަކުން. އެ ކެޓަގަރީން ލިބުނީ ތިން ވަނަ. ދެން އަނެއްކާ ވެސް އެހެން ކެޓަގަރީއަކަށް ލައިގެން އެއް ވަނަ މި ލިބުނީ،" އިންޓަނޭޝަނަލް ޔޫތު ކޮމެޓީގެ ސައުތު އޭޝިއާގެ ޔޫތު އެމްބަސެޑަރުކަން ވެސް ކުރާ ނައުޝާ ބުންޏެވެ.

"އަޅުގަނޑުގެ ދައްތަ އަކީ އައިޓީ ކިޔަވައިގެން ހުރި މީހެއް. އެހެންވީމަ ދައްތަގެ އެހީގައި ލޯގޯގެ ރަފް ސްކެޗެއް އަމިއްލަ އަށް ތައްޔާރުކޮށްފައި، ގްރެފިކްސް ޑިޒައިނިން ކިޔަވާފައި ހުރި ރައްޓެއްސެއްގެ ހެލްޕާއެކު މުޅި އެތި ނިންމީ،" ލޯގޯ ޑިޒައިނިންގެ މަސައްކަތް ކުރި ގޮތް ކިޔައިދިނެވެ.

"ފުލްޓައިމްކޮށް ވޯކް ކުރިޔަސް ރަށުގައި ވީމަ ފްރީޓައިމް އޮވޭ. އެ ލިބޭ ފްރީޓައިމްގައި ވޮލަންޓިއާ ވޯކްސް ކުރަނީ،" އަބަދުވެސް މީހުނަށް އެހީވުމަށް ތަފާތު އެކި ކަހަލަ ވޮލަންޓިއާ މަސައްކަތްތައް ކުރާ ކަމަށް ނައުޝާ ބުންޏެވެ.

ރާއްޖޭގެ މަޝްހޫރު ޒުވާނުންގެ ޖަމިއްޔާ، ރަފީ އެންޖީއޯގެ އިވެންޓް އޯގަނައިޒިން ކޮމެޓީގެ ވައިސް ޗެއާކަން ވެސް ނައުޝާ ކުރި އެވެ. އަދި ރަފީ އެންޖީއޯގެ އެވޯޑު، ރަފީ ގާލާ 2018 ގައި އައުޓްސްޓޭޑިންގް މެމްބަރުގެ އެވޯޑު ވެސް ގެންދިޔަ އެވެ.

ލަންކާގައި މިދިޔަ އަހަރު ބޭއްވި ސައުތު އޭޝިއަން ޔޫތު ސަމިޓްގައި އެ ސަމިޓުގެ ފޮޓޯގްރަފީ އެވޯޑާ ނައުޝާ ހަވާލުވަނީ --

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޖަމިއްޔާ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔުނިއަން (އެމްއެންޔޫއެސްޔޫ) ގެ އެގްޒެކެޓީވް ކޮމެޓީގެ މެމްބަރުކަން ވެސް ކުރި އެވެ.

"މިދިޔަ އަހަރު ސްރީ ލަންކާގައި ބޭއްވި ދެ ވަނަ ސައުތު އޭޝިއަން ޔޫތު ސަމިޓްގައި ރާއްޖޭގެ ފަރާތުން ޑެލިގޭޓް ސްޕީކާއެއްގެ ގޮތުގައި ސަމިޓުގައި ބައިވެރިވިން. އެ ސަމިޓުގައި ބެސްޓް ފޮޓޯގުރާފަރުގެ އެވޯޑު ވެސް ލިބުނު،" އައިވައިސީގެ ސައުތު އޭޝިއަން ޔޫތު އެމްބެސެޑަރުކަން ނައުޝާ އަށް ލިބުނީ ވެސް އެ ސަމިޓުގެ ތެރެއިންނެވެ.

ނައުޝާ މީހެއްގެ އަތުގައި ބޭސް އަޅައިދެނީ

ނައުޝާ ބުނީ ވޮލަންޓިއާ މަސައްކަތްކުރަނީ މީހުންނަށް އެހީވާން ބޭނުންވާތީ ކަމަށެވެ. އެހެންވެ، ލިބޭ ހުސް ވަގުތުތަކުގައި އެ ކަހަލަ ކަމެއްގައި އުޅެނީ އެވެ. އޭނާ ބުނީ މީހުންނަށް އެހީ ހޯދައިދޭން ފަންޑް ރެއިޒިން އިވެންޓުތަކުގައި ވެސް ވަރަށް ގިނައިން ބައިވެރިވާ ކަމަށެވެ. މިއީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

"ޕްރޮފެޝަންއެއްގެ ގޮތުގައި ނަރުސްކަން ކުރަން ބޭނުމީ. މި ދާއިރާއިން ކިޔަވައިގެން އަދިވެސް ކުރިއަށް ދާން،" ނައުޝާ ހުރީ މިކަމުގައި އިތުރަށް ކުރިއަށް ދިއުމުގެ އަޒުމުގަ އެވެ.

ޒުވާނުން ވޮލަންޓިއަރުން

Popular