5 Jun 2019

އޮއްތޮގެ ވީޑިއޯ އަކީ ރެކޯޑެއް؛ އެންމެން ރޮއްވާލައިފި

އެންމެ ދެ ދުވަސް ތެރޭ އެއް ލައްކަ އަށް ވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައިވޭ

އެންމެ ދެ ދުވަސް ތެރޭ އެއް ލައްކަ އަށް ވުރެ ގިނަ މީހުން މި ވީޑިއޯ ބަލާފައިވޭ

By: Ifraz Ali

މިދިޔަ ހަފުތާގައި އެންމެ ގިނަ ބަޔަކަށް އަސަރުކުރުވި އެއް ވާހަކައަކަށްވީ އުމަރު (އޮއްތޮ) ސަލީމާއި އޭނާގެ އަންހެނުން ފާތިމަތު ނައުފާ، "ދޯ"ގެ ދި ސެޝަން ސެގްމެންޓަށް ދިން އިންޓަވިއު އެވެ. އެންމެ ދެ ދުވަސް ތެރޭގައި ލައްކަ އަކަށް ވުރެ ގިނަ މީހުން މި ވީޑިއޯ ފޭސްބުކުން ބަލާފައިވެ އެވެ. މިއީ "ދޯ" ގެ ވީޑިއޯ ސެގްމެންޓްތަކުން ރެކޯޑެކެވެ.

"ދޯ"ގެ ވީޑިއޯތައް މަގުބޫލުވެފައި އެތައް ހާސް ބަޔަކު ބަލަ އެވެ. އެކަމަކު މިހާ ކުރު މުއްދަތެއްގައި މިވަރަށް ވިއުސް ލިބުނު މިއީ ފުރަތަމަ ވީޑިއޯ އެވެ.

"ދޯ" ގެ އަބްދުﷲ އައުރާފާއި އަފްޝީން ނަސީރު ވީޑިއޯގެ މަސައްކަތް ފުރިހަމަކޮށްފައިވާ މި ވީޑިއޯ އަށް ފޭސްބުކްގައި 5،000 އަށް ވުރެ ގިނަ މީހުން ރިއެކްޓުކޮށްފައި ވާއިރު، 2،000 އަށްވުރެ ގިނަ މީހުން ވަނީ ޝެއާ ވެސް ކޮށްފަ އެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ކޮމެންޓުކޮށްފައިވެ އެވެ.

ލޯބިލޯބިން ދިރިއުޅެމުން އައި މި ދެމަފިރިންގެ ހަޔާތް މުޅިން ބަދަލުވެގެން ދިޔައީ، ގަވައިދާ ހިލާފަށް ބާރަށް ދުއްވި މީހެއްގެ އިހުމާލުން އޮއްތޮ އެކްސިޑެންޓުވެ ސިކުނޑިއަށް އަނިޔާވުމުންނެވެ. އެ އަނިޔާއާއެކު އޭނާއަށް ހެލިފެލިވެ ނޫޅެވޭ ހިސާބަށް ދިޔަ އެވެ. ވާހަކަދެއްކާ ހެދުމަށް ވެސް އުނދަގޫވި އެވެ. އެ އެކްސިޓެންޑަށް މިހާރު އަހަރެއްވީ އެވެ. އެ އަނިޔާތަކުން ރިކަވާވުމަށް، މިވީ ދުވަސްތަކުގައި އޭނާއަށް އެންމެ ބޮޑު ސަޕޯޓެއް ދިނީ އަންހެނުން ނައުފާ އެވެ.

އޮއްތޮ އާއި ނައުފާގެ "ދި ސެޝަން" އިންޓަވިއު.

އެ ދެމީހުން ދިމާވެ، އަމިއްލަ ދިރިއުޅުމެއް ފެށިގެން އައިގޮތާއި އެކްސިޓެންޑަށް ފަހު ދެމީހުންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލުތައް ނައުފާ ކިޔައިދިނެވެ. މި ވާހަކަތަކާއެކު އިންޓަވިއު ބެލި ގިނަ މީހުން ވަނީ ރޮއްވާލައިފަ އެވެ. އަދި މި ދަތި ހާލުގައި ނައުފާ ކުރާ ހިތްވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

"ހުވާ މިބުނީ މި އިންޓަވިއު ބަލާފަ ރޮއެރޮއެ ހަލާކުވެއްޖެ. ނައުފާ އަކީ އަންހެނުންނަށް ނަމޫނާއެއް. ވަރަށް ފާހަގަކުރެވުނު އޮއްތޮއަށް ވާހަކަ ދައްކަން ފުރުސަތު ދީގެން ނައުފާ ވާހަކަ ދައްކާކަން. ބެސްޓް ކަޕްލް އެވަ. އޮއްތޮ އަށް އަވަސް ޝިފާއެއް ދެއްވާން ދޭންވެ! އާމީން،" ކޮމެންޓެއްގައި މީހަކު ލިޔެފައި އޮތެވެ.

"ބަލިހާލުގައި ލޯބިވެވޭނީ ވަރަށް ހިތްވަރުގަދަވެން. އުންމީދަކީ މާތްﷲ ތިޔަ ކައިވެނީގައި ބަރަކާތްލެއްވުން އަދި އުމަރުގެ ތިހާލުން ސަލާމަތްވެ އާންމު ހާލަތަކަށް ރުޖޫއަވުން. ކާމިޔާބީ އަކީ ގަދައަޅާ މަސައްކަތްކުރާ އަޅުންގެ ހައްގެއް،" އެހެން ކޮމެންޓެއްގައިވެ އެވެ.

އޮއްތޮ އަށް އިންސާފު ހޯދައިދިނުމަށް ކަމާބެހޭ އިދާރާތަކުން ފެއިލްވެފައިވާ ކަމަށާއި އިންސާފު އަވަސްކޮށްދިނުމަށް ވެސް ބައެއް މީހުން ކޮމެންޓުތަކުގައި ބުނެފައިވެ އެވެ. އަދި އޭނާ އަށް އަވަސް ޝިފާއެއް މިންވަރު ކުރެެއްވުމަށް ވެސް އެދިފައިވެ އެވެ.

އޮއްތޮގެ ދެމަފިރިންގެ ވީޑިއޯ މި ވަނީ މިހާތަނަށް "ދޯ" ގައި އެންމެ ގިނަ ވިއުސްގެ ރެކޯޑް އޮތް، މަޝްހޫރު މޮޑެލް، ކައިޒީންގެ "ލޯތްބާއެކު" އިންޓަވިއު ވައްޓާލައިފަ އެވެ. އެ ވީޑިއޯ އަށް 93،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. އެއީ އެކަމަކު އެތައް މަސް ދުވަހަކުންނެވެ.

އެކްސިޑެންޓް ދަ ސެޝަން

Popular