15 Jun 2019

ލޭ އަޅާ ޓުވިންސް

ލޭ އަޅާ ޓުވިންސް

By: Shamila Ibrahim

މަންދީރަ ބޮޑުބެރު ޓީމުގައި އުޅޭ މި އެއްމާބަނޑު ދެބެއިންގެ ވާހަކަ ލިޔަން އެންމެ ފުރަތަމަ ހިތަށް އެރީ ބޮޑުބެރާ ގުޅުވައިގެންނެވެ. އެކަމަކު މިއީ ތެލަސީމިއާގެ ސަބަބުން ލޭ އަޅާ ދެ ޒުވާނުންކަން އެނގުމާއި މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް ކަމަށް ވުމުން މައުލޫ ބަދަލުކޮށްލީ އެވެ.

މިއީ ސިފައިގެ ގޮތުން ހަމަ އެއްވެސް ތަފާތެއް ނެތް ދެބެއިންނޭ ބުނެވިދާނެ އެވެ. އިންޓަވިއު އަށް އައި އިރު ދެ ކުލައިގެ ދެ ގަމީސް ލައިގެން ތިބި އިރު އެ ނޫނީ ތަފާތެއް ނުފެނެ އެވެ. އިސްތަށިގަނޑު ސްޓައިލްކޮށްފައި ހުރީ ވެސް ހަމަ އެއްގޮތަކަށެވެ. އުމުރުގައި 15 މިނިޓްގެ ތަފާތަކުން މިތަނުން ދޮށީ މާހުއެވެ. ސިފައިގެ އިތުރުން، ކަންކަމާ މެދު ވިސްނާ ގޮތާއި އެހެން ކަންކަން ވެސް ވަރަށް އެއްގޮތެވެ.

ހއ. ކެލަޔަށް އުފަން، އުމުރުން 19 އަހަރުގެ ހަސަން ސަމާހު (މާހު) އާއި އޭނާގެ ކޮއްކޮ ހުސެއިން ސަމާއު (މާއު) ގެ އެންމެ ހާއްސައީ ސިފަ އެއްގޮތް ވުމެއް ނޫނެވެ. ދެބެއިން ވެސް ތެލެސީމިއާގެ ވޭނުގައި އުޅެމުން އަމިއްލަ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރަމުން އަންނަ ދަތުރު މާ ހާއްސަ އެވެ.

އިންޓަވިއު ފަށަމުން، ތެލަސީމިއާގެ ސަބަބުން ތަފާތުވާ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން މި ދެބެއިން ދިން ޖަވާބުން ދޭހަވީ ތެލަސީމިއާ ކުއްޖަކު އުޅޭނެ ގޮތް ގިނަ މީހުންނަށް އަދިވެސް ރަނގަޅަށް ނޭނގޭ ކަމާއި އެކަމާ ބެހޭ ވަރަށް އާދައިގެ ސުވާލު ވެސް ތެލަސީމިއާ ކުދިންނަށް ކުރިމަތިވާ ކަމެވެ.

"ހަމައެކަނި ލޭ އަޅަން ޖެހޭކަން ތަފާތަކަށް އިންނާނީ،" ޖަވާބަކީ މިއީ އެވެ.

ސިއްހީ އެހެން މައްސަލައެއް ނެތް ނަމަ، ބޭނުން އެއްޗެއް ކައިގެން ހަމަ އެހެން މީހުން އުޅޭހެން ހަމަ އުޅެންވީ ކަމަށް ބުންޏެވެ.

މާއު އަދި މާހުގެ އިތުރުން ލޭ އަޅާ އިތުރު މީހުން އާއިލާ ތެރޭގައި އުޅޭ --

މި ދެބެއިންގެ އުމުރުން އަހަރު ނުވަނީސް ލޭ އަޅަން ފެށި އެވެ.

"އޭރު (އަށް މަސް ނޫނީ ހަ މަހުގައި) ވީ ގޮތަކީ ދެމީހުން ނުކާން ފެށީ. ދެން ހަމަ އަބަދު ރޯނީ. އެކަމަކު އަސްލު ވާ ގޮތަކީ ބްލަޑް ދަށް ވީމަ އެނާޖީ ނުހުންނާތީ ނުކެވެނީ ވެސް، ރޮވެނީ ވެސް. އެހެންވެ މަންމަ ޑޮކްޓަރަށް ދެއްކީމަ އެނގުނީ މިއީ ލޭ އަޅާ ދެ ކުދިންކަން،" މާހު ކިޔައިދިނެވެ.

އޮފީސް ކަންކަމުގައި ބައްޕަ ރަށުން ބޭރުގައި އުޅެން ޖެހުމާއެކު، އެންމެ ކުޑައިރުން ފެށިގެން ވެސް ދެ މީހުންގެ ލޭ އެޅުމުގެ ހުރިހާ ކަމެއްގެ ޒިންމާ އުފުލީ މަންމައެވެ. މި ދެބެއިން ކިޔައިދިން ގޮތުގައި އަވަށްޓެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާ އެކު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، ލޭ ހޯދުން އެއީ އެހާ އުނދަގޫ ކަމަކަށް ނުވި އެވެ.

ލޭ އަޅާ ކުދިންނަށް ވީތީ ތަފާތުކުރުން އޮންނަ ކަމަށް މި ދެބެއިންނަށް އިހްސާސް ނުވިޔަސް އެ މީހުންނަށް ކުރިމަތިވާ އުނދަގުލެއް އޮވެ އެވެ. އެއީ، ލޭ އަޅާ ކުދިންކަން އެނގި ތިބެ، އެ ސުވާލު މީހުންގެ ފަރާތުން އަބަދު ކުރިމަތިވުމެވެ. މާއު ބުނީ ވަކިން ބޮޑަށް، ތަންކޮޅަށް ހަރު އުމުރުގެ މީހުންގެ ފަރާތުން އެ ކަހަލަ ސުވާލުތައް ކުރިމަތިވާ ކަމަށެވެ.

"އެމީހުން އަބަދުވެސް އަހާނެ ލޭ އަޅާ ކުއްޖެއްތަ ތީ؟ ކިތައް މަހުން ތަ ލޭ އަޅަނީ؟ ބޯންމެރޯ ހަދާކަށް ނޫޅެންތަ؟،" މާއު ބުންޏެވެ.

ވާހަކާގައި ބައިވެރިވަމުން މާހު ބުނީ ލޭ އަޅާ ކުއްޖެއްހޭ އެހީމާ ކުރެވެނީ އެހާ ފަސޭހަ އިހްސާސެއް ނޫން ކަމަށެވެ.

"...ގިނަ ފަހަރު އެހެން އަހާއިރު ވެސް މިއީ ލޭ އަޅާ ކުދިންކަން އައިޑެންޓިފައި ވާނެ. ދެން އެނގިހުރެ އަހާތީވެ އަބަދު އަބަދު އެ ސުވާލުތަކަށް އެކި މީހުންނަށް ޖަވާބު ދޭންވީމަ ތަންކޮޅެއް އިރިޓޭޓް ވާ ކަމަކަށް ވަނީ،" މާއު ބުންޏެވެ.

ލޭ އަޅަން ފެށީ އުމުރުން ހަ މަހުގައި ނޫނީ އަށް މަހުގައި --

ބައެއް މީހުންގެ ފަރާތުން މިކަހަލަ ކަންތައްތައް ދިމާވި ނަމަވެސް، ޒުވާނުންގެ ފަރާތުން ފެންނަނީ ތަފާތު، ރަނގަޅު މަންޒަރެއްކަން އެ މީހުން ފާހަގަކުރި އެވެ. ވަޒީފާގެ މާހައުލުގައި ވެސް ތަފާތު ކުރުމެއް ނޯވެއެވެ. މާހު މަސައްކަތް ކުރާ އާސަންދައިގެ ހުރިހާ ސްޓާފުން ވަރަށް ރަނގަޅަެވެ. ލޭ އަޅަން ދާން ޖެހޭ ދުވަސް ދުވަހަށް، މި ދެބެއިން އުޅޭ ބޮޑުބެރު ޓީމް މަންދީރަ އިން ވެސް ހުރިހާ ކަމެއް ލުއިކޮށްދެ އެވެ.

ލޭ އަޅާ ކުދިންނަށް ވީތީ މީހުން އެކަމާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް މި ދެބައިން ދެނީ ބީރު ކަންފަތެކެވެ. އެއާ ހިލާފަށް އެމީހުން ބަލަނީ ލޭ އަޅާ ކުއްޖަކަސް، ކާމިޔާބު މީހަކަށް ވެވޭނެކަން ސާބިތުކޮށްދޭން މަސައްކަތް ކުރެވޭތޯއެވެ. އާންމުންގެ ސަފުން ބާކީ ނުވެ، ހުވަފެންތަކުގައި ކުލަ ޖެހޭ ބަޔަކަށް ވާށެވެ.

"އެންމެ ބޮޑު އެއް އައިޑޮލް ޝަލަބީގެ ފޮޓޯގްރަފަކީ ވެސް ހަމަ ލޭ އަޅާ ކުއްޖެއް. އެ ގޮތަށް ބައިވަރު ލޭ އަޅާ ކުދިން އެބަ އުޅޭ އެކި ފީލްޑްތަކުގައި ކާމިޔާބު ހޯދަމުން އަންނަ"

މި ދެބައިންގެ ސިފަ އެއްގޮތަސް، ޝައުގުވެރިކަން ހުންނަ ދާއިރާތަކާ ކުރަން ބޭނުން ކަންތައްތައް ތަފާތެވެ. އެކަމަކު މި ދެބެއިން މަސައްކަތުގައި ވެސް ގުޅެނީ އެވެ. މާއު އަކީ މަންދީރަ ބޮޑުބެރު ޓީމުގެ ފޮޓޯގްރާފަރެވެ. މާހު އަކީ އެ ޓީމުގެ ވީޑިއޯ ގްރަފަރެވެ. އެހެންވެ ގިނަ ވަގުތު އެކުގައި އުޅެން ޖެހެ އެވެ.

"މިއީ ހަމަ ބެސްޓްފްރެންޑްސް. ލައިފްގަ ދެމީހުން އެކަކު އަނެއްކަކަށް ހެލްޕް ނުވާ ކަމެއް ނޯންނާނެ. އަނެއްހެން ބުނަންޏާ އަހަރެމެން މިއީ ޑުޕްލިކޭޓް ވާޝަން އޮފް ހިއުމަން ޑައިރީ"

15 މިނެޓްގެ ތަފާތަކުން ދެބެއިންގެ ތެރެއިން ދޮށީ މާހު (ކ) -- ފޮޓޯ: ޒެން ފޮޓޯސް

މާއުގެ ޝައުގުވެރިން ފޮޓޯ ގްރަފީއަށް ހުއްޓުނީ ސްކޫލް ދައުރުގައި ބޭބެމެން ކެމެރާ ގެންގުޅޭ ތަން ފެނިގެންނެވެ. އެހެން އުޅެނިކޮށް އެ ގެއަށް އައި ފޮޓޯގްރަފަރެއްގެ ފަރާތުން އިންސްޕަޔާ ވެގެން ސްކޫލް ނިންމާފައި ޓިވެޓްގެ ފޮޓޯގްރަފީ ކޯހެއް ހެދިއެވެ. އެކަމަކު މަންދީރައާ ގުޅުނުއިރު ރަނގަޅު ރީތި ފޮޓޯ ނަގާކަށް ނޭނގެއެވެ. އިތުރު އާ އެއްޗެހި ދަސްކުރީ ޔޫޓިއުބް ޓިއުޓޯރިއަލްތައް ބަލައިގެންނެވެ.

"މަންދީރައަށް ޖޮއިން ކުރަން ފުރުސަތު ލިބުނުއިރު ވެސް ރީތިކޮށް ފޮޓޯ ނަގާކަށް ނޭނގެ. އެހެން ފޮޓޯގްރަފަރުން ވެސް މާއު ނަގާ ފޮޓޯތައް ބަލާފަ ބުނޭ އާނ ކަމަކު ނުދެއޭ. އެކަމަކު ދެން ޓްރައި ކުރަމުން ކުރަމުން މިހާރު ހުރި ހިސާބަށް އާދެވިފަ މިހުރީ" މާއު ކިޔައިދިނެވެ.

ރައްޓެއްސެއްގެ ފަރާތުން ފުރުސަތު ލިބިގެން 2017 ވަނަ އަހަރު މާއު މަންދީރައާ ގުޅުނީއެވެ. އޭގެ ދެތިން ދުވަސް ތެރޭ، ކޮއްކޮ މާއުގެ ފަރާތުން ފުރުސަތު ލިބިގެން މާހު ވެސް ވީޑިއޯގްރާފަރެއްގެ ގޮތުގައި މަންދީރައާ ގުޅުނެވެ.

އެކަމަކު މާހުގެ ވިސްނުން ހުރީ ބިޒްނަސްގެ ކޮންމެވެސް ރޮނގަކުން ކުރިއަށް ދާށެވެ.

ލޭ އަޅާ ކުދިންނަށް މުޖުތަމައުގެ ހޭލުންތެރިކަން މިހާރު ބޮޑުކަމަށް ދެމީހުން ވެސް ގަބޫލު ކުރެއެވެ. އެކަމަކު ކައިވެންޏާ ހިސާބަށް ދިއުމުން ބައެއް އާއިލާތަކުން ނުގަބޫލުވަނީ ކީއްވެތޯ ސުވާލު އުފެއްދިއެވެ. އެމީހުންގެ ރައްޓެހި އެހެން ލޭ އަޅާ ކުދިންނަށް ދިމާވެފައި ހުރި އެކަހަލަ ހާދިސާތަކެއް ވެސް ކިޔައިދިނެވެ.

"ލޭ އަޅާ ކުއްޖެއްވީމަ އަންހެން ކުއްޖާ އަތުގައި ވައިޓް ކާޑެއް އޮތަސް އިންނަ ހިސާބަށް ދާއިރަށް އަންހެން ކުއްޖާގެ ޕޭރެންޓުން އެބަ ރިޖެކްޓު ކުރޭ. ކޮންމެހެން ލޭ އަޅާ ކުއްޖަކާ މެރީ ނުކުރެވޭނީއެއް ނޫން. ވައިޓް ކާޑެއް އޮތިއްޔާ ނުލިބޭނެ ތެލެސީމިއާ ކުއްޖެއްވެސް. އެކަމަކު ކީއްވެބާއޭ ހިތަށް އަރާ މީހުން އެހެން ވިސްނަނީ އަދިވެސް. ހަމަ ވިސްނާ ވިސްނާ ވެސް ގެޓު ނުވާ ތަންކޮޅެއް އެއީ،" މާހުގެ ސީރިއަސް ރާގުގައި ބުންޏެވެ.

ލޭ އަޅާ ކުއްޖަކަސް، އެހެން ކުދިންހެން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ދިރިހުރި މިސާލަކަށް މި ޓުވިންސް ފުދެއެވެ. ދިރިއުޅުމުގައި ހޯދަމުން އަންނަ ކާމިޔާބީތަކަށް ބެލިޔަސް، އެފަދަ އެހެން ކުދިންނަށް ހިތްވަރު ލިބޭނެއެވެ.

"ލޭ އަޅާ ކުދިންނަށް ބުނެލަން ބޭނުން ވަނީ ލޭ އަޅާ ކުއްޖަކަށް ވީތީ އޭ ކިޔާފަ އެމީހެއްގެ ޑްރީމްސް އެޗީވް ކުރަން މަސައްކަތް ނުކޮށް ނުހުންނަށްޗޭ. ޓްރައި ކުރާށޭ، އޭރުން ހަމަ ވާނޭ"

ތެލެސީމިއާ ލޭ ހަދިޔާކުރުން

Popular