10 Jul 2019

ފޮޓޯ ސްޓޯރީ: ޖަނާގެ ދިވެހިރާއްޖެ މާ ސަޅި

ފޮޓޯ ސްޓޯރީ: ޖަނާގެ ދިވެހިރާއްޖެ މާ ސަޅި

By: Ahmed Nadym

އަލީ ޖަނާހު ނުވަތަ ޖަނާ އަކީ އޭނާގެ ކުރެހުންތަކުގެ ވާހަކަ ދައްކައިގެން މަޝްހޫރުކަން ހޯދަން ބޭނުންވާ އާޓިސްޓެއް ނޫނެވެ. އިންޓަވިއުއެއް ހޯދަން ގުޅާލުމުން އޭނާގެ ވާހަކަ ފަށައިގަތީ މިހެންނެވެ. އޭނާ ބުނަނީ މަޝްހޫރު ކަމަށް ވުރެން އޭނާ އަށް މުހިންމީ އޭނާގެ މަސައްކަތާއި އޭގެ އަހުލާގު ކަމަށެވެ. އެހެންކަމުން މި އޮތީ ޖަނާގެ އިންޓަވިއުއެއް ނޫނެވެ. އޭނާގެ އާދަޔާހިލާފު އަދި އެވަރަށް ހިތްގައިމު ކުރެހުންތަކުގެ ތެރެއިން އަހަރެމެން ހޮވާލި ބައެއް މަސައްކަތްތައް ފެންނަ ފޮޓޯސްޓޯރީއެކެވެ. އާޓިސްޓެއްގެ ގޮތުގައި އޭނާ މެދުނުކެނޑި މިގޮތަށް މަސައްކަތްކުރާތާ މިއީ 15 ވަނަ އަހަރެވެ.

އިންޓަވިއުއަކަށް އެއްބަސްނުވިޔަސް ތިރީގައި ހިމަނާފައިވާ ހުރިހާ ފޮޓޯތަކެއް ވެސް މިގޮތަށް ބޭނުންކުރުމަށް ޖަނާ ވަނީ އޯކޭ ދީފައެވެ.

ޖަނާހް ކުރެހުމެއް ފުރިހަމަކުރަނީ: އޭނާގެ ހުނަރުވެރިކަން ދެލިން އެކަނި ބުނެދެވޭ ވަރަށްވުރެން ބޮޑު. ނަމަވެސް އޭނާ ބުނަނީ އޭނާގެ ވާހަކަ އަށް ވުރެން މުހިންމީ އާޓު ކަމަށް. އަދި ފަންނުވެރިކަމުގެ މައްޗަށް މަޝްހޫރުކަން ހޯދަން ބޭނުން ނުވާ ކަމަށް. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ ކުރެހުމަކުން ޖަޒީރާ ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަން: ދިވެހިންގެ ކަނޑާއި މޫދާއި ފަޅާއި ފަރުތަކާއި ރުއްގަސްގަހުގެ ކުލަތައް ޖަނާ ގެނެސްދޭ ގޮތް މުޅިން ތަފާތުވެފައި ވަރަށް ހިތްގައިމު. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ ފިހިން ދިއްލައި ދިރުން އަޅުވާފައިވާ، ރާއްޖޭގެ ހިތްގައިމު މަންޒަރެއް: މިފަދަ މަންޒަރުތައް އޭނާ ކެންވަސްއަށް ފިޓުކޮށް ނަލަކުރަނީ މި ރީތި ރާއްޖޭގެ މި ހިތްގައިމުކަން ފެންނަ ހިސާބުތަކަށް ނުކުމެ ވަށައިގެން ފެންނަ ގުދުރަތީ މަންޒަރުތަކުން. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ ޖަޒީރާވަންތަ މި ކުރެހުންތަކުން ފެންނަ ދިވެހި ރާއްޖޭގެ ކުލަތަކާއި މަންޒަރުތައް އަސްލަށްވުރެން ވެސް ހިތްގައިމުވެފައި ރީތި. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
މި މަންޒަަރު އެކި ފަހަރުމަތިން އެކި ގޮތްގޮތަށް އަހަރެމެންނަށް ވަނީ ފެނިފައި. އާންމުކޮށް ފޮޓޯތަކުން. އެކަމަކު ފޮޓޯތަކަށް ވުރެން ވެސް ޖަނާގެ މަސައްކަތް ހީވަނީ މާ ސަޅިހެން. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ މި ހިތްގައިމު ކުރެހުމުން އެ ފެންނަނީ ރާއްޖޭގެ ފަރުފަރުތަކުން ފެންނަ މަސްމަހާމެހީގެ އެކި ކަހަލަ ދިރުން: ދިވެހި ރާއްޖޭގެ ކަނޑުއަޑީގެ މުއްސަނދިކަމުގައި ރަން ވަޅުތަކެއް ނެތަސް އެ މަންޒިލުގެ އަގު ރަނަށް ވުރެން ވެސް ބޮޑު. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ކުރެހުމެއް ނިންމާލުމަށް ފަހު ޖަނާ ނަގާފައިވާ ފޮޓޯއެއް: ރާއްޖޭގެ ރީތިކަމަށް މުޅި ދުނިޔެ ހެކިވިޔަސް ޖަނާ އަށް މި ރާއްޖޭގެ ރީތިކަން ފެންނަ ގޮތް އަދި މާ ތަފާތުކަން އޭނާގެ ކޮންމެ ކުރެހުމަކުން ވެސް ފާހަގަކުރެވޭ. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ މިފަދަ ކުރެހުންތައް އެންމެ ހާއްސަވަނީ އޭނާގެ ތަފާތު ހުށަހެޅުންތަކުން. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ މިފަދަ ކޮންމެ ކުރެހުމަކީ ވެސް ހައިރާންކުރުވަނިވި މަސައްކަތެއް: ފްރީލާންސް އާޓިސްޓެއްގެ ގޮތުގައި ޓުއަރިޒަމް ދާއިރާގައި ކުރެހުންތައް ކުރަހައި އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދެމުންދާތާ މިހާރު އެތައް އަހަރެއް. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ޖަނާގެ ކުރެހުމަކުން ދިވެހި ރާއްޖޭގެ ހިތްގައިމުކަން: މި ހިތްގައިމުކަމަށް ހިތްބަންޑުންވާ ޓުއަރިސްޓުންނަށް މިފަދަ ކުރެހުންތައް ވަނީ ރާއްޖެއިން ފެންނަ "އިތުރު ސުވަރުގެއަކަށް". --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
އިރުއޮއްސޭ މަންޒަރު ބަލަން ކޮންމެހެން ނުދިޔައަކަސް ޖަނާގެ މީގެ ކުރެހުމަކުން ފުދޭ. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ކަނޑުއަޑިއަށް ފީނައިގެން ނުފެންނާނެ ހިތްގައިމުކަން ޖަނާ ގެނެސްދެނީ އޭނާގެ މިފަދަ އާދަޔާހިލާފު ކުރެހުންތަކުން. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
ރާއްޖޭގެ މި ރީތިކަން އަބަދަކަށް މިހެން ނޯވެދާނެ: އެކަމަކު ޖަނާ އެ ގެންދަނީ އޭނާގެ ފިއްސާއި ކުލަތަކުން ކެންވަސްތަކުގައި ތާއަބަދަށް ރައްކާކުރަމުން. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
އިރުއޮއްސޭ މަންޒަރަށް ބަލަމުން ޖަނާ ކުރެހުންތަކެއް ފުރިހަމަކުރަނީ: އޭނާގެ ލައިވް އާޓް ސެޝަންސްތަކަކީ ރިސޯޓުތަކުގައި ޓޫރިސްޓުންގެ ބޮޑު މަގްބޫލުކަމެއް ލިބޭ ހުނަރެއް. --ފޮޓޯ: ޖަނާހް ފޭސްބުކް ޕޭޖު
އާޓިސްޓް

Popular