14 Jul 2019

By: Ahmed Nadym

އެންމެ ކުޑައިރު އޭނާ ހީކުރީ އެންމެންނަކީ ވެސް އޭނާ ފަދައިން ވާހަކަ ނުދެއްކޭ، އަޑުނީވޭ މީހުން ކަމަށެވެ. ހިމޭން މި ދުނިޔެއެއްގައި ބޮޑުވަމުން ފުރާވަރަށް އަރަމުން ދިޔައިރު ވެސް އޭނާއާ ބައްދަލުވި އެންމެން ދެއްކީ އިޝާރާތުގެ ވާހަކައެވެ. އޭނާގެ ދުނިޔެ އަސްލު ދުނިޔެ އަށް ވުރެން ހިމޭންވެފައި ތަފާތުކަން ބުނެދިން ނުވަތަ ވިސްނައިދޭން އުޅުނު މީހަކު އެންމެ ގާތުގައި އޭރު ނެތުމުން ކަމަށް ވެސް ވެދާނެއެވެ. މަންމަމެން ބައްޕަމެން ނުވަތަ އާއިލާގެ އެހެން މީހުން ވެސް ކޮންމެ ދުވަހަކު އިޝާރާތް ބަހުން އޭނާއާ ވާހަކަ ދެއްކުމުން އޭރު ވިސްނިފައި އޮތީ އެއީ އެންމެން ވެސް މުއާމަލާތުކޮށް އުޅޭ އާންމު އުސޫލާއި ގޮތް ކަމަށެވެ. – މިއީ 27 އަހަރުގެ މުހައްމަދު އައްވާމްގެ "ސެޝަން" އޭނާގެ ތަރުޖަމާނު، މަރިޔަމް ފަޒްނީގެ އެހީއާ އެކު އަހަރެމެންނަށް ކިޔައިދޭން ފެށި ގޮތެވެ. އެމްޓީސީސީގައި އެސިސްޓަންޓް އެކައުންޓްސް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ މި ޒުވާނާގެ "ހިމޭންދުނިޔެ" އޭނާ ހީކުރި ވަރަށް ވުރެން ބޮޑުވެފައި ޝައުގުވެރިކަން އޭނާ އަށް އިހްސާސުވީ އުފަން ރަށް ކަމުގައިވާ ސ. މީދުއިން ފުރައިގެން 2002 ވަނަ އަހަރު މާލެ އައި ހިސާބުންނެވެ. ރަށުގައި ކިޔަވަން އުޅުނު މާހައުލު ދޫކޮށް ޖަމާލުއްދީން ސްކޫލްގެ ހާއްސަ ކުލާހަކަށް ގޮސް ވަން ފުރަތަމަ ދުވަހުން ފެށިގެން އައްވާމްގެ އެ ދިރިއުޅުން އުމުރަށް ބަދަލުވެގެންދިޔައީ އެވެ.

"ފުރަތަމަ ފަހަރަށް މާލެ އާދެވުނީ ރޭގަނޑެއްގަ. ދެން ބައްޕައާ ކާފާޔާ އެކީ ކާރަކަށް އަރައިގެން ދިޔައިރު ފެނޭ އިމާރާތްތަކާ، ދިއްލިފައިވާ ބޮކިތައް. އާޝޯހުވެފަ ބަލަން އިދެވުނީ އެ މަންޒަރު. އެއީ ރަށް ވަރަށް އަނދިރި. މާލޭގައި އެގޮތަށް ބައިވަރު ބޮކިތައް ދިއްލާފައި ހުރީމަ ވަރަށް ހައިރާންވި،" ދިރިއުޅުން ބަދަލުކޮށްލި ދަތުރުގައި މާލެ އަށް އާދެވުނު ދުވަސް ހަނދާންކޮށް ކިޔައިދެމުން އައްވާމް ގެންދިޔައެވެ.

ބައްދަލުވުމެއްގައި އައްވާމް (މ) ބައިވެރިިވަނީ: އޭނާ އަކީ ތަފާތު އެކި ކަހަލަ ކަންކަމުގައި އިސްކޮށް އަވަދިނެތި އުޅޭ ޒުވާނެއްކަން ފާހަގަކޮށްލެވޭ.

"ކޮންމެ އަކަސް މާލެއައި ގޮތަށް އާއިލާއާ އެކޮށް އުޅެމުން ގޮސް، ބައްޕައާ ބޮޑުދައިތަ ކައިރީގަ ވެސް އަހައިފިން ދެން ކޮންއިރަކުންހޭ ރަށަށްދަނީ؟ އެކަމަކު އެމީހުން ބުނަމުން ދިޔައީ އަދި މަޑުކުރާށޭ. ދެން އެހެން ހުރެފަ ބަދަލުކުރީ ބޮޑުދައިތަ މެންގެއަށް ކިޔަވަން."

ކިޔެވުމާއި އުނގެނުމުގެ މުޅިން އާ މަރުހަލާއެއް ތަޖުރިބާކުރުމަށް އައްވާމް ޖަމާލުއްދީން ސްކޫލާ ގުޅުނީ 2003 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ ދުވަސް ވެގެންދިޔައީ ރަށުން މާލެ އަށް އާދެވުނު ދުވަހަށް ވުރެން އަދި މާ ހައިރާންކުރުވަނިވި ދުވަހަކަށެވެ.

އައްވާމްގެ "ސެޝަން" -- ވީޑިއޯ ޝޫޓްކޮށް އެޑިޓްކުރީ: އަފްޝީން ނަސީރު | ވޮއިސް އޯވާ ނެރޭޝަން: މަބްރޫކް މުހައްމަދު

"ސްކޫލަށް ދިޔަ ފުރަތަމަ ދުވަސްވީ އަނެއްކާވެސް ވަރަށް ތަފާތު ދުވަހަކަށް. އަހަރެން ކަހަލަ އެހެން ބައިވަރު ކުދިން ސައިން ކުރާތަން ފެނުމުން ހިތައް އެރީ އަހަރެން ކަހަލަ އެހެން ކުދިންވެސް އަދި އެބަ އުޅެޔޭ،" އައްވާމް ކިޔައިދިނެވެ.

އޭނާ ބުނީ ކިޔެވުމުގެ އެ މަރުހަލާގައި ތަފާތެއް އިހުސާސުކުރެވޭ ވަރުގެ ބަދަލެއް ގެނުވި ޓީޗަރަކީ 2007 ވަނަ އަހަރު އޭނާ އަށް ކިޔަވައިދިން އިންޑިއާގެ ޓީޗަރެއް ކަމަށެވެ.

"އޭނާގެ މަންމަ އަދި ބައްޕަ ވެސް އެއީ ޑެފް ދެ މީހުން. އެހެން ވީމަ އޭނާގެ ސައިން ކުރުމުގެ ހުނަރު ވަރަށް ފުރިހަމަ. އަހަރެން ހަމަ ހައިރާންވި. 2008 ވަނަ އަހަރު ފާހަކުރެވޭ ވަރުގެ ކުރިއެރުމެއް ލިބުނު އަޅުގަނޑަށް ވެސް. ސައިން ކުރަން އެނގުމާ، އެކްސްޕްރެޝަންސް މިހެއްގޮސް ވަރަށް ގިނަ އެއްޗިހި ދަސްވި،" އައްވާމް ބުނެލިއެވެ.

ގޮންޖެހުން ބޮޑު ތައުލީމީ ހަޔާތުގައި އައްވާމް ވަނީ އޯލެވެލްއާ ހަމަ އަށް ކިޔެވުން ފުރިހަމަކޮށް ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފައެވެ. އޭނާ ކިޔެވީ ބިޒްނަސް ސްޓްރީމެވެ. އިތުރަށް ކިޔަވަން ކިތަންމެ ބޭނުންވިޔަސް އޭނާ ބުނަނީ ދެން ހުރި ގޮންޖެހުންތައް ވަކިން ބޮޑު ކަމަށެވެ. އެހެންވީމަ އޭނާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޑެފް އެސޯސިއޭޝަނަށް ހިދުމަތްކުރަމުން ސައިން ލެންގުއޭޖު ތަރައްގީކޮށް ކުރިއަރުވާށެވެ.

ޑެފް އެސޯސިއޭޝަންގެ ބައްދަލުވުމެއްގައި އައްވާމް (ނޫ ކުލައިގެ ގަމީހުގައި) ބައިވެރިވަނީ.

"އަހަރެން ވަރަށް ވަރަށް ޝައުޤުވެރިވޭ މޮޅަށް ކިޔަވަން. މަތީ ތައުލީމް އުގެންނެން އެޕްލައި ކުރާ ހިއްވޭ. އެކަމަކު އެކަހަލަ ފުރުސަތެއްނެތް. އެވަރަށް އިންޓަޕްރިޓާސްއެއް ނެތް،" އާދައިގެ މީހުންނާ އެއް ފެންވަރަކަށް ދިއުމަށް އުނގެނެން މަސައްކަތްކުރާއިރު ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރަމުން އައްވާމް ކިޔައިދިނެވެ.

އޭނާ ފާހަގަކުރި ގޮތުން ކިޔެވިޔަސް، ޑެފް މީހަކަށްވުމުން ވަޒީފާ ހޯދުން އެއީ އަދި މާ ބޮޑު ގޮންޖެހުމެކެވެ. އޯލެވެލް ނިންމާލުމަށް ފަހު ވަޒީފާއެއް ހޯދަން ނުކުމެގެން ކުރިމަތިވި ހިތި ތަޖުރިިބާތަކަށް ފަހު އައްވާމަށް އެންމެ ފުރަތަމަ މަޖުބޫރުވީ ފުރައިގެން ރަށަށް ދާށެވެ. ރަށަށް ގޮސް އުޅުނީ ވަޑާންގެއެއްގައެވެ. އޮފީހެއްގައި ޓައީ އަޅައިގެން ވަޒީފާ އަދާކުރުމުގެ ހުވަފެން އަބަދުވެސް ދެކުނު މި ޒުވާނާ އަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައީ އެ ހާލެއްގައި އުޅެނިކޮށް ކުރީގެ ސަރުކާރުން، ހާއްސައެހީ ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ވަޒީފާގެ ދޮރުތަކާ އެކުގައެވެ.

"ވަރަށް ބޭނުންވޭ މޮޅަށް ކިޔަވައިގެން ޑެފް ކޮމިއުނިޓީ ކުރިއަރުވާ ތަރަށްޤީ ކުރަން ވެސް. މަސައްކަތްކުރަން އެ ފުރުސަތު ހޯދަން އެޕްލައި ކުރަންވެސް. އަދި އެކަމަކު ފުރުސަތެއް ނުލިބޭ. ބޭރު ޤައުމުތަކުން ކިޔެވުމުގެ ފުރުސަތެއްވެސް ނުލިބޭ. މި ހުންނަން ޖެހެނީ އަބަދުވެސް އެއް ލެވެލްއެއްގަ. ކުރިއެރުމެއް ނުލިބޭ،" އައްވާމް ބުންޏެވެ.

އައްވާމް އޭނާގެ އޮފީހުގައި. --މިހާރު ފޮޓޯ

އެކަމަކު އައްވާމް މިހެން ބުންޏަސް އޭނާގެ "ލެވެލް" އަކީ އާދައިގެ ލެވެލްއެއް ނޫންކަން މިހާތަނަށް އޭނާ ވަނީ ސާބިތުކޮށްދީފައެވެ. އަދި މިހާރު ވެސް އެގެންދަނީ ސާބިތުކޮށްދެމުންނެވެ. ވަޒީފާ އަދާކުރާ އެމްޓީސީސީގެ ޓްރާންސްޕޯޓް ސެކްޝަންގެ ވެރިން އޭނާ ސިފަކޮށްފައި ވަނީ ވަރަށް ވެސް އިހުލާސްތެރި އަދި އެހާމެ ބޮޑު ހުނަރުވެރިއެއްގެ ގޮތުގައެވެ. މީގެ އިތުރުން ފޮޓޯގްރެފީ އާއި ވީޑިއޯގްރެފީގެ މަސައްކަތުގައި ވެސް އައްވާމަކީ ފާހަގަނުކޮށް ދޫކޮށްލާ ވަރަށްވުރެން މިހާރު ބޮޑު އާޓިސްޓެކެވެ. އޭނާގެ އެފަދަ މަސައްކަތްތަކަށް ގައުމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ރަނގަޅު ވަނަތަކެއް ވެސް ލިބިފައި އެބަހުއްޓެވެ.

އައްވާމް ބުނީ ކިޔަވަން އުޅުނުއިރު އޭނާގެ ވިސްނުމުގައި ގެންގުޅުނީ ވެއިޓަރުކަމުގެ ވަޒީފާއެވެ. ނަމަވެސް އާދައިގެ ވަޒީފާއަކަށް އަމާޒު ކަނޑައެޅުމުގެ ބަދަލުގައި ވީހާ ވެސް މައްޗަށް އަމާޒުގެ ތީރުތައް އުކަން ދަސްވީ ކިޔަވައިދިން ޓީޗަރުންގެ ފަރާތުންކަން އޭނާ ފާހަގަކުރިއެވެ.

"ބައެއް ފަހަރު ޓީޗަރުން އަހާލާނެ ކޮންކަހަލަ ވަޒީފާއަކަށްހޭ ދާން ބޭނުންވަނީ. ދެން ބުނަނީ ރިސޯޓެއްގެ ވޭޓަރަކަށޭ. އެހެން ބުނާއިރަށް ބުނާނެ. ކީއްވެގެންހޭ އެކަހަލަ މަސައްކަތަށް އުއްމީދުކުރަނީ. ޑެފް ވީމަ ހަމަ ގަބޫލުކުރަނީ ހަމައެކަނި އެ މަސައްކަތެއްހޭ،" އައްވާމް ބުނެލިއެވެ.

"އެގޮތަށް ވަރަށް ގިނަވާހަކަ ދެއްކުމުން އަސްލު ވިސްނުނީ ރަގަޅު ވާހަކަ އެއްކަން. ޑެފް ވުމަކުން ކޮންމެހެން މަސައްކަތް ކުރަންޖެހޭނީ ނުވަތަ ކުރެވޭނީ ވޭޓަރުކަން ނުވަތަ މަސައްކަތު މީހަކަށް އެކަނި ނޫންކަން. ސަބަބަކީ އަހަރުމެންނަކީ ސިކުޑި ހަމަނުޖެހޭ ބައެއްނޫންކަން. އޮފީހެއްގަ ހަމަ ޓައި އަޅައިގެންވެސް މަސައްކަތް ކުރެވިދާނެކަން. ކޮންމެ ކަމެއްވެސް ކުރެވިދާނެކަން."

ބީއެމްއެލްގެ އީދު ފޮޓޯ ޗެލެންޖު މުބާރާތަށް އައްވާމް ނެގި ހިތްގައިމު ފޮޓޯ.

ފޮޓޯގްރެފީގެ ދާއިރާ އިން ކުރިއަށް ދާން ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމާ އެކު އޭނާ ވަނީ ފޮޓޯގްރެފީގެ ކޯސްތަކެއް ވެސް ފުރިހަމަކޮށް ހުނަރު އިތުރަށް މުއްސަނދިކޮށްފައެވެ. އޭގެ ނަތީޖާ އޭނާ ވަނީ ވަރަށް ފަހުން ބޭންކް އޮފް މޯލްޑިވްސް އިން ބޭއްވި، ފޮޓޯނެގުމުގެ މުބާރާތަކުން ވަނަ ކާމިޔާބުކޮށް ސާބިތުވެސް ކޮށްދީފައެވެ.

ނަމަވެސް އައްވާމްގެ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުއްޓެވެ. އޭނާގެ ނަސީބުގައި އޯލެވެލްއާ ހަމަ އަށް ކިޔެވުމުގެ ފުރުސަތު ލިބިފައި "ޑްރީމް ޖޮބެއް" އަދާކުރުމުގެ ފުރުސަތު އެންމެފަހުން ފުރިހަމަވިޔަސް މި ނަސީބު ނުލިބޭ އެތައް ރައްޓެހިންނެއް އޭނާގެ ތިބީމައެވެ.

"އަހަންނަކީ ޑެފް މީހެއް. އަހަރެންގެ އެކުވެރިންނަކީވެސް ޑެފް މީހުން.. މިގޮތަށް އަހަރެމެންކަހަލަ ބައިވަރު ޑެފް މީހުންއުޅޭ. އަހަރުމެންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާ ހޯދުމުގައި ދިމާވާ ކަންތައްތައް. އެއީ ހަގީގަތުގަވެސް ވަރަށް ދަތިކަމެއް،" އައްވާމް ބުންޏެވެ.

އައްވާމް އޭނާގެ ކެމެރާއާއެކު: ފޮޓޯނެގުމަކީ އޭނާ އެންމެ ކުރާހިތްވާ އެއް ކަންތައް.

"އޯލެވެލްއާ ހަމަޔަށް ކިޔެވުމުގެ ފުރުސަތެއް ހުރިހާ އެންމެންނަކަން ނުލިބޭނެ. އެކަމަކު ވަޒީފާގެ މައިދާނައް ނިކުމެ ދަސްކުރަންޖެހޭ ކަންތައްތައް ދަސްކުރެވިދާނެ. އެކަމަކު އަސްލު ހާލަތަކީ ޑެފް މީހަކު ތަނަކަށް ވަޒީފާއަކާ ލައިފިނަމަ ބުނާނީ ފުލް އޭ. ނޫނީ ޑެފް މީހާ ނޫން ހިޔަރިން މީހާ ނަގާނީ. އެއީ އިންޑިއާ މީހެއް ވިޔަސް، ބަންގްލަދޭޝް މީހެއްވިޔަސް، ކީއްވެ ޑެފް ވީތީ އެފުރުސަތު ނުދޭންވީ؟".

ދަ ސެޝަން

Popular