22 Jul 2019

By: Shamila Ibrahim

ކައިވެންޏަކަށް ތައްޔާރުވަމުން އަންނައިރު ޕާޓީ އަށް ލާ ހެދުން ނުވަތަ ބްރައިޑަލް ވެއާ އެ ދުވަހަށް ނިކަން ނަލަކޮށް ވަގުތަށް ނިމިފައި އޮންނަން ބޭނުންވާނެއެވެ. ކޮލެޓީ މޮޅު ފޮތީގެ، ތަފާތު ޑިޒައިނެއްގެ ބްރައިޑަލް ވެއާއެއް ބޭނުންނަމަ އައިޝަތު ޝިފްޒާ (ޝިފް)ގެ ހެނދުންތައް އެ ދެން އެއް ވަނައެވެ. ވަކިންބޮޑަށް އޭނާގެ "ޝިފް ކުޗުއާ" ގެ ހެނދުންތައް ގަޑިއަށް ނުނިމިގެން އުޅޭކަން ނުޖެހޭނެއެވެ.

ޝިފްގެ މަންމައަކީ ހެނދުން ފަހާ މީހެއް ކަމުން ކުޑައިރުއްސުރެވެސް އޭނާއަށް ފަހަން އެނގެއެވެ. އެކަމަކު އޭރު ފަހާ އުޅެނީ ވަރަށް އާދައިގެކޮށް އަމިއްލަ ހެނދުންތަކެވެ. ކެރިއަރަކަށް މި މަސައްކަތް ބަދަލު ކޮށްލީ އަންހެނުން ދަރިއަކު ލިބުނު ހިސާބުންނެވެ. އެ ދަރިފުޅު ނަލަ ހައްދާލަން ހެނދުން ފަހަން ފެށި ގޮތަށް ކުޑަކުދިންގެ ހެނދުމަށްވުރެ ބޮޑަށް ބޮޑެތި މީހުންގެ ހެނދުންތަކަށް ގޮސް ހުސްވީއެވެ. މިހާރު އަދި އެންމެ ގިނައިން ފަހާއުޅެނީ ބްރައިޑަލް ހެނދުންތަކެވެ.

2014 ވަނަ އަހަރުގެ ބްރައިޑް ފެއާއިން ޝިފްގެ ހެނދުންތަކުގެ ކަލެކްޝަނެއް ފުރަތަމަ ފަހަރަށް ފެނުނެވެ. މިހާރު ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައިވެސް ހައެއްކަ އަހަރު މިކަމެއްގައި އުޅެފިއެވެ. އެކަމަކު މިން ނަގަން ދަސްކުރަންވެގެން ހެދި ކޯސް ފިޔަވާ މިކަމުގެ އިތުރު ކޯސްތަކެއް ނުހަދައެވެ. ނުކިޔެވިޔަސް ކެރިއަރުގެ ކުރީކޮޅު އެހާ ހަމަޖެހެވުނީ ޔޫޓިއުބާ މަންމަގެ އެހީގައެވެ.

މިދިޔަ އަހަރާ ހަމައަށް ކުޑަ ތަންކޮޅެއްގައި އެކަނިމައިއެކަނި މި މަސައްކަތް ކުރި ނަމަވެސް، މިހާރު ގޭގެ ތަންކޮޅެއްގައި ފެހުމަށް ހާއްސަކޮށް ސްޓޫޑިއޯއެއްވެސް ހަދާފައި ހުރެއެވެ. ބޭރު މީހަކު ލައިގެން އެ ސްޓޫޑިއޯ ހިންގިޔަސް، މިން ނެގުމާ ކެނޑުމުން ފެށިގެން ގޮސް ހުރިހާ ކަމެއްގައިވެސް ޝިފްގެ ބައިވެރިވުން އޮވެއެވެ.

ތިރީގައި މި ގެނެސްދެނީ ޝިފްގެ މަސައްކަތާ، ކެރިއަރާ ގުޅިގެން ކޮށްލި ބައެއް ސުވާލާ ޖަވާބެވެ.

1. މިދުވަސް ކޮޅު ކުރަމުން ތި އަންނަނީ ކޮން މަސައްކަތެއް؟ ވަރަށް ގިނައިން އޯޑަރުތައް ލިބޭތަ؟

"ބައިވަރު އޯޑަރުތައް ލިބޭ. މިހާރު ދެން މިއުޅެނީ ސެޕްޓެންބަރަށް ނަގާފަ ހުރި އޯޑަރުތަކުގެ މަސައްކަތުގަ. މި ދުވަސްކޮޅު ހުރީ ހުސް ބްރައިޑްސްގެ އޯޑަރުތައް.

ހީވަނީ އީދު ޗުއްޓީ އަދި ސްކޫލް ކުދިންގެ ޓާމް ބްރޭކެއްވެސް ކުރިއަށް އަންނަން އޮތީމަހެން މި ދުވަސްކޮޅު އޯޑަރުތަކަށް އެހާ ޑިމާންޑް ބޮޑީ. ހަމަ ވަރަށް ބިޒީ ދުވަސްކޮޅެއް"

ބްރައިޑް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން 2016 ވަނަ އަހަރު ބޭއްވި ބްރައިޑް ފެއާގައި ޝިފް އޭނާގެ ޑިޒައިނެއް ދައްކާލުމަށް ތައްޔާރުވަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

2. އޯޑަރެއް ލިބޭ ހިސާބުން އެ އޯޑަރަކާ ޑީލް ކުރަނީ ކިހިނެއް؟

"އޭތި އަސްލު ޑިޕެންޑް ވަނީ ސްލޮޓްސްއަށް. ޝިފް ހުންނާނީ ކޮންމެ މަހަކުވެސް ވަކި ވަރަކަށް ސްލޮޓްސް ހަދާފަ. ފުރަތަމަ ކޮންސަލްޓޭޝަން އަކުން ފަށައިގެން އަގުތަކާ އެ ކުދިން ބޭނުންވާ އެއްޗަކާ ޑިސްކަސް ކޮށްފަ ބޮޑީއަށް އެންމެ ގުޅޭނެ ހެނދުމަކާ އެއްޗެހި ޗޫސް ކުރެވުނީމަ ދެން އޯޑާ ޕްލޭސް ކުރާނީ.

ދެން ކޮންމެވެސް ވަރެއްގެ އެޑްވާންސް އެއް ނަގާފަ ދެނީ މެޝަމެންޓް ޑޭޓެއް. އެގޮތަށް މެޝަމެންޓް ނިންމާފަ ފިޓިން ޑޭޓެއް ދެނީ. ރަށްރަށުގަ ތިބޭ ކުދިންވެސް މެޝަމެންޓް ނަގާފަ މިންތައް ފޮނުވާނީ. އޭރުން އެ މެޝަމެންޓްތަކަށް ފަހައިދެން"

3. ތި މަސައްކަތުގައި އެއް ދުވަސް ހޭދަކުރާ ގޮތް ކިޔައިދީބަލަ!

"އިންތާ އިނދެގެން ހުއްޓާ ނުލާ މަސައްކަތެއް ނުކުރަން. ގޭތެރޭގެ މަސައްކަތް ވެސް ކުރަން ޖެހޭތީއާ އެއްކޮށް ބްރޭކް ނަގަން.

ކުރީގަ ވަރަށް ކުޑަކުޑަ ވަގުތު ކޮޅެއް ފަހަން ލިބެނީވެސް. އެއީ މިސާލަކަށް މެންދުރުފަހު ވަގުތު ކޮޅަކާ ރޭގަނޑު ކުދިން ނިދީމަ ލިބޭ ވަގުތު ކޮޅަކާ. މިހާރު ސީދާ މިކަމަށް ޓައިމް ބަހައިގެން އުޅެނީ ބްރޭކްސް ނެގިޔަސް. އާންމުކޮށް ހެނދުނު 10-12 އަށް ދެން މެންދުރުފަހު 2-6 އަށް ކަހަލަ ގޮތަކަށް"

View this post on Instagram

A post shared by Shif Couture (@shifcouture) on

4. ހެނދުންތައް ފެހުމާ ޑިޒައިން ކުރުމަށް ބޭނުން ކުރަނީ ކޮންކޮން ސާމާނެއް؟ ރާއްޖޭން ތަ ހުރިހާ ސާމާނެއް ގަންނަނީ؟

"ބްރައިޑަލް މެޓީރިއަލްސް އަކީ ބީޑްސް، ސީކުއިންސް، ލޭސް. އެކަހަލަ ހުރިހާ އެއްޗެއް ބޭނުން ކޮށްގެން ހެނދުން ތައްޔާރު ކުރަނީ.

ބްރައިޑަލް ލޭސް ކަހަލަ މެޓީރިއަލްސްތައް ގެންނަނީ ރާއްޖޭން ބޭރުން. އެއީ ރާއްޖޭގަ ލިބެން ހުންނަނީ އަބަދުވެސް އެކައްޗެއް. އެހެންވެ ތަފާތު ކުރަންވެގެންނާ އެއްކޮށް ބޮޑަށް ބަލަނީ ބޭރުން އެއްޗެހި ގެނެވޭތޯ. އެކަމަކު އެހެން ކަހަލަ އެއްޗެހި ބޮޑަށް ލޯކަލީ ގަންނަނީ.

އައި ތިންކް ގިނަ ކުދިން ޝިފްގެ ބްރައިޑަލް ހެނދުންތަކަށް ލައިކްވާ އެއް ސަބަބަކީވެސް ރަނގަޅު ރީތި މެޓީރިއަލްއެއްގައި ޕްރޮވައިޑް ކޮށްދޭތީ ކަންނޭނގެ"

5. މިހާތަނަށް ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ ކޮބާ؟

"އަސްލު ސީދާ އެހެން ބުނާކަށް ނޭނގޭ. ކޮންމެ ހެނދުމެއްވެސް ވަރަށް ހިތްހަމަ ޖެހިގެން ހުރެ ނިންމަނީ. ކޮންމެ ވޯކް އަކީވެސް ހިތްހަމަ ޖެހިގެން ކަސްޓަމަރާ ހަވާލުކުރާ ވޯކްއެއް. އަދި ކަސްޓަމަރު އެ ހެދުމަކާ ދޭތެރޭ ހިތްހަމަ ޖެހިއްޖެއްޔާ އެ ވާނީ ވަރަށް ހިތްހަމަ ޖެހޭ ވޯކްއަކަށް.

އެއްޗަކަށް އެއްޗެއް ހަދާލާފަ ހެނދުމެއް ނިންމި ހަނދާނެއް ނުވޭ. އެއީ ނިންމަން ޖެހޭ ދުވަހުގެ ދެ ހަފްތާ ކުރިއަށް ނިންމަން ޓާގެޓް ކަނޑައަޅައިގެން އުޅެނީ. އެކަމަކު އެބަހުރި ބްރައިޑަލް ހެނދުން ރެޑީ ކުރަނިކޮށް ވިރިފަ. ދެ ފަހަރަކު އެހެންވި. އެކަމަކު މޭކަޕްކޮށް ނިމެންވާއިރަށް އޭތި ރަނގަޅުކޮށް އަލުން ހަދައިދިނިން"

View this post on Instagram

A post shared by Shif Couture (@shifcouture) on

6. ބްރައިޑް ފެއާ އަކަށް ތައްޔާރުވާ ދުވަސް ކޮޅެއްގައި ޝެޑިއުލް އިންނަ ގޮތް ކިޔައިދީބަލަ!

"ތަންކޮޅެއް ކުރީ ބައިގައި އޯޑަރުތަކުން ބްރޭކެއް ނަގަނީ. އެއީ ހަމަ ފެއާއަށް ވަކިން ތައްޔާރުވާން. އެ ދުވަސްކޮޅު މުޅިންވެސް ފެއާއަށް ހުސްކުރަނީ"

7. އެހެން ކަހަލަ ވަޒީފާއަކަށް (ޑެސްކް ޖޮބަކަށް) ނުގޮސް، އާމްދަނީ ހޯދުމަށް ހަމައެކަނި މި މަސައްކަތަށް ހުސްވެ ތި ހުންނަނީ ކީއްވެ؟ މިކަމުން މާ ރަނގަޅު އާމްދަނީއެއް ލިބެނީތަ؟

"އެއީ ގޭތެރޭގެ ކަންތައްތަކާ ކުދިން ކަންތައްތައްވެސް ބެލިފަ ހުރިހާ ކަމެއް ބެލެންސް ކުރެވޭތީ.

މި ހަމަ ކުރަން ވަރަށް ރަނގަޅު ކަމެއް. ގޭގަ ހުރެގެން ކުދިން ކަންތައްތައް ބަލަމުން މި މަސައްކަތް ކުރެވޭނެ"

8. މީހުންގެ ފަރާތުން ލިބޭ ކޮމެންޓް ތަކުގެ އެހީގައި އަމިއްލަ ކުރިއެރުމަށް ކިހާ މަސައްކަތެއް ކުރަންތަ؟

"ނެގަޓިވް ކޮމެންޓެއް ލިބިއްޖެއްޔާ ހަމަ ވަރަށް ބޮޑަށް ބަލައިގަނެ، އެކަން ރަނގަޅު ކުރެވޭތޯ ބަލަން. ޕޮސިޓިވް ކޮމެންޓެއް ލިބުނީމަ ވަރަށް އުފާވޭ. ހެނދުމެއް ލިބިގެން ކުއްޖަކު އުފާވެގެން ކޮށްލާ ކޮންމެ މެސެޖަކީވެސް އުފާވާ ކަމެއް. ކުރިއެރުމެއް"

2016 ވަނަ އަހަރު އޮތް ބްރައިޑް ފެއާގައި ޝިފްގެ ޑިޒައިނެއް ދައްކައިލުމަށް ތައްޔާރުކޮށްދެނީ -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

9. ސެލްފް އިންޕްރޫވްމެންޓަށް ކުރަނީ ކޮންކޮން މަސައްކަތެއް ތަ؟

"އަބަދުވެސް ކޮންމެވެސް އާ ކަމެއް ދަސްކުރެވޭތޯ ބަލަން. އެހެން ޓްރެންޑެއް އަލަށް އަޔަސް އެ ހޯދައިގެން އޭތި ޓްރައި ކުރެވޭތޯ ބަލަން. އަބަދުވެސް މިހެން އުޅޭއިރުވެސް ވަރަށް ޔޫޓިއުބް ވާނެ. ދަސްކުރުން ހުއްޓައެއް ނުލާނެ ކަންނޭނގެ"

10. ކުދިންނަށް މި މަސައްކަތް ދަސްކޮށްދިނުމަށް ކްލާސްތަކެއް ނަގައިދިނުމުގެ ވިސްނުމެއް ނުގެން ގުޅެންތަ؟

"ވަގުތު ނުވާތީއާ އެއްކޮށް އަދި އެކަހަލަ ވިސްނުމެއް އަދި ނެތް. އެކަމަކު އެކުދިންނަށް ވަގުތު ވެގެން އައިސް ޝިފް މަސައްކަތް ކުރާތަން ބަލައިގެން ދަސްކުރަން ބޭނުވެއްޖެއްޔާ އެ ފުރުސަތު ދެން. ސީދާ ގަޑިތަކެއް ބަހައިގެން ކްލާސްތައް ނަގައިދެން ވަގުތު ނުވަނީ. އެކަމަކު ކުރިއަށް އޮތްތާ ކްލާސްތައް ނަގައިދެން އެބަ ވިސްނަން"

11. ދާއިރާގައި ނަން ވިދާ، ތިހާ މަގުބޫލު މީހަކަށް ވެވުމުގެ ފަހަތުގައިވާ ސިއްރަކީ ކޮބާ ތަ؟

"ހަމަ ގަދަ އަޅާ މަސައްކަތް ކުރުން. ދެން ކުރާކަމެއް ތެދުވެރިކަމާއެކު ކުރަންވާނެ.

ޓްރައި ޔުއާ ބެސްޓް، ނެވާ ގިވް އަޕް"

12. މި ދާއިރާއަށް ނިކުންނަން ބޭނުންވެފަ ހުރި ކުއްޖަކަށް ބުނެލަން ބޭނުމީ ކީކޭ؟

"އަންހެން، ފިރިހެން ދެ ޖެންޑާއަށް އީކުއަލްކޮށް ބުނެލަން ބޭނުމީ މިއީ ކުރަން ހަމަ ވަރަށް ރަނގަޅު ކަމެކޭ. ކިތަންމެ ކުޑަ ސްޕޭސްއެއްގަވެސް، ކިތަންމެ ކުޑަ ފަހާފޮއްޓަކުންވެސް ކުރެވިދާނެ ވަރަށް ފައިދާ ހުރި ކަމެކޭ"

ބްރައިޑް ފެއާ ކައިވެނި ހަފްލާ

Popular