8 Aug 2019

By: Ifraz Ali

ތިޔަ ބެލީ ފޮޓޯގަނޑެއް ނޫނެވެ. އެއީ ކުރެހުމެކެވެ. މިއަދު ނިންމާލާ އަންވެއިލިން ވިޝަން 2019، އާޓް އެގްޒިބިޝަނުން ފެނުނު ތަފާތު އެކި މަސައްކަތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ހިތް ދަމައިގަތީ މި އާޓްވޯކަށެވެ. މި މަސައްކަތުގެ ފަހަތުގައި ހުރީ ތްރީޑީ ކެރެކްޓާ އާޓިސްޓް، އަހްމަދު އަފާޒިލް އެވެ.

އާޓްވޯކެއްކަން އެނގުނު ހިސާބުން ދެން ހިތަށް އެރީ މި އާޓްވޯކުން މި ފެންނަނީ ކާކުތޯ އެވެ؟

"އަސްލު ކާފަ އަށް ބޭސްކޮށްފައި ހަދާފައި އިން އެއްޗެއް. އެކަމަކު އެގްޒެކްޓުލީ ކާފައެއް ނޫން،" އަފާޒިލް ބުނީ މިއީ އޭނާގެ އަމިއްލަ ހިޔާލަށް ސިފަކޮށްފައިވާ މީހެއް ކަމަށެވެ.

އަފާޒިލް އަންވެލިން ވިޝަން 2019 ގައި އޭނާގެ އާޓްވޯކް ދައްކައިލަނީ.

އާޓިސްޓެއްގެ ގޮތުގައި އަފާޒިލްގެ މައިގަނޑު މަސައްކަތަކީ ވެސް މިއެވެ. އަމިއްލަ ހިޔާލަށް ނުވަތަ މަސައްކަތެއް ހަވާލުކުރާ ފާރާތެއް ހިޔާލުކުރާ ގޮތަކަށް، އެ މީހުން ބޭނުންވާ އެއްޗެއްގެ ތްރީޑީ ކްރިއޭޝަނެއް ތައްޔާރުކޮށްދެނީ އެވެ. މި މަސައްކަތް އޭނާ ފެށީ މީގެ ފަސް ވަރަކަށް އަހަރު ކުރިންނެވެ. އެއީ މި ދާއިރާ އިން މެލޭޝިއާގައި ޑިޕްލޮމާ އަށް ކިޔެވުމަށް ފަހު އެވެ.

އަފާޒިލް އާޓަށް ޝައުގުވެރިކަން އުފެދެން ފެށީ ކުޑައިރު ކާޓޫން ބަލައި ކޮމިކްސް ކިޔަން ފެށި ހިސާބުންނެވެ.

View this post on Instagram

A post shared by a f a z i l 🇲🇻 🇲🇾 (@afaziill) on

އަންވެލިން ވިޝަން 2019 އަށް އަފާޒިލް ތައްޔާރުކުރި އާޓްވޯކް.

"އިންނާނެ އަކީރާ ކިޔާ ފިލްމެއް. ޖަޕަނީސް އެނިމޭއެއް. އޭތި ބަލައިފައި ހިތަށް އެރީ ކިހިނެއް ކިހިނެއްހޭ އެމީހުން އޭތި ހަދައިފައި އޭނީ،" ފުރަތަމަ ވެސް ބޮޑަށް ޝައުގުވެރިވީ އެނިމޭޝަންގެ ދާއިރާ އަށެވެ.

މި ދާއިރާ އިން ކިޔަވަން މެލޭޝިއާ އަށް ގޮސް އުޅުނުއިރު، އަފާޒިލް އަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެންމެ ފުރަތަމަ ހަތަރު އަހަރު ވަންދެން މަސައްކަތްކުރީ ގޭމްސް އުފައްދާ ކުންފުންޏެއް ކަމަށްވާ ލެމަންސްކީ ގޭމްސް އެންޑް އެނިމޭޝަންގަ އެވެ.

"ގިއާސް އޮފް ވޯ، ޑަބްލިއުޑަބްލިއުއީ ޓޫކޭ 19 އަދި ފެބުލް ލެޖެންޑްސް ކަހަލަ ގޭމްސްތަކުގައި މަސައްކަތްކުރިން،" އޭރު ވަރަށް ރަނގަޅު ގޭމްސްތަކުގައި މަސައްކަތްކުރަން ފުރުސަތު ލިބުނު ކަމަށް ބުންޏެވެ.

މިހާރު އަފާޒިލް މަސައްކަތްކުރަނީ، އޯމެންސް ސްޓޫޑިއޯގަ އެވެ. ސިންގަޕޫރަށް ނިސްބަތްވާ، މެލޭޝިއާގައި ހުންނަ މި ސްޓޫޑިއޯ އަކީ އެނިމޭޝަން އަދި ފިލްމުތަކުގެ މަސައްކަތްކުރާ ސްޓޫޑިއޯއެކެވެ. އޭނާގެ މަގާމަކީ ލީޑް ތްރީޑީ މޮޑެލާ އެވެ.

މި ދުވަސްކޮޅު މަސައްކަތްކުރަނީ އެ ސްޓޫޑިއޯ އިން ހަދަމުން އަންނަ ފިލްމެއްގަ އެވެ. ބީ ގްރޭޑް ހޮރޯ އެ ފިލްމަށް ކްރިއޭޗާއެއް ތައްޔާރުކުރުމުގެ މަސައްކަތެވެ.

އަފާޒިލްގެ އާޓްވޯކެއް.

"މިހާރު މި ވޯކްކުރާ ސްޓޫޑިއޯ އަކީ ބޮޑަށް އެ މީހުންގެ އަމިއްލަ ޕީސްތައް ހަދާ ސްޓޫޑިއޯއެއް. އެ މީހުންގެ ފިލްމަކީ އެ މީހުންގެ އަމިއްލަ ސްޓޯރީއެއް،" އޭނާ ކިޔައިދިނެވެ.

އަފާޒިލް އެންމެ ބޭނުންވަނީ ވެސް ފިލްމުތަކުގައި މަސައްކަތް ކުރާށެވެ. އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ވެސް ދެކެނީ "ލޯޑް އޮފް ދި ރިންގްސް" އަދި "ހޮބިޓް" ކަހަލަ މޮޅެތި ފިލްމުތަކުގެ އެނިމޭޝަންތައް އުފައްދާފައިވާ ނިއު ޒިލޭންޑުގެ ސްޓޫޑިއޯއެއް ކަމަށްވާ ވެޓާ ޑިޖިޓަލް އެވެ.

މި ހުވަފެން ހަގީގަތަކަށް ހެދުމަށް އަދި ދުވަސްކޮޅެއް ނަގާނެ އެވެ. އަފާޒިލް ބުނީ މިހާރު ވެސް ބޮޑެތި ސްޓޫޑިއޯތަކުން ފުރުސަތުތައް ލިބޭ ކަމަށެވެ. އެކަމަކު އޭނާގެ އަތުގައި އަދި ޑިގްރީއެއް ނެތުމުން މަސައްކަތް ކުރަން ދާން ވިސާ ހޯދުމުގައި ދަތިވާ ކަމަށެވެ.

އަފާޒިލްގެ އާޓްވޯކެއް.

"ކޮންޕެނީސްތަކުން އެކްސެޕްޓުކުރޭ ޕޯޓްފޯލިއޯ. އެކަމަކު އިމިގްރޭޝަނުން ވިޒާ ނުދޭ ޑިގްރީ ނެތީމަ. އެހެންވީމަ އެ ލިމިޓޭޝަން އިންނާތީ ފުރުސަތު ލިބުނަސް އަދި ނުދެވެނީ،" މި ހުވަފެން ހަގީގަތަކަށް ހެދުމަށް މިހާރު އޭނާ އަންނަނީ މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް ސްޓޫޑެންޓް ލޯނު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

"ތްރީޑީ އާޓަކީ ވަރަށް ތަފާތު އެއްޗެއް. ކޮންމެ ކަމަކަށް ވެސް ވަކި ސޮފްޓްވެއާއެއް އެބަ އިނދޭ. މިސާލަކަށް މޮޑެލް ކުރަން، ސްކަލްޕް ކުރަން، ކުލަ ޖައްސަން، އިސްތަށިގަނޑު ލާން، ކޮސްޓިއުމް ހަދަން ވެސް ވަކި ސޮފްޓުވެއާއެއް. މި ހުރިހާ އެއްޗެއް ވެސް އަބަދު ވެސް އަޕްޑޭޓްވެފައި ހުންނަންޖެހޭނީ،" މި ހުރިހާ އެއްޗެއް ޖެހޭނީ އަބަދު ވެސް ދަސްކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އާޓް ޕާސްޕެކްޓީވްއަކުން މާ ބޮޑު ތަފާތެއް ނެތް. އެކި ޑިސްޕްލިންސްތައް މި ހުންނަނީ،" އެކަމަކު މިއީ ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތެއް ކަމަށް ބުންޏެވެ. އޭނާ ބުނީ މަސައްކަތްކުރަން ވަކި ވަގުތެއް ނޯންނާނެ ކަމަށާއި މަސައްކަތް ނިމުނީމާ ނިމުނީ ކަމަށެވެ.

މިކަން ކޮށްފައި އެހެން މީޑިއަމްތަކުން މަސައްކަތްކުރަން އަފާޒިލް އަށް ވަގުތު ނުލިބެ އެވެ. އަމިއްލަ ބައެއް ތްރީޑީ އާޓްވޯކުތަކުގައި އޭނާ މަސައްކަތް ކުރަނީ ލިބޭ ހުސް ވަގުތުތަކުގަ އެވެ. ތްރީޑީ އާޓްގެ އިތުރުން ދެން އޭނާ އެންމެ ޝައުގުވެރިކަން ހުންނަނީ ޕެއިންޓިންއަށެވެ.

އަފާޒިލްގެ އާޓްވޯކެއް.

އަންވެއިލިން ވިޝަން އަށް ތައްޔާރުކުރި އާޓްވޯކް ނިންމައިލަން އަފާޒިލް، އެއް މަސް ދުވަސް ހޭދަކުރި އެވެ.

"އެގްޒިބިޝަންނަށް ހަދަން ބޭނުންވީ ރިއަލިސްޓިކް ޕޯޓްރެއިޓެއް. ބޭނުންވީ މިހާރު އެނަޓޮމީއާ ސްކަލްޕްޓިންގެ އެގޭ ވަރަށް ވުރެ ބޮޑަށް އިތުރަށް ދަސްކުރަން،" އެގްޒިބިޝަނަށް ދިޔަ ގިނަ ބަޔަކަށް މި އާޓްވޯކް ވަރަށް ޝައުގުވެރިވި އެވެ.

އަފާޒިލްގެ އާޓްވޯކެއް.

އަފާޒިލް ބުނީ ފުރަތަމަ މި މަސައްކަތް ފެށިއިރު މަންމަ އާއި ބައްޕަ އަށް ވެސް މިއީ ސީދާ ކޮން ކަހަލަ މަސައްކަތެއް ކަމެއް ނޭނގޭ ކަމަށެވެ. އެކަން ނޭނގި ތިބެ ވެސް އެ ދެ މީހުން ސަޕޯޓް އަބަދު ވެސް ލިބުނީމަ ވަރަށް އުފާކުރާ ކަމަށް ބުންޏެވެ.

"އަންހެނުންނާއި އާއިލާ އެންމެންގެ ވަރަށް ބޮޑު ސަޕޯޓެއް ލިބޭ،" މިހާ ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތެއް ކުރާއިރު، އެންމެ އުފާވަނީ އެ އެންމެންގެ ސަޕޯޓް ލިބޭތީ ކަމަށް ބުންޏެވެ.

އާޓިސްޓް

Popular