17 Nov 2019

By: Ifraz Ali

ރިލްވާން ލަތީފް އާއި އޭނާގެ އަންހެނުން ހަނާން މުހައްމަދުގެ "ޖޫސް ބޮންބޮން" އަކީ އެންމެ ފުރަތަމަ އެމީހުން ރައްޓެހިންނަށް ކޮށްދޭން ފެށި ކަމެކެވެ. ހެލްތީ ލައިފްސްޓައިލެއްގައި ތިބުމަށް އަބަދު ވެސް ލޯބިކުރާ މި ދެމަފިރިންގެ ތެރެއިން ރިލްވާނަކީ މޫދު އެއްޗެހި ވިއްކާ ފިހާރައެއްގެ އިތުރު ކުދިކުދި އެހެން ވެސް ވިޔަފާރިތައް ކުރާ މީހެކެވެ. އަދި ހަނާން އަކީ އޭނާގެ އާއިލާއިން ހިންގާ އެފެސް އިންސްޓިޓޫޓް އޮފް ކޭކް ޑެކަރޭޝަންގައި ކޭކު އަޅަން ދަސްކޮށްދޭ ސީނިއާ އިންސްޓްރަކްޓަރެކެވެ.

އެކަމަކު މިއީ މި ދެމަފިރިންގެ "ޖޫސް ބޮންބޮން" ގެ ވާހަކައެވެ. ފުރަތަމަ މިއީ ކޯއްޗެއްކަން ބުނެދޭނަމެވެ؛ މިއަށް ކިޔަނީ ޖޫސިންނެވެ.

"ސެޝަން" ގެ އިންޓަވިއުގައި ރިލްވާން ލަފީތްއާ އޭނާގެ އަންހެނުން ހަނާން މުހައްމަދު، އެމީހުންގެ ވާހަކަ ކިޔައިދެނީ. -- ވީޑިއޯ ޝޫޓްކޮށް އެޑިޓްކުރީ: އަފްޝީން ނަސީރު

"މިއީ ސީދާ މީހާ ހިކެން ބޭނުންކުރާ އެއްޗެއް ނޫން. އެ ވިސްނުން ނުގެންގުޅޭތި. މީގެން ކޮންމެސް ވަރަކަށް އެކަމަކު ވެއިޓް ވެސް ދަށްކޮށް ދޭނެ. އެކަމަކު މިއީ ހެލްތީ ބޮޑީއެއް ބަހައްޓަން އެހީވެދޭ އެއްޗެއް. މީގެން ކޮށްދޭ ކަމަކީ މީހާގެ ހަށިގަނޑު ތެރޭގައި ހުންނަ ބައެއް އިތުރުވާ މާއްދާތައް ބޭރުކޮށްލަދެނީ،" އާންމުކޮށް ކައި އުޅޭ އެއްޗެހި މިކަން އެންމެ ރަނގަޅަށް ނުވެދާ ފަހަރު ދިމާވާ ކަމަށް ރިލްވާން ބުންޏެވެ.

އެމީހުން މިކަން ކުރަން ފެށީ ރައްޓެހިންތަކެއް އެދިގެން އެމީހުންނަށް ކޮށްދޭ ކަމެއްގެ ގޮތުގަ އެވެ. އެއީ މި އަހަރުގެ ކުރީކޮޅެވެ.

"ރައްޓެހިންތަކެއް ބުނީ މި ހަދާ ދޭން ވީނުންހޭ އެއްޗެހި ވެސް ގެނެސްދީފާނަމޭ. އެހެން ކިޔާފައި ޖޫސަރު ވެސް ގެނެސްދިނީ އެމީހުން،" އިންސްޓަގްރާމް ޕޭޖެއް ހަދައިގެން ކުޑަ ވިޔަފާރީއެއްގެ ގޮތުގައި މިކަން ކުރަން ފެށިތާ އަދި ވާނީ ތިން މަސް ކަމަށް ހަނާން ބުންޏެވެ.

ހަނާން ބުނީ އެއީ ވެސް ރައްޓެހިން ބުނެގެން ފެށި ކަމެއް ކަމަށާއި އެކަމަކުގައި ވެސް އެންމެ ބޮޑަށް އެހީވަނީ އެކުވެރިން ކަމަށެވެ.

ޖޫސްކުރުމަށް މޭވާއާ ތަރުކާރީ ރެޑީކޮށްފައި.

ރިލްވާން ބުނީ އެމީހުން ފުރަތަމަ މިކަން އެހާ ބޮޑަށް ޕްރޮމޯޓްކުރަން ބޭނުންނުވި ކަމަށެވެ. އެކަމަކު "ސެޝަން" އަށް މި އިންޓަވިއު ދޭން ވެސް އެއްބަސްވީ މިހާރު އެމީހުން ވިޔަފާރީއެއްގެ ގޮތުގައި މިކަން ކުރަން ފެށި ފަހުން ބައެއް މީހުން މިކަމުގެ މައުލޫމާތު އެންމެ ރަނގަޅަށް ނޭނގި ތިބެ މިކަން ކުރާތަން ފެންނާތީ އެ ކަންބޮޑުވުން އޮތީމަ ކަމަށެވެ. އޭގެން ގޯސް ނަތީޖާއެއް ނިކުމެދާނެތީ އެވެ.

މި ވިއްކަނީ ޕެކޭޖެއްގެ ގޮތުގަ އެވެ. އެކި ކަހަލަ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތިން ދުވަހުގެ ފުލް މީލް ޕެކޭޖެކެވެ. އޭގެ މާނައަކީ ތިން ދުވަސް ވަންދެން އިތުރު އެހެން އެވެސް އެއްޗެއް ނުކައި، ކާ ވަގުތު ބޯން ޖެހޭނީ މި ޖޫހެވެ. ކޮންމެ ދުވަހަކަށް، ތިން ގަޑިއަށް ބޯންޖެހޭނީ ތިން ފުޅި ޖޫހެވެ.

View this post on Instagram

A post shared by The JuiceBon's (@juicebonbon) on

"ހުސް ޑްރިންކްސް ވީމަ މީހުން އެބަ އަހާ ތީގެން ކިހިނެއްހޭ ބަނޑު ފުރޭނީ. ބަނޑު ފުރޭނެ. މި ބޮއެފައި ފެން ވެސް ބޯންޖެހޭ،" ހަރު އެއްޗެހި ނުކެވުނު ނަމަވެސް ކަދުރާއި ފެހި އާފަލު ކެވިދާނެ ކަމަށް ރިލްވާން ބުންޏެވެ. އަދި ހަކުރު ނާޅައި ކަޅު ސައި ވެސް ބޮވޭނެ އެވެ.

އެކަމަކު މި ބޮމުން އެނާޖީ ޑްރިކްސް، ސޮފްޓް ޑްރިކްސް، ކޮފީ އަދި ސިނގެރޭޓު ބޮއެގެން ނުވާނެ އެވެ.

ޖޫސްކޮށް ނިންމައިފައި ފުޅިތައް ޑެލިވަރީއަށް ރެޑީކޮށްފައި.

ރިލްވާން ބުނީ ފުރަތަމަ ދުވަހު މީހާއަށް ކުޑަކޮށް އުނދަގޫތަކެއް ވެދާނެ ކަމަށެވެ. އެކަމަކު ދެ ވަނަ ދުވަހު މީހާ އަށް ފަސޭހަ ވާން ފަށާނެ އެވެ. އަދި މިއީ ކޮންމެ ހަފުތާއަކު ކުރަން ޖެހޭ ކަމެއް ވެސް ނޫނެވެ.

"މަހަކު އެއް ފަހަރު ރަނގަޅު. މިއީ ކިކް ސްޓާޓެއް. އޭތި ރަނގަޅަށް މެއިންޓެއިން ކުރެވޭ ނަމަ ކޮންމެ ހަ މަހަކު އެއް ފަހަރު ވިޔަސް ނުވަތަ އަހަރަކު އެއް ފަހަރު ވިޔަސް ކޮށްލެވިދާނެ،" މި ބޭނުންކުރުމުގައި ވިސްނަންވީ ކަންކަން ކިޔައިދިނެވެ.

ރިލްވާން ލަތީފްއާ އޭނާގެ އަންހެނުން ހަނާން މުހައްމަދު، އެ ދެމަފިރިންގެ ދަރިފުޅާއެކު.

"ހުރިހާ ކަސްޓަމަރުން ގާތުގައި ވެސް ބުނަން ކޮންލަސްޓްކުރައްޗޭ ޕާސަނަލް ޓްރެއިނަރެއް، ފިޒިޝަނެއް ނުވަތަ ޑޮކްޓަރަކަށް ވިޔަސް،" މިއީ ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް ހަނާން ބުންޏެވެ. މީހާގެ އަސްލު ޕްރޮގްރެސް ވެސް ފަސޭހައިން ދެނެގަނެވޭނީ އޭރުން ކަމަށެވެ.

މިދިޔަ ދެ މަސް ތެރޭގައި މި ބޭނުންކުރި މީހުންގެ ފަރާތުން ލިބިފައި ކުރި ކޮމެންޓުތަކަށް ބަލާފައި ހަނާން ބުނީ، ބަނޑުގައި ގޭސް ހުންނަ މީހުންނާއި ފާހާނާ އަށް ދިއުމަށް އުނދަގޫވާ މީހުންނާއި ރޭގަނޑު ނުނިދިގެން އުޅޭ މީހުންނާއި ހަމުގެ މައްސަލަ ހުންނަ މީހުންނާއި އަދި ދުވާލު ގަނޑީގައި ކަންނެތްވެގެން އުޅޭ މީހުންނަށް ވެސް މި ވަރަށް ކަމުދާ ކަމަށެވެ. މިއީ އެމީހުންނަށް ލިބުނު ލުޔެއް ކަމަށެވެ.

މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މި ބޭނުންކޮށްފައިވެ އެވެ. ހަފްތާއަކަށް ނަގަނީ ގިނަވެގެން 10-15 އޯޑަރެވެ. މާލެ އަދި ހުޅުމާލެ އަށް ޑެލިވާ ވެސް ކޮށްދެ އެވެ. ޑެލިވަރީ ވެސް ކުރަނީ ރިލްވާން އަމިއްލަ އަށް ގޮހެވެ. މިއަށް ބޭނުންވާ ތަރުކާރީ އާއި މޭވާ ހޯދަނީ ހަނީ ކޯނާ އަށް އޯޑަރު ދީގެންނެވެ.

ޖޫސް ފުޅިތައް ޑެލިވަރީއަށް ރެޑީކޮށްފައި.

މި މަސައްކަތުގެ އެންމެ ހާއްސަ އެއް ކަމަކީ، މި މަސައްކަތް ކުރަނީ މި ދެމަފިރިން އެކަނި އުޅެގެން ކަމަށް ވުމެވެ. އެއްޗެހި ހޯދުމުން ފެށިގެން، ޖޫސް ތައްޔާރުކޮށް އަދި ޑެލިވަރީ ވެސް ކުރަނީ ދެމީހުން ވެގެންނެވެ. އިތުރު ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ކުރަންވެއްޖެ ނަމަ ގޯހެއް ވެދާނެތީ އެ ރިސްކު ނަގަން އެމީހުން ބޭނުން ނުވާތީވެ އެވެ.

"މިއީ ސައިލަކުގެ އަޑީ ތެޔޮ ބަދަލުކުރުން ކަހަލަ ކަމެއް،" އެންމެ ފަސޭހައިން މިއީ ކޯއްޗެއްކަން މީހުންނަށް ބުނެދޭން ބުނާނީ މިހެން ކަމަށް މި ދެމަފިރިން ބުންޏެވެ.

ސިއްހަތު އެފެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކޮރޭޝަން ދަ ސެޝަން

Popular