21 Jan 2020

By: Ifraz Ali

ސްރީ ލަންކާގެ ގޯލް އަށް އުފަން އަހްމަދު މިރަން ފައުޒީ އަބްދުލް ކާދިރް، އިނގިރޭސި ބަސް ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައި، ދ.ކުޑަހުވަދޫ އަށް ވަޑައިގަތީ 1990 ވަނަ އަހަރު އެވެ. އެ ރަށުގައި ހުންނަ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރު ފިޔަވައި، އޭރު އެ ސްކޫލުގައި އިނގިރޭސި ބަހަށް ފަރިތަ ބޭފުޅަކު ނެތް ކަމަށްވެ އެވެ. އެހެންވެ ދަރިވަރުންނަށް ވެސް އިނގިރޭސި ބަހަށް ބީރައްޓެއްސެވެ. އެކަމަކު ފައުޒީ އެ ރަށުގައި ކިޔަވައިދެއްވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަރިވަރުންގެ އިނގިރޭސި ފެންވަރު ސުމަކުން، ސަތޭކައަށް ގެންގޮސްދެއްވި އެވެ.

ހިތްހެޔޮ މުދައްރިސަކަށް ވުމުގެ އިތުރުން ކުޑަހުވަދޫގެ ދަރިވަރުންނަށް ފައުޒީ އަކީ ބައްޕައެއް ފަދަ މީހެކެވެ. އަދި އެ ރަށުގެ ރައްޔިތުންނަށް އޭނާ އަކީ ގާތްތިމާގެ މީހެކެވެ. މިކަން އެނގެނީ، 30 އަހަރު ވެގެން ދިޔައިރު ވެސް ރަށުގެ މުސްކުޅި ދަރިވަރުންނާއި ރައްޔިތުންގެ މެދުގައި ފައުޒީއާ އޮންނަ ގާތް ގުޅުން ހަމަ އެ ގޮތުގައި ދެމި އޮތީމަ އެވެ. މި މަހުގެ ފުރަތަމަ ހަފުތާގައި، އޭނާގެ މުސްކުޅި ދަރިވަރުންގެ ހާއްސަ ދައުވަތަކަށް އާއިލާއާ އެކު ޗުއްޓީ ހޭދަކުރެއްވުމަށް ކުޑަހުވަދޫ އަށް ވަޑައިގަތެވެ.

ކުޑަހުވަދޫގެ މުސްކުޅި ދަރިވަރުން ބޭއްވި ފުޓްބޯޅަ މެޗެއް.

ޗުއްޓީ ނިންމާލައިފައި އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން މާލޭގައި ހުންނެވި ހަމައެކަނި ދުވަހު، އަޅުގަނޑާ ބައްދަލުކޮށް އެ ރަށުގައި އޭނާ އަށް ކުރެވުނު ތަޖުރިބާތައް ހިއްސާކުރެއްވި އެވެ. މިހާރު އުމުރުން 75 އަހަރުވީ ނަމަވެސް، އަދިވެސް ފައުޒީގެ ހަނދާނުގައި އެއްވެސް ކަހަލަ ކޮށިކަމެއް ނެތެވެ. ސްކޫލް ދައުރުގެ ހަނދާންތައް އޭނާގެ މުސްކުޅި ދަރިވަރުންނަށް "ދޯ ދެމުން" ވަރަށް ފަރިތަކަމާ އެކު އަޅުގަނޑަށް ކިޔައިދެއްވި އެވެ. އަދި އޭރު ކުޑަހުވަދޫ އޮތް ގޮތާއި މިހާރު ފެންނަ ތަފާތު ވެސް ކިޔައިދެއްވި އެވެ.

"ފުރަތަމަ ދުވަހު ކްލާސްރޫމަށް ވަން ގޮތަށް އަޅުގަނޑު ދަރިވަރުން ގާތުގައި ބުނީ 'ސްޓޭންޑް އަޕް' އޭ. އެ ކުދިންނަކަށް ނޭނގުނު އަޅުގަނޑު ބުނި އެއްޗެއް. "ސިޓް ޑައުން" އޭ ބުނީމަ އެ ބުނަނީ ކީކޭ ކަމެއް ވެސް އޭރުގައި ނޭނގޭ،" ސްކޫލްގައި ތިބި ދިވެހި މުދައްރިސުނަށް ވެސް އިނގިރޭސި ބަސް ނޭނގުންވީ ފައުޒީ އަށް ވަރަށް އުނގަދޫވި ކަމަކަށެވެ. އަދި ފައުޒީ އަކީ އެ ރަށު ސްކޫލްގައި އޭރު ހުންނެވި ހަމައެކަނި ބިދޭސީ މުދައްރިސެވެ.

"އަޅުގަނޑަކަށް ދިވެއްސެއް ނޭނގޭ. އެ ކުދިންނަކަށް އިނގިރޭސިއެއް ނޭނގޭ،" އެހެންވެ ކުދިންނާ ވާހަކަދައްކަން ޖެހުނީ އިޝާރާތުންނެވެ.

ފައުޒީ ސާ އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ކުޑަހުވަދޫ ބަޔަކާ އެކު.

އެ ހިސާބުން ވެސް ފައުޒީ ހިތްވަރު އެލުވައެއް ނުލި އެވެ. އަމިއްލަ ނަފުސަށް، އަދި ވާނޭ ކަމަށް ބުނެ، އޭރު އެ ސްކޫލްގައި ހެޑްމާސްޓަރަކަށް ހުންނެވި އަބްދުލް ހާދީގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އިނގިރޭސި ބަހަށް ކުދިން އަހުލުވެރި ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި އެވެ. އަދި ހަމައެކަނި އެކަންކޮށް ނިންމާނުލައި، ސްކޫލަށް އިތުރު ހަރަކާތްތައް ތައާރަފު ކުރުމަށް ވެސް ފައުޒީ ވަރަށް ބޮޑު ރޯލެއް އަދާކުރެއްވި އެވެ.

"ވަރަށް ރަނގަޅު، ހިތްހެޔޮ ބޭފުޅެއް އެއީ. އަޅުގަނޑު ބުނި ކޮންމެ ކަމެއް ކޮށްދެއްވި،" ހާދީ އަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި އެވެ.

ހެޑްމާސްޓަރުގެ އެހީއާ އެކު ފައުޒީ އެ ރަށު ސްކޫލްގައި ލައިބްރަރީއެއް ހުޅުވި އެވެ. އިނގިރޭސި ބަހަށް ކުދިން ޝައުގުވެރިކުރުމަށް އެންމެ ރަނގަޅު ގޮތަކީ ފޮތް ކިޔުއްވުން ކަމަށް ފެންނާތީ، ފުރަތަމަ ކަމަކަށް އެކަން ކުރެއްވި އެވެ. ކްލާސްރޫމްގައި، އެ ދަރިވަރަކަށް އެނގުނު ގޮތަކަށް "ބްރޯކަން އިންގްލިޝް" އިން ވިޔަސް، އިނގިރޭސި ބަހުން ނޫނީ ވާހަކަ ނުދެއްކޭނެ ގޮތް ހެއްދެވި އެވެ.

ފައުޒީ އެންމެ ހަނދާނުގައި ހުރީ، އޭނާ ކިޔަވައިދެއްވަން ވަޑައިގެންނެވި ފުރަތަމަ އަހަރު، އެ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރަން އިނގިރޭސި ބަހުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ދުވަހެވެ. އަހަރީ ދުވަހާ ގުޅިގެން ސްކޫލްގެ ދަރިވަރަކު ދޭންޖެހޭ ސްޕީޗް ވެސް އެ ފަހަރު ދިނީ އިނގިރޭސި ބަހުންނެވެ.

"އޭރު ހުރި އެންމެ ރަނގަޅު ދަރިވަރު [އިނގިރޭސި ލިޔަން، ކިޔަން އެނގޭ]، އާލިއާ ލައްވާ ސްޕީޗް ކިޔުއްވީ. ދެތިން ހަތަރު ޖުމްލައިގެ ކުޑަ ސްޕީޗެއް ލިޔެފައި ދިނީ،" ހެޑްމާސްޓަރުގެ އެދުމަށް އެ ދުވަހު އިނގިރޭސި ސްޓޭޖް ތަމްސީލެއް ވެސް ބޭއްވި އެވެ. އިނގިރޭސި ފޯކްލޯރް ވާހަކައެއް ކަމަށްވާ "ރެޑް ރައިޑިން ހުޑް" ގެ ވާހަކަ އަށް ދަރިވަރުން ލައްވައި ތަމްސީލު ކުޅުއްވި އެވެ.

ކުޑަހުވަދޫ ސްކޫލަށް އިތުރު ހަރަކާތްތަކުގެ ގޮތުގައި ކުޅިވަރު ވެސް ތައާރަފުކޮށްދެއްވީ ފައުޒީ އެވެ. ކިޔެވުމާ އެއްވަރަށް އެވެސް ދަރިވަރުންނަށް ވަރަށް މުހިންމު ކަމެއް ކަމަށް ހެޑްމާސްޓަރަށް ފެނިވަޑައިގަތުމުން އެކަން ފެއްޓެވީ އޭނާ އެވެ. ސްކޫލްގައި އިންޓަ ހައުސް ފުޓުބޯޅަ މުބާރާތާއި ވޮލީބޯޅަ މުބާރާތާއި އަދި ބަށި މުބާރާތް ބޭއްވި އެވެ. އަދި އެ ސްކޫލްގެ ދަރިވަރުން އަތޮޅު މުބާރާތްތަކުގައި ވެސް ބައިވެރިކުރުވި އެވެ.

އަދިވެސް އިނގިރޭސި ބަސް ކިޔަވައިދެއްވުމުގައި

ހަ އަހަރު ފަހުން ރާއްޖެ ދޫކޮށް އެނބުރި ގައުމަށް ފައުޒީ ވަޑައިގަތީ އޭނާގެ ދަރިންނަށް މަތީ ތައުލީމު ހޯދައިދޭން ބޭނުންވާތީ އެވެ. ކުޑަހުވަދޫގައި މަސައްކަތް ކުރައްވަން ފެއްޓެވިތާ އެއް އަހަރު ފަހުން، އޭނާގެ އަންހެނުންނާއި ކުދިން ވެސް އެ ރަށަށް ގެންނެވި އެވެ. ފައުޒީ ވިދާޅުވީ އެނބުރި ގައުމަށް ވަޑައިގަތީ ވެސް ހިތާ ދެކޮޅަށް، ދަރިންނަށްޓަކައި ކަމަށެވެ.

ގޯލްގެ ސެން އެލޯއީ ކެތޮލިކް ސްކޫލުން ކިޔެވި ހަމައެކަނި މުސްލިމު ދަރިވަރު ކަމަށްވާ ފައުޒީ އަކީ މިހާރު ލަންކާގެ އޯޕެން ޔުނިވާސިޓީގައި އިނގިރޭސި ބަސް ކިޔަވައިދޭ ލެކްޗަރާއެކެވެ.

ފައުޒީ ސާ އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާ އެކު ކުޑަހުވަދޫގެ ބަޔަކު.

ރާއްޖެ ވަޑައިގަތުމަށް ފައުޒީ އަށް ފުރުސަތު ލިބިވަޑައިގަތީ އޭރު ލަންކާގައި ހުންނަ ދިވެހި އެމްބަސީން ޓީޗަރުން ހޯދުމަށް ހުޅުވާލީ ފުރުސަތެއްގައި ބައިވެރިވެގެންނެވެ. އެ ފަހަރު ލަންކާ އިން 20 ޓީޗަރަކު ރާއްޖެ ގެނަ އެވެ.

"ފުރަތަމަ އައިސް ތިބީ މާލޭގައި. އެކި ރަށްރަށުގެ ހެޑް މާސްޓަރުންނާއި ޕްރިންސިޕަލުންނާއި އަދި ރަށު ކަތީބުން އައިސް އެ މީހަކު ބޭނުންވާ މުދައްރިސަކު ރަށްރަށް ގެންދިޔައީ. އަޅުގަނޑާއި ލައްވާލީ ކުޑަހުވަދޫ ބޮޑުކަތީބު،" އޭރު އެ ރަށުގެ ބޮޑު ކަތީބަކަށް ހުންނެވީ ދޮން މަނިކު އެވެ.

ދޮން މަނިކުގެ ހަނދާނެއް އަދިވެސް ފައުޒީގެ އަތުގައި އެބަ އޮންނެވި އެވެ. އެ ރަށުގެ ދަރިވަރުން، ފައުޒީގެ ކޯޗު ކަމުގެ ދަށުގައި ބައިވެރިވި އަތޮޅު ބަށި މުބާރާތުން މޮޅުވެގެން އެނބުރި ރަށަށް އައި ދުވަހު، އޭނާ އަށް ދޮން މަނިކު ދެއްވި ރިހި ކުލައިގެ އަތުކުރި ގަޑިއެކެވެ. އަޅުގަނޑާ ބައްދަލުވި ދުވަހު ވެސް ފައުޒީގެ އަތުގައި މި އަތުކުރި ގަޑި އަޅުއްވާފައި އޮތެވެ. އަދިވެސް ހަމަ ބަރާބަރަށް މަސައްކަތް ކުރެ އެވެ.

އެނބުރި ގައުމަށް ވަޑައިގެން ފަހުން މިއީ ފައުޒީ ރާއްޖެ އަށް ވަޑައިގެން ދެ ވަނަ ފަހަރެވެ. ކުރިން ފަހަރު ސްކޫލްގެ ޕްރައިޒްޑޭ އަށް ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ދައުވަތު ދީގެންނެވެ. އެއީ 2008 ވަނަ އަހަރު އެވެ.

ފައުޒީ ސާ އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުންނާއި ކުޑަހުވަދޫގެ ބައެއް މީހުން.

"އެ ފަހަރު އައިރު އަޅުގަނޑަށް ލިބުނީ ހައިރާން ކަމެއް. އަޅުގަނޑު ކިޔަވައިދިން ދަރިވަރަކު ހުރީ ސްކޫލްގެ ވައިސް ޕްރިންސިޕަލަކަށް،" އެއީ ވަރަށް އުފާވި ދުވަހެއް ކަމަށް ފައުޒީ ވިދާޅުވި އެވެ.

"މި ފަހަރު އައިރު ހަމަ އަޅުގަނޑު ކިޔަވައިދިން ދަރިވަރަކު ހުރީ ސްކޫލް ޕްރިންސިޕަލަކަށް،" އޭނާ ކިޔަވައިދިން ހުރިހާ ދަރިވަރުން އަދި އޭރު އެންމެ ބަސް ނާހާ އުޅުނު ދަރިވަރުން ވެސް މިއަދު އެކި ވަޒީފާތަކުގައި، މަތީ މަގާމުތަކުގައި ތިބިތަން ފެނިފައި އުފާކުރާ ކަމަށް ވިދާޅުވި އެވެ.

ފައުޒީއަށް ވެސް މި ދަރިވަރުންނަކީ އޭނާ އަމިއްލަ ކުދިން ފަދަ ބައެކެވެ. އެއިން ކޮންމެ ކުއްޖަކު ލަންކާ އަށް ދާ ފަހަރަކު އޭނާގެ ގެއަށް ވެސް ޒިޔާރަތް ކުރެ އެވެ. އަދި ރާއްޖޭ ދޫކޮށް ދިިޔަ ފަހުން ވެސް، ފޯނު ބޭނުންކުރުން އާންމުވުމުގެ ކުރިން ސިޓީ ފޮނުވައިގެން ވެސް ދަރިވަރުންގެ ހާލު ބަލައި ހެދި އެވެ.

ހައިރާންވާހާ ބަދަލުވެއްޖެ

އޭރާއި މިހާރުގެ ތަފާތު ބުނެދޭން ބުނުމުން ފައުޒީ ފުރަތަމަ ވެސް ވިދާޅުވީ ބަލައިލި ކޮންމެ ދިމާލަކުން ވެސް ހައިރާންވާވަރުގެ ބަދަލުތައް ފެންނަން އެބަހުރި ކަމަށެވެ. ކުޑަހުވަދޫގެ އިތުރުން މާލެއިން ވެސް ބޮޑު ބަދަލެއް ފެންނަ ކަމަށެވެ.

"އޭރު ކުޑަހުވަދޫގެ މަގުތަކުން ފެންނާނެ ހިކި މަސް އަވީލައިފައި ހުންނަތަނާއި މީހުން ރުކަށް އަރާތަން. އެކަމަކު މިހާރު އެއީ އެ ކުޑަހުވަދޫއެއް ނޫން،" ކުޑަހުވަދޫ އަށް އައިސްފައިވާ ބަދަލު ސިފަކޮށްދެއްވީ މިހެންނެވެ.

ފައުޒީ ވިދާޅުވީ އޭރު އެ ރަށުގައި ކަރަންޓު ވެސް ލިބެނީ އިރުއޮއްސި ހަޔަކުން ރޭގަނޑު ނުވައަކަށް އެކަނި ކަމަށެވެ. އޭގެފަހުން ޖެހެނީ އުއްބައްތި ދިއްލައިގެން އުޅޭށެވެ. އަދި ގިނަ ގޭގޭގައި އޭރު ދޮރެއް ވެސް ނުހުންނަ ކަމަށް ވިދާޅުވި އެވެ.

ފައުޒީ ސާ އަށް ހާއްސަކޮށް ބޭއްވި ޖާފަތެއްގައި ފައުޒީއާ އެކު ކުޑަހުވަދޫގެ ކުޑަކުއްޖަކާއި އިތުރު މީހެއް.

"ކުޑަހުވަދޫގައި މިހާރު އެއާޕޯޓެއް ވެސް އެބަ އޮތް. ދުވަހަކު ވެސް ވެދާނެ ކަމަށް ހީނުކުރާ ކަމެއް އެއީ. ގެތަށް ވެސް ބަދަލުވެއްޖެ. އެކަމަކު އަދިވެސް ބަދަލުނުވާ ބަޔަކީ ރަށުގެ މީހުން،" އަދިވެސް މީހުން އެހާ ހިތްހެޔޮ ކަމަށް ފައުޒީ ވިދާޅުވި އެވެ.

ދަރިވަރުންގެ ވާހަކަތައް

ފައުޒީގެ ބައެއް މުސްކުޅި ދަރިވަރުން ބުނީ ކިޔަވައިދިނުމުގެ އިތުރުން އަހުލާގު ހިފަހައްޓަން ފައުޒީ ސާ ވަރަށް ގިނައިން ނަސޭހަތް ދެއްވާ ކަމަށެވެ. އަދި ހާއްސަކޮށް ދީނީ ކަންކަމަށް އިސްކަން ދިނުމަށް އަބަދު ވެސް އިރުޝާދު ދެއްވާ ކަމަށެވެ. އަދި މިހާރު ވެސް ހަމަ އެގޮތަށް އެމީހުނަށް ނަސޭހަތް ދެއްވާ ކަމަށް ބުންޏެވެ.

"ރަށު ތެރޭގައި އިޖުތިމާއި ގޮތުން ކުރާ ކޮންމެ ކަމެއްގައި ވެސް ސާ ބައިވެރިވާނެ،" ފައުޒީ ސާ ކިޔަވައިދެއްވި އެންމެ ސީނިއާ ބެޗުގެ ދަރިވަރެއް ކަމަށްވާ މުހައްމަދު ރަޝީދު ކިޔަދިިނެވެ.

"ކުރީގައި ފޯނު ނުކުރެވޭއިރު، ސިޓީން ވާހަކަދައްކަނީ. އަދިވެސް ސާ ފޮނުވާފައި ހުރި ސިޓީތައް ހުންނާނެ ރައްކާކޮށްފައި،" ހަމަ އެ ބެޗުގެ މުހައްމަދު ނައީމް ބުންޏެވެ.

"އޭރުގައި ސާ ކައިރީގައި އަހަރެމެންނާއި އެކީގައި ކަސްރަތުކޮށްލަން ދާން ހިނގާށޭ ބުނަން ވެސް ނޭނގޭ. ދެން އަޅުގަނޑުމެން ތެރެއިން ބަޔަކު އެކި ވައްތަރު ޖައްސައިގެން އިޝާރާތުން ބުނެގެން ސާއަށް އަންޑަސްޓޭޑް ވަނީ ބުނާ އެއްޗެއް،" އެ ބެޗުގައި ހިމެނޭ އިތުރު ދަރިވަރެއް ކަމަށްވާ ހުސެން ހަމީދު ބުންޏެވެ.

ފައުޒީ ސާއާ އެކު އޭނާގެ ބައެއް މުސްކުޅި ދަރިވަރުން.

ދިވެހި ދަހެއް ނުކުރޭ

ފައުޒީ އެއްވެސް ވަރަކަށް ދިވެހި ބަހުން ވާހަކަދައްކާކަށް ދަހެއް ނުކުރައްވަ އެވެ. އިންޓަވިއުގައި ވެސް އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ. ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ އަންހެނުންނާއި ކުދިން ވެސް ދިވެހި ދަސްކުރި އެވެ.

"އަޅުގަނޑު ދުވަހަކު ވެސް ދިވެއްސަކުން ވާހަކައެއް ނުދައްކަން. ދިވެހި ބަހުން މީހަކު ބުނާ އެއްޗެއްގެ މާނާ ދޭހަވޭ. އެކަމަކު އަބަދުވެސް އިނގިރޭސިން ވާހަކަދެއްކީ،" ފައުޒީ ވިދާޅުވީ ދަރިވަރުން އެކި ފަހަރު މަތިން އޭނާއަށް ދިވެހި ދަސްކޮށްދޭން ވެސް އުޅުނު ކަމަށެވެ.

އެކަމަކު އިނގިރޭސި މުދައްރިސަށްވެ ހުރެ، ދަރިވަރުންނަށް ނަމޫނާ ދެއްކުމަށް ފައުޒީ އެކަން ނުކުރައްވަން ނިންމެވީ އެވެ.

"ރާއްޖެ އަންނަ ކޮންމެ ފަހަރަކު ހިތަށް އަރަނީ މި އާދެވެނީ އަޅުގަނޑުގެ އަމިއްލަ ވަޒަނަކަށޭ،" އަންނަ ފަހަރަކު، އެނބުރި ދާހިތްނުވަނީ އެހެންވީމަ ކަމަށް ފައުޒީ ވިދާޅުވި އެވެ.

ސްކޫލް ތައުލީމް ޓީޗަރުން ދ. ކުޑަހުވަދޫ

Popular