28 Jan 2020

By: Aminath Ibrahim

މިއީ، ދަރުމަވެރިޔާ އަހުމަދު ހިޝާނެވެ. އޭނާގެ ވާހަކަތައް ތަކުރާރުކޮށް އިވެ އެވެ. އެކަމަކު މި ފަހަރު، ހިޝާން ދައްކަން އެ އުޅެނީ، އާންމުކޮށް އޭނާ ދައްކައި އުޅޭ ވާހަކަތަކެއް ނޫނެވެ. މުޖުތަމައުގައި އަދި ވެސް ބާކީވެފައި ތިބި ނުކުޅެދޭ ކުދިންނާއި އެމީހުންނަށް ގެއްލިފައިވާ އެތަކެއް ހައްގުތަކެއް ހޯދައި ދިނުމުގައި ދައުލަތުގެ މުއްއަސަސާ ތައް ފެއިލްވެފައިވާ ވާހަކަ ތަކެއް ނޫނެވެ. އަދި އަނިޔާ ލިބެމުންދާ މީހުންނާއި އެމީހުންގެ ހާލަތަށް ކަނު ލޮލެއް ދީގެން ތިބި ސިޔާސީ ބޭފުޅުންގެ ވާހަކަތަކެއް ވެސް ނޫނެވެ.

ހިޝާން މި ކިޔައިދެނީ އޭނާގެ ހިތް ހަލާކު ކޮށްލި ހިތި މާޒީ އާއި ފުނޑުފުނޑުވި ދިރިއުޅުމުގެ އެތިކޮޅުތަކުން ހޮވައި ރައްކާ ކުރި ހަނދާންތަކާއި، އޭގެ ބާރުގައި އޭނާ ހޯދި ހިތްވަރާއި ހިތުގައި ލި ޒަހަމް ތަކަށް ޝިފާ ހޯދި ގޮތުގެ ވާހަކަ އެވެ.

ދަރުމަ ވެރިޔާ އަހުމަދު ހިޝާން: އޭނާ ވަނީ ނުކުޅެދޭ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވެފައިވާ އެތައް އާއިލާ އެއްގެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކޮށް، ގިނަ ކަންކަން ކާމިޔާބުކޮށްފައި.

ދިރިއުޅުން ހިތިކޮށް؛ ހޯދީ ދަރުމައިގެ އުފާ

"އަޅުގަނޑު ވަރަށް ޅަ އުމުރުގައި މަންމަ އާއި ބައްޕަ ވެސް ދުނިޔެ ދޫކޮށްފި. ގާތްގަނޑަކަށް 16 އަހަރުގަ، ގެ ވެސް ބަހައިފި. ދެން އުޅެން ޖެހުނީ ވަރަށް ދަތިކޮށް. ޕަބްލިކް ފާހާނާ ބޭނުންކޮށްގެން ފެންވަރައިގެން ވެސް އުޅުނިން. ވަރަށް ހާލުގަ އުޅުނީމަ އެނގިއްޖެ، ނިކަމެތި ހާލުތަކުގައި އުޅޭ މީހުންނަކީ ކިހާ ވަރެއްގެ ކަންކަން ތަހައްމަލުކުރާ ބައެއް ކަން،" ހިޝާން ކިޔައިދިނެވެ.

މުޖުތަމައުގައި އަޅައިލާނޭ މީހަކު ނެތި ތިބޭ މީހުންނާއި ޔަތީމު ނުކުޅެދޭ ކުދިންނަށްޓަކައި ހިޝާންގެ ހިތުގައި ވަނީ އާދަޔާ ހިލާފު ލޯތްބެކެވެ. އެ މީހުންނަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއްގައި އޭނާ ފަހަތަކަށް ނުޖެހޭނެ އެވެ.

ހިޝާން ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކާއި އެކު: ހިޝާން ހިޝާން ފާހަގަކުރެވެނީ ހާއްސަ އެހީއަށް ބޭނުންވެފައިވާ މީހުންނަށް އޯގާތެރި ދަރުމަވެރިއެއްގެ ގޮތުގައި.

"ދެން، ކަން ދިމާކުރި ގޮތުން އެކި ގޮންޖެހުންތަކާ އެކު ވެސް އަޅުގަނޑަށް ކައިވެނި ކުރެވުނީ، ތަނަވަސް އާއިލާއެއްގެ މީހަކާ. ދެން ދިރިއުޅުން ހަގީގަތުގައި ކާމިޔާބެއް ނުވި. ކުއްޖަކު ލިބުނު ހިސާބުން ދެ މީހުން ވަކިވާން ޖެހިއްޖެ. ވަކިވާން ޖެހުނީމަ ހިތަށް އެރި، ދިރިއުޅުން ނާކާމިޔާބު ވީމަ، ދިރިހުރުން އެބަ ކާމިޔާބުކުރަން ޖެހެއޭ،"

ހަޔާތުގައި ދިމާވި ހިތާމަ ތަކުން އޭނާ ހާސިލްކުރީ އިބްރަތެކެވެ. އޭނާގެ ނަޒަރުގައި ހިތާމަތަކަށް ލުއި ހޯދޭނެ ގޮތެއް އަބަދުވެސް އޮންނާނެ އެވެ. ލޯތްބަކީ ވަކި މީހެއްގެ ހައްގެއް ނޫނެވެ. އެންމެ ނިކަމެތި މީހާއަށް ވެސް ލޯބި ބޭނުންވެ އެވެ. އެ ލޯބި ރަނގަޅު ގޮތުގައި ދެވިއްޖެ ނަމަ އެކަމުން ލިބޭ ރޫހާނީ އުފަލާއި ހިތްހަމަ ޖެހުން، އެހެން އެއްވެސް މާއްދީ އުފަލަކަށް ވުރެ ބޮޑުވާނެ އެވެ. މިއީ ހިޝާން ގެ މޮޓޯ އެވެ.

"އަޅުގަނޑުގެ ދިރިއުޅުން ރޫޅި ކުއްޖާއާ ވަކިވި ހިސާބުން ވަރަށް ދެރަވި. ދެން، ކުދިން ފެނުނީމަ ވަރަށް ދެރަވޭ. ހާއްސަކޮށް ނިކަމެތިކޮށް ތިބޭ ކުދިން ފެނުނީމަ ވަރަށް ދެރަވޭ. ދަރިފުޅަށް ދޭން ބޭނުންވާ ލޯބި، އެ ކުދިންނަށް ދޭން ބޭނުންވޭ. ދެން ނުކުޅެދޭ ކުދިންނަށް އެހީވާން ފެށުނީ، އެގޮތަށް. އެ ކުދިންނަކީ މީހުން ގިނަ ފަހަރަށް ލޯބި ނުލިބި ބާކީވާ ކުދިން،" ހިޝާން ބުންޏެވެ.

ފަގީރު ހާލުގައި އުޅޭ އާއިލާއާއި އެކު ހިޝާން ނަގާފައިވާ ފޮޓޯ އެއް: ހިޝާން ގެ އެހީތެރިކަމާއި އެކު ނުކުޅެދުންތެރިކަން ހުންނަ ބައެއް އާއިލާތަކަށް ވަނީ ރަނގަޅު ބޯހިޔާވަހިކަން ހޯދައިދީފައި.

އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި މިހާރު ވެސް އާއިލާއެއް އެބަ އުޅެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި ނުކުޅޭދޭ ކުދިންގެ އާއިލާތަކަށް އޭނާ އަކީ މަދަދުވެރިއެކެވެ.

ހައްގުތައް ހޯދައި ދޭން ކުރި މަސައްކަތް

"ދަރުމަ އަށް މަސައްކަތްކުރަން ބޭނުންވެގެން އެ މަސައްކަތް ކުރާތާ މިހާރު 18 ވަރަކަށް އަހަރު ވެއްޖެ. އެކަމަކު މިހާ ދުވަސް ފަހުން މީހުން ބަލައިގަންނަ މީހެއްގެ މަގާމުގައި މިއަދު ހުއްޓަސް، މި ކުރީ ފަސޭހަ ދަތުރެއް ނޫން، އަދި މިހާރު ވެސް މިއީ ފަސޭހަ މަސައްކަތެކޭ ނުބުނާނަން،" ހިޝާންގެ ވާހަކަ ފެށީ މިހެނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދުވަސްވީ މީހުންގެ ހައްގުތަކުގެ އަޑު އުފުލުމަށް، ހިޝާން މީގެ ހަތް އަހަރެއްހާ ދުވަސް ކުރިން ހިމޭން މުޒާހަރާއެއް ކުރި އެވެ. ކޮންމެ އާދީއްތަ ދުވަހަކު ވެލާނާގެ ކައިރީގައި ބޯޑުތަކެއްގައި ލިޔެގެން ގޮސް އިންނަނީ އެވެ. ދޮޅު އަހަރު ވަންދެން އެކި ދުވަސްމަތިން އެގޮތަށް މުޒާހަރާ ކުރި އެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ މަލާމާތާއި ތަންދޮރު ދަންނަ މީސް މީހުން ކުރި ފުރައްސާރަ އިން ހިތްވަރު އެލުވައެއް ނުލަ އެވެ.

"އޭރުގަ އަޅުގަނޑު ހަނދާން ހުރޭ ބޯޑު ބަހައްޓައިގެން ހުންނަ އިރު ގަޔަށް ފާ ފަޅޯ އެއްލާނެ، ހީސް ކޮތަޅު އެއްލައި ހަދާނެ. ވާރޭ ވެހިގަތީމަ ވެލާނާ ގެއަށް ވަނީމަ އެތަނުން ވެސް ނެރޭނެ. ބައެއް ދުވަސް ދުވަހު ފުލުހުން ވެސް ގެންދާނެ އަޅުގަނޑު ބިޑި އަޅުވައިގެން. މިހެން ކަންކަން ހުއްޓަސް އަޅުގަނޑުގެ ބޯޑާ ހަމަ އަށް އައިސް އޭގައި ހުރި އެއްޗެހި ކިޔައި ހެއްދެވި ބައެއް ބޭފުޅުން ތިއްބެވި. އޭގެ ތެރޭގައި ދަމާސް ޝިހާބް، ޑރ އަބްދުއްސައްތާރު ޔޫސުފް، އެޗްއާރްސީއެމްގެ މިހާރުގެ ރައީސް އީނާސް، މިހާރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ވީޓީވީގެ ކުރީގެ ސީއީއޯ މުހައްމަދު އާސިފް، ވާރޭ ވިލާ އަލީ ހުސައިން ފަދަ ބޭފުޅުން ހިމެނޭ،" ހިޝާން ބުންޏެވެ.

"އަޅުގަނޑުގެ ވާހަކަ އެންމެ ފުރަތަމަ ނޫހެއްގައި ގެނެސްދިނީ އޭރުގެ ހަވީރު ނޫހުގައި، ނޫސްވެރިޔާ ހުސެން ފިޔާޒު،"

ހަވީރު ނޫހުގައި ފިޔާޒު، ހިޝާންގެ މުޒާހަރާއާ ބެހޭގޮތުން ލިޔުނު އާޓިކަލް ވެގެން ދިޔައީ އެތައް ބަޔަކަށް އޭނާގެ މަސައްކަތް ހާމަވެ، ދެކޭގޮތް ބަދަލުކޮށްލި ލިޔުމަކަށެވެ.

ހިޝާންގެ މަސައްކަތްތައް ފުރަތަމަ ފަށައިގަތީ ދުވަސްވީ ފަރާތްތަކަށް އެހީތެރިވުމަށެވެ. ނަމަވެސް ފަހުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކައިވެނީގެ ބޭރުން ލިބޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތަކަށް މަސައްކަތް ކޮށް، އެ ފަދަ ފަރާތްތަކުގެ ހައްގުތައް ހޯދައިދިނުމަށް އޭނާ ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޙިޝާންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، 2014 ވަނަ އަހަރު ސަރުކާރުން ވަނީ އޭނާ އަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދީފަ އެވެ.

އަހުމަދު ހިޝާން ދަ ސެޝަން

Popular