27 May 2020

By: Ifraz Ali

ކެރަމް ކުޅުންތެރިން ކަމަށްވާ އިސްމާއިލް އަޒްމީން އާއި އޭނާގެ އަންހެނުން އައިމިނަތު ޝުބާ އާދަމްގެ ޔޫޓިއުބް ޗެނަލް "އެސްއެން ކެރަމް" އަށް އިއްޔެ އަކީ ބޮޑު ދުވަހެކެވެ. މި ޗެނަލްގެ ވީޑިއޯއަކަށް މިހާރު ވަނީ މިލިއަނަކަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ. އެއީ މިދިޔަ އަހަރު ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު، ޝުބާ ބްލެކް ސްލޭމް ހަދާ ވީޑިއޯއެކެވެ.

އެއް މިލިއަން ވިއުސް ލިބުނު، ޝުބާ ބްލެކް ސްލޭމް ހަދާ ވީޑިއޯ.

ކެރަމްގެ ދުނިޔޭގެ ރޭންކިން އަންހެނުންގެ ބައިން 8 ވަނަ ހޯދި ޝުބާ ބުނީ މި ވީޑިއޯ އެހާ ހިނގި ސަބަބެއް ކަމަށް އޭނާ އަށް ހީކުރެވެނީ އަންހެން ކުޅުންތެރިއަކު ސްލޭމް ހަދާތަން ފެނުމެވެ. ފިރިހެން ކުޅުންތެރިން ސްލޭމް ހަދާ ވީޑިއޯތައް ވަރަށް ގިނައިން ފެނެ އެވެ. އެކަމަކު ޔޫޓިއުބްގައި ވަރަށް މަދުން ނޫނީ، އަންހެން ކުޅުންތެރިއަކު ސްލޭމް ހަދާ ވީޑިއޯއެއް ނެތެވެ. ކެރަމްގައި ސްލޭމް ކިޔަނީ ކުޅެން ފަށާ ގޮތަށް އެ މީހެއްގެ ފޮތި ބައި ވައްޓައި ހުސްކޮށްލުމަށެވެ.

"އަސްލު ދުވަހަކު ވެސް ހިޔެއް ނުކުރަން މި ވީޑިއޯއަށް އެއް މިލިއަން ވިއުސް ލިބިދާނެ ކަމަކަށް. ވަރަށް އުފަލުން ދެމީހުން ވެސް މި ތިބީ،" ފުރަތަމަ މި ޔޫޓިއުބް ޗެނަލް ހެދިއިރު ވެސް 100 ސަބްސްކްރައިބާސް ވެސް ނުވާނޭ ހީވި ކަމަށް ޝުބާ ބުންޏެވެ.

ދުނިޔޭގެ އެކި ހިސާބުން އެއް މިލިއަން މީހުން މި ވީޑިއޯ ބެލުމަކީ ބޮޑު ޝުބާ އަށް ބޮޑު އުފަލެކެވެ. ޝުބާ މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކެރަމް ވީޑިއޯތައް ހަދަން ފެށީ އާމްދަނީއެއް ހޯދަން ނޫން ކަމަށާއި އެކަމަކު މިހާރު އެއީ ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ލިބޭ ކަމަކަށް ވެފައިވާ ކަމަށެވެ. ޔޫޓިއުބަކީ އޭގައި އެ މީހަކު އަޕްލޯޑްކުރާ ވީޑިއޯތަކަށް ލިބޭ ވިއުސް އަށް ބަލައިގެން އޭގެ ބަދަލުގައި އާމްދަނީ ހޯދުމުގެ ފުރުސަތު އޮންނަ ޕްލެޓްފޯމެކެވެ.

ޝުބާމެންގެ ޗެނަލަށް މިހާރު 10،000 ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ވެސް ކޮށްފަ އެވެ.

މީގެ ހަތަރު އަހަރު ކުރިން، މި ޗެނަލް ހެދުމުގެ ކުރިން ވެސް މިދެމަފަރިން އެމީހުން ޕްރެކްޓިސް ކުރަމުންދާއިރު ހެދޭ ގޯސްތައް ބަލަން ވީޑިއޯ ކުރި އެވެ. ފަހުން ޕްރެކްޓިސްތައް ރެކޯޑްކޮށްފައި، އެއިން ބައެއް ވީޑިއޯތައް ޔޫޓިއުބަށް ލާން ފެށި އެވެ. މިލިއަން ވިއުސް ލިބުނު މި ވީޑިއޯގެ އިތުރުން މި ޗެނަލްގެ އެހެން ބައެއް ވީޑިއޯތަކަށް ވެސް ވަރަށް ގިނަ ވިއުސް ވަނީ ލިބިފަ އެވެ.

ކެރަމް

Popular