4 Apr 2020

By: Aminath Ibrahim

ސުވިޑެންގައި ދިރިއުޅޭ، މާލެ އަށް އުފަން އާމިނަތު ސަވްސަން އަށް އޭނާގެ ސިކުނޑީގައި އެނބުރޭ ހިޔާލުތައް ކިޔައިދޭން އުނދަގުލެވެ. އެކަމަކު އެނގޭހާ ވެސް ކަމަކީ، ދުނިޔޭގެ އެންމެ އުސް ޓަވަރުތަކާއި އިމާރާތްތަކުގެ ކުރިމަތީގައި ވެސް، އޭނާގެ ސިކުނޑީގެ ހުރިހާ ހިއްސެއްގެ މަސައްކަތް ގޮސް ހުއްޓެނީ ރާއްޖޭގެ ރީތި ދޮންވެލި ތުނޑިއެއްގައި ކަމެވެ. އަމިއްލަ ގައުމާ ދުރުގައި ފަސް އަހަރު ހޭދަކުރެވުނު އިރު، އަދިވެސް އޭނާގެ ހިތުގެ ލޯތްބާއި ނަފްސުގެ ހަމަޖެހުން އޮތީ އުފަން ރާއްޖޭގަ އެވެ. ރަބަރު ސްޓޭމްޕްތަކުގައި ފުނަށް ކަނޑައި ނަގައިފައި ހުރި އެ ލޯބި ފެންނަން އެ ހުރީ އޭނާގެ އިންސްޓަގްރާމްގަ އެވެ.

ސަވްސަން އަކީ އާޓިސްޓެކެވެ. މާސްޓާސްއާ ހަމަ އަށް ކިޔެވީ އިންޓީރިއާ އާކިޓެކްޓްގެ ދާއިރާއިންނެވެ. އެކަމަކު މި އާޓިކަލް މި ހާއްސަކޮށްލަނީ އޭނާގެ ދިވެހިވަންތަ ސްޓޭމްޕް އާޓާއި މިކަން ފެށިގެން އައި ގޮތުގެ ވާހަކައަށެވެ.

"ސްޓޭމްޕް ހެދުމާއި އާޓް ވޯކް ހަދަން ފެށީ މިދިޔަ އަހަރުގެ އިންކްޓޯބާ ކުރިއަށް ދިޔަ އިރު. ގްރޭޑް 10 ނިމުނު ފަހުން ސީދާ ކުރެހުމުގެ މަސައްކަތެއް ނުކުރާތީ ހިތަށް އެރީ އޭގައި ބައިވެރިވާން. އެއީ އިންކްޓޯބާ އަކީ އާޓިސްޓުންގެ ކްރިއޭޓިވް ފްލޯ ގެއްލުނަ ނުދީ ހިފަހައްޓަން ހިންގާ ހަރަކާތަކަށް ވެފަ، ވަރަށް އިންސްޕަޔާވި ރާއްޖޭގެ އާޓިސްޓުން ވެސް ހަމަ ކޮންމެ ދުވަހަކު އެކަމަށް ވަގުތުކޮޅެއް ހޯދައިގެން ކޮންމެވެސް އާޓްވޯކެއް ހަދާތަން ފެނިގެން. އެހެންވެ، ސަވްސަން ވެސް ބޭނުންވީ އެ އަހުލާގު ހިފަހައްޓަން،" އުމުރުން 28 އަހަރުގެ އާޓިސްޓް ކިޔައިދިނެވެ.

View this post on Instagram

A post shared by Savsan Ahmed (@i_savsan) on

ތުނޑުކުނަލުގެ ޑިޒައިން އިން އިންސްޕަޔާވެގެން ސްޓޭމްޕެއް ހަދަނީ؛ މިއީ ވަކަރުގައި ކަނޑައި ނަގައިގެން ކުރެހުމާ ދާދި އެއްގޮތްކޮށް ކުރާ ކަމެއް

ލިނޯލިއަމް ރަބަރުގައި ކުރެހުންތައް ފުރަތަމަ ކާވްކުރަން ފެށީ ޔުނިވަސިޓީ މާސްޓާސްގެ ތީސީސް ހެދި އިރު ފަރުނީޗަރުގައި ޖަހަން ގަތް ރަބަރުތަކެއް ބާކީވެފައި ގޭގައި ހުރުމުން އެތަކެތި އެއްލައިނުލަން ކަމަށް ސަވްސަން ބުންޏެވެ. ހަރުކޮށް، ބޯކޮށް ހުންނަ އެ ރަބަރުގައި ސަވްސަން ކާވް ކުރާ ސްޓޭމްޕްތަކުގައި މިފަހަކަށް އައިސް ގިނައިން ފެންނަނީ އާންމުކޮށް ދިވެހި ތުނޑު ކުނަލުގައި ހުންނަ ހިތްގައިމު ޑިޒައިންތަކެވެ. މީގެ އިތުރުން ދިވެހިންގެ އެންމެ ހަގީގީ ދިރިއުޅުން ރަމްޒުކޮށްދޭ، ފަންގި އާއި އީދު ބޮޑުމަހާއި، ކުރީގެ ބޯދާ ބަސްތަކާއި ހަރު ބަސްތައް ވެސް ލިޔުންކޮޅުތަކާއި އެކު ކާވްކޮށްފައި ހުންނަ ސްޓޭމްޕް ތައް ވެސް އޭނާ ތައްޔާރުކުރެ އެވެ.

View this post on Instagram

A post shared by Savsan Ahmed (@i_savsan) on

ކުރީގައި މީހުން ދިރިއުޅެން ފަނުން އަޅައި އުޅުނު ކަހަލަ ގެއެއް؛ ކުރީގެ ހިތްގައިމު ހަނދާންތަކެއް ސިފަކޮށްދޭ އެތައް ސްޓޭމްޕެއް އޭނާ ވަނީ ތައްޔާރުކޮށްފައި.

"ކުރަހަން ނޫނީ ކާވް ކުރަން އިށީނީމަ ހިތަށް އަންނަނީ ވެސް ދިވެހި އެއްޗެއް. ވަރަށް އުފާވޭ އެގޮތަށް ދިވެހި އެއްޗެހި ހެދޭތީ ވެސް. ވަރަށް ހިތްހަމަޖެހޭ. މިކޮޅުގަ މިހެން އުޅެ ދުވަސް ވާ ވަރަކަށް ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާއި އަތްތެރި މަސައްކަތާއި މިހެން ގޮސް ހުރިހާ ކަމެއް ވަރަށް ބޮޑަށް އެޕްރިޝިއޭޓް ކުރެވޭ. މިހާރު ސްވިޑިޝްއިން ވާހަކަދައްކާތީ، ދިވެހި ބަހާ މެދު ވެސް ވަރަށް ވިސްނޭ. ހަރު ބަހެއް އެއްޗެއް ބުނާއިރު ވެސް ބުނެލެވެނީ ދިވެހި ހަރު ބަހެއް،" ސަވްސަން ބުންޏެވެ.

View this post on Instagram

A post shared by Savsan Ahmed (@i_savsan) on

ސަވްސަން އޭނާގެ މާސްޓާސް ތީސީސް އަށް ފަރުނީޗަރުތަކެއްގެ ވަޑާމު މަސައްކަތުގައި؛ އޭނާ އަކީ މިވަގުތު ފްރީލާންސް ކޮށް އިންޓީރިއާ އާކިޓެކްޓް މަސައްކަތްކޮށްދޭ މީހެއް

"ސްވިޑެންގައި އުޅޭތީ ވަރަށް ގިނައިން ޔޫރަޕް ތެރޭގައި ޓްރެވެލް ކުރަން. އެގޮތަށް ތަންތަނަށް ގޮސް ކަންކަން އެނގި ފެންނަން ފެށީމަ އަމިއްލަ ގައުމުގެ އައިޑެންޓިޓީއާ މެދު ވަރަށް ވިސްނޭ. ރާއްޖެ ރަމްޒުވާ އާޓް ހަދައިގެން، މީހުން ތައުރީފު ކުރީމަ ވަރަށް އުފާވޭ."

ބޭރުގައި ދިރިއުޅޭތީއާ ވެސް އެކު، އޭނާގެ މަސައްކަތް ވަރަށް މަޝްހޫރު ނޫނަސް، ދަންނަ މީހުންގެ މެދުގައި ސަވްސަން މަގްބޫލެވެ. މަދުމަދުން ނަމަވެސް ސްޓޭމްޕް ހަދަން އޯޑަރު ވެސް މިހާރު ލިބެ އެވެ.

View this post on Instagram

A post shared by Savsan Ahmed (@i_savsan) on

ސަވްސަން ތައްޔާރުކޮށްފައިވާ ސްޓޭމްޕް ނަން ކާޑް ތަކެއް

"މިހާރު މަދުމަދުން އޯޑަރު ލިބޭ. ގިނަ މީހުން އޯޑާ ކުރަނީ ލޯގޯ ހަދަން. ޕެކޭޖްތަކުގައި ޖަހާ ސްޓޭމްޕަށް ވެސް އޯޑަރު ކުރޭ. އެގޮތަށް ސްޓޭމްޕެއް އޮތީމަ ކޮންމެ ފަހަރަކު ޕޭޕަރުގައި ޕްރިންޓް ކުރުމުގެ ބަދަލުގައި ސްޓޭމްޕް ބޭނުންކުރެވޭނެ. އިތުރަށް ހަމަ އެކަނި ބޭނުންވާނީ އިންކް ޕެޑެއް. ދެން ބައެއް މީހުން އޯޑަރު ކުރޭ، ކުޑަ ކުދިންގެ ނަން ޖަހާފައި ހުންނަ ސްޓޭމްޕް ތަކަށް ވެސް. އެކުދިންގެ ފޮތްތަކުގައި ވެސް އޭރުން ސްޓޭމްޕް އިން ނަންޖަހާލެވޭނެ ނަންކޮޅު ޕްރިންޓް ކުރުމުގެ ބަދަލުގައި،" މި މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް މިހާރު އޮންލައިން ވިޑިއޯއާއި ރީސާޗްތައް ވެސް ހަދަމުންދާކަމަށް އޭނާ ބުންޏެވެ.

އާޓިސްޓް

Popular