1 Jul 2020

By: Ahmed Nadym

އިންސްޓަގްރާމު ސެލެބްރިޓީ، ފިޓް ފާޒިލް އޭނާގެ އެކައުންޓް މެދުވެރިކޮށް ޖެއްސި "ގިވްއަވޭ ކެމްޕޭން" އަތަށްގޮވައި ވާނެ އެއްޗެއްވުމަށް ފަހު މިހާރު އެ ދައްކާ ވާހަކަތަކަކީ ބުއްދިގަބޫލުކުރެވޭ ކަހަލަ ވާހަކަތަކެއް ނޫން ކަމަށް ބުނެ މަޝްހޫރު ފޮޓޯގްރާފަރު އަލީ މުހައްމަދު (އެލީޒް)، ފާޒިލްގެ ތުހުމަތުތައް ދޮގުކޮށްފިއެވެ. -- އެލީޒް އަދި ބުނީ އެއް އިރެއްގައި ވެސް "ފިޓް ފާޒިލް" ގެ މެނޭޖަރަކަށް އޭނާ އުޅެފައި ނުވާނެ ކަމަށާއި ވަކިގޮތަކަށް ކަމެއްކުރަން ބާރު އަޅައި އިރުޝާދު ދީފައިނުވާނެ ކަމަށެވެ.

ދެ ރަހުމަތްތެރިން ކަމަށްވާ ފާޒިލް އާއި އެލީޒްގެ ގުޅުން ގޯސްވެ ހުޅުގަނޑެއް ފަޅައިގެން ގޮސްފައި މި ވަނީ ފާޒިލްގެ "ގިވްއަވޭ" އަކީ ބޮޑު އޮޅުވާލުމެއްކަން ފަޅާއަރައި އެ މައްސަލައިގެ ހުރިހާ ތުހުމަތެއް އެލީޒަށް އޭނާ އަމާޒުކޮށްފައި ވަނިކޮށެވެ. އާންމުންގެ ކިބައިން މައާފަށް އެދެމުން ފާޒިލް ދިން އިންޓަވިއުގައި އޭނާ ބުނެފައި ވަނީ "ގިވްއަވޭ" ގޯސްކޮށް، އޮޅުވާލުމަކަށް ހެދި މީހަކީ އޭނާގެ މެނޭޖަރު، އެލީޒެވެ.

ނަމަވެސް ފާޒިލްގެ ވާހަކަ އެލީޒް ދޮގުކުރަނީ އޭނާ އަކީ ފާޒިލްގެ މެނޭޖަރެއް ކަމަށް ބުނާ ވާހަކައިން ފަށައިގެންނެވެ.

"އޭނަ އަށް ވެސް އެނގޭނެ މަ މީ އޭނަގެ މެނޭޖާއެއް ނޫންކަން!"

"އޭނަ އަށް ވެސް އެނގޭނެ ދޯ މަ މީ އޭނަގެ މެނޭޖާއެއް ނޫންކަން. މަމީ ފޮޓޯނަގައިދޭ މީހެއް. އަދި އެވެސް ލާރިއަކަށް ނޫން. ހިލޭ އޭނަ އަށް ފޮޓޯނަގައިދޭ މީހެއް މަމީ،" ފާޒިލްގެ ތުހުމަތުތަކަށް ހީގެންފައި އެލީޒް ބުނީ މިހެންނެވެ.

މިދިޔަ އަހަރު، މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި އެންމެ މޮޅު ފޮޓޯގްރާފަރުގެ އެވޯޑް އުފުލާލި ކުޅަދާނަ ފޮޓޯގްރާފަރު ބުނީ ފާޒިލްއާ އޮތީ ފޮޓޯނަގައިދިނުމުގެ އެކުވެރި ގުޅުމެއް ކަމަށާއި އެއްވެސް އިރެއްގައި އެއީ މެނޭޖަރެއްގެ ރޯލެއް ނޫން ކަމަށެވެ. އަދި އިންސްޓަގްރާމް މެދުވެރިކޮށް ފާޒިލް ޖެއްސި "ގިވްއަވޭ" އަކީ ވެސް "ހުސް ފާޒިލްގެ ހިޔާލު ކަމަށާއި" ފަހުން އޭގައި ވީގޮތެއް ޚުދު އޭނާ އަށް ވެސް ނޭނގޭ ކަމަށެވެ.

"މަށެއް ނުކުރަން ތީގަ އެއްކަމެއް ވެސް. އެކަމަކު ފޮޓޯއެއް ނަގައިދޭށޭ ބުނީމަ ފޮޓޯ ނަގާ ދޭނެތާ. އެންމެ ފުރަތަމަ މަ ބުނިން ތިއީ ކަމަކުދާ ކަމެއް ނޫނޭ ވެސް ގިވްއަވޭ އަކީ. ތިއީ ދެން ކީއްކުރަން ކުރާ ކަމެއް ހެއްޔޭ. އެކަހަލަ ގޮތަކަށް މަ ވާހަކަ ދެއްކީ ވެސް،" ފޯނުން ވާހަކަ ދައްކަމުން އެލީޒް ބުންޏެވެ.

"އަހަންނަކަށް ނޭނގޭ އޭގަ ވީގޮތެއް. އޭނަ އެ އެއްޗެހިތައް ގެންގުޅުނު. އޭނަ އިންސްޓަގްރާމް ލައިވް ވެސް ކުރިތާ. އޭނަ ވަރަށް ރަނގަޅަށް ގެންދިޔައީ އޭތި. ފަހުން ނޭނގޭ މަށަކަށްވެސް ވީގޮތެއް. ފަހުން ވީގޮތެއް ސާފެއް ނުވާތީ މަވެސް ގުޅައިފިން. ޚަބަރެއް ނުވޭ އަދި. ޚަބަރެއްވީމަތާ އެނގޭނީ ވެސް ވީގޮތެއް."

މިިހެން ބުނެފައި ހިނިގަނޑާއެކު އޭނާ އަހާލީ މިހެންނެވެ.

"މިހާރު ސަލާމަތްނުވީމަ މަގޭ ބޮލަށް ކަނޑާލީ ދޯ؟ މަ ވަރަށް ގުޅައިފިން އޭނަ އަށް. ސްކްރީންޝޮޓް ވެސް ހުންނާނެ. މެސެޖު ވެސް ކޮށްކޮށް. މަ ބުނެފިން ހަމަޖެހިގެން ހުންނާށޭ ދެން. ބީ ސްޓްރޯންގްއޭ، އެކަހަލަ މެސެޖުތައް މަ މި ފޮނުވަނީ ވެސް."

ނަމަވެސް ފާޒިލްގެ އިންޓަވިއުގައި އޭނާ ބުނެފައި ވަނީ ގިވްއަވޭގެ ހިޔާލު ގޮސް އެލީޒާ ހިއްސާކުރި ހިސާބުން ފެށިގެން މުޅި އެ ކެމްޕޭން ހިންގައި އެ ހުރިހާ ކަމެއްގައި ވެސް އުޅުނީ އެލީޒެވެ. އަދި އެންމެފަހުން އެ ކޭމްޕޭނުގައި ދޭން ބުނި ހަދިޔާތައް ނުދީ އޮޅުވާލިކަން ފަޅާއެރުމާ އެކު "ފިލިގޮތަކަށް" އެލީޒްގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ފާޒިލް ބުނެފައި ވަނީ ގިވްއަވޭގައި ދޭން ބުނި އެއްޗެހިތަކަކީ ވެސް ހުސް އެލީޒްގެ އެއްޗިއްސެވެ. އަދި އެއީ މުޅިން ވެސް ޔޫސްޑް އެއްޗިއްސެވެ. ގުރުއަތުން ހޮވުނު "ޝަރުމީލާ" އާ އެ ހަދިޔާތައް ހަވާލުކުރި ކަމަށް އެލީޒް ބުންޏަސް އެ ހަދިޔާތަކަށް ވީގޮތެއް ނޭނގޭ ކަމަށް ފާޒިލް ބުނެއެވެ. އަދި ފާޒިލް މިހާރު ބުނަނީ އެ "ޝަރުމީލާ" އަކީ އެލީޒް އޭނާ އަށް ވެސް އޮޅުވާލައިގެން ހެދި ފޭކް އެކައުންޓެއްގެ އަސްލު ކަމަށެވެ.

އަދި އޭނަ ލައްވައި ހުރިހާ ގޯހެއް ހެއްދި މީހަކީ ވެސް، "މެނޭޖަރު އެލީޒް" އެވެ.

"މަ މި ބުނަނީ މަށަކަށް މީހަކު ލައްވައެއް ކަމެއް ނުކުރުވޭނެއޭ. އެހެނެއް ނުވާނެއެއް ނުން. ބުއްދި ގަބޫލެއް ނުކުރެއެއްނުން އެ ވާހަކަ. މިހާރު ވާނެ ގޮތަކީ ކޮންމެ އެއްޗެއް ކިޔައިގެން ވެސް މި ގަޑީގަ އޭނަ ބޭނުންވާނެ މިކަމުން ސަލާމަތްވާން،" އެލީޒް ބުންޏެވެ.

ނަމަވެސް އެލީޒް ބުނީ އޭނާއޭ ކިޔައިގެން ފާޒިލް "ތިގޮތަށް ވާހަކަ ދައްކަފާނެ" ކަމަކަށް ގަބޫލެއް ވެސް ނުކުރާ ކަމަށެވެ.

"އޭނަ މަށޭ ކިޔައިގެން ތިހެން ވާހަކަ ދައްކާނެ ކަމަކަށް ވެސް އަހަރެން ގަބޫލެއް ނުކުރަން. އޭނަ އަނގައިން އެހެން ބުނާ އަޑު އިވުނީމަކާ ނޫނީ އަހަރެން ތި ވާހަކައެއް ގަބޫލެއް ވެސް ނުކުރާނަން. އެއީ ވަރަށް ގާތް ރައްޓެއްސެއްވިއްޔާ،" ފާޒިލްގެ މޮޑެލިން ހަޔާތް 2015 ގައި ފެށި ހިސާބުން ފެށިގެން އޭނާ އަށް ހިލޭ ފޮޓޯނަގައި ދެމުން އަންނަ ކަމަށް ބުނެ އެލީޒް ބުންޏެވެ.

"އެކަމަކު މަ ބުނާ ގޮތަކަށް ނޫން އޭނަ ކަންތައް ކުރަނީ ވެސް. އޭނަ އަށް ފެންނަ ގޮތަކަށް އޭނަ ކަންތައް ކުރަނީ. މިއީ މަގޭ ވޯޑްސް އަކީ."

ގިވްއަވޭސްގެ ގޮތުގައި ފާޒިލް ދޭން އިއުލާނުކުރި އެއްޗެހިތަކަކީ އެލީޒްގެ ޔޫސްޑް އެއްޗެހިތަކެއް ކަމަށް ފާޒިލް ބުނާ ވާހަކަ ވެސް އެލީޒް ދޮގުކުރެއެވެ.

"އެއީ އޭނަގެ އެއްޗެހި،" އެލީޒް ބުނީ މިހެންނެވެ.

"ސަލާމަތްނުވީމަ މަގޭ ބޮލަށް ކަނޑާލީ ދޯ؟"

"ވެދާނެ އޭނަ ތި ވާހަކަތަކެއް ދައްކައިގެން އުޅެނީ އެކަމުން ސަލާމަތްނުވެގެން ކަމަށް. އެހެން މީހެއްގެ ބޮލުގައި އެކަންތައް އަޅުވައިގެންތާ ސަލާމަތްވެވޭނީ."

އެލީޒް ބުނީ އޭނާ އަކީ ފާޒިލްގެ މަޝްހޫރުކަމުގެ ފައިދާ ނަގާ މީހެއް ކަމަށް ފާޒިލް ބުންޏަސް އެފަދަ އެއްވެސް ގޮތަކަށް ފާޒިލް ދުވަހަކުވެސް "ބޭނުންކުރި" މީހެއް ނޫން ކަމަށެވެ.

"އަހަރެން އޭނަ ޔޫސްކުރަނީއޭ ތި ބުނާ ޖުމްލަ ވެސް މަށަކަށް ހަމައެއްނުޖެހޭ. ފޮޓޯވެސް ނަގައިދެނީ ހަމަ ހިލޭ ރައްޓެއްސެއްގެ ހައިސިއްޔަތުން،" އެލީޒް ބުންޏެވެ.

ފޮޓޯގްރެފީގެ ދާއިރާގައި 18 އަހަރު ހޭދަކޮށް ކާމިޔާބު ކެރިއަރެއް ބިނާކޮށްފައިވާ އެލީޒަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ކުޅަދާނަ، އެންމެ ޑިމާންޑްބޮޑު އެއް ފޮޓޯގްރާފަރުންގެ ތެރޭގައި ހިމެނޭ ހުނަރުވެރިއެކެވެ.

ފާޒިލްގެ އިންސްޓަގްރާމުގައި އާންމުކުރާ ހުރިހާ ފޮޓޯތަކެއް ވެސް ނަގައިދެނީ އެލީޒެވެ.

އިންޓަވިއު

Popular