7 Jul 2020

By: Ifraz Ali

ސާފް ގައިޑް އަދި ފޮޓޯގްރަފާ އަހްމަދު އަޒްނިލް (އަޖޭ) އާއި އޭނާގެ އަންހެނުން ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ ކޮށްގެން މި އުޅޭ ކަންތައް، ކަނޑުއޮޅިން އެ ނަގާ ބިޔަ ރާޅާއެކު އުދުހެން ބޭނުންވާ ކުދިންނަށް ވަރަށް ވެސް ސަޅިވާނެއެވެ. -- ރަޅާއަޅަން ދަސްކުރަން ބޭނުންވާ ކުދިންނަށް މި ކޫލް ކަޕްލް އިން މި ވަނީ "ރާޅާއެޅުމަށް ތައާރަފެއް" ގެ ނަމުގައި، އެހީގެ އަތްމަތީ ފޮތެއް ރާޅަކާ އެކު ބިންދާލައިފައެވެ. ސުމަކުން ފަށައިގެން ރާޅާއަޅަން ދަސްކުރަން ބޭނުންވާ ކޮންމެ އުމުރުފުރާއެއްގެ މީހަކަށް ވެސް މި ފޮތް ވަރަށް ވެސް ބޭނުންތެރި އިލްމަކަށް ވާނެކަން ޔަގީނެވެ.

އަޖޭ އާއި ޒާރާ ލިޔެ، ޒާރާގެ އިލަސްޓްރޭޝަންސްތަކާ އެކު ފޮތް އެންމެ ފުރަތަމަ ނިންމާލާފައި ވަނީ 2013 ގަ އެވެ. އޭރު، އަޖޭމެން އުޅުނީ މުޅި ރާއްޖެއަށް އަމާޒުކޮށް "ބޮއްފަތި ރާޅު ޓްރެއިނިން" ގެ ނަމުގައި ރާޅާ އަޅަން ދަސްކޮށްދޭ ހާއްސަ ޕްރޮގުރާމެއް ކުރިއަށް ގެންދާށެވެ. އެ ޕްރޮގްރާމްގެ ތެރެއިން މި ފޮތް ނެރެން ވިސްނައިގެން ތިބި ނަމަވެސް ކަންދިމާކުރި ގޮތުން އެ އަހަރު މި ޓްރެއިނިން ޕްރޮގުރާމު ބޭއްވޭނެ ގޮތެއް ނުވެ ފޮތް ވެސް ވަޅުޖެހުނީ އެވެ.

"އަނެއްހެން ބުނަންޏާމުން ރާޅާއެޅުމުގެ ބޭސިކް، ރާޅާއެޅުމުގެ ކުރިން ހަމަ ކޮންމެ މީހެއް، ކުޑަކުއްޖަކު، ބޮޑު މީހަކު، އަދި ދުވަސްވީ މީހަކު ވެސް، ހަމަ އެ އިންނަ އެންމެ ބޭސިކް މައުލޫމާތު ކިޔާދީފައި ވަނީ،" އެކަމަކު ފޮތް ލިޔުނުއިރު ބޮޑަށް ވިސްނީ އުމުރުން 8 އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރުމަށް ކަމަށް އަޖޭ ބުންޏެވެ.

View this post on Instagram

A post shared by Ahmed Aznil (@ahmed_aznil) on

"އެ ބުނެދޭން އުޅޭ އެއްޗެއް އެންމެ ފަސޭހައިން ނަގައިގަނެވޭ ކަހަލަ ގޮތަކަށް ގެނެސްދީފައި އެހުރީ. މި ކަހަލަ މައުލޫމާތަކީ އަހަރެމެންނަށް އެހާ ފަސޭހައިން ލިބެން ހުންނަ އެއްޗެއްސެއް ނޫން. އެހެންވެ، ގިނަ ފަހަރަށް ބެލެނިވެރިންނަށް މި ޖެހެނީ ކޮންމެވެސް ސްކޫލަކަށް އެ ކުދިން ވައްދައިގެން، އަތުން ބައިވަރު ލާރިތަކެއް ހަރަދުކޮށްގެން މިކަން ކުރަން،" މި ކަހަލަ ދުވަސްވަރެއްގައި މި ފޮތް ނެރެ، އެންމެނަށް ފަސޭހައިން ލިބޭނެ އެއްޗަކަށް ހަދަން ނިންމީ އެހެންވެ ކަމަށް އަޖޭ ބުންޏެވެ.

ރާޅާއެޅުމުގެ ތާރީހާއި، ރާޅާއަޅަން ބޭނުންކުރާ ކަނދުފަތީގެ ސިފަތަކާއި، ރާޅުގެ ވާހަކަތަކާއި، ރާޅާއެޅުމުގެ ގަވާއިދާއި، ކަނޑުމަތީގެ ރައްކާތެރިކަމާއި، ރާޅާއެޅުންތެރިންނާއި ތިމާވެއްޓާއި އޮތް ގުޅުމާއި، ރާޅާއެޅުންތެރިންގެ ކަސްރަތާއި އަދި ސިއްހަތަށް ފައިދާހުރި ކެއުން ހިޔާރުކުރާނެ ގޮތް ވަރަށް ރީއްޗަށް ކިޔައިދީފައިވެ އެވެ.

ސާފިން އެސޯސިއޭޝަން 2001 ވަނަ އަހަރު އުފަންވުމުގެ ކުރިން ވެސް، އަޖޭއަކީ ރާޅުގެ ތެރޭގައި އުޅުނު މީހެކެވެ. ރާޅާއެޅުން ކުރިއެރުވުމަށް އަމިއްލަ ހައިސިއްޔަތުން ވެސް ބައެއް ކަންކަން ރާވާ ހިންގި އެވެ. އަޖޭ ބުނީ މި ފޮތުގެ މަސައްކަތް ނިމުނުއިރު، މި ދާއިރާގައި އޭނާގެ 16 އަހަރު ދުވަހުގެ ތަޖުރިބާ ހުންނާނެ ކަމަށެވެ. އަޖޭ އާއި ޒާރާ މި ފޮތް އެކުލަވާލީ ވެސް، އެމީހުންގެ އަމިއްލަ ތަޖުރިބާގެ އަލީގައި އާއި ބައެއް ރިސާޗުތައް ވެސް ކޮށްގެންނެވެ.

View this post on Instagram

A post shared by Ahmed Aznil (@ahmed_aznil) on

"އަހަރެމެން އެބަޖެހޭ މިކަހަލަ މޫދު ކުޅިވަރުތައް ވީހާ ވެސް ބޮޑަށް، ހަމަ އަށަގަންނުވަން ދިވެހި ދަރިން ގައިގައި. އެއީ އަހަރެމެން ޓެކްނޮލޮޖީ އާއި ތަރައްގީއާ އެކު ވެގެން މިއުޅޭ ގޮތަކީ އަސްލު ދިވެހިން ވަރަށް ބޮޑަށް ކަނޑަށް ފުރަގަސް މި ދެވެނީ. އެހެން މި ބުނީ އަހަރެމެން އަތަށް މި އަރާ ފޯނުތަކާ އެއްޗެއްސާ ދިމާލަށް އެނބުރި، އަސްލު އަހަރެމެންގެ ލައިފް ޑިޕެންޑުވި ކަނޑުގެ މަތިން ހަނދާންނެތެނީއޭ،" މި ކަނޑުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް އަޖޭ ބުންޏެވެ.

އަޖޭ ބުނީ ރާޅާއެޅުމަކީ ދިވެހި ދިގު ތާރީހެއް ވެސް އޮތް ކަމެއް ކަމަށާއި އެހެންވެ، މިކަން ދިރުވާ އާލާކުރުމަކީ އަހަރެމެންގެ ޒިންމާއެއް ކަމަށެވެ.

"ހަމައެކަނި ކުޅިވަރެއްގެ ގޮތުގައެއް ނޫން، ހަމަ މުނިފޫހިފިލުވުމާށާއި ކަސްރަތާއި ސިއްހަތާއި ހުރިހާ ކަމެއް އެއްކޮށްލައިގެން، ހުރިހާ އެއްޗަކަށް ބޭސްކޮށްފައި އެބަޖެހޭ މޫދަށް ގިނަގިނައިން ދާން. އެއީ ހަމަ ޅަފަތުން ފެއްޓިގެން ހަމަ އެންމެ މުސްކުޅިވާ ދުވަހު ވެސް އަހަރެމެންނަކީ ހަމަ ކަނޑުގެ ދަރިން، އެއީ އަހަރުންނަކީ،" މި ފޮތަކީ މި ކަންކަމަށް ކޮންމެވެސް ވަރަކަށް ލޯ ހުޅުވައިދޭނެ ފޮތެއް ކަމަށް އަޖޭ ބުންޏެވެ.

މި ފޮތް ޑައުންލޯޑްކުރާނެ ލިންކް އަޖޭ އާއި ޒާރާގެ ފޭސްބުކް އިންސްޓަގްރާމް އަދި ޓުވިޓާ ފޭޖުން ލިބޭނެ އެވެ.

ދިވެހިރާއްޖެ ތާރީހް ރާޅާއެޅުން

Popular