7 Jul 2020

By: Ifraz Ali

އެކްޓަރު ޖުމައްޔިލް ނިމާލަށް ކުރާ ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތު އެނގުނީ އިހަށް ދުވަހު، ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދެކެވެން ފެށުމުން ކަމަށް ޑާކްރެއިން އެންޓަޓެއިންމެންޓްގެ ބަޔާނުގައި ބުނުމާ ގުޅިގެން އެ ސްޓޫޑިއޯއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަންދަލާ ހަލީމް (އަންޔާ) ގެ ޓުވީޓަކާ އެކު، "ޑާކްރެއިންގެ އިތުރު ވިލާގަނޑެއް" އުފެދިއްޖެ އެވެ. ނަމަވެސް ވަކި ސްޓޫޑިއޯއެއްގެ ނަން ފާހަގަނުކޮށް އަންޔަ ކުރި ޓުވީޓުގައި ބުނެފައި ވަނީ 2016 ވަނަ އަހަރު، ދިވެހި ސްޓޫޑިއޯއެއްގެ ފިލްމަކަށް ލަވައެއް ކިޔަން ހުށަހެޅުމެއް އައި ކަމަށާއި އެކަމަކު ރޭޕްގެ ތުހުމަތު ކުރެވޭ އެކްޓަރަކު އެ ލަވައިގައި އުޅޭތީ އެ ކަމަށް ދެކޮޅުހަދާފައި ވާނެ ކަމަށެވެ.

ނަމަވެސް ރޭޕްގެ ތުހުމަތު މިހާ ބޮޑަށް ކުރެވޭ ދެ ވަނަ އެހެން އެކްޓަރެއް ނެތުމާއި އެ ވާހަކައިގެ އަޑު އެންމެ ގަދަވެ ޑާކް ރެއިންގެ ބަޔާނެއް އައުމާ ދިމާކޮށް އަންޔަ މި ވާހަކަ ދެއްކުމުން އުފައްދާނެ މާ ގިނަ ސުވާލެއް ނެތެވެ.

އަންޔަ މަޝްހޫރު ހިޓު ލަވަ "ޖޯޑެއްގެ ސާފު ލޯބި" ޑާކްރެއިންގެ "މާމުއި" ގައި ހިމަނާފައިވެ އެވެ. ނަމަވެސް ރޭޕަށް ތުހުމަތުކުރެވޭ މީހަކު ކާސްޓްގައި އުޅޭ ކަމަށް ބުނެ، އަންޔަގެ ލަވައިގައި އެ ފަދަ މީހަކު ނުދެއްކުމަށް އޭނާ އެދުނުކަން ވަނީ އެނގިފަ އެވެ.

ޑާކްރެއިންގެ "މާމުއި" ގެ ރޭޑްކާޕެޓްގައި ކާސްޓާއި ކްރޫ.-- ފޮޓޯ: ޑާކްރެއިން ފޭސްބުކް

"ހަނދާންވޭތަ 2016؟ ކަލޭމެންގެ ފިލްމުގެ ލަވައިގައި ރޭޕިސްޓަކު އުޅެން ބޭނުންނުވާތީ އަހަރެންގެ ލަވަ އެ ފިލްމުގައި ނުހިމަނަން ނިންމި ހަނދާންވޭތަ؟ [ރޭޕްގެ ތުހުމަތު ކުރެވޭ މީހާ އަކީ] އެއްވެސް ކުށެއް ނެތް މީހެއްކަން އަހަންނަށް ވިސްނައިދޭން އުޅުނުވަރު ކަލޭމެން ހަނދާންވޭތަ؟ އެހެންވީމަ މާ ކުރިން ވެސް އެ ހުރިހާ ކަމެއް އެނގެއެއްނުން،" ސަތޭކައަށް ވުރެ ގިނަ މީހުން ރިޓުވީޓްކޮށްފައިވާ އަންޔާގެ ޓުވީޓްގައި ބުނެފައިވެ އެވެ.

މި ޓުވީޓާގައި ގުޅޭގޮތުން އަންޔަގެ ބަހެއް ހޯދުމަށް "ދޯ" އިން ގުޅުމުން އޭނާ ބުނީ އެ ޓުވީޓަށް ވުރެ އިތުރަށް ސީދާ ކޮމެންޓެއް ދޭން ބޭނުންނުވާ ކަމަށެވެ.

އަންޔާގެ ޓުވީޓް.

ނަމަވެސް މި ޓުވީޓާ ގުޅިގެން މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުން އަންޔަ ބުނެފައި ވަނީ ފިލްމުގައި ބޭނުންކޮށްފައިވާ "ޖޯޑެއްގެ ސާފު ލޯބީ" ލަވައިން މިހާރު ފެންނާނީ އެކްޓަރު އިސްމާއިލް ޖުމައިހު ކަމަށެވެ. އަދި އަންޔަގެ ލަވައެއް އެ ސްޓޫޑިއޯގެ ފިލްމެއްގައި ބޭނުންކުރުމަށް ދެކޮޅު ހަދާފައި ނުވާނެ ކަމަށް ވެސް ބުންޏެވެ. އޭނާ ދެކޮޅު ހެދީ، ރޭޕްގެ ތުހުމަތު ކުރެވޭ މީހާ އޭނާގެ ލަވައިން ދެއްކުމަށެވެ.

ޑާކްރެއިނުން 2016 ވަނަ އަހަރު ޖުމައްޔިލް ލީޑަށް ލައިގެން ނެރުނީ "ވާށޭ މަށާ އެކީ" އެވެ. އެއަށްފަހު 2017 ވަނަ އަހަރު ޖުމައްޔިލް ލީޑު ކުޅުނު "މީއީ ލޯތްބަކީ" ނެރުނެވެ. އަދި 2018 ވަނަ އަހަރު ހަމަ އޭނާ ލީޑު ރޯލު ކުޅުނު "ވަކިން ލޯބިން" ނެރުމަށް ފަހު، މިދިޔަ އަހަރު ނެރުނީ "މާމުއި" އާއި "ގޮށްރާޅު" އެވެ. މި ދެ ފިލްމުގައި ވެސް މުހިންމު ރޯލަކުން އޭނާ ފެނުނެވެ.

ޖުމައްޔިލަށް ކުރާ ތުހުމަތާ ގުޅިގެން އެ މައްސަލަގަނޑުގެ ތެރެއަށް ޑާކްރެއިން ވެއްޓިފައި ވަނީ ޖުމައްޔިލަށް ރޭޕާއި ޖިންސީ އަނިޔާގެ ތުހުމަތު ކުރެވުނުކަން، މި މައްސަލަގަނޑެއް ސޯޝަލް މީޑިއާގައި ހިލުމުގެ ކުރިން އެނގިފައިވާ ނުވާ ކަމަށް ދޭހަވާ ގޮތަށް ބަޔާނެއް ނެރުމާ ގުޅިގެންނެވެ. އެ ބަޔާނަށް މީހުން ފާޑުކިޔަމުންދާއިރު، ޖުމައްޔިލްގެ މައްޗަށް އެންމެ ފުރަތަމަ މި މައްސަލާގައި ދައުވާކުރަން ފޮނުވާފައިވަނީ 2016 ވަނަ އަހަރުގައި ކަމަށް ވުމުންނާއި އެ ޚަބަރު ނޫސް ސުރުހީތަކަށް އަރާފައި އޮތްއިރު، ޑާކްރެއިނަށް އެކަން ނޭނގި އޮވެދާނެ ގަބޫލު ނުކުރެވޭ ކަމަށް ފާޑުކިޔާ މީހުން ބުނެ އެވެ.

ދިވެހި ފިލްމު އެވޯޑްސްގައި 2017 ވަނަ އަހަރު ޖުމައްޔިލަށް ވަނީ "ވޭށޭ މަށާ އެކީ" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ. އޭރު ވެސް ޖުމައްޔިލްގެ މައްސަލަ އޮތީ ނުނިމި އެވެ.

ޑާކްރެއިންގެ "މާމުއި" ގެ ޕޯސްޓަރެއްގައި ޖުމައްޔިލް ނިމާލް އާއި މަރިޔަމް އައްޒަ.-- ފޮޓޯ: ޑާކްރެއިން ފޭސްބުކް

ރޭޕާއި ޖިންސީ ގޯނާގެ ތުހުމަތު ޖުމައްޔިލަށް ކުރެވޭކަން އެނގި ތިބެ، އޭނާ ލައްވާ ފިލްމު ކުޅުވި މީހުން މިހާރު މި ކިޔަނީ ކީކޭތޯ ބުނެ ކުރީގެ އެކްޓްރެސް ނިއުމާ މުހައްމަދު ވެސް ފާޑުކިޔާފައިވެ އެވެ. އަދި ފިލްމީ ދާއިރާގައި ވަކި ޖަމައާތެއް ހަދައިގެން ފިލްމީ ފަންނާނުން އެކަކު އަނެކަކަށް ޖެއްސުމަށް އެންމެ ބޮޑު ބައެއް ކުޅުނު ބަޔަކީ އެއީ ކަމަށް ވެސް ނިއުމާ ބުންޏެވެ. ނަމަވެސް އެއީ ސީދާ ކޮން ބައެއް ކަން ނިއުމާގެ ޕޯސްޓުތަކުގައި ލިޔެފައެއް ނުވެ އެވެ.

"ނަމާއި ފޭމް ލިބުނު ހިސާބުން އަހަރެމެން ކޮށްލީ ބާކީ، މިއީ ހަގީގަތަކީ،" ނިއުމާ ބުންޏެވެ.

ޖުމައްޔިލަށް ތުހުމަތުކުރާ މި ސީރިއަސް މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި އޮތްކަން އެ އޮފީހުން "މިހާރު" ނޫހަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ޕީޖީ އޮފީހުން ބުނީ ޖުމައްޔިލްގެ މައްޗަށް ދައުވާކުރަން ނުފޮނުވާ އޮތީ ކޯޓުގައި އެކަން ސާބިތުކުރުމަށް އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމާފައި ކަމަށެވެ. އެކަމަކު އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް ޖުމައްޔިލްގެ މައްޗަށް އުފުލި ކަމަށާއި އެކަމަކު ދައުވާ ފޯމުތަކުގެ މައްސަލައެއް އުޅޭ ކަމަށް ބުނެ ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުމުން އެ މައްސަލަ އޮތީ އިސްތިއުނާފު ނުކޮށް ކަމަށް ވެސް ޕީޖީން ބުންޏެވެ.

ޖުމައްޔިލަށް ތުހުމަތުކޮށް އަންހެން މީހާ މިފަހުން ކުރި ދިގު ތަފުސީލީ ޓުވީޓްތަކާ ގުޅިގެން ޕީޖީ ހުސެން ޝަމީމް ކުރެއްވި ރިޕްލައި ޓްވީޓެއްގައި، އެ މައްސަލަ އަށް ވެފައި އޮތް ގޮތް ބައްލަވައި އޭގެ ތަފުސީލު އޮޅުންފިލުއްވައި އެއްވެސް އެހީތެރިކަމެއް ވެދެވެން އޮތްތޯ ބައްލަވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ޖިންސީ އަނިޔާ ރޭޕް ޑާކް ރެއިން އެންޓަޓެއިންމެންޓް

Popular