20 Oct 2020

By: Ifraz Ali

ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދަކީ އަހަރުތަކެއް ވަންދެން ދިވެހި ސިނަމާގެ އެންމެ ލޯބި، އޮން-ސްކްރީން ޖޯޑުގެ ޝަރަފު ހިފަހައްޓާލި ތަރިންނެވެ. އެންމެ ރަނގަޅުވާނީ އަދިވެސް އެހެން ބުނިއްޔާއެވެ. އެކަމަކު ނިއުމާ މިހާރު ފިލްމު ކުޅުން ހުއްޓާލާފައިވާއިރު ޔޫއްޕެ ވެސް ގިނައިން ފެންނަނީ ކެމެރާގެ ފުރަގަހުންނެވެ. އަދި އެތައް އަހަރެއް ވަންދެން ބެލުންތެރިން ހެއްވައި ރޮއްވި މި ޖޯޑެއް އެކުގައި ރިހިސްކްރީނުން ދެން ފެންނާނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ. -- އެކަމަކުވެސް ޔޫއްޕެ އާއި ނިއުމާ އެކުގައި ކުޅުނު ރީތި ފިލްމުތަކުގެ ލިސްޓެއް ގެނެސްދޭން މި ނިންމީ، މިއަދަކީ މި ދެ ސުޕައިސްޓާރުންގެ އުފަންދުވަހަށް ވެފައި، ދެ ތަރިން އެކުގައި "ހެޕީ ބާތުޑޭ" ކިޔާ ފިލްމެއް ވެސް ކުޅެފައި އޮތުމާއި، އަނެއްކޮޅުން މި ދުވަހެއް ވަކިން ހާއްސަ ވާތީ އެވެ. މިއަދަކީ ޔޫއްޕެގެ 45 ވަނަ އަދި ނިއުމާގެ 43 ވަނަ އުފަންދުވަހެވެ. ދެ ތަރިންނަށް ވެސް އުފާވެރި އުފަންދުވަހަކަށް އެދެމެވެ. -- މިއީ ފޭކް ބާތު ޑޭ ވިޝްއެއް ނޫނެވެ.

ޔޫއްޕެ އާއި ނިއުމާ އެންމެ ފުރަތަމަ އެކުގައި ފިލްމަކުން ފެނުނީ ކުރީގެ ޑައިރެކްޓަރު ހުސެން އާދިލް 1999 ވަނަ އަހަރު ޑައިރެކްޓުކުރި "ހިތް ހަލާކު" އިންނެވެ. އެއީ ދިވެހި "ކުޗް ކުޗް ހޯތާ ހޭ" އެވެ. އޭގެ ފަހުން ދެތަރިން އެކުގައި ޖުމްލަ 12 ފިލްމެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އަހަރެމެން މި ލިސްޓުކޮށްލަނީ، އޮން-ސްކްރީން ޖޯޑެއްގެ ގޮތުގައި ޔޫއްޕެ އާއި ނިއުމާ ފެނުނު، ބެލުންތެރިންނަށް އެންމެ ކަމުދިޔަ ފަސް ފިލްމެވެ.

ކަލާޔާނުލާ

ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އަދިވެސް އެވަރެއް ނެތް، ތިނެސްކަން ލޯބީގެ ފިލްމެކެވެ. ހަމަ ނަހުލާގެ ވާހަކައަކަށް ގެނެސްދިން މި ފިލްމުގައި ދައްކަނީ ކުޑައިރުގެ ވަރަށް ގާތް ދެ ރައްޓެހިން ކަމަށްވާ، ނާޝިދު (ޔޫއްޕެ) އާއި އީނާޒް (ނިއުމާ) އެވެ. ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުރެފައި ނާޝިދު އެނބުރި އަންނަނީ ލީނާ (އައިޝަތު ޝިރާނީ) އާއި ކައިވެނިކޮށްގެންނެވެ. އީނާޒަށް "ކަލާޔާނުލާ" ނުޅެވޭވަރުވަނީ އެހިސާބުންނެވެ. އޭނާ އިންތިހާއަށް ލޯބިވާ "ޕްރިންސް" އެހެން މީހަކާ އިނީމަ އެވެ.

"ކަލާޔާނުލާ" ގެ ޓްރެއިލާ.

ނިއުމާ އާއި ޔޫއްޕެއަށް މި ފިލްމުން އެންމެ މޮޅު އެކްޓަރުގެ ގައުމީ ފިލްމު އެވޯޑު ވެސް ލިބުނެވެ.

ޔޫސުފް

ޔޫއްޕެގެ އެންމެ މޮޅު އެކްޓިންނެއް ފެނުނު ފިލްމެއް ކަމަށް އޭނާގެ ފޭނުން ބުނަނީ "ޔޫސުފް" އެވެ. ނަހުލާގެ މި ފިލްމުގައި ޔޫއްޕެ ކުޅުނީ ގެއެއްގައި މަސައްކަތުގެ ގެންގުޅު ޔޫސުފް ކިޔާ މައްމަނު މީހެއްގެ ރޯލެވެ. އުޝާ (ނިއުމާ) އަކީ ޔޫއްޕެ މަސައްކަތު އުޅޭ ގޭގެ ކުއްޖެކެވެ. އެ ދެމީހުންގެ މެދުގައި ހާއްސަ ލޯބީގެ ގުޅުމެއް އުފެދޭ ހިސާބުން، އުޝާގެ މައިންބަފައިން އެ ގުޅުމާ ދެކޮޅު ހަދަ އެވެ. އުޝާ އޭނާގެ މައިންބަފައިންނާ ދެކޮޅަށް ޔޫސުފްއާ ކައިވެނިކޮށް، އެ ދެމީހުނަށް ކުއްޖެއް ލިބޭ ހިސާބުން އަދި އިތުރަށް ކަންތައް ގޯސްވެ އެވެ.

"ޔޫސުފް" ގެ ޓްރެއިލާ.

ހަ ވަނަ ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކުރި މި ފިލްމުން ވެސް ޔޫއްޕެ އާއި ނިއުމާ އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނެވެ.

ހިތްރޮއްވާނުލާ

"ހިތްރޮއްވާނުލާ" ގެ ލަވައެއް. ޔޫއްޕެ އާއި ނިއުމާ އަދި މުއާ ފެންނަ "ހާ އުފާ" ކިޔާ މި ލަވަ ވަރަށް މަޝްހޫރުވި.

މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން ގެނެސްދިން "ހިތްރޮއްވާނުލާ" އަކީ ކޮޕީއެއް ކަމަށް ބުނެ މި ފިލްމު ނިކުތް ދުވަސްވަރު ވަރަށް އަޑުގަދަވި އެވެ. މި ފިލްމު ވައްތަރުވީ ހިންދީ ފިލްމެއް ކަމަށްވާ "ވާދާ" އާ އެވެ. އެހެންވިޔަސް، ޔޫއްޕެ އާއި ނިއުމާ ލޯބި ޖޯޑެއްގެ ގޮތުގައި ފެނުނު ފިލްމުތަކުގެ ލިސްޓެއް ހަދާ ނަމަ، މިއީ ނުހިމަނާ ދޫނުކޮށްލެވޭ ވަރުގެ ފިލްމެކެވެ.

ހެޕީ ބާތުޑޭ

"ހެޕީ ބާތުޑޭ" ގެ ޓްރެއިލާ.

ލޯބީގެ ފިލްމުތަކަށް ފަސްދީ، ނިއުމާ އާއި ޔޫއްޕެ އެކުގައި ފެނުނި، ފުރަތަމަ، އެންމެ ތަފާތު ފިލްމެވެ. ދިވެހި ފިލްމަކަށް މިހާތަނަށް އެންމެ ގިނަ އެވޯޑް ކާމިޔާބުކުރި މި ސަންސްޕެންސް ތުރިލާގައި ދައްކަނީ އާސިފް (ޔޫއްޕެ) ގެ އުފަންދުވަހުގެ ހެނދުނު އޭނާ އަށް އަންނަ ފޯން ކޯލަކަށް ފަހު ދިމާވާ ކަންތައްތަކެކެވެ. އެ ގުޅި މީހަކު ބުނަނީ އޭނާގެ އަންހެނުން ސޫޒާ (ނިއުމާ) އާއި ފިރިހެން ދަރިފުޅު ރަހީނުކޮށްފައިވާ ކަމަށެވެ. އަދި އެ ދެމެއިން ސަލާމަތުން ތިއްބާ ހޯދުމަށް އާސިފް އުޅޭ ގޮތް ދެން ދައްކަ އެވެ.

ނިވައިރޯޅި

"ނިވައިރޯޅި" ގެ ޓްރެއިލާ.

ނިއުމާ ކުޅުނު އެންމެ ފަހު ފިލްމެވެ. ނިއުމާ އަމިއްލައަށް ޕްރޮޑިއުސްކޮށް ގެނެސްދިން މި ފިލްމަށް ޔޫއްޕެ ނެގީވެސް، އޭނާއާ އެކު ފިލްމުތަކުގައި އެންމެ ގިނައިން މަސައްކަތްކޮށްފައި ހުރި އެކްޓަރަކަށް ވުމާއި އަދި އޮން-ސްކްރީންގައި ނިއުމާއާ އެންމެ ކުޅޭ ތަރިއަކީ ވެސް ޔޫއްޕެ ކަމަށް ވާތީ އެވެ. މޫމިން ފުއާދު ޑައިރެކްޓުކުރި މި ފިލްމުގެ ފުރަތަމަ ހާފުގައި ޔޫއްޕެ އާއި ނިއުމާ ދެއްކި މޮޅު އެކްޓިންގެ ވާހަކަ މި ފިލްމު ނިކުތް ދުވަސްވަރު ވަރަށް ގިނަ މީހުން ދެއްކި އެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ނިއުމާ މުހައްމަދު ޔޫސުފު ޝަފީއު (ޔޫއްޕެ)

Popular