26 Oct 2020

By: Ifraz Ali

ރަތް ލިބާހެއްގައި އިން ދުވަސްވީ އަންހެނެކެވެ. އޭނާ އިނީ މޭޒެއްމަތީ އެއް އަތް އަޅުވާލައިގެން، ފުން ހިޔާލެއްގެ ތެރެއަށް ގެނބިފަ އެވެ. އަދި ދެ ލޯ ވަނީ ފެންކަޅިވެފަ އެވެ. އެ މޭޒުމަތީ ބަހައްޓާފައި ހުރި، އުއްބައްތީގެ އަލިކަމުގެ ތެރެއިން، އޭނާ ހަނދާން އާކުރަމުން އެ ދަނީ އޭނާގެ މާޒީ އެވެ.

އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާނާ): މިފަހަރު އަންވެއިލިން ވިޝަންސްއަށް އޭނާ ތައްޔާރުކުރި އާޓްޕީސްއަށް ބަލަހައްޓައިގެން.-- ފޮޓޯ: އަޅި އާޓްސް

މިއީ "އަޅި އާޓްސް" ގެ ހުނަރުވެރި އެއް އާޓިސްޓް ކަމަށްވާ، އައިޝަތު ސަޖިޔާން އަބްދުއްސައްތާރު (ޔާނާ) މިހާރު ކުރިއަށްދާ އަންވެއިލިން ވިޝަންގައިި މިފަހަރު ޝޯކޭސްކުރި އޭނާގެ އާޓްޕީސް އެވެ.

"އަނދަމުންދާ އުއްބައްތި އަށް ބަލަމުން އޭނާ ހަނދާން އާކުރަނީ އޭނާގެ މާޒީ. އަސްލު އޭނާގެ މާޒީއާ މެދު އުފާވޭ. ކުރީގައި ވެފައި ހުރި ކަންކަމާ މެދު ވިސްނާ ދެރަވެ، ހިތަމާއެއްނުކުރޭ. އަމިއްލަ ދިރިއުޅުމާ މެދުގައި އޭނާ އެ ހުރީ ވަރަށް ހިތްހަމަޖެހިފައި،" ކެންވަސްއެއްގައި އެކްލިރިކުން ކުރެހި މި ހިޔާލީ ކުރެހުމުން ދޭހަކޮށްދެނީ ކޯއްޗެއްކަން ޔާނާ ކިޔައިދިނެވެ.

މިފަހަރު އަންވެއިލިން ވިޝަންސްއަށް ޔާނާ ތައްޔާރުކުރި ޕޯޓްރެއިޓް އާޓްޕީސްގެ ކްލޯޒްއަޕެއް.-- ފޮޓޯ: އަޅި އާޓްސް

ރިއަލިސްޓިކް ޕޯޓްރެއިޓްތައް ކުރަހަން މަޝްހޫރު ޔާނާ މިފަހަރު ހިޔާރުކުރި ތީމަކީ "ކޮންޓެންޓް" ނުވަތަ ދިރިއުޅުމުގެ ވަކި ހިސާބަކަށް ދެވެމުން އެ މީހަކު ދިރިއުޅުމުން ބޭނުންވާ ހުރިހާ އުފަލެއް ހާސިލުވެއްޖެ ކަން ދައްކައިދިނުމެވެ.

"ހުރިހާ އެއްޗެއް ފަނާވެ، ނެތިގެން ދާއިރު އަދި ވަގުތު ފާއިތުވެގެން ދިޔަޔަސް، އެ މީހަކަށް މިންވަރުކުރެއްވި ވަރަށް ޝުކުރުވެރިވެފައި ހުރުން،" ޔާނާ ދޭން ބޭނުންވާ މެސެޖަކީ އެއީ އެވެ.

View this post on Instagram

A post shared by 🐾 (@alhiarts) on

މި ކުރެހުން ނިންމުމަށް ފަހު، މީގެ މަތިން ވަނީ ރެޒިން ކޯޓެއް ލައިފަ އެވެ. ޔާނާ ބޭނުންވީ "ވިންޗޭޖް މިރާ އިފެކްޓް" އެއް ފެންނާނެ ގޮތް ހަދާށެވެ. މި ޕޯޓްރެއިޓްގެ ބޯޑަރު ވެސް ހެދީ "އެންޓިކް މިރާސް" ތަކުގައި ބޯޑަރު ހުންނަ ކަހަލަ ގޮތަކަށެވެ. ބޯޑަރު ހަދަން ޔާނާ ބޭނުންކުރީ ޕުޓީ އެވެ. އަދި ތަފާތުކޮށްލުމަށްޓަކައި ޕުޓީ އެންކާވްކޮށްފައި މި ބޯޑަރުގައި ހިރިގާ ޕެޓާންތައް ވެސް ބޭނުންކުރި އެވެ. އެއީ ވީހާވެސް ދިވެހި ލުކެއް ފެންނާނެ ގޮތް ހެދުމަށްޓަކަ އެވެ.

"ރެޒިން އެޅީ މި ޕެއިންޓިން ބަލައިލަން ދާ މީހަކަށް ވެސް، އެ މީހެއްގެ އަމިއްލަ މޫނު މި ޕެއިންޓިން އަށް ބަލަން ހުންނައިރު ފެންނާ ގޮތް ހަދަން ބޭނުންގެން،" ޔާނާ ބުންޏެވެ.

"މި އާޓްވޯކް ހަދަން އުޅެނިކޮށް ކަރަންޓީން ވާން ޖެހުނީ. އެހެންވެ، މިއަށް ބޭނުންވާ މެޓީރިއަލްސް ވަގުތުން ގެއަށް ގެންނަން އުނދަގޫވުމާ އެކު ވަރަށް ބައިވަރު ޓައިމް ގެއްލުނު. ވަރަށް ފަހުން ފެށޭ ވަރުވީ،" އެކަމަކު މި މަސައްކަތް ނިމުނު ގޮތާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ.

އާޓް އެގްޒިބިޝަން އާޓިސްޓް

Popular